ޕީއެންސީގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ރައީސް މުހައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވަނީ (ފޮޓޯ/ޕީއެންސީ)

ހުދުމުހުތާރު ލަގަބު އަޅުގަނޑަށް ދޭން ހިތަށް ވެސް ނޭރުވޭނެ، މިއީ ޑިމޮކްރެސީގެ މިސާލެއް: ރައީސް

ހުދުމުހުތާރު ސިފަތަކާ އެކު ވެރިކަންކޮށްފައިވަނީ މިދިޔަ ސަރުކާރުތަކުން ކަމަށާއި މި ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ ޑިމޮކްރެޓިކް ހަރަކާތްތަކަށް ވެސް ޖާގަދެމުންދާ ކަމަށް ރައީސް ވިދާޅުވި

ހުދުމުހުތާރު ވެރިކަމެއްގެ ލަގަބު އެ މަނިކުފާނަށް ދޭން ހިތަށް ވެސް ނޭރުވޭނެ ކަމަށާއި އެ މަނިކުފާނުގެ ސަރުކާރަކީ ޑިމޮކްރެސީގެ އެންމެ ފުރިހަމަ މިސާލު ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - މިދިޔަ މަޖިލިސް އިންތިހާބު ނިމުމަށް ފަހު މަޖިލީހުގެ އިސް މަގާމުތަކަށް އިންތިހާބުކުރާނެ މެންބަރުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕަށް އަންގަވަނީ ސީދާ ރައީސް މުއިއްޒެވެ. ރައީސް އެންގެވި ގޮތަށް ޕާލިމެންޓްރީ ގްރޫޕުން އަމަލު ވެސް ކުރި އެވެ.

އޭގެ ފަހުގައި ހިނގި ބައެއް ކަންކަމަކީ:

  • ސިޔާސީ ޕާޓީން ވަކިކޮށްގެން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ އެއް ދުވަހުގެ ތެރޭގައި؛ އޭގެ ފަހުން ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ގެންދަނީ ސަރުކާރުން ފޮނުވާ ގޮތަކަށް ބިލުތަކާއި މައްސަލަތައް ނިންމަމުން

  • ގާނޫނުއަސާސީގެ އެ ބަދަލު ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު ކަމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން، ވަގުތީ އަމުރުތަކާ ގުޅޭ ގޮތުން ކޯޓުން އަޑުއެހުމެއް ބާއްވަން އުޅެނިކޮށް ބެންޗުން ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި

  • ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން އެ ތިން ފަނޑިޔާރު ބަދަލުކޮށް، އުއްތަމަ ފަނޑިޔާރު ރިޓަޔާކުރެއްވުމުން ބެންޗުގެ މެޖޯރިޓީ އަދަދު ހަތަރު ފަނޑިޔާރުން ބަދަލުކުރި؛ މިދިޔަ އަހަރެއްހާ ދުވަހު ގާނޫނުއަސާސީގެ ދުސްތޫރީ މައްސަލަ ކޯޓުގައި ކުރިއަކަށް ނުދޭ

  • ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް، އެކި މަރުހަލާތަކުގެ ކޯޓުތަކަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަތައް ކުރިއަކަށް ނުދޭ

  • ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމަށް އޭގެ ކުރިން ރައީސް އޮފީހުގެ ސިޔާސީ މަގާމެއްގައި ހުންނެވި އައްބާސް ޝަރީފް އައްޔަންކޮށް، އޭގެ ދެ އަހަރު ފަހުން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި ބަޔަކަށް ދައުވާކުރަން ނިންމުން

ވީކިހިނެއް؟ - މި ސަރުކާރުގައި ވެސް ބާރުތަކާއި މުއައްސަސާތަކުގެ ކޮންޓްރޯލް ވެރިކަންކުރާ ޕާޓީއަށް ހޯދުމުގެ މަސައްކަތްތައް ފެންނައިރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ސަރުކާރުން މަސައްކަތްކުރަމުން ދަނީ ހުދުމުހުތާރު ވެރިކަމެއް ރަސްމީކުރުމުގެ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.

އިދިކޮޅު ފަރާތްތަކުން ކުރާ އެ ތުހުމަތުތަކާ ގުޅޭ ގޮތުން، މިއަދު ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ވަނީ ސުވާލުކޮށްފަ އެވެ.

ރައީސް މުހައްމަދު މުއިއްަޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރެސީގެ ހަމަތައް އެންމެ ރަނގަޅަށް ހިންގަމުން ގެންދަނީ އެ މަނިކުފާނުގެ ވެރިކަމުގައި މި ހިނގި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ބައެއް ކަންކަމަކީ:

  • އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ ވޯޓުލުން ކުރިއަށް ގެންދިޔައީ ސަރުކާރުގެ ސްކޫލްތަކާއި އިދާރާތަކުގެ ތެރޭގައި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާ އެކު

  • ކުރިން މާލޭގައި އެއްވުމުގެ ފުރުސަތު ދެނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި؛ މިހާރު މާލޭގައި ފަސް ތަނަކަށް އެއްވެވޭނެ

  • ހުދުމުހުތާރުކަން ދެއްކުމުގެ ގޮތުން ޖަލަށްލި ސިޔާސީ ލީޑަރަކު ނެތް

"ހުދުމުހުތާރު އެ ލަފުޒު ބޭނުންކުރާ ނަމަ ބޭނުން ކުރަން ޖެހޭނީ ކުރީގެ ސަރުކާރުތަކަށް. މި ސަރުކާރާ ދެކޮޅަށް ބޭނުންކުރެވޭނެ، ބޭނުންކުރަން ހިތަށް ވެސް އެރުވޭނެ އެއްޗެއް ނޫން އެއަކީ،" ރައީސް ވިދާޅުވި އެވެ.

ހުދުމުހުތާރުވުމުގެ ބަދަލުގައި މި ސަރުކާރުން މަސައްކަތްކުރަމުންދަނީ ރައްޔިތުންނާ ގުޅިގެން، ރައްޔިތުންގެ ހިޔާލުތައް ހޯދައިގެން އެ ހިޔާލުތަކާ އެއްގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ހުރިހާ ރައްޔިތުންނާ އަޅުގަނޑު ބައްދަލުކޮށްފިން. މާލޭގައި ވިއްޔާ ހުރިހާ އަވަށަކާ. ވަކިވަކިން ވެސް ބައްދަލުކުރަން. ޖަމާއަތްތަކުގައި ވެސް ބައްދަލުކުރަން. ކައުންސިލްތަކާއި މުއައްސަސާތަކާ ވެސް ބައްދަލުކުރަން. އެ ފަރާތްތަކުން ބޭނުންވާ ކަންތައް ގާތުން އަޑުއަހައި އެ ކަންކަމަށް އަމަލީ ސިފަ ގެނެސްދެނީ. ޑިމޮކްރެސީ ފުރިހަމަ މިސާލު މިއީ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (4)

ތެފައާސާ.

3 މާރިޗު 2026
ހިތަށް އެރުވޭނެ އެއްޗެއްސާއި ނޭރުވޭނެ އެއްޗެހި ވެރިމީހާ ކިޔައިދިނުމަކީ ޚުދުމުހުތާރު ވެރިކަމެއްގެ ސިފައެއް!
2 0

ކޮސް

2 މާރިޗު 2026
ކީކޭ ދެން ބުނާނީ... މުޅި ދިވެހިރާއްޖޭގެ އެންމެންނަކީ ޕީ.އެންސީގެ ޖާހިލު ބޮޓުންކަހަލަ ބައެއްކަމަށް ރޯމާދުވާލު މިއޮއް ނިންމަނީ...
3 0

ދިއްދާ

2 މާރިޗު 2026
ދޮގުވެރި. މީރޯދައަށްވެސް ހުންނަ މީހެއް ނޫންބާ!!!؟ ކޮން ހުރިހާއެއް. މިހިސާބަށް ކީއްކުރަން މަގަކުންވެސް ފެންނަނީކީނޫން. ޕަޕެޓުންގެ ގޭތަކަށް ގޮސް އެމީހުންގެ ބަނދިވަރު އަހާލާފަ ތިއަންނަނީ އާރަށަށް ފުޓްސަލް ކުޅެން.
2 0

މަޖިލިސް1234

2 މާރިޗު 2026
ސްޕްރީމް ކޯޓް ފުނޑާލުން، އެކްޓިވިސްޓުން ކޯޓްތަކުގެ ފަޑިޔާރުންނަށް އައްޔަންކުރުން، ނުރުހޭ ބަހެއްބުނާ މެމްބަރުން ވަކިވާ ގާނޫނުހެދުން، މީޑިޔާ ކޮންޓްރޯލްކުރުން، އިންތިހާބު އެއްކުރުން، އޭސީިސީ ޕެރަލައިސްކުރުން ، މިނިވަން މުވައްސަސާތައް އަމިއްލަކުރުން، ދެކޮޅަށް ބަހެއްބުނާ މީހުން ގަނެލާ މަގާމު ދިނުން، އެސްއޯއީތައް ޕާޓީގެ ގުނަވަނަކަށް ހެދުން މިއީ ހައްތާވެސް ނަމޫނާ ޑިމޮކްރަސީގެ ސިފަތައް. ޑިމޮކްރަސީ ދޮންވެ ފައްކާވެ ތިކިތިިކި އަންނަ ކަންކަން. ޚުދުމުހުތާރު ކަމާ ދުރުކަންކަން.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް