ޕީޕީއެމް ކުރީ ސަރުކާރުގެ ވެރިކަމުގެ ހަނދާނެއް: ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނޫސްވެރިކަމަށް ކުރިމަތިކުރުވި ހުރަސްތަކާ ދެކޮޅަށް ނޫސްވެރިން 2016ގައި މުޒާހަރާކުރަނީ (ފޮޓޯ/މިހާރު)

ޑީއާރުޕީގެ ލޭގައި ހުންނާނީ ހައްގުތައް ހަނިކުރުމުގެ ވިސްނުން

އެމްޑީޕީގެ ވެރިކަމުގައި އޭރުގެ އިދިކޮޅު މީޑިއާތަކުން ފެތުރި ވާހަކަތަކާ ގުޅިގެން މީޑިއާގެ މިނިވަންކަމަށް ހުރަސް އަޅަން ރައްޔިތުންގެ މަޖިލިހުން މަސައްކަތްކޮށްފައެއް ނުވޭ. އޭރު މެޖޯރިޓީ އޮތީ ވެސް އެމްޑީޕީގައި
14 ނޮވެމްބަރު 2024
12

އިއްޔެ އަޅުގަނޑަށް މި ސަރުކާރުގެ ސިޔާސީ ބޭފުޅަކު ގުޅުއްވި އެވެ. ބޭނުމަކީ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފިއްލަވައިގެން ތިއްބަވާ، 'އަމިއްލަ' ކެންޑިޑޭޓަކު ލައްވާ އިއްޔެ ހުށައެޅުއްވި މީޑިއާ ކޮމިޝަންގެ ބިލާ މެދު ހިޔާލެއް ހޯއްދެވުމެވެ.

އަޅުގަނޑު ދެންނެވީ މިހެންނެވެ؛

"ޕީޕީއެމްއޭ ކިޔަސް، ޕީއެންސީއޭ ކިޔަސް އަސްލު ތިޔަ ބޭފުޅުންނަކީ ހަމަ ޑީއާރުޕީގެ ލޭ. ޑީއާރުޕީއާ ގުޅިފައި އޮންނާނީ ރައްޔިތުންގެ ހައްގުތައް ހިފެހެއްޓުން. ހުރަސް އެޅުން. އެމްޑީޕީގެ ތަފާތަކީ އަބަދުވެސް ހައްގުތައް ހިމާޔަތްކުރުން. މިހާރު މި ފެންނަން ފެށީ ވެސް އެކަން ނޫންތޯ."

ހަނދާން އެބަ ހުރި ހެއްޔެވެ؟ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ އެކްޓިވިސްޓް ނޫސްވެރިޔަކު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުކުރި ސުވާލެވެ. 'ޒިނޭ'ގެ ތުހުމަތު އަޅުވަމުން ކުރި އެ ސުވާލަށް ވުރެ ހުތުރު ވާހަކައެއް އެކަހަލަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޑުއިވިފައެއް ނޯންނާނެ އެވެ. އެކަަމަކު އެ ދުވަހު ޕީޕީއެމް/ޕީއެންސީގެ އެންމެ މަތީ ލީޑަޝިޕުން ފެށިގެން އެންމެ އާދައިގެ މެމްބަރުން ވެސް ޖެހީ އަތެވެ. ކުރީ ތާއީދެވެ. ނޫސްވެރިޔާގެ 'ހިތްވަރުގަދަކަމު'ގެ މައްޗަށް ތައުރީފް ވެސް އޮއްސާލި އެވެ.

ޕީއެންސީ ސަޕޯޓަރުން ޖަލްސާއެއް އަޑުއަހަނީ: އިދިކޮޅުގައި އޮތް އިރު ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާގައި ބޭނުންކުރި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެ ސުވާލަށް ސޯލިހު ޖަވާބު ވެސް ދެއްވި އެވެ. ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެ ނޫސްވެރިޔާއާ ވާހަކަފުޅު ވެސް ދެއްކެވި އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަހެއް ވެސް ނާޅަ އެވެ.

ހިތާ ދެކޮޅަށް ނަމަވެސް ގަބޫލުކުރާށެވެ. އެއީ އެމްޑީޕީގެ ތަފާތެވެ. އެ ޕާޓީއަށް ކުރިމަތިވާ ފާޑުކިއުންތަކާއި ޕާޓީގެ ސިޔާސީ އިސް ވެރިންނަށް ކުރާ އެކި ކަހަލަ ތުހުމަތުތަކާ ހެދި 'ދެން ހަދާނެ ގޮތް ނޭނގިގެން ތެޅިފޮޅޭ ތަނެއް' ނުފެނެ އެވެ.

އެކަމަކު އަދިވެސް ދެމިގެންދާ ޑީއާރުޕީގެ ސިޔާސީ ލޭގައި ފެންނާނީ ރައްޔިތުންނަށް ލިބޭ މިނިވަންކަމުގެ ހައްގު ހަނިކުރުމުގެ ވިސްނުންތަކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި ގޮޮތަކީ، އޭރުގެ ޕީޕީއެމުން ފަށަން އުޅުނު ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓުމުގެ އަމަލީ މަސައްކަތުގެ ނާކާމިޔާބު ސަފުހާއެކެވެ. ބައެއް ނޫސްތަކާ ދެކޮޅަށް އޭރުގެ މީޑިއާ ކައުންސިލަށް ރައީސް އޮފީހުން ފޮނުވި ޝަކުވާތައް، އެއް ދުވަހަކު އޮފީހަށް ދިޔައިރު ހުރީ އަޅުގަނޑުގެ މޭޒު މަތީގަ އެވެ. ކައުންސިލުން ފޮނުވި އެ ސަފުހާތައް އެއްކޮށްލުމުން އުސްމިން ފޫޓެއްހާވަރުވެ އެވެ.

މިހާރު ހުށައަޅާފައި އޮތް ބިލު ފަދަ އެއްޗެއް މިއަދު ނޫނީ މާދަމާ އަންނާނެކަން ކުރިން ވެސް އެނގެ އެވެ. އޭގެ ދެ ފޮޅުވަތް ދޭތެރޭގައި ޑީއާރުޕީގެ އަސްލު ވިސްނުމަށް ފެތޭ ބައިތައް ހުންނާނެކަން ވެސް ގައިމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ހިމޭން ވަގުތުކޮޅެއްގައި: ކުރިމަތީގައި އޮތީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމުގެ ވިސްނުން (ފޮޓޯ/ މަޖިލިސް)

މިހާރު އެ ބިލު އެ އޮތީ އެހެންނެވެ. މިސާލަކަށް 'ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން'، ނުވަތަ 'ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން' ފަދަ މާއްދާތައް ލާފައި އެ ހުރީ އެ ބޭނުމުގަ އެވެ. މިއީ މިހާރުގެ ޒުވާނުން ބުނާ ކަހަލަ 'މުސްކުޅި ވިސްނުމު'ގެ އަސަރުތަކެވެ.

އޭގެ ނަތީޖާއަކަށް ވާނީ ކޮން ކަމެއް ހެއްޔެވެ؟ މިސާލަކަށް ރާއްޖޭގައި އަދިވެސް އިންޑިއާ ސިފައިން އެބަ ތިއްބޭ ކިޔާފައި މީހަކު ނޫހެއްގައި ލިއުނު އެއްޗެއް ނުވަތަ ޓީވީ/ރޭޑިއޯއެއްގައި ވާހަކަ ދައްކަމުން އެފަދަ އެއްޗެއް ބުނުމުން އެއަށް ނިސްބަތްކޮށް އެ މީޑިއާއެއް ބަންދުކުރުމުގެ ފުރުސަތު ސަލާމަތީ ބާރުތަކަށް ލިބެ އެވެ.

މިސާލަކަށް އާސަންދައަށް ގެންނަ ބަދަލަކާ މެދު ހިތްހަމަނުޖެހިގެން މީޑިއާއެއްގައި އެ ވާހަކަ ގެނެސްދިނީ އެވެ. ސަރުކާރުން ބޭނުންވީ އެ މީޑިއާއެއްގެ 'އުނދަގުލުން' ސަލާމަތްވާނެ ގޮތެކެވެ. ރައީސް އައްޔަންކުރައްވާ މެމްބަރުންގެ އަގުލަބިއްޔަތު އޮންނަ ކޮމިޝަނުން އަވަހަށް އެކަން މާނަކުރަންވީ އެއީ 'ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތަކާ ހިލާފު، ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ އެއްޗެއް'ގެ ގޮތަށެވެ.

މީޑިއާއާ މެދު ފިޔަވަޅު އަޅަންވީ އެވެ. ތަން ބަންދު ވެސް ކުރެވިދާނެ އެވެ. ވަގުތީ ގޮތުން ލައިސަންސް ވެސް ހިފެހެއްޓިދާނެ އެވެ. ޖޫރިމަނާ ވެސް ކުރެވިދާނެ އެވެ.

މި ފާހަގަކުރީ، މިހާރު އޮތް ބިލުން ނުކުމެދާނެ މައްސަލަތަކުގެ ވަރަށް އާދައިގެ މިސާލުތަކެކެވެ. އެކަމަކު ބިލްގައި ނޫސްވެރިކަމަށް އޮތް ނުރައްކާތެރިކަން ވަރަށް ފަސޭހައިން މި މިސާލުތަކުން އެނގޭނެ އެވެ.

ބިލް ހުށައެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރެވެ. އެއީ ވިޔަފާރިވެރިއެކެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ ބިލްގެ ޑްރާފްޓް ހެއްދެވީ އަމިއްލައަށެވެ. އެކަމަކު އެ ބިލްގެ ޑްރާފްޓް ޕީއެންސީގެ އިސް އެހެން ބޭފުޅަކު ހައްދަވަމުން ގެންދަވާ ކަމާއި ރާއްޖޭގެ ސީނިއަ ބައެއް ނޫސްވެރިން ގާތު އެ ބޭފުޅަކު އެވާހަކަ ވިދާޅުވެފައި އޮތް ކަމަށް ވެސް ވެ އެވެ.

އެ ބިލު ޕީއެންސީގެ މެމްބަރަކު ލައްވާ ހުށަނޭޅުއްވީ އެކަމުން ސަރުކާރު ސަލާމަތްވާންވެގެން ކަމަށް ބެލެވެ އެވެ. އެކަމަކު ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަކުން އެ ބިލް ބަލައިގަނެ، ފާސްކޮށްފި ނަމަ ސަރުކާރާއި ޕީއެންސީގެ މެމްބަރުން އެ ހިނގަނީ، މީގެ ހަތް އަހަރު ކުރިން ޕީޕީއެމް ސަރުކާރާއި އޭރު މެޖޯރިޓީ އޮތް ޕީޕީއެމްގެ ރައްޔިތުންގެ މެމްބަރުން ގެންގުޅުއްވި ވިސްނުމުގެ މަތީގަ އެވެ. ހަމަ ޑީއާރުޕީގެ ލެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ވަޑައިގަންނަވަނީ: ވަރަށް ތަފާތު ސުވާލުތަކާ ކުރިމަތިލެއްވި (ފޮޓޯ/ރައީސް އޮފީސް)

ހަންނާނު ވިދާޅުވާ ގޮތުން ނަމަ ގައުމު 'ފަސާދަވެގެން މި ދަނީ ދޮގުތައް ގިނަވެ، މަކަރު ހެދުން ގިނަވެގެން'ނެވެ. 

"ކޮންމެވެސް ބަޔަކު މިކަންކަން ރަނގަޅު ކުރަން ޖެހޭ. ކޮންމެ މީހަކު ވެސް ޒިންމާދާރު މީހަކަށް ވާން ޖެހޭ،" ބިލްގެ ދިފާއުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

އެކަމަކު ޒިންމާދާރުކުރުވާށޭ ކިޔާފައި މިނިވަންކަމަށް ހުރަސްއެޅުމާ ދިމާލަށް ދިއުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. މިހާރު ބިލް އެ އޮތީ ޒިންމާދާރުކުރުވުމުގެ ބަދަލުގައި ހަންނާނާއި ހަންނާނުގެ ވިސްނުން ހުރި އެހެން މެމްބަރުންނާއި ސިޔާސީ މީހުން އެކުވެގެން ރާއްޖޭގެ މީޑިއާގެ މިނިވަންކަން ނަގާލެވޭ ފަދަ ގޮތަކަށެވެ. 

ހަންނާނަށް ވިސްނިވަޑައިނުގަންނަވާ އެކަމަކު ހުޅުވިފައިވާ ޑިމޮކްރަސީއެއްގައި ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ: ދައުލަތުގެ ޒިންމާތަކާ ހަވާލުވާ މީހުން، އާންމު ރައްޔިތަކާ އެއްހަމަނުކުރުމެވެ. މި ދެންނެވީ ހަންނާނު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން މިހާރު ތިމަންނާއަކީ 'ވިޔަފާރިވެރިޔާ ހަންނާނޭ' ވިދާޅުވެގެން ފަރުޖެއްސޭކަށް ނެތެވެ. ކުރިން ހަންނާނުގެ ވިޔަފާރިއާ މެދު ނުވިސްނާ ގޮތްގޮތަށް މެމްބަރު ހަންނާނުގެ ވިޔަފާރިއާ މެދު ވިސްނުމުގެ ހައްގު ރައްޔިތުންނަށާއި ނޫސްވެރިންނަށް ލިބެ އެވެ. މެމްބަރު ހަންނާނަށް ސަރުކާރު ތެރެއިން ލިބޭ އެކަމަކު އެހެން ވިޔަފާރިވެރިޔަކަށް ހޯދަން އުނދަގޫ ފަސޭހަތައް ލިބޭތޯ އާއި ސަރުކާރުގެ ތެރެއިން ހަންނާނަށް ފަހިވަނީ ވިޔަަފާރީގެ ކޮން ކަހަލަ ފުރުސަތުތަކެއްތޯ ބެލުމުގެ ޒިންމާ މީޑިއާގެ ބޮލުގައި އެޅެ އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން އަބޫބަކުރު މަޖިލިހުގައި (ފޮޓޯ/ މަޖިލިސް)

މެމްބަރު ގާސިމް އިބްރާހިމް އާއި މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ފަދަ ބޭފުޅުންގެ ކަންކަމާ ވެސް، ދައުލަތުގެ ޒިންމާއަކާ ހަވާލުނުވެ ތިބޭ ވިޔަފާރިވެރިންނާ ހިލާފަށް، ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް ބެހެވޭނެ އެވެ. އާއެނކެވެ. ޒާތީ ކަންކަމެއް ނޫނެވެ. 

އަޅުގަނޑުމެން ގަބޫލުކުރަމާ ހިނގާށެވެ. އަދިވެސް ރާއްޖޭގައި ދެމިގެން މިދަނީ ސިޔާސީ ދެ ލެ އެވެ. ޑީއާރުޕީގެ ލެ އާއި އެމްޑީޕީގެ ލެ އެވެ. ދިވެހި ރައްޔިތުން ބެހިފައި އޮންނާނީ ވެސް އެ ދެ ލޭގެ މައްޗަށެވެ. އެއް ބަޔަކަށް ގަބޫލުކުރަން އުނދަގޫ ވިޔަސް މީގެ ތެރެއިން ޑީއާރުޕީގެ ސިޔާސީ ލޭގައި ދެމިގެންދާނީ ރައްޔިތުން އޮބިއަޅައިގެން ވެރިކަންކުރުމުގެ ގޮތްގަނޑެވެ. އެކަމަކު ފާހަގަކުރަން ޖެހޭ ތަންކޮޅަކީ އިދިކޮޅުގައި އޮންނަ އިރު ޑީއާރުޕީ/ޕީޕީއެމް/ޕީއެންސީއަށް ލިބުނު އެންމެ ބޮޑު ބާރަކީ ވެސް މިނިވަން ނޫސްވެރިކަމެވެ.

ޔާމީންގެ ހަރުގެ ޖަލްސާތަކުގައި މިނިވަން ނޫސްވެރިކަމުގެ މުހިންމުކަމުގެ ވާހަކަ ދޭތެރެ ދޭތެރެއިން އެމަނިކުފާނު ވެސް އެބަ ދައްކަވަ އެވެ. ތެދެކެވެ. އިދިކޮޅުގައި ހުންނަވާއިރު އެއީ އެންމެ ބޮޑު ބާރެވެ.

މިހާ ހިސާބުން އެމްޑީޕީ ސަރުކާރާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީގެ މީޑިއާތަކުން ފެތުރި ވާހަކަތަކުގެ މަތިން ކުޑަކޮށް ހަނދާންކޮށްލާށެވެ. މިހާރު އޮތް ބިލް ކަހަލަ ގާނޫނެއް އެދުވަހު އެމްޑީޕީން ހެދި ނަމަ އޭގެ ތެރެއިން އެއްވެސް މީޑިއާއެއް ހިންގާކަށް ފުރުސަތެއް ނުލިބުނީހެވެ. އެކަމަކު މީޑިއާއަކީ ބިރެއް ކަމަކަށް އެމްޑީޕީއަކުން ނުދެކެ އެވެ. އެމްޑީޕީން ދަސްކުރީ މިނިވަން މީޑިއާއާ އެކު ކުރިއަށް ދާށެވެ. ރައްޔިތުންނަށް ހައްގުތައް ހޯދައިދޭން ގުރުބާންވި ބަޔަކު ދެމިތިބޭނީ ވެސް އެގޮތަށް ކަމަށް ގަބޫލުކުރަމާ ހިނގާށެވެ.

ކޮމެންޓް (12)

profile-image-placeholder

ނޫސްވެރިއާޢަށް

17 ނޮވެމްބަރު 2024
ކީއްެވެގެންތަ އިރުއިރުކޮޅާ ނުލިއަނީ ވެންޓިލޭޓަރުތަކުގެވާހަކަ؟ ކީއްވެގެންތަ ނުލިއަނީ އަދީބުއާއި ޒިޔަތުގެ ވާހަކަ ، ގޭސްމާނުގެ ވާހަކަ. މީހަކު މީހަކާއިނަސް ތިޔަ ނޫސްވެރިން އެކަމުގެ ހަސަދަ އެބަފިލުވާލާ އެއީތޯ ތިޔަބުނާ މިނިވަންކަމަކީ.

ކޮމަންޓޭޓަރު

17 ނޮވެމްބަރު 2024
ނޫސްވެރިކަމުގެ ފެންވަރު ދަށް، ސިޔާސީ ވަކިފިކުރެއްގެ އެކްޓިވިސްޓެއްގެ ލިޔުމަކާ ބޮޑަށް ވައްތަރީ. ގައުމީ ފެންވަރުގެ އަގުވަޒަންކުރެވޭ ނޫސްވެރިޔަކު ލިޔާނެ ފެންވަރުގެ ލިޔުމެއް ނޫންމީކީ. އަދުގެ ސަރުކާރުގެ މިސްރާބު ރަނގަޅެއް ނޫން. އެކަމަކު މޫސަ ތިޔަ ވިދާޅުވާ އެމްޑީޕީގެ 5 އަހަރު ނިމިގެން އެ ދިޔައީ ރައްޔިތުންގެ ހައްގުތައް ފެލައި، ނޫސްވެރީން އަންބޮނޑިއަށް ޖަހައިގެން ތިބެ. އެކަމަކު ބޭފުޅާގެ ތިޔަ ޒާތީ ގަލަންކޮޅުން އޭރު ދެލި ތިއްކެއްވެސް ނުޖަހާ ފަދަ. ވަރަށް ވެދުން.

އަޙުމަދު

15 ނޮވެމްބަރު 2024
ވަރަށް ޗީޕް ލިއުމެއް

އަހްމަދު

15 ނޮވެމްބަރު 2024
ހަގީގަތުގައި ޑީއާރްޕީގައި ތިބި މީހުން މިހާތު ތިބީ އެމްޑީޕީގައި. ޝާހިދު، ތަސްމީން، ރޮޒައިނާ، ނާޝިޒުމެން ފަދަ އެތައް ބައެއް. ޕީއެންސީއަކީ ޑީއާރްޕީގެ މުސްކުޅި ވުރެން މާ ޒުވާން ފިކުރެއް. އެކަން އެނގިގެންދާނެ މިހާރު ޕީއެންސީގައި ތިއްބެވި ގިނަ ޒުވާން މަޖިލިސް މެންބަރުންކަމުން. އެމްޑީޕީގެ ވެރިކަމުގައި މަސްދަރު ހާމަކުރަން ގެނައި އިސްލާހުތައް ފަދަ މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަން އެތައް ކަމެއް ކުރިކަން މޫސާ ލަތީފް ހަނދާން ނެތަސް ދިވެހި ރައްޔިތުން ހަނދާން އެބަހުރި.

އަފުން

14 ނޮވެމްބަރު 2024
ދިވެހި މުޖުތަމަޢުގެ ލަދުހަޔާތް ކަނޑުވާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސްވެރިންގެ ނަމުގައި ދޮގު ވިއްކާގެން އުޅޭ މީހުންނެވެ. ނޫސްވެރިކަމުގެ ސިއްކަ ޖަހައިގެން މިއުޅޭ މީހުނަށް ހީވަނީ އެމީހުންނަކީ މަރުވެސް ނުވާނެ ބައެއް ކަމަށް. ބިރުވެތިވެބަލަ.

ޏަމްޏަން

15 ނޮވެމްބަރު 2024
@އަފުން 2018 - 2023 އަށް މި މަންޒަރު ވަނީ ހައްދުން ނެއްޓިފަ، އަޒާން ކިޔާ ކުއްޖަކު ނެރެގެން އުޅުނުގޮތް އަދި ހަދާނެތް ނުނެތޭނެ

ގޮހޮޑާ

14 ނޮވެމްބަރު 2024
މިއީ ވަރަށް ފެންވަރު ދަށްލިޔުމެއް. މިގޮތަށް ވަކި ޕާޓީއެއްގެ ނުވަތަ ވަކި ބައެއްގެ ލޭގައި ހުންނާނީ ވަކި ފިކުރެއްކަމަށް ނިންމައި ޖެނެރަލައިޒް ކުރުމަކީ ދެރަކަމެއް. ވަކިއަތަކަށް ނުޖެހި ހަގީގަތް ހާމަކޮށްގެން ލިޔާ ނޫސްވެރިން މި ޤައުމުގައި މިހާރު ވަރަށް މަދުވެއްޖެ. އެއްވެސް ޙަގީގަތެއްނެތް ޒިންމާދާރުކަމެއް ނެތް ނޫސްވެރިކަމުގެ ސަބަބުން ޤައުމުގެ ހަމަޖެހުންގެއްލި އިޖުތިމާޢީ ފޭރާން ހަލާކުވެއްޖެ. މީގައި ވަކިބައެއް އިސްތިސްނާ ކުރާނެކަމެއް ނެތް. ސަރުކާރުންވެސް އަދި އިދިކޮޅު ފަރާތްތަކުންވެސް އިންތިހާއަށް ދޮގު ހަދަމުންދަނީ. އަދި ބައެއް ނޫސްވެރިންވެސް މި ތިބެނީ އެކްޓިވިސްޓުންނަށް ވެ ނިމިފަ

އެދުރު

14 ނޮވެމްބަރު 2024
މިއީ މޫސާ ލަތީލް ގެ ފަރާތުން ފެންނާނެކަމަށް އުއްމީދުވެސް ނުކުރާވަރުގެ ޑީގްރޭޑް ލިޔުމެއް . ނޫސްވެރިކަމޭ ކިޔާފައި މިހާރު ހައްދެއް ނެތްވަރަށް ދޮގު ފަތުރަމުން ގޮސް މުޅި ގައުމުގެ އިޖްތިމާއީ ފޭރާން އޮތް ހިސާބު އެންމެ ރަގަޅަށް އެގޭނީ ހަމަ މޫސަމެންނަށް . ޅިޔަނީ ކާކުކަން ނޭގޭގޮތަށް ކޮންމެ ފަދަ މައުލޫމާތެއް ފެތުރިޔަސް ގައުމަށްދޭ ގެއްލުމުގެ ޒިންމާ ނަގާނެ. މީހެއްނެތް . އާހިރުގައި ޤައުމުގެ ފަސާދަވީމަ ޒިންމާ ނަގަން ޖެހޭނި އޭރަކު ހުންނަ ވެރިއެއް . ހިޔާލު ފާޅުކުރުމުގެވެސް ހައްދެއް އޮންނަން ޖެހޭނެ

ކިނބޫ

14 ނޮވެމްބަރު 2024
ޙަމަ ގެ ވާހަކަ އެއް. ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު އަޒާންމެން ދިޔަރެސް ނޫހުގަ ބުހުތާން ދޮގު ހަބަރު Liye ފިތުނަ އުފެއްދިއިރުވެސް އިބޫ އަޅާވެސް ނުލާ

ރިފޯމިސްޓް

14 ނޮވެމްބަރު 2024
އަބަދުވެސް ހިތަށް އަރާ ވާހަކައެއް، ނޫސްވެރިޔާ މޫސާ ލަޠީފްގެ ފަސާޙަތްތެރި ބަސްތަކުން ވިރުވާ އަޅުއްވާފައިތިޔަވަނީ ވަރަށްވެސް ފުރިހަމައަށެވެ. ހަމަ ހައްޤުތެދެވެ. ކޮންމެ ނަމެއް ކިޔަސް އެއީ ހަމަ ޑީއާރްޕީގެ ލެޔެވެ.

ތެފައާސާ.

14 ނޮވެމްބަރު 2024
އެ އެއްޗަކުން ނިކުންނާނީ އެ އެއްޗެއްގެ އެތެރޭގައި ހުރި އެއްޗެކޭ މުސްކުޅިން ބުނެއުޅެއެއްނު؟؟

ަތަޅާ އާދަނު

14 ނޮވެމްބަރު 2024
ކަލޭމެން ނޫސްވެރިން އެއީ މަތިން ފައިބައިގެން އުޅޭ ބައެއްތަ؟ ޑިމޮކްރަސީގަ އޮންނަނީ ހަމައެކަނި ކަލޭމެންގެ ހައްގުތައްތަ؟ މި ސަރުކާރުވެސް ޔާމީންވެސް ރަނގަޅެކޭ ނޫން. އިދިކޮޅުގަ އޮންނަ އިރު ރަނގަޅު ނޫން ކަންތައް ވެރިކަމަށް އައިމަ އޯކޭ. އެމްޑިޕީއެއް ޕީއެންސީއެއް އެހެން ބައެއް ކިޔާނެ ކަމެއް ނެތް. ކަލޭ ރިޕޯޓް ލިޔާ ގޮތުން ހީވޭ ނޫސްވެރިންނަކީ މާ މަތީ ބައެކޭ. ޗޮއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް