ނަވީން ފުލުހުންގެ ހަފްލާއެއްގައި: 32 އަހަރުގެ ހިދުމަތަށް ފަހު، މިއަދު އޭނާ ވަނީ ރިޓަޔާ ކުރައްވާފައި. (ފޮޓޯ/ޕޮލިސް)

ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި

ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމަކީ ފަހުރެއް ކަމަށް އޭނާ ވިދާޅުވި

ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ޖޫން މަހު ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގެންނެވި ނަވީން ވަނީ މިދިޔަ އާދިއްތަ ދުވަހު ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމެވިކަން އިއުލާން ކުރައްވާފަ އެވެ.

ހިދުމަތުގައި ގާތްގަނޑަކަށް 32 އަހަރު ހޭދަކުރެއްވުމަށް ފަހު ނަވީން ރިޓަޔާ ކުރެއްވިކަން އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކުރައްފަ އެވެ.

ބުނީ ކީކޭ؟ - އެ ޕޯސްޓުގައި އޭނާ ވިދާޅުވީ:

  • ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަނީ މީގެ ގާތްގަނޑަކަށް 32 އަހަރު ކުރިން އެ ހިދުމަތާ އޭނާ ގުޅިވަޑައިގެންނެވި ގޮތަށް

  • އެއީ ފުލުހުންގެ ބެޖަށް އޮތް އިހުތިރާމާއި މުއައްސަސާއާށް އޮތް އިތުބާރާއި ގައުމު ދެކެވެވަޑައިގަންނަވާ ލޯބި އެ ގޮތުގައި އޮތުމުން

  • ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރެއްވުމަކީ "ލިބުނު ފަހުރެއް"

ގުޅުން ހުރި - ރީޓަޔާ ކުރައްވަން ނިންމެވި ދުވަހު ނަވީން 'ދައުރު'އަށް ވިދާޅުވީ، އެ ނިންމުމަކީ އޭނާގެ އަމިއްލަ ސަބަބަކަށްޓަކައި ނިންމެވި ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމަށް އިތުރު ދުވަސްތަކެއް މަޑުކުރުމަކުން ރިޓަޔާ ކުރުމަށް އެންމެ އެކަށީގެންވާ ވަގުތެއް ވަކި ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތު އެކަން [ރިޓަޔާ] ނުކުރާ ނަމަ އެންމެ ރަނގަޅު ވަގުތެއް ނެތް. ގައުމުގެ ސަލާމަތާއި ރައްކާތެރިކަން މިހާރު އޮތީ ވަރަށް އަމާން ހާލަތެއްގައި،" ޕެޓްރޯލް އޮފިސަރެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ނަވީން ވިދާޅުވި އެވެ.

ނަވީން މިދިޔަ އަހަރު ފުލުހުންގެ އިސްވެރިޔަކަށް ވަޑައިގެންނެވީ، މި ސަރުކާރުގައި އެ މަގާމަށް ފުރަތަމަ އައްޔަން ކުރެއްވި އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ - ނަވީން ހިމެނޭހެން ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑު ކުރުމަށް ރައީސް މުހައްމަދު މުއިއްޒުއަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ނޮވެމްބަރު މަހު ވަނީ ފާސްކޮށްފަ އެވެ. އެއީ ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލްކޯގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި އެ ބޭފުޅުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.

އެ ނިންމުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުން އޮތީ އަދި ގޮތެއް ނުނިންމަ އެވެ.

ކޮމެންޓް (2)

ނެތީމޭ ބުނާކަށް

18 ފެބްރުއަރީ 2026
މިހާރު ނަވީނަށް ވިސްނޭނެ ސީޕީ ޝުޖާޢުގެ ދައުރުގައި މަގާމުގެ ދަހިވެތި ކަމުގައި ކުރި ޖެއްސުން. ތާހިރުވެއްޖެ.
0 0

ނެތީމޭ ބުނާކަށް

18 ފެބްރުއަރީ 2026
މިހާރު ނަވީނަށް ވިސްނޭނެ ސީޕީ ޝުޖާއުގެ ދައުރުގައި މަގާމުގެ ދަހިވެތި ކަމުގައި ކުރި ޖެއްސުން…
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް