ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން: އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވޭ

ސުޕްރީމް ކޯޓު

ސާބިތު ދަރަންޏެއް ދައްކަމުން ނުދާ ކަމަށް ބުނެ، ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް

ސިނާން ހިމެނޭ ގޮތަށް ތިން މީހެއް ބައިވެރިވެގެން ނަގާފައިވާ ލޯނަށް ފައިސާ ނުދައްކާތީ، ހަ މަސް ތެރޭ ކޮންމެ މަހަކު ވެސް އެ ފައިސާ ދެއްކުމަށް އައްޑޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޮކްޓޯބަރުގައި ހުކުމްކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދަކަމުން ނުދާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ސިނާން އާއި އަދިވެސް އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަސް ތެރޭގަ އެވެ.

އޭރު އެ ކޯޓުން ހުކުމްކޮށްފައި ވަނީ، އެ ފައިސާ ހަ މަސް ތެރޭ ކޮންމެ މަހަކަށް ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއް ދެއްކުމަށެވެ. އެ ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ވަކީލު ގާލިބު ސަލީމް އެވެ.

ތަފްސީލު - ގާލިބުގެ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ހިތަދޫ ކޯޓުން ހުކުމްކޮށްފައިވާ ގޮތަށް ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަށް ފައިސާ ދައްކަމުން ނުދެ އެވެ. އަދި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ 1 ވަނަ ނަންބަރުގައި ހަވާލާދީފައި އެވެ. އެ މާއްދާގައި ބުނަނީ:

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް

"އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، ސ. ހިތަދޫ ހުޅުދޫއާގެ، މުހައްމަދު ސިނާނަކީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-S2C-CIV-243 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ގެންދާ ފަރާތަކަށް ނުވާތީ، މިއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނޭ ހާލަތެކެވެ،" އެ މައްސަލައިގައި ބުނެފައިވެ އެވެ.

ފާހަގަކޮށްވޭ ކަމެއް - އައްޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖްސްޓޭރޭޓް މުހައްމަަދު ހާޝިމްކޮށްފައިވާ ހުކުމްގައި ހަ މަސް ތެރޭ 2.5 މިލިއަން ދެއްކުމުގެ އިތުރުން، އެހެން ބައެއް ކަންކަން ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން:

  • ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފި ނަމަ، އެ ލޯނާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 'ރޯދި' ނަމަކަށް ކިޔުނު ދޯނި ހިމެނޭ ގޮތަށް ދެންވެސް ރަހުނުގެ ގޮތުގައި ހިމެނޭ ގޯއްޗަކާއި އެ ގޯތީގައިވާ އެންމެހާ އިމާރާތްތަކާ ގުޅޭ ރަހުނުގެ އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް ލޯނަށް ފައިސާ ދައްކަން ޖެހޭ އެންމެހާ ފައިސާ ހޯދުމުގެ ބާރު އެމްއައިބީއަށް ލިބިގެންވާ ކަމަށް ކަނޑައަޅާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް