ޕޮލިސް ކޮމިޝަނަރުކަމުން އިސްތިއުފާ ދެއްވި ޝުޖާއު ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުންމުން މިނިސްޓަރު އަލީ އިހުސާން ޝަރަފުގެ ހަދާނީ ފިލާ އަރުވަނީ (ފޮޓޯ/ފުލުހުން)
ކުރީގެ ސީޕީ ޝުޖާއު ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވައިފި
ގެއެއްގެ ނުވަ ވަނަ ބުރިން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ފުލުހުންނާ ދޭތެރޭ އާންމުންގެ ނުރުހުން ބޮޑުވެފައި އޮއްވައި މަގާމުން އިސްތިއުފާ ދެއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަލީ ޝުޖާއު ޝަރަފުވެރިކަމާ އެކު ފުލުހުންގެ ހިދުމަތުން އިއްޔެ ރިޓަޔާ ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހު 26ގައި ސީޕީ ކަމުން އިސްތިއުފާ ދެއްވި ޝުޖާއު، ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ އިސްކަންދަރު ކޮށީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރުވެރިކޮށްދެއްވީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.
ތަފްސީލު - ފުލުހުންގެ ވެބްސައިޓުގައި ރަސްމިއްޔާތާ ގުޅޭ ގޮތުން ރޭ ޝާއިއުކުރި ލިޔުމުގައި ބުނީ:
-
މި ރަސްމިއްޔާތުގައި، ޝުޖާއުއަށް ޝަރަފުގެ ހަނދާނީ ފިލާ އަދި ރިޓަޔާމަންޓް ކާޑު ދީފައިވޭ
-
ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ދޭ ފިލަައެއް؛ އޭގައި ހިމެނެނީ، ކޮމިޝަނަރަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި މެޑަލްތައް އަދި ކޮމިޝަނާ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑު
-
ރިޓަޔާމަންޓް ކާޑަކީ ވެސް ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވާ ކޮންމެ ފުލުހަކަށް ވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ދޭ ކާޑެއް؛ މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުންކުރެއްވޭނެ އައިޑެންޓިފިކޭޝަން ކާޑެއް
މި ރަސްމިއްޔާތުގައި ޝުޖާއު ދެއްކެވި ވާހަކައިގައި، ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެނގުން މުހިންމު - ޝުޖާއު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ 24 ޑިސެމްބަރު 2023ގަ އެވެ. އޭގެ އިތުރުން:
-
ފުލުހުންގެ ހިދުމަތުގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑު ރޭންކަށް ޝުޖާއު އިސްކުރީ 2008ގައި
-
އެއަށް ފަހު، ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރެއްވި
-
ފުލުހުންގެ ހިދުމަތުގެ ތެރޭގައި ލީޑާޝިޕް އަދި މެނޭޖްމަންޓް މަގާމުތައް ފުރުއްވާފައިވޭ
-
ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ޕްރޮފެޝަނަލް ފޯރަމްތަކުގައި ސަރުކާރާއި ފުލުހުންގެ ހިދުމަތް ތަމްސީލު ކުރައްވާފައިވޭ