ސިނަމާލެ ފްލެޓް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސިނަމާލެ، މާލެހިޔާ ފްލެޓުތަކަށް 100،000ރ. ދިނުމަކީ ރިޝްވަތެއް ނޫން: ރައީސް

އެ އިމާރާތްތަކުގެ ބަދަލުގައި އާ އިމާރާތް އެޅެންދެން ވެސް އެ މީހުން އުޅެން ހުރި ތަނަކީ އެއީ ކަމަށާއި އެ ތަންތަން މަރާމާތު ކުރުމަށް ސަރުކާރުން އެހީ ދޭން ނިންމީ އެހެންވެ ކަމަށް ރައީސް ވިދާޅުވި

ސިނަމާލެ އާއި މާލެހިޔާ ފްލެޓުތައް ބާވެ، ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ޝަކުވާއާ އެކު، އެ ފްލެޓްތަކުގައި އުޅޭ މީހުންގެ ޖޫރިމަނާ އެއްކޮށް މާފުކޮށްދީ، އެ މީހުންނަށް 1 ލައްކަ ރުފިޔާގެ އިނާޔަތެއް ދޭން ނިންމުމަކީ ރިޝްވަތުކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ އިންތިހާބެއް ބޯމަތިވެފައިވަނިކޮށް، އެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް އިނާޔަތުގެ ގޮތުގައި ފައިސާ ދިނުމަކީ ރިޝްވަތު ކަމަށް ގަބޫލުކުރައްވަންތޯ ރައީސް އަރިހުުން ސުވާލުކޮށްފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބުނީ ކީކޭ؟ - "އެއްވެސް ވަރަކަށް ރިޝްވަތެއް ނޫން އެއީކީ،" ރައީސް ވިދާޅުވި އެވެެ.

އެ މަނިކުފާނު ވިދާޅުވީ އެ ފައިސާ ދިނުމަކީ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ކަމެއް ކަމަށާއި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ދުވަސްވަރު ވެސް އެ ވާހަކަ ދައްކަވާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ 1990ގެ އަހަރުތަކުގައި ސިނަމާލެ 1 ހުޅުވައި މީހުން އުޅެން ފެށި ފަހުން ސިނަމާލެ އަދި މާލެހިޔާގެ ފްލެޓުތައް މަރާމާތުކުރުމަށް ބޮޑު މަސައްކަތެއް ކޮށްފައިނެތް ކަމަށެވެ.

"މި ތަންތަން ހުރީ މީހުންގެ ބޯމައްޗަށް ވެއްޓޭ ހިސާބުގައި. އެހެންވީމާ އަޅުގަނޑު ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ވައުދުވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ ފައިސާ ދިނުމަށް ކެބިނެޓުން ނިންމީ މި އަހަރުގެ ޖެނުއަރީ މަހު ކަމަށާއި އެ މަސައްކަތް ތަންފީޒު ނުކުރެވި އޮތީ މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ.

ސޯޝަލް ހައުސިންގެ މި އިމާރާތްތައް މަރާމާތު ނުކޮށް އެތައް އަހަރެއް ވެފައިވާއިރު، އިމާރާތްތައް ހުރީ ޝީޓުތަައް ފަލައިގެން ގޮސް، މީހުންގެ ބޮލަށް ވެއްޓޭ ހާލަތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ބައެއް ފަރާތްތަކުން އަމިއްލަ ވެސް ކޮށްފައި ހުރި ތަންތަން އެއީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެ އިމާރާތްތަކުގެ ބަދަލުގައި އާ އިމާރާތް އެޅެންދެން ވެސް އެ މީހުން އުޅެން ހުރި ތަނަކީ އެއީ ކަމަށާއި އެތަންތަން މަރާމާތު ކުރުމަށް ސަރުކާރުން އެހީ ދޭން ނިންމީ އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ ސަރުކާރުގެ ޒިންމާއެއް. ރައްޔިތުން ބިކަހާލުގައި ޖައްސައިގެން އުޅުމަކީ ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގުޅުން ހުރި - ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާއެކު މިދިޔަ މަހުގެ 17 ގައި ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި އެ ރައްޔިތުންވަނީ އެ ފްލެޓްތަކުގެ ހާލަތާއި ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން ރައީސް ވަނީ، ރައީސް އޮފީހުން ބުނި ގޮތުގައި، ސިނަމާލެ 1، 2، 3 އަދި 4 އާއި މާލެހިޔާ 1 އަދި 2ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ނިންމަވާފަ އެވެ. އެގޮތުން:

  • މި ފްލެޓްތަކަށް ފައިސާ ދެއްކޭ ގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފުކޮށްދޭނެ 

  • ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެ ކަމަށް ހައްލެއް ހޯއްދައިނުދެވި ގިނަ ދުވަސްވެފައި ވާތީ، މި ފްލެޓްތަކުގެ މީހުންނަށް އިނާޔަތެއްގެ ގޮތުގައި 100،000ރ.ދިނުން

ސިނަމާލެ1 ފްލެޓު އިމާރާތް

މި އިނާޔަތް ދިނުމުގައި ބަލާނީ:

  • ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަން ޖެހޭ ޖުމުލަ އަދަދު 100،000ރ. އަށް ވުރެ ބޮޑުވާ ނަމަ، 100،000ރ އާ ހަމައަށް އުނިކުރާނެ

  • ފްލެޓަށް ދައްކަން ޖެހޭ ޖުމްލަ އަދަދު 100،000ރ. އަށް ވުރެ ކުޑަ ނަމަ، އެ މިންވަރެއް މާފުކޮށްދިނުމަށް ފަހު، މި އަދަދުން ބާކީވާ މިންވަރެއް ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރާނެ

  • ފްލެޓް މިލްކުކުރަން ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000ރ. އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދޭނެ

ކޮމެންޓް (1)

ސިކުނޑި

2 މާރިޗު 2026
ތިޔަ އުސޫލު މެނިފެސްޓޯގައި އޮތް ގޮތަކަށް ނޫންކަންނޭ ތަންފީޒު ކުރަނީ! ރައީސްއަށް އެއްވާހަކައެއް އެކިގޮތަށް މާގިނައިގިނައިން ދެއްކޭތީ އޮޅުން އެރީ! އެހެނަސް ރަނގަޅު ކަމެއްތީ ހެޔޮ ނިޔަތުގައި ކުރަންޏާ! މިހާރު އުސޫލު އޮތްގޮތުން ހަމަހަމަ! އެހެނަސް އިންސާފުވެރި ގޮތަކީ ޖޫރިމަނާ މާފުކޮށްދިނުން! ގަވައިދުން ކުލި ދައްކާފައި ހުރުމަކީ އިނާމެއް ދޭންޖެހޭ ކަމެއްނޫން! ހަގީގަތުގައި ކުލި ނުދެއްކިގެން އުޅޭނީ އެންމެ ހާލުގައި އުޅޭމީހުން!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް