މިރޭގެ ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ކޯޓުތަކުގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ 13،000 މައްސަލަ ނިންމުމަށް ޓާސްކްފޯހެއް ހަދާނަން: އުއްތަމަފަނޑިޔާރު

އެ މައްސަލަ ނިންމުމަށްޓަކައި އަންނަ އަންގާރަ ދުވަހު އެ ޓާސްކްފޯސް އެކުލަވާލައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި

ކޯޓުތަކުގައި އެކި ސަބަބުތަކާ ހުރެ އެއް އަހަރަށް ވުރެ ދިގުލައިގެން ގޮސްފައިވާ 13،000އަށް ވުރެ ގިނަ މައްސަލަ އެބައޮތް ކަމަށާއި މި އަހަރު އެންމެ ބޮޑު އެއް އިސްކަމެއް ޝަރުއީ ދާއިރާއިން ދޭނީ އެ މައްސަލަތައް ނިންމުމަށް ކަމަށް އުއްތަމަފަނޑިޔާރު އަބްދުލްގަނީ މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ. އެކަން ވިލަރެސް ކުރުމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ވީ ކިހިނެއް؟ - އުއްތަމަފަނޑިޔާރު މިގޮތަށް ވިދާޅުވީ، ގަލޯއީ އަހަރު އިފްތިތާހު ކުރުމަށް މިރޭ ހުޅުމާލޭގައި ހުންނަ ސީއެޗުއެސްއީ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ މަނިކުފާނު އިއްވެވި ބަޔާނުގަ އެވެ.

ތަފްސީލު - ރައީސް މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި އަބްދުލްގަނީ ވިދާޅުވީ، ކޯޓުތައް ހަރުދަނާކަމާ އެކު ހިނގާ ކަމަށް ގަބޫލުކުރެވޭނީ ލަސްވުމެއް ނެތި އިންސާފު ގާއިމްވެގެންދާ ތަން ފެނިގެން ކަމަށެވެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުންކަން އެންމެން ވެސް ގަބޫލުކުރާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އަމިއްލަ ބާރު ނުފޯރާ ސަބަބުތައް ވެސް ހިމެނޭހެން އެކިއެކި ސަބަބުތަކާ ހުރެ ދިގު މުއްތަކަށް ދިގުލައިގެން ގޮސް ނުނިމި ހުރި ގިނަ މަސައްލަތަކެއް ކޯޓުގައި ހުރުމަކީ ހިތާމައެއް ކަމަށެވެ.

"އެހެންކަމުން، 2026 ވަނަ އަހަރު ޝަރުއީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ، އިންސާފު ލަސްވެފައިވާ މައްސަލަތަކަށް އަމާޒުކޮށްގެން ހާއްސަ މަސައްކަތްތަކެއްކޮށް، އަވަސްކަމާ އެކު އެ މައްސަލަތަކުގައި އިންސާފު ގާއިމްކުރުން،" މިދިޔަ އޮގަސްޓު މަހު އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވި އަބްދުލްެގަނީ، އޭނާގެ ފުރަތަމަ ގަލޯއީ އަހަރުގެ ބަޔާނުގައި ވިދާޅުވި އެވެ.

"2025 ވަނަ އަހަރު ނިމިގެން ދިޔައިރު، އެއް އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ 13،032 މައްސަލަ ބެކްލޮގްގެ ގޮތުގައި އެބަ އޮތް... އަޅުގަނޑުމެންގެ އަމާޒަކީ 2026 ވަނަ އަހަރު ނިމިގެންދާއިރު ރާއްޖޭގެ ޝަރުއީ ދާއިރާއަކީ، އިންސާފު ނުލިބި ލަސްވެފައިވާ މައްސަލައިން ނުވަތަ ބެކްލޮގުން ސަލާމަތްވެފައިވާ ހަރުދަނާ، ޒިންމާދާރު ދާއިރާއަކަށް ހެދުން."

މިރޭގެ ރަސްމިއްޔާތުގައި ގަލޯއީ އަހަރު 2026 ރައީސް މުހައްމަދު މުއިއްޒު އިފްތިހާހުކޮށްދެއްވިއިރު، އެ މަނިކުފާނުގެ އަރިހުގައި އުއްތަމަފަނޑިޔާރު (މ) އަދި ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކު (ވ).

އެ ބެކްލޮގް ނިންމުމަށްޓަކައި ރާވާފައިވާ ގޮތް ވެސް އެ މަނިކުފާނުގެ ބަޔާނުގައި ވިދާޅުވެދެއްވި އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:

  • މި އަހަރު ތެރޭ އަލަށް 21،000އަށް ވުރެ ގިނަ މައްސަލަ ކޯޓުތަކަށް ހުށަހެޅޭނެ ކަމަށް ބެލެވޭ

  • މިހާރު އޮތް ބެކްލޮގް ސާފުކުރާނީ، އަލަށް ހުށަހެޅޭ މައްސަލަތައް ވެސް މަޑުޖެހުމެއް ނެތި ކުރިއަށްދާ ގޮތަށް އިންތިޒާމްކޮށްގެން

  • ލަސްވެފައިވާ މައްސަލަތަކުގެ ބެކްލޮގް ސާފުކުރުން ވިލަރެސްކުރުމަށް ވަކި ހާއްސަ ޓާސްކްފޯހެއް އެކުލަވާލާނަން

  • މި ޓާސްކްފޯސް އެކުލަވާލާނީ އަންނަ އަންގާރަ ދުވަހު

"އެ ޓާސްކްފޯހުން މީގެ ތެރެއިން ކޮންމެ މައްސަލައެއް ނުނިމި އޮތް ސަބަބު ސީދާ އެ މައްސަލަ ހަވާލުކުރެވިފައިވާ މެޖިސްޓްރޭޓް، ގާޒީ، ފަނޑިޔާރުގެ ގާތުގައި އަހާ އޮޅުންފިލުވުމަށް ފަހު، ނުނިމި އޮތް ސީދާ ސަބަބު ރަނގަޅަށް ސާފުކޮށް، އެ މައްސަލަ ކުރިއަށް ގެންދިޔުމުގައި މަގުފަހިކޮށްދެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

"މިއިން މައްސަލައެއް ނުނިމި ލަސްވެފައިވާނީ، ދައުލަތުގެ އެއްވެސް އިދާރާއަކުން ލިބެން ޖެހޭ އެހީތެރިކަން ނުލިބިގެން ކަމަށްވާ ނަމަ، އެ އިދާރާއަކާ މަޝްވަރާކޮށްގެން އެކަމުގެ މަސައްކަތް ކުރެވިގެންދާނެ."

އެ ޓާސްކްފޯހުން ކުރާ ކޮންމެ މަސައްކަތެއް ވަކިވަކިން ލޮގްކޮށް، ރަނގަޅަށް ބެލެހެއްޓިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި މަސައްކަތުގެ ތެރެއިން، އަޅުގަނޑުމެންގެ އިޖުތިމާއީ ކަންބޮޑުވުމެއްގެ ގޮތުގައި އޮތް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްސަލަތަކަށް ވެސް ހައްލު ލިބިގެންދާނެ،" އަބްދުލްގަނީ ވިދާޅުވި އެވެ.

ގަލޯއީ އަހަރު 2026 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު

ފާހަގަކޮށްލެވޭ ކަމެއް - އަހަރަކަށް ވުރެ ގިނަ ދުވަސްވީ 13،000އަށް ވުރެ ގިނަ މައްސަލަތައް އެބަ އޮތް ކަމަށް އުއްތަމަފަނޑިޔާރު މިރޭ ހާމަކުރެއްވިއިރު، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ގިނަ ދުސްތޫރީ މައްސަލަތަކެއް ވަނީ ކުރިއަށް ނުގެންގޮސް މެދުކަނޑާލައިފަ އެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ނުބާއްވާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

އޭގެ ތެރޭގައި މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އަވަސް އަރުވާލައިގެން އެއް ދުވަހުން ގެނައި އިސްލާހު ބާތިލުކުރުމުގެ މައްސަލަ ވެސް ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް