ބަންޑާރަ މިސްކިތް: އެތަން ތަޅާލުމާ ގުޅޭގޮތުން ބަހުސެއް ވަނީ އުފެދިފައި

މިސްކިތްތައް

ބަންޑާރަ މިސްކިތް ތަޅާލުމާ ގުޅޭގޮތުން ޝަހީމް އާއި ނާޖިހުގެ ޒުވާބެއް

ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހު ދީދީ ވިދާޅުވާ ގޮތުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން އެ މިސްކިތް ނައްތާލުމަކީ ތާރީހާއި ސަގާފަތަށް ދެވޭ ގެއްލުމެއް. އެކަމަކު މިނިސްޓަރު ޝަހީމް އެއީ ތާރީހީ މިސްކިތެއް ކަމަކަށް ގަބޫލެއް ނުކުރައްވާ

ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ހުރި ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން ނިންމާފައިވާކަން، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިއުލާން ކުރެއްވުމާ އެކު، ތާރީހީ އެ މިސްކިތް ތަޅާލުމާ ގުޅޭގޮތުން ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.

ވީ ކިހިނެއް؟ - އެސްޓީއޯ ސުޕަމާޓް ކައިރީގައި ހުންނަ ބަންޑާރަ މިސްކިތް ނުވަތަ ކުރީގެ މަޝްހޫރު ނަމުން، ބުމްބާ މިސްކިތަށް މިހާރު 98 އަހަރު ވެއްޖެ އެވެ. އެ މިސްކިތް ތަޅާލައި، އެ ބިމުގައި މި ޒަމާނުގެ މިސްކިތެއް އެޅުމުގެ މަސައްކަތް، މި ރޯދައިގެ ފަހުން ފަށާނެ ކަމަށް ޝަހީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު އެއީ ބައެއް ބޭފުޅުން ދެކޮޅު ހައްދަވާ ކަމެކެވެ.

ތަފްސީލް - ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ އެނަލިސްޓް އަދި ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހު ދީދީ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. މި ފަދަ ތަނެއް ނައްތާލުމަކީ، ތާރީހަށް ދެވޭނެ އިއާދަނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ކަމަށާއި އެއީ، ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމަށް ހަދާފައިވާ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ.

"މިކަން ނުކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ގޮވާލަން. އަދި ތަރިކައާ ބެހޭ ވުޒާރާއަށް ވެސް މިކަން ހުއްޓުވުމަށް ގޮވާލަން،" އެކްސް ޕޯސްޓެއްގައި ނާޖިހު ވިދާޅުވި އެވެ.

ބަންޑާރަ މިސްކިތް

އޭނާގެ އެ ޕޯސްޓަށް ޝަހީމް ވަނީ ހަމަ ޕްލެޓްފޯމުގައި ރައްދު ދެއްވާފަ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އާސާރީ މިސްކިތްތަކުގެ ލިސްޓެއް އޮންނަ ކަމަށާއި އެއީ އާސާރީ މިސްކިތެއް ނޫން ކަމަށެވެ. 

"ތާރީހީ ތަންތަން ނައްތާލުމުގެ ސިލްސިލާއެއް ނެތް. ތިތަނާ ހުކުރު މިސްކިތާ އީދު މިސްކިތް ވަރަށް ތަފާތު. އެއީ އާސާރީ މިސްކިތްތައް،" އެ މިސްކިތްތައް، ކަމާ ގުޅޭ އިދާރާތަކުން ބަލަހައްޓަމުން ގެންދާކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވި އެވެ.

"ތަނަކަށް 100 އަހަރުވުމަކީ، ހުރި ގޮތަށް ބަހައްޓަން ޖެހޭ ސަބަބެއް ނޫން."

މިނިސްޓަރު ޝަހީމް ދެން މިސާލު ނެންގެވީ މަސްޖިދުލްހަރާމަށް ގެނައި ބަދަލުތަކުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ގެފުޅަށް ވުރެ މާތް ތަނެއް ނުހުންނާނެ. އެތަން ބިނާކުރެއްވީ އިބްރާހިމްގެފާނުކަމާއި އެތަން އެކި ޒަމާންތަކުގައި އާ ކޮށްފައިވާ ކަމަށް ވިދާޅުވި

  • ހަމަ އެގޮތަށް ހަރަމްފުޅަށް ވެސް އެކި ޒަމާންތަކުގައި އާބާދީއާ އެއްވަރަށް ބޮޑު ކުރަމުން ދާނެ

ޝަހީމް ވިދާޅުވީ ބަންޑާރަ މިސްކިތް ބޮޑުކުރަން ޖެހެނީ އެ ސަރަހައްދުގައި މީހުން ގިނަވެ، ހާއްސަކޮށް ބާޒާރުމަތީ އާބާދީ ބޮޑުވެ އެ މިސްކިތްތަކަށް ބާރު ބޮޑުވާތީ ކަމަށެވެ. ހާއްސަކޮށް ރޯދަ މަހު އެ އުނދަގޫ ކުރިމަތިވާކަން ފާހަގަ ކުރެއްވި އެވެ.

"އިސްލާމް ދީނުގައި އޮންނަނީ މުސްލިމުންގެ މަސްލަހަތު އިސްކުރަން،" އޭނާ ވިދާޅުވި އެވެ.

އެއަށް ރައްދު ދެއްވަމުން ނާޖިހު ވިދާޅުވީ:

  • ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ލިސްޓެއް އޮތް ކަމުގައި ވިޔަސް، އާސާރީ ތަންތަން ހިމާޔަތް ކުރަން ހަދާފައި އޮތް ގާނޫނު، އެ ލިސްޓަށް ވުރެ މަތި ކަމަށް

  • އަދި ހުކުރު މިސްކިތާއި އީދު މިސްކިތާ އެއްވަރުގެ ތަނަކަށް ނުވިޔަސް އެއީ ވެސް ހިމާޔަތްކުރަންޖެހޭ ތާރީހަކާއި އަގެއް އޮތް ތަނެއް ކަމަށް ވިދާޅުވި 

"މިތާ މި ދައްކަނީ އެހެން ގައުމެއްގައި ހުރި ތަނެއްގެ ވާހަކައެއް ނޫން. މާލެއަކީ މިސްކިތްތައް ގިނަ ރަށެއް. ރޯދަ މަހުގެ ފުރަތަމަކޮޅު އެކަނި މިސްކިތްތައް ފުރި ބޭރުގައި ނަމާދުކުރަނީ. ދެން ހުކުރު ދުވަހު،" ނާޖިހު ވިދާޅުވި އެވެ.

"ދެ މިނިޓުން ހިނގާފައި ދެވޭހާ ކައިރީގައި 5،000 އަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ އިސްލާމީ މަރުކަޒު ވެސް އެބަހުރި."

ނާޖިހުގެ އެ ވާހަކައަށް މިނިސްޓަރު ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް ވިޔަފާރި ކުރަން އައި އިންޑިއާގެ ވޯރާ ވިޔަފާރިވެރިން އެޅި އެ މިސްކިތަކީ ތާރީހީ ތަނަކަށް ވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެތަން މިހާރު ހުރީ ވެސް، ބުމްބާ ވިޔަފާރިވެރިން އެޅި ގޮތަކަށް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސުން، އިބްރާހީމް ނާސިރު އާއި މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެ ޒަމާނާ ގުޅޭގޮތަށް އެތަން ތަރައްގީ ކުރި ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވެ، މިހާރު އެތަން ތަރައްގީ ނުވާންވީ ސަބަބެއް ނެތް،" ޝަހީމް ވިދާޅުވި އެވެ.

ކޮމެންޓް (4)

ނަފީސް

7 މާރިޗު 2026
ތަޅާލުން އެންމެ ރަނަގަޅީ.ގިނަ ދިވެހީންނަށް ތާރީޙީ ތަންތަނާ ސަގާފަތް ވެލިއު ކުރާކަށްނޭގެ. ގިނަ މިނިސްޓަރު ބޭފުޅުންގެ ފެންވަރު އެމީހުންގެ ހުންނަ މެޗުއަރ ނުވާ ވިސްނުން ޓުވިޓަރ (އެކްސް) ގެ މިފަދަ ޒުވާބު ތަކުން ފެންނަނީ.މިކަހަލަ ވެރީން ހޮވާފަ ޓެކްސް ފައިސާ އިން ބޮޑު މުސާރައާއި އިނާޔަތްތައް މިދެނީ އެވެރީން ލައްވާ މިފަދަ ނާތަހުޒީބީ ކަންކަން ކުރުވަން
6 1

ހަމަތެދެއް

7 މާރިޗު 2026
@ނަފީސް ތެދެކެވެ. 4000 އަހަރުވީ ކަލްޗާއެއް އޮތް ބަޔަކު މިޖެހެނީ އިސްލާންދީން އަންނަން ދެން އަންހެންދަރިން މަރައި އެއްވެސް ކަލްޗާއެއް ނެތް ބަޔަކު އުޅޭހެން އުޅޭށެވެ. އަހަރެމެން މިގޮތަށް ވިސްނުން ހުރިއްޔާ އެއްވެސް ތަނެއް ބަހައްޓާނެ ކަމެއް ނެތެވެ. ތަޅައި ތިރިކިރަަށެވެ.
0 1

ނަޖޫ

6 މާރިޗު 2026
މަސްޖިދު ހަރަމް ތަރައްގީ ކުރިޔަސް ގެފުޅު ގެ އަސްލަށް ބަދަލެއް ނުގެނޭ ދޯ
2 0

ދެބޯގެރި

6 މާރިޗު 2026
ތަރިކައާއި ގައުމިއްޔަތު މިއޮތް އަރާ އަރަފޯދެނީ. މިސްކިތުގެ މައިގަނޑު ސްޓްރަކްޗަރއަކަށް ކުރީގެ ރައީސުންވެސް ބަދަލެއް ނުގެނޭ. ހަރަމްފުގެ ވަށައިގެންވާ ސަރަހައްދަށް ބަދަލު ގެނަޔަސް ހަރަމްގެވެސް މައި ކޮންސެޕްޓަށް ބަދަލެއް ނުގެނެއެއްނު
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް