މީގެ ކުރިން ބޭރަށް ކުރެއްވި ދަތުރުފުޅަށްފަހު ފަހު ރައީސް މުއިއްޒު މާލެ ވަޑައިގަތުމުގެ ތެރެއިން (ފައިލް ފޮޓޯ/ރައީސް އޮފީސް)
ޖަރުމަނު ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި
ރައީސް މުހައްމަދު މުއިއްޒު ޖަރުމަނުވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، އެ މަނިކުފާނު މިއަދު މާލެ ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓާ ޝްޓައިންމަޔާގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު އެވެ. ހަތަރު ދުވަހުގެ މި ދަތުރުފުޅުގެ ރަސްމީ ބައިތައް ނިމުނީ އިއްޔެ އެވެ.
ތަފްސީލު - މި ދަތުރުފުޅާ ގުޅޭ ގޮތުން ކުރި ކަންކަމުގެ އުސްއަލިތައް މިއަދު ރައީސް އޮފީހުން މިކަމާ ގުޅޭ ގޮތުން އާންމުކުރި ހަބަރުގައި ޝާއިއުކޮށްފައިވެ އެވެ. އެގޮތުން:
-
ދެ ރައީސުން ބޭއްވި ރަސްމީ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ބައިނަލްއަގުވާމީ މައިދާންތަކުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި ދެ ގައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި މަތީ ފަންތީގެ މަޝްވަރާތަކާއި ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް
-
ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖާފަތުގައި ރައީސް ބައިވެރިވެވަޑައިގެންނެވި
-
މޯލްޑިވްސް-ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް ބާއްވައި، ވިލާތުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއާޓުއާ ޑޮއިޝްލަންޑް ޖީއެމްބީއެޗް އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު، ރާއްޖޭގެ ފަތުވެރިކަން ޕްރޮމޯޓް ކުރުމަށް އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވޭ
-
އޭގެ އިތުރުން ރައީސް ބާލިންގެ ހުމްބޯލްޑްޓް ޔުނިވާސިޓީއަށް ޒިޔާރާތްކުރައްވައި މޫސުމީ ބަދަލުތަކަށް ވިލުންވެރިވުމުގައި ރާއްޖޭގެ ތަޖުރިބާތަކަށް ބައްލަވާލައްވައި ހާއްސަ ތަގުރީރެއް ކުރެއްވި
-
ހާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭ ގޮތުން، ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއާ އައުސްވެއަޓީގަ ޕޮލިޓީކް (ޑީޖީއޭޕީ)ގައި ވެސް ތަގުރީރެއް ކުރެއްވި
-
އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް އެ މަނިކުފާނު ބައްދަލު ކުރެއްވި