އިސްމާއިލް ނަވީން. (ދައުރު ފައިލް ފޮޓޯ)

ފުލުހުން

ޕޮލިސް ކޮމިޝަނަރު ނަވީން ރިޓަޔާ ކުރައްވަން ނިންމަވައިފި

ފުލުހުންގެ ހިދުމަތާ 1990ގެ އަހަރުތަކުގައި ގުޅިވަޑައިގެންނެވި ނަވީން އެ ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވާފައިވާކަން އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ވަނީ ކަށަވަރުވެފައި

ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމާ މިދިޔަ ޖޫން މަހު ހަވާލުވެވަޑައިގެންނެވި އިސްމާއިލް ނަވީން ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ސިފައިންނާއި ފުލުހުން އެއްކޮށްލާފައި އޮތް އިރު 1990ގެ އަހަރުތަކުގައި އެ ހިދުމަތާ ގުޅިވަޑައިގެންނެވި ނަވީން ރިޓަޔާ ކުރައްވަން ނިންމަވާފައިވާކަން އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ. އަދި އެކަން އޭނާ ވަނީ ގާތް ބައެއް ބޭފުޅުންނާ ވެސް ހިއްސާކުރައްވާފަ އެވެ.

ތަފްސީލު - ނަވީން ރިޓަޔާ ކުރައްވަން ނިންމެވިކަން 'ދައުރު'އަށް ކަށަވަރުވިޔަސް، ރިޓަޔާ ކުރައްވަން ހުށަހަޅުއްވާނީ ކޮން އިރަކު ކަމެއް އަދި ނޭނގެ އެވެ. އޭގެ އިތުރުން، ކޮމިޝަނަރުކަމާ ހަވާލުވިތާ އަހަރެއް ނުވަނީސް ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމެވީ ކީއްވެ ކަމެއް އަދި ކަށަވަރެއް ނޫނެވެ.

ނަވީންއަކީ މި ސަރުކާރުގައި ޕޮލިސް ކޮމިޝަނަރު ކަމަށް ވަޑައިގެންނެވި ދެ ވަނަ ބޭފުޅާ އެވެ. އޭގެ ކުރިން އެ މަގާމު އަދާ ކުރެއްވީ އަލީ ޝުޖާއު އެވެ. އަލީ ޝުޖާއު އެ މަގާމުން އިސްތިއުފާ ދެއްވައި ހިދުމަތުން ޝަރަފްވެރިކަމާ އެކު ރިޓަޔާ ކުރެއްވީ މިދިޔަ މެއި މަހު އެވެ.

ނަވީން:

  •  ހިދުމަތް ފެއްޓެވީ ސިފައިންގޭގައި

  • ފުލުުހުންނަކީ މިނިވަން އިދާރާއަކަށް ވީ ފަހުން މިދިޔަ 20 އަހަރު އޭނާ ވަނީ ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތައް ފުރުއްވާފައި

  • އޭގެ ތެރޭގައި ކޯޕަރޭޓް ސާވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާއި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ ވެރިޔާގެ މަގާމާއި ފޮރެންސިކް ސާވިސަސް ޑިރެކްޓަރޭޓް މަގާމު ހިމެނޭ

  • އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮތަމްބްރިޔާއިން ބެޗެލާ އޮފް ލޯ ހާސިލުކުރައްވާފައިވޭ

ކޮމެންޓް (1)

ހުސްނޫ ހަސަނު

15 ފެބްރުއަރީ 2026
ރިޓަޔަރ ކުރަނީކީ ނޫން.އެކަން އެމަގުން ކުރަން ބުނީ.
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް