ބާލިންގައި މިއަދު އޮތް މޯލްޑިވްސް - ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އިގްތިސާދު

އީޖާބީ ކުރިއެރުންތަކާ އެކު ރާއްޖެއާ މެދު އިންވެސްޓަރުން އިތުބާރު އިތުރުވެއްޖެ: ރައީސް

މިއަދު ބާލިންގައި ކުރިއަށްގެންދިޔަ މޯލްޑިވްސް - ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި، ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުސަތުތަކުގެ މައުލޫމާތު ވަނީ ދީފައި

ރާއްޖެއަށް އަންނަމުންދާ އީޖާބީ ކުރިއެރުންތަކާ އެކު، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިތުރުވެފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެތް؟ - ރައީސް މިހެން ވިދާޅުވީ، ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބާލިންގައި ކުރިއަށްގެންދިޔަ މޯލްޑިވްސް - ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ތަފްސީލް - މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ވިޔަފާރީގެ މައިދާން ބައްޓަންކޮށް، ދެމެހެއްޓެނިވި އަގުތައް އުފެއްދުމަށް އެހީތެރިވެދިން ޖަރުމަނުވިލާތުގެ ވިޔަފާރި ލީޑަރުންނާ ބައްދަލުކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމަށެވެ.

ރާއްޖެއިން 2040 ވަނަ އަހަރަށް ކުރާ ތަސައްވުރަށް އަލިއަޅުއްވާލައްވައި މި ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދެއްކެވި އެވެ. އެގޮތުން ވިދާޅުވީ:

  • އެ ތަސައްވުރަކީ ދިވެހި އިގްތިސާދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީކުރުމަށާއި ގައުމީ ތަރައްގީއަކީ ތިމާވެށި ހިމާޔަތްކޮށްދީ، ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް ކުރިއެރުން ގެނުވާ ކަމެއް ކަމުގައި ކަށަވަރުކޮށްދިނުން 

  • ބޭރު ފައިސާ މާރުކުރުމަށް ހުރި މަގުތައް އިތުރަށް ފަހިކުރުމާއި އާންމު ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް 

  • ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާކަން ފާހަގަކުރެއްވި

  • ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މާލީ އަހުލާގު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށް ވިދާޅުވި

"މިފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން، ދިވެހިރާއްޖެއާ މެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު އިތުރުވެ، ގޫގްލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި އިންވެސްޓުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި،" މި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

ރާއްޖޭގެ މާލީ ދާއިރާގައި ހުރި އިންވެސްޓްކުރުމުގެ ފުރުސަތުތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ އަމާޒަކީ ދިގުމުއްދަތުގެ ބައިވެރިވުންތަކަށް ޖާގަދޭ ފަދަ، ދެފުށްފެންނަ، ނަތީޖާ އަންދާޒާކުރަން ފަސޭހަ އަދި ގަވާއިދުތަކެއްގެ މައްޗަށް ބަރޯސާވާ މާލީ ވެއްޓެއް ފޯރުކޮށްދިނުން ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުވިލާތުގެ އިންވެސްޓަރުންނާއި ޓުއާ އޮޕަރޭޓަރުންނާއި މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ދައުރު ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި 2027 ވަނަ އަހަރަކީ 'ވިޒިޓް މޯލްޑިވްސް އިއާ' ކަމުގައި ކަނޑައަޅާފައިވާތީ، މި ހަރަކާތުގައި ބައިވެރިވުމަށް ޖަރުމަނުވިލާތުގެ އިންވެސްޓަރުންނަށް އެމަނިކުފާނު ދައުވަތު ދެއްވި އެވެ.

އިންވެސްޓްކުރުމުގެ އާންމު މޮޑެލްތަކުގެ އިތުރުން، ދާދި ފަހުން އިފުތިތާހުކުރި 'އައިލާ - ސަސްޓެއިނަބަލް ޓައުންޝިޕް' ފަދަ މަޝްރޫއުތައް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ކަންކަމަކީ:

  • ހަކަތައިގެ ރައްކާތެރިކަމާއި ހަކަތައިގެ އަގުތަކަކީ ރާއްޖެއަށް ހައްސާސް ގޮންޖެހުމެއްކަމާއި އެނާޖީ ޓްރާންސިޝަންގެ ދާއިރާއަށް ވެސް އުފެއްދުންތެރިކަން ބޭނުންވާކަން

  • ސޯލާ ސިޓީ ފަދަ މަޝްރޫއުތަކުގެ އަމާޒަކީ ހަމައެކަނި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ނޫންކަން 

  • ޖަޒީރާތަކާއި އައްސޭރިފަށުގެ ވަސީލަތްތަކަށް ބަރޯސާވާ ދުނިޔޭގެ އިގްތިސާދުތަކަށް، އަތްފޯރާފަށުގެ، ދެމެހެއްޓެނިވި، އަދި ނަކަލުކުރެވޭ ފަދަ ހައްލުތަކެއް އުފެއްދުމަކީ ވެސް އެފަދަ މަޝްރޫއުތަކުގެ އަމާޒެއްކަމަށް 

  • މިފަދަ އަމަލީ އަދި އިތުރަށް ތަނަވަސްކުރުމުގެ ފުރުސަތު ހުރި ހައްލުތައް ރާއްޖޭގައި ތަހުލީލުކުރެވިދާނޭކަން ފާހަގަކުރެއްވި

ފާހަގަކުރެވޭ - ރައީސް އޮފީހުން ބުނިގޮތުގައި މިއަދުގެ ހަރަކާތުގައި އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ވަނީ ރާއްޖޭގެ އިންވެސްޓްކުރުމުގެ ވެއްޓާއި ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުސަތުތަކުގެ މައުލޫމާތު ދީފަ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީން، ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނެވެ. އަދި ޖަރުމަނުވިލާތުގެ ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގެ ވަނަވަރު ހުށަހަޅައި ދިވެހި ވަފުދާ އެކު ހިޔާލުބަދަލުކުރި އެވެ.

މި ރައުންޑްޓޭބަލްގައި ވަނީ، ޖަރުމަނުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއާޓުއާ ޑޮއިޝްލަންޑް ޖީއެމްބީއެޗް އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު، ޑެސްޓިނޭޝަން ޕްރޮމޯޝަނާއި މާކެޓިންގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.

ކޮމެންޓް (2)

އޯއްއައި

10 ފެބްރުއަރީ 2026
ޖަރުމަނުގެ އެގްޒިމް ބޭންކް އިން ރަސްމާލެ ހިއްކާ އަދި އެތަނާއި މާލެ އާއި ދެމެދު 3 ބުރީގެ ބްރިޖެއް އަޅަން 3 ޓްރިލިއަން ޑޮލަރުގެ ލޯނެއް ނަގާށޭ އެފައިސާ ދެއްކޭނެއޭ ރަސްމާލެ ހިއްކާލާ މިބްރިޖް އެޅިއްޖެނަމަ ރަސްމާލޭން ބިން ވިއްކާލައިގެން ލައިފް އިޒް އަ ބިއުޓިފުލް ޑްރީމް އޮން ދިސްވޭ އޯއް އައި އޯއް އައި އޯއް އައި އޯއް އައި އައި އޭމް ފީލިންގް ހައި ސޯ ހައި އޮން ދިސް އޯއް އައި އޯއް އައި އޯއް އައި އޯއް އައި.....
1 0

ކޮސް

10 ފެބްރުއަރީ 2026
ރާއްޖޭގެ ޑިމޮކުރަސީ ބޮޑުތަނުން ދަށަށް ދިޔައިމަ އިންވެސްޓަރުންގެ އިތުބާރު ބޮޑުވީ. މިބޭފުޅާ މިއުޅުއްވަނީ އިކޮނޮމިކްސްގެ ދާއިރާއިން އަނެއްކާ ވަލުދޮރާށިން ޕީ.އެޗް.ޑީއެއް ހައްދަވަންބާ!!!.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް