އެއްބަސްވެ ދެބަސްވަމާ: ޖުޑީޝަރީގައި ސަރުކާރުން އެޅުވި މަރުތަޅު

ފަނޑިޔާރުން އައްޔަންކޮށް، ވަކިކޮށް މައްސަލަ ބަލަން އޮންނަ ތަނަކީ ވެރިކަންކުރާ ސިޔާސީ ޕާޓީގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ތަނަކަށް ވާތީ ފަނޑިޔާރުން ތިބެން ޖެހެނީ ދައުލަތާ ދެކޮޅަށް ހުކުމެއް އިއްވަން ފަސްޖެހިފައި ކަން ގާނޫނީ ވަކީލު އަދި ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވި

އާންމު ދެ ފަރުދެއްގެ ދެމެދު މައްސަލައެއް ޖެހުނަސް ދާން އޮތް ތަނަކީ ކޯޓެވެ. ފައިސާއާއި މުދަލުގެ މައްސަލައެއް ވިޔަސް ކޯޓެވެ. ވިޔަފާރިއެއްގައި ހިމެނޭ ދެ ފަރާތެއްގެ ދެމެދު އުފެދޭ ދެބަސްވުންތަކުގައި ނިޔާއެއް ކަނޑައަޅަން ވެއްޖެއްޔާ ދާން ޖެހޭ ތަނަކީ ކޯޓެވެ. ތަރިކަ އާއި ގޯތި ގެދޮރުގެ މައްސަލަތަކާއި ދިރިއުޅެން ކުއްޔަށް ހިފި ތަނެއްގެ މައްސަލަ އާއި، ލިބެން ޖެހޭ ފައިސާއެއް ނުލިބިގެން ވެސް ކޯޓަށެވެ.

ދައުލަތުގެ އިދާރާއަކުން ބޭއިންސާފުން ކަމެއް ކުރިއަސް އޭގައި އިންސާފެއް ހޯދެން އޮންނަ ގޮތަކީ ޝަރީއަތަށް ގޮސްގެން އިންސާފު ހޯދުމެވެ. އަހަރެންގެ ނަޒަރުގައި ކޯޓަކަށް ހުށަހަޅާނެ އެންމެ ސީރިއަސް ބާވަތުގެ މައްސަލަތަކަކީ ވެސް މި ޒާތުގެ މައްސަލަތަކެވެ. އެއީ އަދުލު އިންސާފުގެ ބާރުގެ ބޭނުމަކީ ދައުލަތުގެ އިދާރާއަކުން އަދުލު ގާއިމުނުކޮށްދޭ ތަނުގައި، ޝަރުއީ ދާއިރާގެ އެ ބާރު މެދުވެރިވެގެން ދައުލަތުގެ އިދާރާތަކުން ވެސް އަދުލު ގާއިމުކުރުވަން މަޖުބޫރުކުރުވުމެވެ.

މި ހުރިހާ ހައްގެއް ކަށަވަރުކޮށްދީފައި އޮންނަނީ ގާނޫނުއަސާސީގަ އެވެ. ދައުލަތް ހިންގުމަށް ކަނޑައަޅާފައި އޮންނަ ދުސްތޫރުގަ އެވެ. ދުސްތޫރީ ގޮތުން އުފެދޭ ހިލާފުތައް ވެސް ބެލުމުގެ ބާރު ގާނޫނުއަސާސީގައި ދީފައި އޮންނަނީ ޖުޑީޝަރީގެ ބާރަށެވެ. އަދުލު އިންސާފުގެ ބާރަށެވެ.

"ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް އަދި ކިއެއްތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ވިއަސް ގާނޫނުއަސާސީއާ ހިލާފުވާނަމަ އެ ހިލާފުވާ މިންވަރު އެއީ ބާޠިލް އެއްޗެއް ނުވަތަ ބާތިލް ކަމެއް ކަމުގައި ކަނޑައެޅުން،" ގާނޫނުއަސާސީގެ 144 ވަނަ މާއްދާގައިވެ އެވެ.

ދުސްތޫރީ މައްސަލަތައް ވެސް ކޯޓުތަކުން އިސްކަން ދޭން ޖެހެ އެވެ. އެންމެ ބޮޑު ސަބަބަކީ، ގާނޫނުއަސާސީ ހިލާފު ނިންމުމެއް އެ ގޮތުގައި ދެމިގެންދާން ފުރުސަތު ލިބޭތީ އެވެ. އެފަދަ ނިންމުމެއް ދެމިއޮންނަ ކޮންމެ ސުކުންތަކީ، މުޅި ޖުމްހޫރީ ދައުލަތުގެ ފަރުދުން އިސްތިސްނާއެއް އަމަލުކުރަން އެއްބަސްވެފައިވާ ދުސްތޫރާ ހިލާފަށް ބަޔަކު އެއްވެސް ފަރުވާލެއް ނެތި އަމަލުުކުރަމުންދާ ސުކުންތެކެވެ.

އެހެން ނަމަވެސް މީގެ އަހަރަކާއި އެއް މަސް ދުވަސް ކުރިން، ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ބަލަމުން ދަނިކޮށް ވަކި ހިސާބަކުން މައްސަލަ ހުއްޓުވާލި ގޮތަށް އެ މައްސަލަ ކޯޓުގައި ޕާކުކޮށް، ބާއްވާފައި އޮތުމެވެ.

މި ހިނގި ކަމަކީ:

  • ޕާޓީން ވަކިކޮށް މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ފަށަން އުޅެނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުން

  • އެއިން ފަނޑިޔާރަކު އިސްތިއުފާ ދެއްވައި ދެ ފަނޑިޔާރަކު މަގާމުން ވަކިކުރި އަދި އުއްތަމަ ފަނޑިޔާރު ރިޓަޔާކުރެއްވި؛ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ މެޖޯރިޓީ އަދަދަށްވާ ހަތަރު ފަނޑިޔާރުން ބަދަލުވުން

އޭގެ ފަހުގައި ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް ޝަރީއަތަށް ހުށަހަޅާ މިފަދަ ދުސްތޫރީ މައްސަލަތަކާއި އެހެނިހެން މައްސަލަތައް ވެސް ކުރިއަކަށް ނުދެ އެވެ. އެއިން ފާހަގަކޮށްލެވޭ ބައެއް މައްސަލަތަކަކީ:

  • ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސިނާންގެ މައްޗަށް އިއްވި ހުުކުމަކާ އެއް ގޮތަށް އޭނާ ދަރަންޏެއް ދައްކަމުން ނުދާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް

  • މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި ބައެއް ބަދަލުތައް، ގާނޫނުއަސާސީގެ ލާމަރުކަޒީ ނިޒާމުގެ ބާބާ ހިލާފުކަމަށް ބުނެ މިދިޔަ އަަހަރު އޮގަސްޓް މަހު ހައި ކޯޓަށް ހުށަހެޅި މައްސަލަ

  • މީޑިއާތައް ކޮންޓްރޯލްކުރުމަށް މަޖިލީހުން ފާސްކުރި ގާނޫނު ބާތިލްކުރުމަށް އެދި ނޫސްވެރިންގެ ޖަމިއްޔާއިން ހައި ކޯޓަށް މިދިޔަ ފެބްރުއަރީ މަހު ހުށަހެޅި މައްސަލަ

  • ކައުންސިލް އިންތިހާބަށް ކުރިމަތިލުމާއި ތާއީދު ފޯމު ހަމަކުރުން ހަމައެކަނި އީފާހުން ކުރަން ޖެހޭ ގޮތަށް އޮތުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައަކަށް ހުކުމެއް ވަރުގެ ނިންމުމަކުން ރަޖިސްޓްރާއާ ހަމައިން ބޭރުކޮށްލުން

ޖުޑީޝަރީގައި ސަރުކާރުން މި ވަނީ މަރުތަޅެއް އަޅުވާފައޭ ބުނަން ޖެހުނީ މިހެންވެގެނެވެ.

'ދައުރު'ން ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ" ވޮޑްކާސްޓްގެ މިއަދުގެ މައުލޫއަކީ ވެސް ސަރުކާރުން ޖުޑީޝަރީގައި މި އެޅުވި މަރުތަޅެވެ. ވޮޑްކާސްޓްގެ މެހެމާނަކީ އެންމެ ފުރަތަމަ ތަޅުއެޅުވި ދުސްތޫރީ މައްސަލަ ކޯޓަށް ހުށަހެޅުއްވި ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. އަލީއަކީ ޖުޑީޝަރީ ރިފޯމްކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ އެކަކެވެ.

'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވާހަކަ ދައްކަވަނީ -

ހުރިހާ ވެސް މައްސަލައަކީ ޖޭއެސްސީ

ފަނޑިޔާރުން އައްޔަންކޮށް، ވަކިކޮށް، މައްސަލަތައް ބެލުމުގެ ބާރު ގާނޫނުއަސާސީން މަތިކޮށްފައި އޮންނަ ތަނަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެވެ. ހަގީގަތުގައި ސިޔާސީ ނުފޫޒު ޝަރުއީ ދާއިރާއަށް ފޯރުވަނީ މި ތަން މެދުވެރިވެގެނެވެ.

ޖޭއެސްސީގެ އެކުލެވުން އޮންނަ ގޮތުން ވެރިކަންކުރާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، ޖޭއެސްސީގެ މެޖޯރިޓީއާއި ކޮންޓްރޯލް ވެސް ލިބެ އެވެ. ޖޭއެސްސީގައި ތިބޭ 10 މެންބަރުންގެ ތެރެއިން 6 މެންބަރުން ނިސްބަތްވަނީ މަޖިލީހާއި ސަރުކާރަށެވެ.

ސަރުކާރާއި މަޖިލީހުން ޖޭއެސްސީގައި ތިއްބެވި ބޭފުޅުން:

  • ހުސްނީ މުބާރަކް، ކޮމިޝަނުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު 

  • ޔަޒްމީދު މުހައްމަދު، ކޮމިޝަނުގެ ނައިބު ރައީސް، ރައީސް މުހައްމަދު މުއިއްޒު ކޮމިޝަނަށް އައްޔަންކުރެއްވި މެންބަރު 

  • ބަންޑާރަ ނައިބު އަހުމަދު އުޝާމް، ރައީސް ސީދާ އައްޔަންކުރެއްވުމުގެ ބާރު އޮންނަ މަގާމެއް. ބަންޑާރަ ނައިބު ރައީސްގެ ކެބިނެޓުގައި ވެސް އިންނަވާ

  • އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން

  • އިދުރީސް ފައުޒީ، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު، ރައްޔިތުންގެ މަޖިލީހުގައި އޮތީ ޕީއެންސީގެ ސުޕަ މެޖޯރިޓީ

  • މުހައްމަދު މުޖުތާޒު، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، ރައްޔިތުންގެ މަޖިލީހަށް ރައީސް ނަން ފޮނުއްވައިގެން، ރުހުން ހޯދުމަށް ފަހު އައްޔަން ކުރައްވާ މަގާމެއް

ޖުޑީޝިއަލް ކޮންފެރެންސްގައި ޖޭއެސްސީގެ ރައީސް ހުސްނީ (ވ)، އުއްތަމަ ފަނޑިޔާރު އަބްދުއްގަނީ (މ)، އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު (ފޮޓޯ/ ޑީޖޭއޭ)

ވޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ އެއީ ގާނޫނުއަސާސީ އެކުލަވާލި އިރުން ފެށިގެން އޭނާ ފާހަގަކުރައްވާ މައްސަލައެކެވެ. އެ މައްސަލައެއް ހައްލުކުރާނެ ކޮންމެ ސަރުކާރަކުން ވައުދުވި ނަމަވެސް އެ ކަން ނުކުރަނީ ސިޔާސީ ކޮންޓްރޯލް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މެޖިސްޓްރޭޓްގެ މަގާމަކަށް އަލީ ކުރިމަތިލެއްވި ފަހަރެއްގައި ޖޭއެސްސީގެ އިންޓަވިއުގައި ގާނޫނުއަސާސީއަށް އެންމެ ބަދަލެއް ގެންނަން ބޭނުންވާނަމަ ގެންނާނީ ކޮން ބަދަލެއްތޯ ސުވާލުކުރިކަމަށްވެ އެވެ. އަލީ ވިދާޅުވީ އެ ދުވަހު ވެސް އޭނާގެ ޖަވާބަކަށްވީ ޖޭއެސްސީ އެވެ. ޖޭއެސްސީގެ މެންބަރުންގެ ކުރިމަތީގައި އޭނާ ވިދާޅުވީ ސިޔާސީ ނުފޫޒު ތި ތަނުގައި ބޮޑުވާނެ އެވެ.

"އަޅުގަނޑު ޔުނިވާސިޓީ ނިންމާފައި ރާއްޖެ އައިއިރަށް ގާނޫނުއަސާސީ ތަސްދީގުކުރެވިގެން ދިޔައީ. އޭރުން ފެށިގެން އަޅުގަނޑު ކިޔަން ފަށައިފިން މި ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން އޮވެގެނެއް ދުވަހަކު ވެސް ދިވެހިރާއްޖޭގައި މިިނިވަން ފަނޑިޔާރުގެއެއް ގާއިމެއް ނުކުރެވޭނެއޭ،" އަލީ ވިދާޅުވި އެވެ.

ކަން ހިނގީ ވެސް އެ މަގުންނެވެ. ކުރީގެ ރައީސް ޔާމީނުގެ ވެރިކަމާ ހަމައިން ކޮންމެ ފަހަރަކު ވެސް ވެރިކަންކުރާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުނެވެ. އެއާއެކު ޖޭއެސްސީގެ މުޅި ކޮންޓްރޯލް އޭރެއްގެ ސަރުކާރުން ނަގަ އެވެ. ދެން ސަރުކާރާ ދެކޮޅަށް ކޯޓަކުން ހުކުމެއް ކުރުން ވަނީ ނާދިރު ކަމަކަށެވެ. ސަރުކާރާ ދެކޮޅަށް ހުކުމެއް ކޮށްފިއްޔާ ސުލޫކު ވެގެން އޭނާ މަގާމުން ވަކިކުރާނެ ކަން އެނގޭނެތީ އެވެ.

"އެންމެ ބޮޑު ސިޔާސީ ހާއްޔަކީ ހަގީގަތުގައި ޖޭއެސްސީ. މިނިވަން ބާރެއްގެ ގޮތުގައި ފަނޑިޔާރުގެ އޮންނައިރު ފަނޑިޔާރުން ވަކިކޮށް އައްޔަންކޮށް މައްސަލަ ބަލާ ތަނަކީ ބޮޑު ސިޔާސީ ހާއްޔަކަށް ވީމައި ކަމަކު ނުދާނެ ނޫންތޯ؟" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި ޖޭއެސްސީގެ އެކުލެވުމުން ދިމާވާ އަނެއް މައްސަލައަކީ ދަށު ކޯޓުގެ ފަނޑިޔާރަކު ވެސް އެ ތަނުގައި އިންނެވުމެވެ. އޭނާގެ ވިސްނުމާއި މަސްލަހަތު ވެސް ގުޅިފައި އޮންނަނީ ސުޕްރީމް ކޯޓު ނުވަތަ ހައި ކޯޓުގެ ގޮނޑިއަކަށެވެ. އެހެންވެ ނަތީޖާއަކަށް ވަނީ މަތީ ކޯޓުތަކުގެ ފަނޑިޔާރުން ސިޔާސީ ބިރުވެރިކަމެއްގައި ތާށިވުމެވެ.

""ދަށު ކޯޓުގެ ފަނޑިޔާރަކު އިނދެގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ އަދި އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލޭ ގޮތަށް މި އޮންނަނީ. މިއީ ވެސް ހަމަޖެހޭ ކަމެއް ނޫން،" އަލީ ވިދާޅުވި އެވެ.

ގަޟާއީ އަހަރު 2026 ރައީސް މުހައްމަދު މުއިއްޒު އިފްތިހާހުކޮށްދެއްވިއިރު، އެމަނިކުފާނުގެ އަރިހުގައި އުއްތަމަފަނޑިޔާރު (މ) އަދި ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކު (ވ)

ޖޭއެސްސީ ބަދަލުކުރަންވީ ކިިހިނެއް؟

އެހެންކަމުން ޖޭއެސްސީ ބަދަލުކުރަން މި ޖެހެނީ ސިޔާސީ ނުފޫޒާއި ފަނޑިޔާރުންގެ މަސްލަހަތުން ވެސް މިނިވަން ތަނަކަށެވެ. ހަގީގަތުގައި ސަރުކާރުތަކުގެ ވައުދަކީ ވެސް ޖޭއެސްސީ މިފަދަ ތަނަކަށް ބަދަލުކުރުމެވެ.

"އެމްޑީޕީން ހުށަހަޅަނީ ފަނޑިޔާރުންނަށް ފާރަވެރިވެ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބެލެހެއްޓުމަށް އޮތް ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށާއި، އެކުލަވައިލާ ގޮތަށް ބަދަލު ގެނައުމަށެވެ. ފަނޑިޔާރުންގެ ޒާތީ މަސްލަހަތާއި ތައައްސުބުން އެއްކިބާވެފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަނެއް ގާއިމު ކުރުމަށެވެ." ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ވަނީ މިހެނެވެ.

އެ ފަސް އަހަރު ފަހުން، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވައުދުވެވަޑައިގެންފައި ވަނީ އެފަދަ ގޮތަކަށް ކޮމިޝަން ބަދަލު ކުރުމަށެވެ. ވަކިން ހާއްސަކޮށް ދައުލަތުގެ އެހެް މަގާމުތަކުގައި ހުންނެވި ބޭފުޅުން އޭގައި ނުހިމެނުމެވެ. އޭގެ ބަދަލުގައި ފަނޑިޔާރުކަމުން ރިޓަޔާވެގެން އާދެވޭ ފަދަ މުއައްސަސާއަކަށް ހެދުމެވެ.

"އެއްވެސް މަގާމެއްގެ ސަބަބުން ލިބޭ ޕޮޒިޝަނަކަށް ޖޭއެސްސީގެ މެންބަރުކަން ވެގެން ނުވާނެ، ތިއްބަވަން ޖެހޭނީ ޖުޑިޝަލް ދާއިރާގެ ބޭފުޅުން، ރިޓަޔަޑް ޖަޖުން މިސާލަކަށް، މިހާރު އޮތް ބިލަށް ބަދަލެއް ގެނެސްގެން ދެވެން އޮވެއްޖެއްޔާ އެއީ އަޅުގަނޑު ވެސް އެދޭ ގޮތް،" ރާއްޖޭގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވެފައިވެ އެވެ.

'ދައުރު'ގެ ވޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން އަލީ ވަކާލާތުކުރެއްވީ ރައްޔިތުންގެ ވޯޓަކުން ޖޭއެސްސީއަށް މެންބަރުން އިންތިހާބުކުރުމެވެ. މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ވަކި މުއްދަތަކަށް ގާނޫނީ އަދި ޝަރުއީ ދާއިރާއަށް ހިދުމަތްކުރައްވާފައިވުން ހިމަނަން ވާނެ ކަމަށް އަލީ ވިދާޅުވި އެވެ.

"އޭރުން އެ މީހުންނަކީ ސީދާ ރައްޔިތުންގެ މެންޑޭޓު އޮވެގެން، ފަނޑިޔާރުގެ ހިނގާނުހިނގާ ގޮތް ބަލައި، ސުލޫކީ މައްސަލަތައް ބަލާނެ. ރައްޔިތުންގެ ވޯޓަކުން ފަސް އަހަރުގެ ދައުރަކަށް ފަސް މެންބަރުން ހޮވަންވީ،" އަލީ ވިދާޅުވި އެވެ.

އެހެން ނަމަވެސް ރާއްޖޭގެ އިންތިހާބީ ސަގާފަތް އޮންނަ ގޮތުން، ޕާޓީތަކުން ބެކިން މިފަދަ ވޯޓެއްގައި ވަކި ބަޔަކަށް ދިނުމަކީ ވުން ގާތް ކަމެކެވެ. ޕާޓީއެއްގެ ބެކިން ލިބިގެން މީހަކު ޖޭއެސްސީއަށް އަންނަނީ ކަމަށް ވަންޏާ ސިޔާސީ ވިސްނުމުގައި އެ މީހަކު މަަސައްކަތްކޮށްފާނެ ކަމުގެ ބިރު އެބަ އޮތެވެ. ވޮޑްކާސްޓުގެ ހޯސްޓުން ކަމަށްވާ އަހުމަދު ޒާހިރު (ހިރިގާ) އާއި އަހުމަދު ނާއިފްގެ ކަންބޮޑުވުމަކަށް ވެސް ވީ އެ ކަމެވެ.

އަލީ ވިދާޅުވީ ބަހުސްކޮށްގެން މީގައި އެންމެ ރަނގަޅު ގޮތެއް ހޯދިދާނެ އެވެ. ގާނޫނީ ފަންނުގެ މުޖުތަމައުގެ ތެރޭގައި ވެސް އެ އިންތިހާބު ބޭއްވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތް ވެސް މިހާރު މި އޮތް އެކުލެވުމަށް ވުރެ ރަނގަޅު ވާނެ ކަމަށް އަލީ ވެސް ގަބޫލުކުރައްވަ އެވެ.

ސިޔާސީ ޖަމާއަތްތައް ހަމަހަމަކޮށް ބައިވެރިވާ ޖޭއެސްސީއަކީ ވެސް މިހާރުގެ އެކުލެވުމަށްވުރެ ރަނގަޅު ގޮތެއް ކަމަށް އަލީ ވިދާޅުވި އެވެ. މިހާރު ދިމާވާ މައްސަލައަކީ ކޮންމެ ފަސް އަަހަރަކަށް ވެރިކަންކުރާ ސިޔާސީ ޖަމާއަތުގެ ބާރުވެރިކަން އެކަނި ޖޭއެސްސީގައި އޮތުމެވެ.

"މިހާރު މި އޮތް ގޮތަށްވުރެ މާ ރަނގަޅުވާނެ ޖޭއެސްސީގައި ހުރިހާ ސިޔާސީ ޕާޓީއެއްގެ ރައީސުން ތިބޭ ގޮތަށް ހެދިއަސް. އަސްލު މާ ރަނގަޅު ވާނެ. އޭރުން ހުރިހާ ސިޔާސީ ޕާޓީތަކެއް ރެޕްރެޒެންޓްކުރާނެއެއްނު،" އަލީ ވިދާޅުވި އެވެ.

ޖޭއެސްސީ ފިޔަވައި އެހެން މުއައްސަސާތަކަށް މެންބަރުން ހަމަޖައްސާ ގޮތަކީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކެއްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބަޔަކު އައްޔަން ކުރުމެވެ. ނަމަވެސް އެ ގޮތަށް ޖޭއެސްސީ އޮވެއްޖެ ނަމަ، ރައީސްގެ ނުފޫޒު އޮތުމުގެ ބިރު ވެސް އެބަ އޮވެ އެވެ.

ރާއްޖޭގެ ޖޭއެސްސީގެ އެކުލެވުމުގެ ވިސްނުން ނަގާފައިވަނީ ދެކުނު އެފްރިކާއިންނެވެ. އެ އެކުލެވުމުގެ ވިސްނުމަކީ ދައުލަތުގެ ތިން ބާރު ޝާމިލްވެގެން ފަނޑިޔާރުންގެ ކަންކަން ބެލުމެވެ. ނަމަވެސް މުޅި ދައުލަތް ޝާމިލްކުރުމުގައި ދެކުނު އެފްރިކާގައި ވެސް ސިޔާސީ ފިކުރުތަކަށް ހަމަހަމަ ޖާގަ އޮވެ އެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ތިން މެންބަރުންނާއި މައިނޯރިޓީގެ ތިން މެންބަރުން ޖޭއެސްސީގައި ހިމަނައިގެނެވެ.

ރައްޔިތުންގެ މަޖިލީހަކީ މަޖިލީހުގެ މެންބަރުންނެވެ. މަޖިލީހުގެ ބާރު ޖޭއެސްސީގައި ޝާމިލު ކުރެވޭނީ، މެންބަރުންގެ މެޖޯރިޓީ އަދި މައިނޯރިޓީ ވެސް ތަމްސީލުކުރެވޭނެ ހަމައަކުންނެވެ. މުޅި ދައުލަތް ޝާމިލުވެގެން ފަނޑިޔާރުގެއަށް ފާރަވެރިވުމަށް، ދެކުނު އެފްރިކާގައި ގާއިމު ކުރި ނިޒާމުގެ ވިސްނުމަކީ އެއީ އެވެ.

ޝަރުއީ ދާއިރާ މިިނިވަންކުރަން ބޮޑު ހަރަކާތެއް ފަށަން ޖެހޭ

ވޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ނާއިފް ވިދާޅުވި ގޮތުގައި މި ވަރަށް ޖުޑީޝަރީ މަރުތަޅު އެޅުވި، ސިޔާސީ ނުފޫޒުގެ ދަށުގައި ޖުޑީޝަރީ އޮވެގެން ބޭއިންސާފު މުޖުތަމައުގައި އޮންނަ ހާލަތުގައި އެހެން ގައުމެއް ނަމަ މަގުތައް ވެސް ފުރާލީހެވެ.

ދުސްތޫރާ ގުޅޭ ހައްސާސީ މައްސަލައެއް ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު، ސިޔާސީ ނުފޫޒުން ވަކިކުރި އިރު ގާނޫނީ ވަކީލުންގެ މުޖުތަމައު ވެސް ފެނުނީ ވަރަށް ހިމޭންކޮށް ތިބި ތަނެވެ. ނާއިފް މި ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.

މި ކަމާ ގުޅޭ ގޮތުން އަލީ އިޝާރާތްކުރެއްވީ ޔާމީނުގެ ވެރިކަމަށެވެ. އެ ދުވަހު ވެސް ޖުޑީޝަރީއަށް ސިޔާސީ ނުފޫޒު ފޯރުވާތީ ގާނޫނީ ވަކީލުން އެއް މުޖުތަމައެއްގެ ގޮތުގައި ނުކުތެވެ. އޭރު ވަކީލުންގެ ކަންކަން ސުޕްރީމް ކޯޓަށް ބެލޭތީ އެތައް ވަކީލަކު ސަސްޕެންޑް ވެސް ކުރި އެވެ. އަލީ ވެސް ތިން އަހަރު ދުވަހަށް ސުޕްރީމް ކޯޓުން ސަސްޕެންޑްކޮށްފައި ބެހެއްޓި އެވެ.

އެހެން ނަމަވެސް ގާނޫނުއަސާސީއާއި ޖުޑީޝަރީއަށް ހަގީގީ އިސްލާހުތަކެއް ގެނެސްދޭނެ ކަމުގެ އުންމީދުގައި 2018ގައި ވެރިކަން ބަދަލުކުރި ނަމަވެސް އެ ކަން ހަގީގަތަކަށް ނުވުމަކީ މުޅި ގާނޫނީ ފަންނުގެ މުޖުތަމައު މާޔޫސްވެގެން ދިޔަ ކަމެއް ކަމަށް އަލީ ވިދާޅުވި އެވެ.

"ބޭނުންވި ޖުޑީޝަރީ ރިފޯމެއް ނައި. އެއް ކަމެއް ކޮށްފައި އެ އުންމީދުކުރި ގޮތް ހާސިލްނުވީމައި މާޔޫސް ވަނީ. ދެން ދިވެހި މުޖުތަމައުގައި ހަމައާއި އުސޫލު ނެތި، ކޮންމެ ކަމެއް ވަރިހަމަ ވެގެން ތިބެން މިހާރު ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވަގުތު ކުރިމަތީގައި އޮތް މުހިންމު ފެންނަ ނުފެންނަ ވޯޓާއި ކައުންސިލް އިންތިހާބު ނިމުމުން މައްސަލަ ނިންމުމަށް ޕްރެޝަރު އުފައްދަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"އިންތިހާބު ނިމުމުން ވަރަށް ރަނގަޅު ހަރަކާތެއް އެއީ ފަށަން. ހާއްސަކޮށް ކޯޓުތަކުގައި ހުރި މިފަދަ ދުސްތޫރީ ބޮޑު މައްސަލަތައް ނިންމަން ޕްރެޝަރު ކުރުވަން. ސުޕްރީމް ކޯޓު ދޮށަށް ވެސް އެއްވާން ޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް