ބަންޑާރަ މިސްކިތް
ބަންޑާރަ މިސްކިތް ހިމާޔަތްކުރުމަށް މަޖިލީހަށް އީޕެޓިޝަނެއް
މާލޭގެ ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ތަޅާނުލައި، ތާރީހީ ތަރިކައެއްގެ ގޮތުގައި ހިމާޔަތްކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އީޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ސަތޭކަ އަހަރާ ގާތްކުރާ ތާރީހީ މިސްކިތް ތަޅާލައި، ޒަމާނީ މިސްކިތެއް އަޅަން ނިންމިކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިޔަ ހުކުރު ދުވަހު އިއުލާންކުރެއްވި އެވެ.
އެއާއެކީ ސޯޝަލް މީޑިއާގައި އެ ތަން ހިމާޔަތްކުރުމަށް ގޮވާލާ އަޑުގަދަވެފައި ވަނިކޮށް، މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅީ އަންނަ ކައުންސިލް އިންތިހާބުގައި މާލޭގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރާ ހުސައިން ފުރުޝާނެވެ.
ތަފްސީލް - ފުރުޝާން މިދިޔަ ހޮނިހިރު ދުވަހު ހުށަހެޅުއްވި ޕެޓިޝަނުގައި ބުނެފައިވަނީ މާލޭ ބަންޑާރަ މިސްކިތް އެންމެ ޚާއްސަވެގެންދަނީ އިނގިރޭސި ޙިމާޔަތުގެ އަޅުވެތިކަމަށް ދިޔުމާ އަދި އެ އަޅުވެތިކަމުން މިނިވަންވުމާ މި މިސްކިތާ ގިނަ މާނައެއްގައި ގުޅިފައިވާތީ ކަމަށެވެ.
އަދި އިނގިރޭސި ހިމާޔަތަށް އޭގެ އެތައް އަހަރެއް ފަހުން ރާއްޖެ މިނިވަންވުމާ ގުޅިފައިވާ މުހިންމު ހުރިހާ ތަނެއް ނައްތާލެވިފައިވާ ކަމަށާއި އެ މުހިންމު ހަނދާނަކަށް ހަމައެކަނި ފެންނާން ހުރި ބިނާއަކީ މާލޭ ބަންޑާރަ މިސްކިތް ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.
އެނގުން މުހިންމު - ޕެޓިޝަނަކަށް ސޮއި ހަމަކުރުމަށް 42 ދުވަސް ނުވަތަ ހަ ހަފުތާގެ މުއްދަތެއް ލިބޭނެ އެވެ. އީޕެޓިޝަންތަކުގައި އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް ސޮއި ދެވޭނެ އެވެ. އެ ގޮތުން:
ޕެޓިޝަނެއް މަޖިލީހުގައި ކުރިއަށް ގެންދާނީ:
-
މަދުވެގެން 500 ސޮއިކޮށް މެންބަރަކު މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުމުން
-
މަދުވެގެން 840 ސޮއި ހަމަވެއްޖެ ނަމަ ސަރުކާރުގެ ސަމާލުކަމަށް ގެންނާނެ
-
2100 ސޮއި ހަމަވެއްޖެ ނަމަ މަޖިލީހުގައި ބަހުސްކޮށް މައްސަލައެއް ގޮތުގައި ކުރިއަށްދާނެ
ފާހަގަކޮށްލެވޭ - އެންމެ ފުރަތަމަ ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހު ދީދީ މި ކަމަށް ފާޑުވިދާޅުވުމުން، އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ އޭނާއާ ސޯޝަލް މީޑިއާގައި ޒުވާބުކުރައްވައި އެ ތަން ތަޅާލުމުގެ ނިންމެވުން ދިފާއުކުރައްވައިފަ އެވެ.
ނަމަވެސް އޭގެ ފަހުގައި ތާރީހު ހިމާޔަތްކުރުމަށް ވަކާލާތުކުރާ ގިނަ އަދަދެއްގެ މީހުން ބަންޑާރަ މިސްކިތް ތަޅާލުމާ ދެކޮޅަށް ސޯޝަލް މީޑިއާ ފުރާލި އެވެ. އެއާއެކު މަޝްވަރާކުރަން ބޭނުންވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފަ. އެއާ އެއްގޮތަށް. އާ މިސްކިތެއް ބިނާކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާން ބޭނުން،" ބަންޑާރަ މިސްކިތުގެ ފޮޓޯއަކާ އެކު ޝަހީމް ކުރެއްވި ޕޯސްޓްގައިވެ އެވެ.