ބްރޯޑްކޮމްއަށް އައްޔަން ކުރަން ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ޒީނާ(ކ) އަދި މަޖިލީހުން ރުހުން ދިން ރިލްވާން

ބްރޯޑްކޮމްއަށް އައްޔަންކުރަން އެންމެ މަތިން މާކްސް ލިބުނީ ޒީނާއަށް؛ މަޖިލީހުން ރުހުން ދިނީ ރިލްވާންއަށް

ޒީނާއަށް %85 މާކްސް ލިބުނުއިރު، ހަތަރު ވަނައިގައި އޮތް ރިލްވާންއަށް ލިބުނީ %81

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ކަޓުވާލުމަށް ފަހު، ޓީވީ ޕްރްޒެންޓަރު މޫސާ ރިލްވާންއަށް ރުހުން ދޭން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އަހްމަދު ފަޒީން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮމިޝަންގެ މެންބަރުކަމަށް 10 ވަރަކަށް ބޭފުޅުން ކުރިމަތިލި އެވެ.

އެ ބޭފުޅުންގެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ނިންމުމުގައި %75އަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅުންނަށެވެ. އެއީ:

  • 1-

    ޒީނާ: %85

  • 2-

    އާމިނަތު ޝިޔާނާ: %80

  • 3-

    ޝިމްލާ އަހްމަދު: %83

  • 4-

    ރިލްވާން: %81

  • 5-

    ޒަމްއަތު އަހްމަދު ވަހީދު: %78

ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި، ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން ވޯޓަށް އެހުމުން ޒީނާ، ޝިޔާނާ އަދި ޝިމްލާއަށް ރުހުން ލިބިފައެއް ނުވެ އެވެ. އެއީ 50އަށް ވުރެ ގިނަ މެންބަރުން ދެކޮޅަށް ވޯޓު ދެއްވުމުންނެވެ.

އެ ތިން ބޭފުޅުންނަށް ރުހުން ނުލިބުމުން، ހަތަރު ވަނައަށް ލިސްޓުގައި އޮތް ރިލްވާންއަށް ވޯޓަށް އެހުމުން އޭނާގެ ނަން ފާސްވީ 70 މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ރިލްވާނަކީ ގިނަ ދުވަސްތަކެއް ވަންދެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި މަސައްކަތް ކުރަމުން އަންނަ ޕްރޮޑިއުސަރެކެވެ. އޭނާ ބޮޑަށް ފާހަގަވެފައިވަނީ ޓިވީ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރެއްގެ ގޮތުގަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ބޮރޯޑްކޮމް އިތުރު މަގާމެއް ހުސްވާތީ އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވެސް އެ ސްލޮޓަށް ކުރިމަތިލީ ހަ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވާފައިވެ އެވެ. އެ ސްލޮޓަށް ކުރިމަތިލީ ބޭފުޅުންގެ ތެރޭގައި ޒީނާ އާއި ޝިމްލާ އަދި ޒަމްއަތު ހިމެނެ އެވެ. އެ ނަންތައް ދިރާސާ ކުރުމަށް އިއްޔެ މަޖިލިސް ޖަލްސާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

13 މޭ 2025
މި ސަރުކާރު ވެރިކަމަށް ގެނައުމަށް އިންތިހާއަށް މަސައްކަތްކުރި ޒީނާއަށް މި ޖެހުނު ހާލު ދިރާސާކުރާ ބަޔަކު ދިރާސާ ކުރަންވީ. ޕީއެސްއެމްގެ އެމްޑީކަމުން 1 ގަޑިއިރުގެ ތެރޭގައި ވަކިވާން އަންގައި، ވަކިނުވެއްޖެނަމަ ޕީސީބީ މެދުވެރިކޮށް ވަކިކުރާނެކަމުގެ އިންޒާރުދީ، އަދި އޭގެ ފަހުން ސަރުކާރާ ވައި އެޅޭ ހިސާބުންވެސް މަގާމުގަނޑެއް ނުދީގެން މި އުޅޭއިރު، ޒީނާއާއިމެދު ހަމަ އެއްވެސް ބާވަތެއްގެ ކޮރަޕްޝަނުގެ ނުވަތަ އެބާވަތުގެ ނޭދެވޭ ތުހުމަތެއް އަޑެއްވެސް އަރާފައެއް ނެތް.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް