ރައްޔިތުންގެ މަޖިލީހުގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ޖަލްސާއެއްގައި އެމަނިކުފާނުގެ ވަޒީރުން މަޖިލީހުގައި އިށީނދެވަޑައިގެން. (ފޮޓޯ/މަޖިލިސް)

ހީލަތްތެރި ރޭވުންތައް ދޫކޮށް، ދައްކަންވީ ހުދުމުހާރު ނުވެވޭނެ ގޮތެއް

ސިޔާސީ ވަކި އެއް ޖަމާއަތަކަށް މަޖިލީހުގެ ކޮންޓްރޯލް ލިބުމުން މަޖިލީހުގެ ހަގީގީ ދައުރު އަދާކުރާ ތަނެއް ނުފެނޭ؛ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވުރެ މަޖިލީހަށް ހަރުދަނާ މީހުން އިންތިހާބުވާނެ ގޮތެއް ރައްޔިތުންނަށް ދެއްކުން މާ މުހިންމު

މިދިޔަ ތިން ފަހަރު ވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނީ ވެރިކަންކުރާ ޕާޓީއަށެވެ. ފަހަރަކަށް ވުރެ ފަހަރެއް ބޮޑު މެޖޯރިޓީއެއް ސަރުކާރަށެވެ. މި މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮތީ ސަރުކާރަށެވެ. އެގޮތުން، 93 މެންބަރުންގެ ތެރެއިން ވެރިކަންކުރާ ޕީއެންސީގެ 75 މެންބަރުން ތިއްބަވަ އެވެ.

އެންމެ ފުރަތަމަ ނިންމުންތަކުގައި ވެސް ފެނުނީ ސަރުކާރުގެ ނުފޫޒެވެ. ރައީސް މުހައްމަދު މުއިއްޒުގެ މުށުތެރެއަށް މަޖިލިސް ގެންނެވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަޖިލީހުގެ ނައިބު ރައީސް، މެޖޯރިޓީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕް ނިންމެވީ ސީދާ އެ މަނިކުފާނެވެ. ދިވެހީންގެ އިންތިހާބީ މަޖިލިސް މެންބަރުން ކުރެއްވިހާ ވެސް ކަމަކީ ރައީސް އެންގެވި ގޮތަށް، އެ ގްރޫޕުގެ ބައްދަލުވުމެއްގައި އަތް އުފުއްލެވުމެވެ. ވާދަވެރިކަމެއް، މީހުންގެ ހިޔާލު ހޯދުމެއް، މެންބަރުންނަށް ފުރުސަތު ދިނުމެއް، މިއިން އެއްވެސް ކަމެއް ހަގީގަތުގައި ނެތެވެ.

"އަޅުގަނޑު ވަރަށް އުފާވި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަޅުގަނޑުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީތީ. އެއީ ދައުލަތުގެ އެއް ބާރުގެ ވެރިއެއްގެ މަގާމަކަށް ވާތީއެއް ނޫން. ނަމަވެސް ރައީސް އަޅުގަނޑަށް މި ކަމުގައި އިތުބާރު ކުރެއްވީތީ އެ ކަމަށް،" އަބްދުއްރަހީމް އޭރު 'މިހާރު' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

މަޖިލީހުގެ ވެރިން ރައީސް މުއިއްޒު ކަނޑައެޅުއްވުމަށް ދެއްކެވި ސަބަބަކީ ޕާޓީގެ އެއްބައިވަންތަކަމެވެ. ގައުމީ މަސްލަހަތު އިސްކުރުމެވެ. ދީނާއި ގައުމަށްޓަކައި، ޕީއެންސީ ދެބައިވެދާނެތީ އެ މަނިކުފާނު އެ ނިންމެވުންތަކުގެ ތެރެއަށް ވެންނެވީ އެވެ. އޭގެ ފަހުގައި މަޖިލީހުގެ ކޮންމެ ނިންމުމެއްގެ ތެރެއަށް ރައީސް އެބަ ވަންނަވަ އެވެ.

ޕާޓީން ވަކިކޮށްގެން މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައީ އެންމެ ދުވަހެއްގެ ތެރޭގަ އެވެ. މިހާރު މަޖިލީހުގެ ކަމަކީ ސަރުކާރުން ފޮނުވާ ކޮންމެ ކަމެއް ފާސްކުރުމެވެ. ސްޓޭމްޕެއް ޖަހާލުމެވެ. އިޖުރާއަތްތައް ފުރިހަމަކޮށްލަނީ ހަމަ ނަމެއްގަ އެވެ. އެއިން ކޮންމެ ކަމެއް ކުރަނީ ވެސް، ޕާޓީގެ ބަދަހިކަމާއި ސަރުކާރުގެ ވަރުގަދަކަން ދެއްކުމުގެ އިތުރުން ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގެ ނަމުގަ އެވެ.

ރައީސް މުއިއްޒުގެ ބައްޕާފުޅު، ޝައިހް ހުސައިން އަބްދުއްރައްމާން ލިއުއްވި ފޮތުގައި ވެސް ހުދުމުހުތާރު ވެރިކަން ކުރާ ގޮތުގެ ވައްޓަފާޅި ސިފަކުރައްވާފައިވަނީ މިފަދަ ގޮތަކަށެވެ. ހުދުމުހުތާރު ވެރިއަކު، މަޖިލީހުން ސަރުކާރަށް ފާރަވެރިވުމުގެ ޑިމޮކްރެޓިކް އުސޫލަކަށް ތަބައެއް ނުވާނެ ކަމަށެވެ. އެހެންވީމާ، މެޖޯރިޓީ އޮތިއްޔާ އަމުދުން މަޖިލިސް ކޮންޓްރޯލް ކުރާނެ ކަމެވެ.

"ހުދުމުހުތާރު ވެރިއަކު ޕާލަމެންޓުން ވެރިކަމުގެ ފަރާތުގެ ކަންކަމުގެ މައްޗަށް މުރާގަބާކޮށް ހޯދައި ބެލުމުގެ އުސޫލަށް އަމަލީ ގޮތަކުން ތަބައެއް ނުވާނެ. އެ ކަން ކުރިއަކު ނުދޭނެ. މުޖުތަމައުގެ މަސްލަހަތުގެ ނަމުގައި ފަރުދުންގެ މަސްލަހަތުތައް ގުރްބާން ކޮށްލާނެ،" ޝައިހް އަބްދުއްރަހްމާންގެ ފޮތުގައި ލިއުއްވާފައިވެ އެވެ.

މަޖިލިސް ޗުއްޓީގައި އޮތް ދަނޑިވަޅު ސަރުކާރުން އެދިގެން ދައުރުން ބޭރުގައި އަނެއްކާވެސް މަސައްކަތްކުރަމުން ދަނީ ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމުގެ މަސައްކަތެވެ. މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުޑަކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ބަދަލުކުރަން ވެގެނެވެ.

އިންތިހާބުތައް ބާއްވާނެ ވަގުތާއި މަޖިލީހުގެ އޮނިގަނޑު ހިމެނޭ ގޮތަށް ބަދަލުތަކެއް ގެންނަން އެބަ ޖެހެ އެވެ. ނަމަވެސް ހަމައެކަނި ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ނިންމައިގެން މަޖިލީހަކީ ބޭނުންތެރި ތަނަކަށް ބަދަލުވެގެން ދާނެ ހެއްޔެވެ؟ ދައުލަތުން ކުރާ ކަންކަމަށް ފާރަވެރިވުމުގެ ޒިންމާ ދެން ނަގާނެ ހެއްޔެވެ؟

ޕީއެންސީގެ މާހެފުމުގައި ޗެއާޕާސަން އަބްދުއްރަހީމް އާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ފަލާހު ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/ޕީއެންސީ)

ހުދުމުހުތާރުކަން އިތުރުވެދާނެ ކަމުގެ ބިރެއް

މިހާރު މަޖިލިސް އިންތިހާބު ބާއްވަނީ ރިޔާސީ އިންތިހާބު ބާއްވާތާ ހަތް މަހެއްހާ ދުވަސް ފަހުންނެވެ. ސަރުކާރު އެކުލަވާލާތާ ފަސް މަސްދުވަސް ވެސް ނުވަނީހެވެ. ރައްޔިތުން އެ ވަގުތަށް އިންތިހާބުކުރި ސަރުކާރުގެ ޕާފޮމެންސް ރަނގަޅަށް ނުފެންނަނީހެވެ.

މިދިޔަ 15 އަހަރު އެއް ވައްޓަފާޅިއަކަށް މަޖިލީހުގެ މެޖޯރިޓީ ބައްޓަންވާން ޖެހުނު އެއް ސަބަބަކީ، ސިޔާސީ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި، ސަރުކާރަށް މާ ގިނަ ދުވަސް ނުވަނީސް މަޖިލިސް އިންތިހާބު ބޭއްވުމެވެ.

ކޮންމެ ފަހަރަކު ވެސް މި ވީ ގޮތަކީ ރިޔާސީ އިންތިހާބުގައި ސަރުކާރު ބަދަލުވުމެވެ. އޭރު އޮންނަ ސަރުކާރަކަށް ނޫނެކޭ ބުނުމެވެ. އަދި މަޖިލިސް އިންތިހާބުގައި ވެސް އޭރު ސުޕަ މެޖޯރިޓީ އޮތް ޕާޓީއަށް ނޫނެކޭ ބުނުމާއި އިންތިހާބުކުރި ސަރުކާރަށް އާނއެކޭ ބުނުމެވެ.

އެހެންވެއްޖެ ނަމަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ނަމަ ސަރުކާރާއި މުޅި މަޖިލިސް އެއް ބަޔަކަށް ލިބުމުގެ ފުރުސަތު މާ ބޮޑުވެދާނެ އެވެ.

އެމްޑީޕީގެ މެނިފެސްޓޯތައް އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ތޮބީއީ ގޮތަކީ ވެސް ރިޔާސީ އިންތިހާބަށް ރައްޔިތުންނަށް ދެވޭ އިސްކަން ބޮޑުވުމެވެ. ދެ އިންތިހާބު އެކުވާ ނަމަ، މަޖިލިސް އިންތިހާބުގެ ފޯކަސް ވެސް ވަރަށް ބޮޑަށް އޮންނާނީ ރިޔާސީ އިންތިހާބާ ގުޅުވިފަ އެވެ.

"މަޖިލީހަށް ފޯކަސް ނުވެސް ދެވިދާނެ. ނޫނީ އެއަށް ދެވޭ ސަމާލުކަން ކުޑަވާނެ. ރިޔާސީ އިންތިހާބު އޮތިއްޔާ ރައްޔިތުންގެ ވިސްނުމާއި ފިކުރު ގޮސް ގުޅޭނީ ސަރުކާރެއް އެކުލަވާލުމަށް،" މި މައްސަލަ އަމްރު ދެކެވަޑައިގަންނަވާ ގޮތް ތަފްސީލްކޮށްދެއްވަމުން ވިދާޅުވި އެވެ.

ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މާ ބޮޑު މެޖޯރިޓީއެއް ލިބުމުގެ ފުރުސަތު މީގެ ސަބަބުން މާ ބޮޑުވާނެ އެވެ. އަމްރުގެ އަނެއް ކަންބޮޑުވުމަކީ، މީގެ ސަބަބުން މެޖޯރިޓީ ލިބޭނީ ރައްޔިތުން ޓެސްޓް ނުކުރާ ސަރުކާރަކަށެވެ. ގާބިލްކަން ނެތް ބަޔަކަށް ހުރިހާ ބާރެއް ދެވުނީ އެވެ.

"އެއްވެސް ސަރުކާރެއް އައިސްގެން ނުވާނެ އެ މީހުންގެ އަމިއްލަ މަޖިލީހެއް އޮވެގެން. ހަމައެކަނި ސަރުކާރުގެ މެންބަރުންގެ މަޖިލިހެއް ވެސް އަތުވެދާނެ. އެއީ ރައްޔިތުން ޓެސްޓްނުކުރާ ސަރުކާރަކަށް ވާތީވެ،" އަމްރު ވިދާޅުވި އެވެ.

ހުސައިން އަމްރު ނޫސްވެރިންނަށް ދެއްވި ޕްރެސް ބްރީފިންއެއްގައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ހެޔޮ ނިޔަތެއް އޮވެގެން އިންތިހާބު އޮންނަ ތާރީހު ބަދަލުުކުރާނަމަ ކުރާނެ ކަމަކީ މަޖިލިސް އިންތިހާބު އޮންނަ ތާރީހު އިތުރަށް ފަސްކޮށްލުމެވެ. ސަރުކާރުގެ ރިޔާސީ ދައުރުގެ މެދު ތެރެއިން މަޖިލިސް އިންތިހާބު ބޭއްވުމެވެ.

"ސަރުކާރަށް ދެ އަހަރާއި ބައިވުމުން މަޖިލިސް އިންތިހާބު ބާއްވަންވީ. މިއީ މި ސަރުކާރުގައި މަޖިލިސް އިންތިހާބު ބާއްވަންވީ ވަގުތަކީ. އޭރަށް ރައްޔިތުންނަށް ވެސް އެނގޭނެ ސަރުކާރަށް މެޖޯރިޓީ ދިނީމަތޯ ރަނގަޅީ ނޫނީ ދޭން ނުޖެހޭ ކަން ވެސް،" އަމްރު ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ދެކެވަޑައިގަންނަވަނީ ރިޔާސީ ދައުރުގެ މެދުތެރެއިން މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. ނުވަތަ ރިޔާސީ އިންތިހާބާއެކު އެއް ބައި އަދި އަނެއް ބައި ރިޔާސީ ދައުރުގެ މެދުތެރެއިން ބޭއްވުމަށެވެ.

ކުރީގެ ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދު ވެސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިޔާސީ ވެށި އޮތް ގޮތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުން ރަނގަޅެއް ނޫނެވެ. މިހާރެކޭ އެއްފަދައިން ރައްޔިތުންނަށް ޖަވާބުދާރީނުވެ މަޖިލީހުގެ ސުޕަ މެޖޯރިޓީގައި ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ޖާގަ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެރިކަންކުރާ ޕާޓީން ސިޔާސީ ވެށީގައި އަތްގަދަކޮށް 'ރަން 30' [ކުރީގެ ރައީސް މައުމޫން 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ގޮތް] އިއާދަވާނެ. އިރުއިރުކޮޅާ ދައުލަތުގެ އަސާސީ ތަރުތީބު ވެރިމީހާގެ ވިސްނުމަށް އެކަނި ފުރޮޅާ ފަހިކުރުމަކީ މި ރާއްޖޭގެ ޖުމްހޫރީ ސިފަ ގެއްލޭނެ ކަމެއް،" ސަވާދު ވިދާޅުވި އެވެ.

އެހެން ބައެއް ގައުމުތަކުން ވެސް މި ފިލާވަޅު ލިބެ އެވެ.

ރިޔާސީ ނިޒާމު އެންމެ ފުރިހަމައަށް އެކުލާވާލާފައި އޮންނަ އެމެރިކާގައި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ދައުރެއް އޮންނަނީ ދެ އަހަރަށެވެ. ރިޔާސީ އިންތިހާބު އޮންނަ ދުވަހުގެ އިތުރުން ރިޔާސީ ދައުރުގެ މެދު ތެރެއިން ވެސް މަޖިލިސް އިންތިހާބު އޮވެ އެވެ. އޭގެ ވެސް އެންމެ ބޮޑު ބޭނުމަކީ ހިނގަމުންދާ ސަރުކާރުގެ ސިޔާސަތުތަކާއި ނަތީޖާއަށް ބަލާފައި، މަޖިލިސް އަލުން އެކުލަވާލުމުގެ ފުރުސަތެއް ރައްޔިތުންނަށް ދިނުމެވެ.

'ހިޔާލާއި ފިކުރު ކަފުނަށް' ފޯރަމްގައި ސަވާދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހަގީގީ އިސްލާހުތައް އަދިވެސް ނެތް

އެއް ސިޔާސީ ޕާޓީއަކަށް، ހާއްސަކޮށް ވެރިކަންކުރާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބެނީ ހަމައެކަނި ސަރުކާރުގެ އެހާ ކުރީކޮޅުގައި މަޖިލިސް އިންތިހާބު ބާއްވާތީއެއް ނޫނެވެ. އޭގެ ވަށައިގެން ވަރަށް ގިނަ ކަންކަން އެބަ ހުއްޓެވެ.

އެއް ކަމަކީ ވަރަށް ފަސޭހައިން މަޖިލީހުގެ ގޮނޑިއަކަށް އިންތިހާބު ވާން ވޯޓު 'ގަނެލެވޭތީ' އެވެ. 

ރާއްޖޭގެ މަޖިލިސް އެކުލެވިގެން މި ވަނީ ކޮންމެ 5،000 މީހަކު ތަމްސީލްކުރާނެ މެންބަރަކު އިންނަ ގޮތަށެވެ. އަދި އަތޮޅެއްގައި 5،000 މީހުން ހަމަނުވާނަމަ އެ އަތޮޅެއް ތަމްސީލްކުރާ ދެ މެންބަރަކު އިންނަ ގޮތަށެވެ.

މަޖިލީހުގެ ގޮނޑިއަކަށް ގިނަ ކެންޑިޑޭޓުން ކުރިމަތިލައިފި ހާލަތެއްގައި ވޯޓުލާ އާބާދީގެ %25 ވޯޓު ހޯދައިގެން ވެސް މަޖިލީހަށް އެބަ އިންތިހާބުވެ އެވެ. ގާތްގަނޑަކަށް 400 ވޯޓު، 500 ވޯޓު ހޯދައިގެނެވެ. އެހާ ކުޑަ އަދަދެއްގެ ވޯޓު 'ގަތުމަކީ' އުނދަގޫ ކަމެއް ނޫނެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް އޭރެއްގެ ސަރުކާރުން ވަޒީފާ ބެހުމާއި ބިން ބެހުމާއި ކުންފުނިތަކުން ޕްރޮޖެކްޓްތައް ދީގެން ފައިސާ ދިނުން ފަދަ އެތައް ކަމެއް ހިންގާކަން ވަރަށް ސާފެވެ.

އަމްރު ވިދާޅުވީ އެންމެ މުހިންމު ކަމަކީ ކޮންމެ މެންބަރަކު އިންތިހާބުކުރަން ވޯޓުލާ އާބާދީ ބޮޑުކުރުމެވެ. އޭގެ ހައްލަކަށް އޭނާއަށް ފެންނަނީ މުޅި އަތޮޅުން ވޯޓުލައިގެން ވަކި އަދަދަކަށް މެންބަރުން އިންތިހާބުކުރާ ގޮތަށް މަޖިލީހުގެ އޮނިގަނޑު ބަދަލު ކުރުމެވެ.

"މުޅި މާލޭން ވޯޓު ލައިގެން މާލޭގެ މެންބަރުން އިންތިހާބުކުރަންޏާ، އެހާ ގިނަ މީހުންގެ ވޯޓު ގަތުމަކީ އެކަކަށް ވެސް ކުރަން ފަސޭހަ ކަމެއް ނޫން. ރާއްޖޭގެ އާބާދީއާއި ހާލަތަށް ބަލާފައި މަޖިލީހުގެ އޮނިގަނޑު މި ގޮތަށް ބަދަލުކުރަން ފެނޭ،" އަމްރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ގުނުން (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒު ވެސް ވިދާޅުވެފައިވަނީ ކޮންމެ އަތޮޅަކުން މެންބަރުން އިންތިހާބުކުރާ ގޮތަށް މަޖިލީހުގެ އިންތިހާބީ އޮނިގަނޑު ބަދަލުކުރަން ތާއީދުކުރައްވާ ކަމަށެވެ.

"މިސާލަކަށް މާލެ ނަގާފައި އެންމެ ބޮޑު އާބާދީއެއް މި އޮންނަނީ އައްޑޫގައި. އައްޑޫން މިސާލަކަށް ހަތަރު މެންބަރުން އިންތިހާބުކުރާ ގޮތަށް، މުޅި އަތޮޅުން އެންމެ ގިނަ ވޯޓު ލިބޭ ހަތަރު މެންބަރުން އިންތިހާބުކުރާ ގޮތަށް ހެދިދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ހަމައެކަނި އިންތިހާބީ ދާއިރާ ބޮޑުކުރަމަކުން ނުފުދެ އެވެ. އަމްރު ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ ޕާޓީއަކުން ތްރީލައިން ވިޕް ނެރުމާއި އެ ވިޕާ ހިލާފުވެގެން ޕާޓީން ވަކިކުރުމުގެ އުސޫލު ވެސް ނިމުމަކަށް އަންނަން ޖެހެ އެވެ. އެންޓި-ޑިފެކްޝަންގެ އުސޫލެއް ވެސް އެކަށޭނަ ގޮތަކަށް ހިންގޭނީ ތްރީ-ލައިން ވިޕް ނެރުން ހުއްޓުވައިގެންނެވެ.

"ވިޕްލައިންތައް ނެރެގެން ހަގީގަތުގައި އިތުރަށް ސަރުކާރަށް މަޖިލިސް މެންބަރުން އަޅުވެތިވާ ތަން ފެނުނީ. ސަރުކާރަށް މަޖިލިސް ސުޕަ މެޖޯރިޓީ ލިބުމުން ކޮންމެ ފަހަރަކު ވެސް ފެނުނީ މި ވިޕްލައިންގެ ބޭނުން ސަރުކާރުތަކުން ވަރަށް ގޯސް ގޮތެއްގައި ހިފި ތަން،" އަމްރު ވިދާޅުވި އެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް މެންބަރުން (ފައިލް ފޮޓޯ/ ސަން)

ފަހަތުގައި ނުނިޔަތާއި ހީލަތް؟

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހަކަށް ބޭއްވުމަށް ބަދަލުކުރަން ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. ނަމަވެސް ސަރުކާރުން މަޖިލީހަށް ބިލު ފޮނުވީ އެ ވޯޓަށް ނުގޮހެވެ.

އޭގެ އިތުރުން ސަރުކާރުން ފޮނުވި ބިލުގައި ވެސް ރެފެރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓުގެ އެއްވެސް ވާހަކައެއް ނެތެވެ. އެކަމާ ފާޑުކިއުން އަމާޒުވުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު އިއްޔެ ވިދާޅުވެފައިވަނީ ސަރުކާރުގެ ވިސްނުމަކީ ކައުންސިލް އިންތިހާބާ އެކު، ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.

"މިފަދަ އިންތިހާބަކާ ދިމާނުކޮށް މިފަދަ އިސްލާހެއް ފޮނުވާ ނަމަ، އަނެއްކާވެސް 80 މިލިއަނެއްހާ ރުފިޔާ [ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް] ހަރަދު ވާނެ،" ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ބިލު މަޖިލީހަށް ހުށަހެޅުއްވި މެންބަރު ފަލާހު ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ވަޑައިގެންެވި ދުވަހެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު، އެމަނިކުފާނާ ސަލާމް ކުރައްވަނީ (ފައިލް ފޮޓީ

ފަލާހް އިއްޔެ ވިދާޅުވެފައި ވަނީ ވެސް މަޖިލީހުން ބިލު ފާސްކޮށް، ރައީސް ބިލު ތަސްދީގު ކުރެއްވި ނަމަވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެ އެވެ. ރައްޔިތުންނަށް އެ ގޮތަށް ނުފެންނަ ނަމަ އެ އިސްލާހު ބާތިލުވާނެ ކަމަށެވެ.

ރެފެރެންޑަމަކަށް ދާން، ސަރުކާރުގެ ނިންމާފައި އޮތީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުން އެކަންޏެއް ނޫނެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި، ޕްރެފެރެންޝަލް ވޯޓިން ތައާރަފްކުރުމަކީ ވެސް ސަރުކާރުން ފެންނަ ނުފެންނަ ވޯޓަކަށް ދާން ނިންމާފައިވާ ކަމެކެވެ. ނަމަވެސް އެއިން ތަފްސީލެއް ވެސް ބިލަކު ނެތެވެ.

އަދިވެސް އެ ބަލަނީ ނުފޫޒުން އިންތިހާބު ކާމިޔާބުކުރެވޭނެ ގޮތެއް ކަމަށް ބެލެވެ އެވެ. 

އެއީ އަބަދުވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މަޖިލިސް މެންބަރުންނަށް ސަރުކާރުން ދޫކުރާ 'ކެމްޕެއިން ފަންޑް' ހަރަދުނުކޮށް މަޖިލިސް އިންތިހާބަށް ރައްކާކުރާ ވާހަކަ އިވެ އެވެ. 

އެހެންކަމުން ބެލެވެނީ ސަރުކާރުން ޖަހާ ހިސާބަކީ މި ފިޔަވަޅުގެ ސަބަބުން މަޖިލިސް މެންބަރުން ވެސް އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކުރާނެ ކަމަށް ބަލައި، އިންތިހާބު ނެގިދާނެ ކަމަށެވެ.

އެހެންކަމުން ސަރުކާރުން ކުރަން އުޅޭ ކަންތައްތަކުގައި ރޭވުންތެރިކަމެއް ވެސް، ރަނގަޅު ނިޔަތެއް ވެސް ނުފެނެ އެވެ.

ސަވާދު ވެސް ވިދާޅުވި ގޮތުގައި، ހެޔޮ ނިޔަތުގައި އަދުލުވެރި ދައުލަތެއް ބިނާކުރަން ބޭނުންވާނަމަ ގާނޫނުއަސާސީގެ 'ތަންތަންކޮޅު އިރާ ތަތްކުރުމުގެ' ބަދަލުގައި މުޅި ދުސްތޫރު އެއްކޮށް މުރާޖައާކޮށް ގަނޑުކޮށް އިސްލާހުކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"ރާއްޖޭގެ މިހާރު އޮތް ދުސްތޫރީ މައްސަލަތަކަށް ހައްލު ހޯދަން ޖެހޭނީ އެންމެންގެ ބަސް ހިމެނިގެން އުފެދޭ އިލްމީ އަދި ފަންނީ ހައްލުތަކެއް. އަމާޒު ހިފަންވީ ސިޔާސީ ކޫސަނިކަމުން ނުކުމެ ޒަމާންތަކަށް ދެމިއޮންނާނެ މިނިވަން ދިވެހި ދައުލަތެއް އުފެއްދުމަށް ބޭނުންވާނެ އިސްލާހުތަކަށް،" ސަވާދު ވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

6 ޖެނުއަރީ 2026
މުއީޒު އެ ޖަހަނީ ނުބައި ހިސާބެއް! މަރިޔަނބު ގެއްލި ކަތިވަޅި ގެއްލި، ކޮށި ދަނޑުވެސް ގެއްލޭނެ!
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް