ބަންޑާރަ މިސްކިތް ކުރިން ހުރި ގޮތުގެ ފޮޓޯއެއް

މިސްކިތްތައް

ބަންޑާރަ މިސްކިތަކީ މާލޭގެ މުހިއްމު ދީނީ، ތާރީހީ، ސަގާފީ ބިނާއެއް: ޔުމްނާ

ކުރީގެ ހެރިޓޭޖް މިނިސްޓަރު ވިދާޅުވީ 98 އަހަރު ވެފައިވާ ބަންޑާރަ މިސްކިތް ތަޅައިލުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް

ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ތަޅާލައި އެތަނުގައި ބޮޑު މިސްކިތެއް އަޅަން ނިންމުމާ ގުޅިގެން، ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟- ސަތޭކަ އަހަރާ ގާތްކުރާ ތާރީހީ މިސްކިތް ތަޅާލައި، ޒަމާނީ މިސްކިތެއް އަޅަން ނިންމާފައިވާކަން، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ. އެއާއެކު، ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހު ދީދީ އާއި ޝަހީމްއާ ދެމެދު މިއަދު ވަނީ އެކްސްގައި ބަހުސެއް ހިނގާފަ އެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ ވެސް، މި ނިންމުމާ ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބަންޑާރަ މިސްކިތް ތަޅައިލުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

"އެއީ 98 އަހަރުވެފައިވާ މާލޭގެ މުހިއްމު ދީނީ، ތާރީހީ، ސަގާފީ ބިނާއެއް،" އެކްސްގައި އޭނާ ލިޔުއްވި އެވެ.

ޔުމްނާ ވިދާޅުވީ ރާއްޖޭގެ މި ފަދަ ތާރީހީ ބިނާތަކާއި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް، ސަގާފީ ތަރިކަ ގާނޫނެއް ހަދައި ތަސްދީގު ކޮށްފައިވާނެ ކަމަށެވެ. 

ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި މުހައްމަދު ނާޖިހު ދީދީ ވިދާޅުވީ ބަންޑާރަ މިސްކިތް ފަދަ ތަނެއް ނައްތާލުމަކީ، ތާރީހަށް ދެވޭނެ އިއާދަނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ކަމަށާއި އެއީ ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމަށް ހަދާފައިވާ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ ތަނަކަށް 100 އަހަރުވުމަކީ، ހުރި ގޮތަށް ބަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ލިސްޓުގައި އޮންނަ މިސްކިތެއް ވެސް ނޫން ކަމަށެވެ.

އަދި ރާއްޖެއަށް ވިޔަފާރި ކުރަން އައި އިންޑިއާގެ ވޯރާ ވިޔަފާރިވެރިން އެޅި އެ މިސްކިތަކީ ތާރީހީ ތަނަކަށް ވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެތަން މިހާރު ހުރީ ވެސް ބުމްބާ ވިޔަފާރިވެރިން އެޅި ގޮތަކަށް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް