ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސްގައި ރައީސް މުހައްމަދު މުއިއްޒު ތަގުރީރުކުރައްވަނީ(ފޮޓޯ/ރައީސް އޮފީސް)

ރާއްޖޭގެ ތަސައްވަރަކީ އަސްކަރީ ބާރުތަކުން މިނިވަންވެފައިވާ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހިންގާ ކަނޑުގެ ސަރަހައްދެއް އޮތުން: ރައީސް

ރާއްޖޭގެ މުސްތަގުބަލާއި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ދެމިއޮތުން ބިނާވެފައިވަނީ ބައިނަލްއަގުވާމީ މުޖުތަމައުން ކަނޑުގެ ސަރަހައްދުތައް ބަލަހައްޓާ އުސޫލުތަކުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި

އިންޑިއާ ކަނޑަކީ އަސްކަރީ ބާރުތަކާއި އިންޒާރުތަކުން މިނިވަންވެފައިވާ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހިނގާ ތަނަކަށް ހެދުމަކީ ރާއްޖޭގެ ތަސައްވަރު ކަމަށާއި ކުރިމަތިލުމާއި ގަދަވެގަތުމަކީ ރާއްޖޭން ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، ޖަރުމަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއާ އައުސްވެއާޓީގަ ޕޮލިޓީކް (ޑީޖީއޭޕީ)އަށް ޒިޔާރާތްކުރައްވައި ދެއްވި ތަގުރީރުގަ އެވެ.

ތަފްސީލް - މި ތަގުރީރުގައި ކަނޑުތައް ބެލެހެއްޓުމާ ބެހޭ ގޮތުން ރާއްޖެއިން ގެންގުޅޭ ވިސްނުން ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ތާރީހުގައި ހާރިޖީ ސިޔާސަތުކާއި ބާރުވެރިކަން ބިނާވެފައި އޮތީ ބިމުގެ ބޮޑުމިނާއި ސަރަހައްދީ އިންތަކުގެ މައްޗަށް ނަމަވެސް، 21 ވަނަ ގަރުނުގެ އިސްތިރާޖީ ހަގީގަތް މިހާރު އޮތީ އެހެން ނޫން ކަމަށެވެ. ދުނިޔޭގެ ސަތަހައިގެ %70އަށް ވުރެ ބޮޑު ބަޔަކީ ކަނޑު ކަމަށާއި ދުނިޔޭގެ ވިޔަފާރީގެ %90އަށް ވުރެ ގިނަ މުދާ އުފުލަނީ ކަނޑުމަގުން ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުން ހާރިޖީ ވިސްނުންތަކުގައި ކަނޑުގެ ދައުރަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ވިސްނުން އެއާ މުޅިން ތަފާތު ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:

  • ރާއްޖެއަކީ ހިކިފަސް ސަރަހައްދުތަކަށް ވުރެ ބޮޑަށް ކަނޑުގެ ސަރަހައްދު ބޮޑު ތަނަކަށްވާއިރު، ރާއްޖޭގެ ތާރީހާއި އިގްތިސާދާއި ސަގާފަތް އަދި ރައްކާތެރިކަން ކަނޑާ ވަކިނުކުރެވޭނެ 

  • ރާއްޖޭގެ މުސްތަގުބަލާއި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ދެމިއޮތުން ބިނާވެފައިވަނީ ވެސް، ބައިނަލްއަގުވާމީ މުޖުތަމައުން ކަނޑުގެ ސަރަހައްދުތައް ބަލަހައްޓާ އުސޫލުތަކުގެ މައްޗަށް 

  • އެހެންކަމުން، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންވަމުންދަނީ ކަނޑުތައް ބަލަހައްޓާ އުސޫލުތަކުގެ މައްޗަށް؛އެއީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސް

"އަޅުގަނޑުމެންގެ ތަސައްވުރު ވަރަށް ސާފު. އެއީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހިނގާ، އިންޒާރުތަކާއި މަޖުބޫރުކުރުންތަކުން މިނިވަންވެފައިވާ، ހަތިޔާރާއި އަސްކަރީ ބާރުތައް ގަދަވެގަތުމުން އެއްކިބާވެފައިވާ، ހުޅުވާލެވިފައިވާ އަދި އެންމެންގެ ބައިވެރިވުން ހިމެނޭ އިންޑިއާ ކަނޑެއް އޮތުން. މި ތަސައްވަރު ބިނާވެގެންވަނީ ދައުލަތްތަކުގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމްކުރުމުގެ މައްޗަށް" ރައީސް ވިދާޅުވި އެވެ.

ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސްގައި ރައީސް މުހައްމަދު މުއިއްޒު (ފޮޓޯ/ރައީސް އޮފީސް)

ދިވެހިންގެ ތަޖުރިބާއަށް ބަލާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ހަމައެކަނި އަމިއްލަ ފައިދާއަށް އިސްކަންދޭ ވާދަވެރިކަމެއްގެ ތެރެއިން ނޫން ކަަމަށް ރައީސް ވިދާޅުވި އެވެ. އެކަން ހާސިލްކުރެވޭނީ ދެފުށް ފެންނަ ސިޔާސަތުތަކާއި އިތުބާރު އުފެއްދުމާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

ރައީސް އިތުރަށް ވިދާޅުވި ގޮތުން:

  • ރާއްޖެއަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމަކީ ބައިނަލްއަގުވާމީ ގާނޫނުތައް

  •  އެ ގާނޫނުތަކުން، ގައުމެއްގެ ބާރާއި ކުޑަބޮޑުމިނަށް ބެލުމެއްނެތި ސިޔާދަތީ މިނިވަންކަން ކަށަވަރުކޮށްދޭ 

  • އެ ގާނޫނުތަކުން ދެބަސްވުންތައް ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް މަގުފަހިކޮށްދީ، ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި، އުސޫލުތަކުގެ މައްޗަށް ކަންކަން ނިންމުމުގެ ބާރު އިސްކުރޭ

  • ބައިނަލްއަގުވާމީ ގާނޫނުތައް އަމިއްލަ ފައިދާއަށް ބޭނުންކުރުން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކަނޑުގެ ސަރަހައްދުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތައް ދިފާއުކުރުމަކީ އިހުތިޔާރީ ކަމެއް ނޫން؛ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް

  • ކަނޑުގެ ސަރަހައްދުގައި ގާނޫނީ ނިޒާމު ބަލިކަށިވެއްޖެ ނަމަ، އޭގެ ނޭދެވޭ އަސަރު ބައިނަލްއަގުވާމީ ނިޒާމަށް ކުރާނެ

"ކުދި ގައުމުތަކަކީ ބައެއްގެ މައްޗަށް ގަދަވެގަންނަން ބޭނުންވާ ބައެއް ނޫން. ކުދި ގައުމުތަކުން އެދެނީ ހަމަހަމަކަމަށް. އަޅުގަނޑުމެން [ކުދިގައުމުތަކުން] ކުރިމަތިލުންތަކަކަށް ނޭދޭ. އެދެނީ ހަމަޖެހުމާއި އެއްބާރުލުމަށް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ތަގުރީރު ނިންމަވާލެއްވީ ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ހާރިޖީ ސިޔާސަތަކީ ރާއްޖެއަށް ވުޖޫދީ، އަދި ބައިނަލްއަގުވާމީ މުޖުތަމައަށް އަސާސީ ކަމެއްކަން ފާހަގަކުރައްވަމުންނެވެ. އަދި ދުނިޔޭގެ ކަނޑުތަކަކީ އެއްބާރުލުންދިނުމަށާއި ވިލުންތެރިކަމަށާއި މަސްއޫލިއްޔަތު ހިއްސާކުރުމަށް ޖާގަ އޮންނަ ތަނެއްކަން ކަށަވަރުކުރުމަށް ޖަރުމަނާއި އެ ނޫން ވެސް މި ވިސްނުން ހިއްސާކުރާ ބައިވެރިންނާ އެކު މަސައްކަތްކުރަން ރާއްޖެ ތައްޔާރަށް އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

12 ފެބްރުއަރީ 2026
ރިޔާސީ ބަޔާނުގައި ދެއްކިވާހަކައާއި މިހާރު މިކިޔާ އެއްޗެއް ދިމަލެއްނުވޭ! އެހެން ނޫނަސް އިންޑިއާ ކަނޑުގެ ސިޔާސަތުތައް ކަނޑައަޅަން ރާއްޖެއިން ތަސައްވުރެއް އެކުލަވާލުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ޖޯކެއް!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް