އުއްތަމަ ފަނޑިޔާރު ގަނީ (މ)، ފަނޑިޔާރު ޝަހީދު (ވ)، ފަނޑިޔާރު ހަމީދު (ކ) ؛ ރެފެރެންޑަމްގެ މައްސަލަ އެކުލަވާލި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނީ މި ތިން ފަނޑިޔާރުންނަކީ ފަހުން ސުޕްރީމް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން --

ހިޔާލު ހޯދުމުގެ ވޯޓުގެ މައްސަލަ ބަލަނީ ފަހުން އައްޔަންކުރި ފަނޑިޔާރުންގެ މެޖޯރިޓީ ބެންޗަކުން

ރެފެރެންޑަމްގެ ވޯޓު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް އެކުލަވާލީ ފަސް ފަނޑިޔާރުންގެ ބެންޗެއް؛ އޭގެ ތެރެއިން ތިން ފަނޑިޔާރުންނަކީ މި ސަރުކާރުގައި ސުޕްރީމް ކޯޓަށް އައްޔަންކުރި ތިން ފަނޑިޔާރުން

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗު އާންމުކޮށްފި އެވެ. ބެންޗުގެ މެޖޯރިޓީއަކީ މި ފަހުން ސުޕްރީމް ކޯޓަށް އައްޔަންކުރި ފަނޑިޔާރުންނެވެ.

ވީކިހިނެއް؟ - ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅުއްވަނީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ. އެ ގޮތުން:

  • ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލަކީ: ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟

  • މައްސަލަ ހުށަހެޅި ވަކީލުން ފާހަގަކުރާ ގޮތުގައި، މި ބިލަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަން ނިންމާނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީގައި ލާޒިމުކުރާތީ؛ އެހެން ނަމަ އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭ

މާދަމާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކުރުމަށް ފަހު މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ މައުލޫމާތާއެކު ކޯޓުގެ ވެބްސައިޓްގައި ހިމެނޭ ޝެޑިއުލް ވަނީ އަދާހަމަކޮށްފަ އެވެ.

ތަފްސީލް - މި މައްސަލަ ބެލުމަށް އެކުލަވާލީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރުންނަކީ މި ސަރުކާރުގައި މި ފަހުން ސުޕްރީމް ކޯޓަށް އައްޔަންކުރި ފަނޑިޔާރުންނެވެ. އެއީ

  • އަބްދުލްގަނީ މުހައްމަދު (އުއްތަމަ ފަނޑިޔާރު)؛ އައްޔަންކުރީ 6 އޮގަސްޓް 2025ގައި

  • ހުސައިން ޝަހީދު: އައްޔަންކުރީ 19 މާޗު 2025ގައި

  • އަބްދުﷲ ހަމީދު: އައްޔަންކުރީ 11 ޖޫން 2025ގައި

ދެން ބެންޗުގައި ތިއްބަވާ ފަނޑިޔާރުންނަކީ:

  • އަލީ ރަޝީދު ހުސައިން

  • ޑރ. މުހައްމަދު އިބްރާހީމް

އެނގުން މުހިންމު - މި މައްސަލަ ބައްލަވާ ބެންޗުގެ ތިން ފަނޑިޔާރަކު ސުޕްރީމް ކޯޓަށް ސުޕްރީމް ކޯޓަށް މިދިޔަ އަހަރު އައްޔަންކުރީ:

  • އުއްތަމަ ފަނޑިޔާރު ގަނީ އެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން

  • ޝަހީދު އައްޔަންކުރީ ފަނޑިޔާރުކަމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އޭރު ހުސްވި މަގާމަށް

  • ހަމީދު އައްޔަންކުރީ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުުމުން ހުސްވި ދެ މަގާމުން އެއް މަގާމަށް

ސުއޫދު، އަޒްމިރަލްދާ، އަދި މަހާޒު މިދިޔަ އަހަރު ފެބްރުއަރީ މަސް ތެރޭގައި މި ސަރުކާރުގެ މެޖޯރިޓީ އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަސްޕެންޑްކުރަނީ ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް، އޭގެ އަޑުއެހުމަކަށް ކުޑަތަންވެފައި ވަނިކޮށެވެ. އެ ގޮތުން:

  • އޭރު ސުޕްރީމް ކޯޓުން ބަލަމުން ދިޔައީ، ޕާޓީން ވަކިކޮށް މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ

  • ތިން ފަނޑިޔާރުން ސަސްޕެންޑްކުރަނީ އެ އިސްލާހަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުމާ ގުޅޭ ގޮތުން އަޑުއެހުމެއް ތާވަލުކޮށް، އެ އަޑުއަހަން ފަށަން ފަނޑިޔާރުން ކޯޓު ރޫމުގައި ތިއްބަވަނިކޮށް

  • ފަނޑިޔާރުން ސަސްޕެންޑްކުރި ފަހުން ސުޕްރީމް ކޯޓުން މި މައްސަލަ ކުރިއަކަށް ނުގެންދޭ؛ ކޯޓުގައި ހަތް ފަނޑިޔާރުން ހަމަވި ފަހުން ވެސް މި ހިނގި 7 މަސް ތެރޭގައި އެ މައްސަލައިގެ މަސައްކަތެއް ނުކުރޭ

ކޮމެންޓް (4)

ތެފައާސާ.

26 މާރިޗު 2026
އިބްތިދާއީ އަޑުއެހުން ބާއްވާއިރު ހުކުމްވެސް ކޮށްލަން ފެންނަނީ. ކޮންމެހެން މާ ގިނަ އަޑުއެހުންތަކެއް ބާއްވައި ޑްރާމާތަކެއް ކުޅުމުގެ ބޭނުމެއް ނެތް.
1 1

ސަލާމް

25 މާރިޗު 2026
ފެށުމުގެ ކުރިން ތިއޮތީ ހުކުމް އަތަށް އަރާފައެވެ.
1 1

ާމަޖިލިސް3333

25 މާރިޗު 2026
ޓެސްޓްކޮށްލަނީ.
1 1

ކުލްސޫމްއުންމީ

25 މާރިޗު 2026
މިތަނުން ޝަހީދަކީ ސުޕްރީމް ކޯޓު ފަނޑިޔާރުންނާ ދެކޮޅަށް ހެއްކެއް ނެތްއިރު އެމީހުން ވަކިކުރަން ޖޭއެއްސީގައި ޥޯޓު ދިން ހަމައެކަނި ފަނޑިޔާރު. ބާރުހުރި ބަޔަކާ އެއްކޮޅަށް ހަމީދު ހުންނާނީ. ކާނަލް ނާޒިމު މައްސަލަ ޔާމީން ބޭނުންވާ ގޮތަށް ހައިކޯޓުން ނިންމަ ދިނީ ހަމީދު
9 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް