(ކ-ވ) ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އާދަމް ރަމީޒާއި ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު: މި ހުރިހާ ބޭފުޅުން ވެސް ވަނީ ނުސީދާކޮށް ރައީސަށް ރައްދު ދެއްވާފައި

ވަކިކުރި ކުރީގެ އިސްވެރިން ރައީސް މުއިއްޒަށް ދެއްވީ 'ނަސޭހަތްތަކެއް'

ކުރީގެ ބައެއް އިސްވެރިން ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އިތުބާރު ހޯއްދަވަން ބޭނުންފުޅުވާ ނަމަ، އިންސާފުވެރިކޮށް ކަންކަން ކުރައްވަން ޖެހޭ

މީގެ ދޮޅު އަހަރު ކުރިއާ ހަމައަށް ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އާދަމް ރަމީޒަކީ، ރައީސް މުހައްމަދު މުއިއްޒުގެ އެންމެ އަރިސް އެއް ބޭފުޅާ އެވެ. މާލޭގެ މޭޔަރުކަން ކުރެއްވި އިރު ވެސް، ރައީސްކަމަށް ކެމްޕެއިން ކުރެއްވި އިރު ވެސް އެކަމުގައި އެންމެ ކައިރީގައި ހުންނެވި އެއް ބޭފުޅާ އެވެ. އެކަމަކު އޮގަސްޓު 2024ގެ ތެރޭގައި މިނިސްޓަރުކަމުން އާދަމް ރަމީޒު ވަކިކުރެއްވީ އިންސާފުވެރިކޮށް ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އެހެންވެ، މިދިޔަ ހޮނިހިރު ދުވަހު ނިމުނު ލޯކަލް ކައުންސިލް އިންތިހާބާއި ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައީސްއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ރަމީޒު ދެއްވީ މެސެޖްތަކަކެވެ. ޅެން ބައިތުތަކަކުން ނުސީދާކޮށް، އެ ނަސޭހަތްތައް ދެއްވީ ރައީސަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގާތް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ރަމީޒު އަދި އަރިހުގައި އެ މަނިކުފާނު

'އެންމެ ނިކަމެތި ދުވަހުގައި ދެމިތިބޭނީ ހެޔޮ އެކުވެރިން

ފެން އޮތީމާ މަސް ދުވާހެން ކެހިވެރިންނޭ އެ ޖަމާވަމުން'

އެއް ބައިތުގައި އޭނާ ވިދާޅުވި އެވެ.

'ތެޔޮ، ފެނާ އެކުވާނެތޯއޭ؟ ތެޅުވިޔަސް އެއްހަން ތެރޭގައި

ހެޔޮނުވާނޭ އެ ފަދަ ހީއެއް ތެދުކުރާކަށް ފެނި ކުޅިސަމާ'

ދެ ވަނަ ބައިތުގައި ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގެންނެވީ ދުނިޔެ ދައްކާ ތެދު ހަގީގަތް، ފަރުދާ ތެރޭ ނުފޮރުއްވުމަށެވެ. އުނިކަމެއް ހުރި ނަމަ އެކަން އިސްލާހުކޮށް އަލުން ތެދުވެވަޑައިގަތުމަށެވެ. އަދި 'މުރުޝިދުންނާއި މުހުލިސުންނާ' މަޝްވަރާކުރައްވައި، ހިތް ސާފުކުރައްވައި، މަސްރަހަށް ވިސްނައިވަޑައިގަތުމަށެވެ.

އާދަމް ރަމީޒު ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހަކުން ނުބުނެ އެވެ. އެކަމަކު އޭނާ ވަކިކުރެއްވީ، ރައީސްގެ ދެކަނބަލުންނަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އޭނާގެ އަނބިމީހާ، އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކުރި ދުވަސްކޮޅު އެވެ.

އިންތިހާބާ ގުޅިގެން ރައީސަށް ދެން 'ނަސޭހަތް' ދެއްވި އަނެއް ބޭފުޅަކީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ޒީނާ ޒާހިރެވެ. ޕީއެސްއެމްގެ އެ މަގާމަށް ފުރަތަމަ އައްޔަން ކުރެއްވި އަންހެން ބޭފުޅާގެ ގޮތުގައި އަހަރެއްހާ ދުވަސް ހުންނެވުމަށް ފަހު ޒީނާ އިސްތިއުފާ ދެއްވީ އޮގަސްޓު 2024ގަ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ 'ފިއްތުންތަކާ ހެދި މަޖުބޫރުވެވަޑައިގެން'ނެވެ.

އޭގެ ފަހުން އޭނާ ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި ނަމަވެސް އެތަނުން ވެސް ކުރިމަތިވެވަޑައިގަތީ ނާކާމިޔާބީއާ އެވެ.

އިންތިހާބަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒީނާ ވިދާޅުވީ އޭނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގެން ނާއިންސާފު، ވަރަށް ރަނގަޅަށް ހަނދާން ހުންނެވި ކަމަށެވެ. އޭނާ އެހެން ވިދާޅުވީ، ބްރޯޑްކޮމްގެ އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބިވަޑައިގަތުމަށް ފަހު ވެސް، މަޖިލީހުން އޭނާއަށް ރުހުން ނުދިން ހަބަރު ހިއްސާކުރަމުންނެވެ.

އޭނާ އެދިވަޑައިގެންނެވީ، ރައްޔިތުންގެ އިތުބާރު ހޯއްދަވަން ބޭނުންވެ ވަޑައިގަންނަވާ ނަމަ، އިންސާފުވެރިކޮށް ނިންމެވުންތައް ނިންމެވުމަށެވެ.

ދެން މި ފަދަ ގޮތަކަށް ވާހަކަ ދެއްކެވި އަނެއް އިސްވެރިއަކީ، މި ވެރިކަމުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފައިސަލް މަގާމުން ވަކިކުރެއްވި އިރު، ދަރިކަލުން ވަކިކުރައްވަން ޖެހިވަޑައިގަންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ފައިސަލް ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

އެކަމަކު މި އިންތިހާބަށް ފަހު ރައީސަށް މެސެޖެއްގެ ގޮތުގައި އޭނާ ދޫކުރެއްވީ ޅެން ބައިތެކެވެ. ބައްޕަގެ ޅެންފޮތް، 'ބަނަފްސާ'ގައިވާ އެ ޅެމުގައި ވަނީ ދުނިޔެ ދައްކާ ކުލަތަކުގެ ހަގީގަތެވެ.

'ދާނެޔޭ މިއަދު އިނގޭ އިއްޔެ އަކަށް ބަދަލުވެގެން،

ވާނެ މާދަން މިއަދަށް ދުނިޔެ ހިނގާނަމަ އޮވެގެން'

އިތުރު ތަފްސީލަކަށް ނުގޮސް އޭނާ ލިޔުއްވާފައިވެ އެވެ.

އެނގުން މުހިއްމު - ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ މުހިންމު ދާއިރާތަކުން ސަރުކާރަށް ވަނީ ނާކާމިޔާބުވެފަ އެވެ. މާލެ ހިމެނޭ ގޮތަށް ހުރިހާ ސިޓީއަކުން ވެސް ކުރި ހޯދީ އެމްޑީޕީންނެވެ.

ސަރުކާރުން ވަރަށް ބޮޑަށް ވަކާލާތު ކުރި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓަށް %70 މީހުން ބުނީ ނޫނެކެވެ. މިއީ ވެސް ސަރުކާރަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.

ކޮމެންޓް (6)

ސިކުނޑި

7 އޭޕްރީލު 2026
ރައީސަކީ ޑޮކްޓޯރަލް ސެޓްފިކެޓެއް އޮތަސް، ތަޖުރިބާއެއް ހިކުމަތެއް ބުއްދިއެއް ނެތް އޮޓޯ ގަލަމެއް! މީހަކު ބުނާ ކޮންމެ އެއްޗެއް ގަބޫލުކޮށް ގޮތް ނިންމަނީ! ވެރިކަމުގައި މިވީހާ ދުވަހު ނެތް ހަރުދަނާ ކަމެއް ކުރެވިފައި! ގިނައީ މުޅިންވެސް ބޭކާރު ޚަރަދު!
4 0

ކުރިކީލަ

6 އޭޕްރީލު 2026
މުއިއްޒަކީ އިޚުލާސްތެރި މީހެއްނޫން. ކާކަށް އިހުލާސްތެރިވާނީ.ދޮން އަމާއަށް ހެދިގޮތް އެއޮތީ ފެންނަން. އަނެއްކާ ރައީސް އޮފީހުގެ ސޯފާގެ ވާހަކަތަކުން ސޖދ އަށްވެސް އިހުލާސްތެރިކަމެއް ނެތްކަމަށް ގިނަ ބަޔަކު އެބަކިޔާ....
5 4

އަރުތެރޭ

6 އޭޕްރީލު 2026
މިއީ މި ސަރުކާރުގެ ބޭއިންސާފާއި މަގާމުގެ ނުފޫޒުގެ ކުޑަ މިންވަރެއް. އެކީގައި އުޅުނު ކޮރަޕްޓް މީހުންނަށް ހެދި ގޮތްތައް. އަދި ވިސްނާލާ ނިކަމެތި ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައިވާނެ މިންވަރު. އަބަދުވެސް ބުނާނީ ނޫނެކޭ އަހަރުމެން.
4 2

ހިމާރުލްގައުމު

6 އޭޕްރީލު 2026
ޒީނާ ޒާހިރަށް އަނގަ ހުޅުވިދާނެ. ދެންތިބި ދެމީހުންނަކަށް ނެތް. އެކަކީ ކަރަޕްޓްވެގެން ހައްދުން ނައްޓާފަހުރި މީހެއް. ވަޒީފާ ލިބުނީވެސް މުއިއްޒުގެ ބޯއީއެއްގެ ގޮތުން. ބޭނުން ނެތީމަ އޭނަ އެއްލާލީ. ދެން ހުރިމިހާ ޓުއަރިޒަމް މިނިސްޓަރަކަށް އައީ ކިހިނެއްކަމާ އޭނަ ކުފޫ ހަމަވޭތޯ ނޫންތޯ އެހެރީ އާކައިވްގަ ފެންނަން. ކަލޭމެން ދެމީހުން ސަރުކާރުގަ ތިބިނަމަވެސް މި ނަތީޖާއަކަށް ކުރާނެ އަސަރެއް ނޯންނާނެ. ޅެމާ އަންބާކިޔަން އާން ނަސީރު ގާތަށް ދޭ.
28 0

ހަސަން234

6 އޭޕްރީލު 2026
ޒީނާ ޒަރީރު ނޫން އެއްވެސް މީހަކަށް ސިންޕަތީ އެއް ނެތް ، ތި ރަމީޒަކީވެސް ކޮރަޕްޓް މީހެއް .. ފައިސަލް ވަކި ކުރީ ރަގަޅަށް ކުފޫ ހަމަވާ މީހެއް ނޫން ޓުއަރިޒަމް މިނިސްޓަރަކަށް .. ސަރުކާރު ފެއިލްވީ ހޮޅި ވައުދު ވެފައި އިކޮނޮމީ ސަކަރާތްވީމަ . ހިލޭ ދޭން ނުޖެހޭ އެއްޗެހި ކޮރަޕްޝަން ގޮތުގައި ދިނީމަ..
25 0

ތެފައާސާ.

6 އޭޕްރީލު 2026
އޯކޭ، ނައިފަރު ދޮހޮއްކޮބެގެ ޅެންބައިތަކުން މަވެސް "ނަސޭހަތެއް" އެބަ ދެން.... "ވައުދާ ހުވާ ކުރާނެޔޭ! އެހަނދާން ނެތޭނެޔޭ! ނޫނީ އެހެން ގޮތެއްގާ މަޖުބޫރު ވާނެޔޭ! ދެގޮތެއް މަށެއް ނުވާނަމޭ ބުނެފާ ނުވޭހޭ؟"
17 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް