ރައީސް މުއިއްޒު ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބޯހިޔާވަހިކަން

ސިނަމާލެ އާއި މާލެހިޔާ ފްލެޓުތައް މަރާމާތުކުރަން އެސެސްމެންޓެއް ހަދަނީ

ރައީސް މުއިއްޒު ވަނީ، ސިނަމާލެ އާއި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ އިއްޔެ މުލިއާގޭގައި ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ނިންމަވާފައި
17 ފެބްރުއަރީ 2026

މާލޭގައި އެންމެ ފުރަތަމަ ހެދި ފްލެޓް އިމާރާތްތައް ކަމަށްވާ ސިނަމާލެ އާއި މާލެހިޔާ ފްލެޓުތައް ބާވެ، ވީރާނާވާން ކައިރިވެފައިވާއިރު، އެ ތަންތަން މަރާމާތުކުރުމަށް އެސެސްމެންޓެއް ހަދަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ވަނީ، ގަލޮޅުގައި ހުންނަ ސިނަމާލެ އާއި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ އިއްޔެ މުލިއާގޭގައި ބައްދަލުކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ނިންމަވާފަ އެވެ.

ތަފްސީލް - "[ރައީސް] ސިނަމާލެ އަދި މާލެހިޔާގައި ދިރިއުޅޭ ފަރާތްތަކާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ ޢިމާރާތްތަކުގެ މެއިންޓެނެންސާ ގުޅޭ ގިނަ މައްސަލަތަކެއް އެ ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ،" އެ ބައްދަލުވުމަށް ފަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު އެކްސްގައި ވިދާޅުވި އެވެ.

"މި އިމާރާތްތަކަކީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ނަމަވެސް މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށްވާތީ، އެ ތަންތަން މަރާމާތުކުރުމަށްޓަކައި ހައުސިން މިނިސްޓްރީގެ ފަރާތުން އެ ޢިމާރާތްތަކުގެ އެސެސްމެންޓެއް ހެދުމަށް މިހާރު ވަނީ ނިންމާފަ އެވެ."

އެނގުން މުހިންމު - ރައީސް އޮފީހުން މިއަދު ބުނީ އިއްޔެގެ ބައްދަލުވުމުގައި، ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސަށް ހުށަހަޅާފަ އެވެ.

މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން ރައީސް ވަނީ، ރައީސް އޮފީހުން ބުނި ގޮތުގައި، ސިނަމާލެ 1، 2، 3 އަދި 4 އާއި މާލެހިޔާ 1 އަދި 2ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ނިންމަވާފަ އެވެ. އެގޮތުން:

  • މި ފްލެޓްތަކަށް ފައިސާ ދެއްކޭ ގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފުކޮށްދޭނެ 

  • ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެ ކަމަށް ހައްލެއް ހޯއްދައިނުދެވި ގިނަ ދުވަސްވެފައި ވާތީ، މި ފްލެޓްތަކުގެ މީހުންނަށް އިނާޔަތެއްގެ ގޮތުގައި 1 ލައްކަ ރުފިޔާ ދިނުން

މި އިނާޔަތް ދިނުމުގައި ބަލާނީ:

  • ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަން ޖެހޭ ޖުމުލަ އަދަދު 1 ލައްކަ ރުފިޔާއަށް ވުރެ ބޮޑުވާ ނަމަ، 1 ލައްކަ ރުފިޔާއާ ހަމައަށް އުނިކުރާނެ

  • ފްލެޓަށް ދައްކަން ޖެހޭ ޖުމްލަ އަދަދު 1 ލައްކަ ރުފިޔާއަށް ވުރެ ކުޑަ ނަމަ، އެ މިންވަރެއް މާފުކޮށްދިނުމަށް ފަހު، މި އަދަދުން ބާކީވާ މިންވަރެއް ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރާނެ

  • ފްލެޓް މިލްކުކުރަން ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 1 ލައްކަ ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދޭނެ

ފާހަގަކޮށްލެވޭ - ސިނަމާލެ އާއި މާލެހިޔާ ފްލެޓްތައް ތަޅާލައި އެތަނުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ހިންގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަޝްރޫއު ހިންގަން މާލޭ މޭޔަރު ކަމުގައި ހުންނެވިއިރު ފާސް ވެސް ކުރި އެވެ. އެ މަނިކުފާނުގެ އޭރުގެ ވިސްނެވުމަކީ މިހާރު އެތަނުން ފްލެޓް މިލްކުކޮށްފައިވާ މީހުންނަށް އާ މަޝްރޫއުން ހިލޭ ފްލެޓް ދީ، އިތުރު ބަޔަކަށް ވެސް ފްލެޓް ދިނުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް