ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އުމަރު އަދި ނާޒިމް ވެސް މިނިސްޓަރުކަމުގައި ތިއްބެވި އިރު އެކުގައި ނަގާފައިވާ ފޮޓޯއެއް: ނާޒިމް މިއަދު ދެއްކެވި ވާހަކަތަކާ ގުޅިގެން އުމަރު އޭނާއަށް ފާޑު ވިދާޅުވި. (ފައިލް ފޮޓޯ/ ވީނިއުސް)
ނާޒިމް ހުންނެވީ ސަރުކާރު ފަޅީގައި؛ ފެއިލް ވާނެ: އުމަރު
އިދިކޮޅު ކޯލިޝަނުން ފަށާފައިވާ 'އިންޑިއާ އައުޓް' ހަރަކާތަށް ތާއީދު ނުކުރައްވާކަން މިއަދު ހާމަކުރެއްވި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ ރައީސް މުހައްމަދު ނާޒިމް ހުންނެވީ މިހާރުގެ ސަރުކާރާ އެކު ކަމަށާއި އިދިކޮޅުގެ އެ ކެމްޕެއިނާ ދެކޮޅު ހައްދަވާ ލީޑަރުން ފެއިލް ވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ، އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގެ ތިބެން ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް، އިދިކޮޅުގެ 'އިންޑިއާ އައުޓް' ހަރަކާތް ނާޒިމް ސިފަކުރެއްވީ "ބޮޑު ޖަރީމާއެއް"ގެ ގޮތަށެވެ.
-
އިތުރަށް ކިޔާލަން - އިންޑިއާ އައުޓް ކެމްޕެއިނަކީ، ބޮޑު ޖަރީމާއެއް: އެމްއެންޕީ
ބުނީ ކީކޭ؟ - ނާޒިމްގެ އެ ވާހަކަތަކާ ގުޅިގެން އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ދިވެހިން އަޅުވެތިކަމާ ދެކޮޅު" ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ކަމަށާއި "އެކަމަށް ހުރަސްއަޅާ އެންމެން ފެއިލް ވާނެ" ކަމަށް ވެސް އުމަރު ލިޔުއްވާފައިވެ އެވެ.
އެ ވާހަކަތައް އިތުރަށް ތަފްސީލުކޮށްދެއްވަމުން އުމަރު 'ދައުރު'އަށް ވިދާޅުވީ، 'އިންޑިއާ އައުޓް' ކެމްޕެއިނަކީ އިދިިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކަނި ކެމްޕެއިނެއް ނޫން ކަމަށެވެ. އުމަރު ވިދާޅުވި ގޮތުގައި، އެއީ "ގައުމީ ބޮޑު މަސައްކަތެ"ކެވެ.
"ސިޔާސީ މަސައްކަތުގައި ނޫޅޭ ކުދި ބޮޑު އެތައް ބަޔަކު ބައިވެރިވާ މަސައްކަތެއް މިއީ،" އިދިކޮޅުގެ ކެމްޕެއިނަށް ވުރެ ކުރިން، 2019ގައި އުމަރު އެ މަސައްކަތް ފައްޓަވާފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ނާޒިމް އެ ހުންނެވީ ސަރުކާރާ އެކު. އެހެންވީމަ ސަރުކާރުގެ ލައިންގައި އެ ހުންނެވީ. ސަރުކާރުގެ ލައިނަކީ އިންޑިއާ ލައިން. އެހެންވީމަ އެ ލައިންގައި އެ ހުންނެވީ. [ނާޒިމްގެ] އެ ސްޓޭމަންޓުން ވެސް ޔަގީން ވަނީ ސަރުކާރާ އެކު ހުންނެވިކަން،" އުމަރު ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އުމަރާއި ނާޒިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި ކުރިއަށް އޮތް އިންތިހާބުތައް "ޑޮމިނޭޓްކުރާ އެންމެ ވަރުގަދަ މައްސަލައަކަށް އޮންނާނީ އިންޑިއާ ސިފައިންގެ މައްސަލަ" އެވެ.
"އެހެންވީމަ އެއާ [އެ މައްސަލައާ] އެއްކޮޅު މީހުންނާއި ދެކޮޅު މީހުންނާ ދޭތެރޭ އޮންނާނީ ރޮނގެއް ދެމިފައި. އެއާ އެއްކޮޅު މީހުން ފެއިލްވާނެ. އެމްޑީޕީ ވެސް ފެއިލްވާނެ. އެމްއެންޕީ ވެސް ފެއިލްވާނެ. އެކަމާ އެއްކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކު ފެއިލްވާނެ، ޝައްކެއް ނެތް،" އުމަރު ވިދާޅުވި އެވެ.
އިދިކޮޅުން ހިންގާ 'އިންޑިއާ އައުޓް' ކެމްޕެއިންގައި ޔާމީނާ އެކު މަސައްކަތްކުރައްވަން ވިސްނަވަންތޯ އެހުމުން އުމަރު ވިދާޅުވީ ޔާމީނާ އެއް ޕްލެޓްފޯމަކުން "ނުފެންނާނެ" ކަމަށެވެ.
"ޔާމީނަކީ ރިޔާސީ ކެންޑިޑޭޓެއް. އަޅުގަނޑަކީ ވެސް ރިޔާސީ ކެންޑިޑޭޓެއް. ދެ މީހުން އިންޑިއާ ސިފައިން ބާލާ ގޮތް ވެސް ތަފާތު ވާނެ. ޔާމީނަށް ލިބުނު ފަސް އަހަރު އެކަން ކުރަން. އަޅުގަނޑު ބޭނުން ވަނީ 30 ދުވަސް އިންޑިއާ ސިފައިން ބާލަން،" އުމަރު ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން -