އިސްލާމީ ވަގުފު ފަންޑު ތަރައްގީކުރުމުގެ މުހިންމު ނިންމުންތަކެއްގައި މިނިސްޓަރު ޝަހީމް ސޮއިކުރެއްވުން (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ބަންޑާރަ މިސްކިތް ހިމާޔަތްކުރުމުގެ އަޑު ގަދަވެ، އެންމެ ފަހުން މަޝްވަރާކުރާނެ ކަމަށް ޝަހީމް ވިދާޅުވެއްޖެ

އިސްލާމިކް މިނިސްޓަރު ޝަހީމް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ ސަތޭކަ އަހަަރާ ގާތްވެފައިވާ އެ މިސްކިތް ތަޅާލައި އެ ތަނުގައި ޒާމާނީ އާ މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް

މާލޭގެ ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ހުރި ތަނުގައި އާ މިސްކިތެއް އަޅަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އިއުލާންކުރެއްވުމުން އެ ތަން ހިމާޔަތްކުރުމުގެ އަޑުގަދަވެ، މަޝްވަރާކުރާނެ ކަމަށް ޝަހީމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަތޭކަ އަހަރާ ގާތްކުރާ ތާރީހީ މިސްކިތް ތަޅާލައި، ޒަމާނީ މިސްކިތެއް އަޅަން ނިންމާފައިވާކަން، ޝަހީމް އިއުލާންކުރެއްވީ އިއްޔެ އެވެ.

އެންމެ ފުރަތަމަ ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހު ދީދީ މި ކަމަށް ފާޑުވިދާޅުވުމުން، ޝަހީމް ވަނީ އޭނާއާ ސޯޝަލް މީޑިއާގައި ޒުވާބުކުރައްވައި އެ ތަން ތަޅާލުމުގެ ނިންމެވުން ދިފާއުކުރައްވައިފަ އެވެ.

ނަމަވެސް އޭގެ ފަހުގައި ތާރީހު ހިމާޔަތްކުރުމަށް ވަކާލާތުކުރާ ގިނަ އަދަދެއްގެ މީހުން ބަންޑާރަ މިސްކިތް ތަޅާލުމާ ދެކޮޅަށް ސޯޝަލް މީޑިއާ ފުރާލި އެވެ.

ތަފްސީލް - ބަންޑާރަ މިސްކިތް ހިމާޔަތްކުރުމުގެ އަޑު ސޯޝަލް މީޑިއާގައި ގަދަވުމުން ޝަހީމް އެންމެ ފަހުން ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ތަނުގައި ބޮޑު މިސްކިތެއް ބިނާކުރުމަށް ގަސްތުކުރެއްވީ ރާއްޖޭގެ އާސާރީ ތަރިކައިގެ ތެރޭގައި އެ މިސްކިތް ނުހިމެނޭތީ ކަމަށެވެ.

އާ މިސްކިތެއް އެ ތަނުގައި ބިނާކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފަ. އެއާ އެއްގޮތަށް. އާ މިސްކިތެއް ބިނާކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާން ބޭނުން،" ބަންޑާރަ މިސްކިތުގެ ފޮޓޯއަކާ އެކު ޝަހީމް ކުރެއްވި ޕޯސްޓްގައިވެ އެވެ.

ކުރިއާލާ މަޝްވަރާނުކޮށް ނިންމުމެއް އިއުލާންކުރުމުން ވެސް ބައެއް މީހުން ފާޑުކިޔާފައިވެ އެވެ.

ފާހަގަކޮށްލެވޭ - ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި މުހައްމަދު ނާޖިހު ދީދީ ވިދާޅުވީ ބަންޑާރަ މިސްކިތް ފަދަ ތަނެއް ނައްތާލުމަކީ، ތާރީހަށް ދެވޭނެ އިއާދަނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ކަމަށާއި އެއީ ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމަށް ހަދާފައިވާ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ ތަނަކަށް 100 އަހަރުވުމަކީ، ހުރި ގޮތަށް ބަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ލިސްޓުގައި ހިމެނޭ މިސްކިތެއް ވެސް ނޫން ކަމަށެވެ.

އަދި ރާއްޖެއަށް ވިޔަފާރި ކުރަން އައި އިންޑިއާގެ ވޯރާ ވިޔަފާރިވެރިން އެޅި އެ މިސްކިތަކީ ތާރީހީ ތަނަކަށް ވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެތަން މިހާރު ހުރީ ވެސް ބުމްބާ ވިޔަފާރިވެރިން އެޅި ގޮތަކަށް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ. 

ކޮމެންޓް (2)

ޞާލިޙް

7 މާރިޗު 2026
މިސްކިތް ނައްތާލުމަށް މިނިސްޓަރު ނުއުޅުއްވާ. މިސްކިތް އެކުރައްވަނީ. ވީމާ ތާރީޚު ނެތިގެން ނުދާނެ ގޮތުގައި ކުރެވިދާނެކަމުގައި ދެކެން. އަޅުގަނޑު ގެ ކޮށި ވިސްނުން ޙިއްސާ ކޮށްލީ.
0 2

މަބުނީ

7 މާރިޗު 2026
ސުވާލުކުުރަންވީ ތިޔަ ލިބުނު ހިލޭއެހީއިން ބަންޑާރަ މިސްކިތް އަލުން އިމާރާތް ކުރުމުގެ ބަދަލުގައި ގުޅީފަޅުގައި ނުވަތަ ތިލަފުށީގައި މިސްކިތެއް އެޅުން. ބަންޑާރަ މިސްކިތް އާކުރުމަކީ އިސްރާފެއް
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް