ކ. ގުރައިދޫގައި ބޭއްވި އެއްވުމުގައި ޔާމީން ވާހަކަފުޅު ދައްކަވަނީ: 'އިންޑިއާ އައުޓް'އެކޭ ނުބުނެވޭނެ ކަމަށް އެއްބަސްވެވަޑައިގެންނެވި (ފޮޓޯ/ޕީޕީއެމް)
'އިންޑިއާ އައުޓް': މިއީ ކިހާ ވަރެއްގެ ބޮޑު ކަމެއް؟
ކުރިން ހީވެސް ނުކުރާ ގޮތަކަށް ސިޔާސީ ކުރިމަގުގެ މިސްރާބު ބަދަލުވެއްޖެ ނަމަ، ބައެއް ލީޑަރުން، އެ ބޭފުޅުންގެ ޒަމާނީ މިޒާޖާ ދެކޮޅު ކަންކަމަށް ނުކުންނަވަ އެވެ: ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ އެފަދަ ލީޑަރެކެވެ.
އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، އެންމެ އަރިސް ބޭފުޅުން ވެސް އަދި ޔާމީންގެ ނަންފުޅު އެނގި އެކަމަކު އެއީ ކޮން ކަހަލަ މިޒާޖެއްގެ ބޭފުޅެއްކަން ނޭނގޭ އާންމުންނަށް ވެސް، ކަށަވަރު އެއް ކަމެއް އޮތެވެ: ސިޔާސީ މަގުމަތީ ހަރަކާތްތަކާ ވަރަށް ދުރު ބޭފުޅެއް ކަމެވެ.
އެކަމަކު ގޭގައި ހުންނަވައިގެން ވަރަށް ގިނަ ކަންކަން ކުރައްވަ އެވެ. ގުޅުން އޮންނަ ޒުވާނުންނާއި މީހުން ފޮނުވައިދެ އެވެ.
އެކަމަކު މިއަދު އިދިކޮޅު ލީޑަރުގެ ގޮތުން އެ މަނިކުފާނު ފެންނަނީ ވަރަށް ހީވާގިކޮށް އުޅުއްވާ ތަނެވެ. އެމްއެމްޕީއާރުސީގެ 1 މިލިއަން ޑޮލަރުގައި ޖެހިވަޑައިގަތުމުގެ ކުށުން ސަލާމަތްވެވަޑައިގަތުމާ އެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަގުމަތީ ބޮޑު ކެމްޕެއިން، 'އިންޑިއާ އައުޓް، ނުވަތަ 'އިންޑިއާ މިލިޓަރީ އައުޓް'ގައި އިސްކޮށް ހުންނެވީ އެ މަނިކުފާނެވެ.
ސުވާލު އުފެދެ އެވެ. އިދިކޮޅުގެ މި ކެމްޕެއިންގެ އަސްލު ލޯގޯއަކީ، މައުލޫއަކީ ކޮބައިތޯ އެވެ؟ 'އިންޑިއާ އައުޓް' އަކީ، ސިޔާސީ ގޮތުން ބެލި ނަމަވެސް އަދި އަވަށްޓެރި އެންމެ ބޮޑު، އެންމެ ގިނަ ކަންކަމަށް ދިވެހިން ބަރޯސާވެފައި އޮތް ގައުމާ ދެކޮޅު ރުޅިވެރިކަމެއް ނަމަވެސް، ޑިޕްލޮމެޓިކް ގޮތުން ބޮޑު މައްސަލައެކެވެ. 'އިންޑިއާ މިލިޓަރީ އައުޓް' އޭގެ މައުލޫއުގެ ގޮތުން، 'އިންޑިއާ އައުޓް'އަށް ވުރެ ހޫނުކަން ކުޑަ އެވެ. އަދި އެއީ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ނޫނަސް، ވަރަށް ގިނަ ދިވެހިންގެ ކަންބޮޑުވުން އޮތް މައްސަލައަކާ ގުޅޭ ހަރަކާތެކެވެ.
ޔާމީން ވެސް އެއްބަސްވެވަޑައިގަނެ އެވެ: 'އިންޑިއާ އައުޓް'އެކޭ ނުކިޔޭނެ އެވެ. އެގޮތަށް އެ މަނިކުފާނު ވިދާޅުވީ ހުކުރުދުވަހު ތުލުސްދޫގައި އޮތް އެއްވުމުގައި، ކުރީގެ ރައީސް އަދި އެ މަނިކުފާނާ ސިޔާސީ ގޮތުން އެންމެ ވާދަވެރި، އަދި ހަގީގަތުގެ މައްޗަށް ބުނާ ނަމަ، އެންމެ އަދާވާތްތެރި، މުހައްމަދު ނަޝީދުގެ ބަސްފުޅަކަށް ތައީދު ވެސް ކުރައްވަމުންނެވެ. ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރު އަދި އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރުއަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން. އިންޑިއާ އައުޓު ކަމަށް ނުބުނެވޭނެ" ކަމަށެވެ.
ޔާމީންގެ ވާހަކަފުޅުގައި ނަޝީދުގެ ޓްވީޓަށް ރައްދު ދެއްވަމުން 'އިންޑިއާ އައުޓް' އެކޭ ނުކިޔޭނެ ކަމަށް އެއްބަސްވެވަޑައިގަތެވެ. އެކަމަކު 'އިންޑިއާ މިލިޓަރީ އައުޓް' ކިޔޭނެ ކަމަށް ވިދާޅުވި އެވެ. އެހެން ވިދާޅުވި އިރު އެ މަނިކުފާނު ތުރުކުރައްވައިގެން ހުންނެވި ރަތް ކުލައިގެ ޓީޝާޓްގައި ހުދުން ބޮޑުކޮށް ލިޔެފައި އޮތީ 'އިންޑިއާ އައުޓް' މިހެންނެވެ.
'ރައީސްކަން ކުރެއްވި ބޭފުޅަކަށް ވަރަށް ދެރަވަރު'
ދުނިޔޭގެ ޑިޕްލޮމަސީއަކީ އާންމުން ވިސްނާ ގޮތަށް އޮތް ކަމެއް ނޫނެވެ. ނުވަތަ ޕާޓީތަކުގެ އެކްޓިވިސްޓުންގެ ބޮލަށް އެރޭށާއި ސިޔާސީ ފައިދާއެއް ހޯދުމުގެ ނިޔަތުގައި ގަޑުބަޑުކޮށްލައިގެން ކުޅޭ ސަކަރާތެއްގެ ގޮތުގައި ވެސް ޑިޕްލޮމަސީގެ ދާއިރާ ނަގައިގެން ނުވާނެ އެވެ. 'އިންޑިއާ އައުޓް' ކެމްޕެއިންގައި ކުރީގެ ރައީސް އިސް ސަފުގައި ހުންނަވައިގެން ކުރިއަށް ގެންދާ ހަރަކާތާ މެދު ބޭރުގެ ގުޅުންތަކާ ބެހޭ ދިވެހި ބައެއް މާހިރުން ކަންބޮޑުވަނީ އެހެންވެ އެވެ. ޔާމީންގެ އަރިހުގައި ވެސް ބޭރުގެ ގުޅުންތަކުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައި ތިއްބެވި ބޭފުޅުން ނެތީކީ ނޫނެވެ. އެކަމަކު އިންޑިއާ ކަހަލަ ދުނިޔޭގެ ބޮޑު އަދި ރާއްޖޭގެ އެންމެ އަވަށްޓެރި ގައުމާ ދެކޮޅަށް އެވަރުގެ ކެމްޕޭނެއް ހިންގަންޏާ، އެއިން މުޅި ރާއްޖެއަށް ކުރިމަތިވެދާނެ ދެރަތަކަކާ މެދު އެ ބޭފުޅުން އެ ތިއްބެވީ ލޯ މަރާލައްވައިގެން ކަމަށް، ޔާމީންގެ ހަރަކާތްތަކާ މެދު ކަންބޮޑުވާ ބޭފުޅުން ވިދާޅުވެ އެވެ.
"ޔާމީނަކީ ޕާޓީގެ އެކްޓިވިސްޓެއް ނޫން ދެއްތޯ. އެއީ ކުރީގެ ރައީސް، އަދި ކުރިއަށް އޮތް ތަނުގައި ވެސް ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތްކުރައްވަނީ،" ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން، ރަނގަޅު ވާހަކައެއް ދެއްކިޔަސް ގަބޫލުނުކޮށް، އެ ވާހަކައެއް ދައްކާ މީހެއްގެ އަގު ވައްޓާލަން ސޯޝަލް މީޑިއާ މެދުވެރިކޮށް އެކްޓިވިސްޓުން ކުރާ ކަންކަމާ ހެދި، ނަން ނުޖަހަން ޝަރަތުކުރައްވާ ވަހަކަ ދެއްކެވި، ކުރީގެ ޑިޕްލޮމެޓަކު ވިދާޅުވި އެވެ.
"އަޅުގަނޑަށް ބުނެވިދާނެ މައްސަލައެއް ނެތޭ ޕާޓީގެ އެހެން މީހުން އެގޮތަށް ޓީޝާޓު ލައިގެން އުޅުނަސް. އެކަމަކު ރައީސަކަށް އެއީ ވަރަށް ބޮޑު ގޯހެއް. ރައީސްކަން ކުރެއްވި ބޭފުޅަކަށް ވަރަށް ދެރަވަރު."
ހެލިކޮޕްޓަރު ދުއްވާށާއި މިލިޓަރީ ޑޯނިއާގެ އޮޕަރޭޝަނުގައި ރާއްޖޭގައި އިންޑިއާގެ 75 ވަރަކަށް ސިފައިން އެބަ ތިއްބެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ނޫނަސް، ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އަދި މިނިވަން ގައުމެއްގެ ގޮތުން ރާއްޖެއަށް ބައެއް ކަންކަން ނިންމުމުގެ އިހުތިޔާރު ހަނިވާ ގޮތަށް، އިންޑިއާއާ އެކު ބައެއް އެއްބަސްވުންތައް ވެސް މިހާރުގެ ސަރުކާރުން ވަނީ ހަދައިފަ އެވެ. އެހެންކަމުން މީގެ ކުރިން ދުވަހަކު ވެސް ބޭރު ގައުމެއްގެ ނުފޫޒުގެ ތެރެއަށް ރާއްޖެ ނުވަންނަ ވަރަށް މި ސަރުކާރުން އިންޑިއާގެ ބާރުގެ ތެރެއަށް ވަދެފައިވާ ކަމަށް އިދިިކޮޅުން ދައްކާ ވާހަކަތަކުގައި ބުރަދަނެއް ވެސް އެބަ ހުއްޓެވެ.
ނަޝީދަކީ ފެށުނީއްސުރެ އިންޑިއާ ކޮޅަށް މާ ބޮޑަށް ގޮސް ހުންނެވި ބޭފުޅެކެވެ. އަދި އެމްޑީޕީގެ ލީޑަޝިޕްގެ ފިކުރު ވެސް އެގޮތަށް ބުރަވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ނިންމެވުންތަކުގެ މިސްރާބު ހުރީ އެ ދިމާލަށެވެ. އެހެންކަމުން ޗައިނާ ކޮޅަށް ގޮސް ހުންނެވި ޔާމީން އާއި އެ މަނިކުފާނުގެ ސަޕޯޓަރުން، މީގެ ކުރިން ރާއްޖޭގައި ބޭރުގެ އެކުވެރި ގައުމަކާ ދެކޮޅަށް ނުހިންގާ ވަރަށް ޕީޕީއެމް/ޕީއެންސީގެ މަގުމަތީ ހަރަކާތްތައް ވަނީ އިތުރުކޮށްފަ އެވެ.
އެކަމަކު ބޭރުގެ ގުޅުންތަކުގެ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި 'އިންޑިއާ އައުޓް' ޖަހައިގެން ކުރީގެ ރައީސް އެގޮތަށް އިސްކޮށް ހުންނަވައިގެން މަގުމަތީ ހަރަކާތަށް ނުކުތުމުން ދިމާވާ މައްސަލަ، ޕާޓީގެ ސަޕޯޓަރުންގެ އަޑުއިއްވުމާ މުޅިން ތަފާތުވެ އެވެ.
"ބައިނަލްއަގުވާމީ ގުޅުމަށް ބަލާއިރު ރާއްޖޭގައި ނެތް ޔާމީން ސަރުކާރަށް ވުރެ ހީނަރުވި ދުވަސްވަރެއް،" އެއް ޑިޕްލޮމެޓަކު ވިދާޅުވި އެވެ.
"ޔާމީންގެ ސަރުކާރުން ހަމައެކަނި ވެއްޓުނީ ޗައިނާގެ އުނގަށް. ފަސް އަހަރު ތެރޭގައި އެ މަނިކުފާނު ނެތް، އދ. އަށް ވަޑައިގެންފައެއް، ކޮމަންވެލްތުން ވެސް އަމިއްލައަށް ނުކުންނަން ބޭނުންވީ. މިއީ ދުވަހަކު ވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތު ވެއްޓުނު ވަރެއް ނޫން."
މައްސަލައަކީ ހާރިޖީ ސިޔާސަތަށް އައި ބަދަލު
ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ފެއަށް ޖެހިވަޑައިގަތީ، އިންޑިއާ ސިފައިން ރާއްޖޭގައި ހަމައެކަނި ތިބެގެން ނޫން ކަމަށް، ހާރިޖީ ދާއިރާގެ އެހެން ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެންމެ ފުރަތަމަ އެކަން ފެށުނީ ޔާމީން ބޭނުންފުޅުވާ މަޝްރޫއުތަކަށް ފަސޭހައިން ފައިސާ ލިބެން އޮތީ ޗައިނާއިން ކަމަށް ވާތީ އެގޮތަށް ދީލައިލައްވައިގެންނެވެ. އަދި ޗައިނާއަކީ ޑިމޮކްރަސީ އޮންނަ ގައުމަކަށް ނުވެފައި، ޗައިނާއަށް ތާއީދުކުރާ ގައުމުތަކުގެ އެތެރޭގައި އިންސާނީ ހައްގުތަކާ ހިލާފު ކިތަންމެ ބޮޑު ކަމެއް ކުރިޔަސް، އެކަން ދިފާއުކޮށްދޭނެ ބައިވެރިޔަކަށް ވެސް ޗައިނާ ވުމެވެ. މިސާލަކަށް ރާއްޖޭގެ އިދިކޮޅު ލީޑަރުން ހައްޔަރުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ މަޖިލީހަށް ނުވަދެވޭ ގޮތަށް ސިފައިންނާއި ފުލުހުން ނެރެ ބަންދުކުރުން ފަދަ ބޮޑެތި ކަންކަން ހިނގި އިރު ވެސް ޗައިނާ އޮތީ ސަރުކާރަށް ތާއީދުކޮށްކޮށެވެ.
އެކަމަކު ޗައިނާ ފަދައިން ތަރައްގީގެ މަޝްރޫއުތަކަށް އެތަކެއް ސަތޭކަ މިލިއަން ޑޮލަރުން އެހީތެރިކަން ނުދޭ ހުޅަނގާއި އެމެރިކާ އަދި އިންޑިއާއިން، ޑިމޮކްރެޓިކް އުސޫލުތައް އެގޮތަށް ފުނޑާލާތަން ބަލާކަށް ނުތިބެ އެވެ. ނަޝީދުގެ ވެރިކަމުގައި ވެސް ޑިމޮކްރެޓިކް ހަމަތަކުން ނެއްޓުނު ވަގުތުތައް އަ އެވެ. ދާއިމީ ސުޕްރީމް ކޯޓު އުފެއްދުމުގެ ވަގުތު ޖެހުނު އިރު އެކަން ނުކޮށް، 2010 ގައި ސުޕްރީމް ކޯޓުގައި ސިފައިން ފޮނުވައިގެން ތަޅު އެޅުވުމާއި ޔާމީން ކަހަލަ އިދިިކޮޅު ލީޑަރުން ހައްޔަރުކުރުމުން، ހުޅަނގާއި އެމެރިކާ އަދި އިންޑިއާ އިން ވެސް ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ޕްރެޝަރު ޖެއްސި އެވެ.
"ގައުމުތަކާ މެދު ހިތްހަމަނުޖެހޭ ކަންކަން ހުންނާނެ. އެކަންކަމާ ބެހޭ ގޮތުން ދެ ގައުމުން ޒުވާބު ވެސް ކުރާނެ،" ކުރިން ވާހަކަ ދެއްކެވި ކުރީގެ އެއް ޑިޕްލޮމޭޓް ވިދާޅުވި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ވީއައިއޭ ހިންގި ޖީއެމްއާރުއާ ދެކޮޅަށް މުޒާހަރާކުރުމާ ވެސް، 'އިންޑިއާ އައުޓް' ހަރަކާތް ތަފާތެވެ. ޖީއެމްއާރަކީ ކުންފުންޏެކެވެ. އެހެންކަމުން މުޅި އިންޑިއާއަށް އަމާޒުކޮށް ކެމްޕޭނެއް ހިންގުމާ އެ ދެކޮޅުވެރިކަމާ ވެސް އަޅާބެލޭކަށް ނެތެވެ.
ހާރިޖީ ގުޅުންތަކުގެ ތަޖުރިބާކާރަކު ވިދާޅުވީ އިންޑިއާގެ އެހީތެރިކަން އެއްވެސް ގޮތަކުން ނުލިބި ރާއްޖޭގައި އެއްވެސް މީހަކަށް ވެރިކަން ނުކުރެވޭނެ ކަމަށެވެ. މިއީ އާންމު ވިސްނުމަކުން ވިސްނާލާއިރު ބައެއް ދިވެހިން އެހާ ތާއީދުކޮށްފާނެ ވާހަކައެއް ނޫނެވެ. އެކަމަކު އޭގެ ވަށައިގެން ހުރި ހަގީގަތްތަކަށް ވިސްނާ ނަމަ ގަބޫލުކުރެވިދާނެ ވާހަކައެއް ވެސް މެ އެވެ.
"ރާއްޖޭގައި ވެރިކަން ކުރާ މީހަކަށް އަވަށްޓެރިންގެ އެހީތެރިކަން ބޭނުންވާނެ. އަވަށްޓެރިންގެ ތެރޭގައި އިންޑިއާއަކީ އެންމެ ބޮޑު، އަދި ރާއްޖެއާ އެންމެ ކައިރި ގައުމު،" އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ބޮޑު ކަމެއް ކުރިމަތިވެއްޖެއްޔާ އިންޑިއާގެ އެހީއަށް ފުރަތަމަ އެދެވެން ވެސް އޮންނާނީ. ފުރަތަމަ އެހީ ދެންޏާ ފަސޭހައިން ލިބޭނީ ވެސް އިންޑިއާއިން."
ރާއްޖޭގެ ހާރިޖީ ސިޔާސަތު ގޯސް މަގަށް ފުރަތަމަ އެޅެން ފެށީ ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ކަމަކަށް އިންޑިއާ ވައްދައިގެންނެވެ. ޔާމީންގެ ވެރިކަމުގައި ފެނުނީ ޗައިނާ އާއި ސައުދީ އަރަބިއްޔާ ފިޔަވައި، ރާއްޖެއާ ގާތް އެހެން ގައުމުތަކާ ގުޅުން ކަނޑާލި ތަނެވެ. މިހާރު އަނެއްކާ މި ފެންނަނީ ޗައިނާއާ ދުރުވެ، އިންޑިއާގެ އުނގަށް ވެއްޓިފައި އޮތް ތަނެވެ.
'ދައުރު'ން ވާހަކަ ދެއްކި ހާރިޖީ ދާއިރާގެ ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް މި ގޮތަށް "އެއް ފަރާތަކަށް ގޮސް ހުސްވުމުގެ ހާރިޖީ ސިޔާސަތެއް"ގެ ނުރައްކާ ބޮޑެވެ. އަދި އެ ނުރައްކަލުގެ ތެރޭގައި އިތުރު ހުޅެއް ރޯވަނީ، އިންޑިއާ ކަހަލަ ގައުމަކާ ސީދާ ދިމާކުރާ ގޮތަށް، ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމުންނެވެ.
ގައުމުގެ ކުރިމަގަށް ފައިދާ އޮތީ، އަދި މިނިވަންކަމަށް ވެސް ބުރޫއެރުން ދުރުވާނީ، މި ނޫން ގޮތަކަށް ހާރިޖީ ސިޔާސަތު ބަދަލުވެގެންނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް މަގުމަތީ ހަރަކާތަށް ނުކުންނެވި ޔާމީން ވެސް އެއްބަސްވެވަޑައިގެންނެވި ގޮތަށް 'އިންޑިއާ އައުޓެކޭ' ނުބުނެވޭނެ އެވެ.
"ކިތަންމެ އެކުވެރި ގައުމެއް ވިޔަސް، ބޭރުގެ އަސްކަރިއްޔާގެ ބަޔަކު ތިބޭ ނަމަ އެއީ އަޅުގަނޑުމެން ނުރުހޭނެ ކަމެއް،" ޔާމީން ވިދާޅުވި އެވެ.
އެ ދެއްކެވީ އިންޑިއާ ސިފައިންގެ ވާހަކަ އެވެ. މުޅި އިންޑިއާގެ ވާހަކައެއް ނޫނެވެ. އެކަމަކު މައްސަލައަކީ އެހެން ވިދާޅުވި އިރު ތުރުކުރައްވައިގެން ހުންނެވި ޓީޝާޓުގައި ޖަހާފައި އޮތް ދެ ލަފުޒެވެ.
ކޮމެންޓް (5)
އަހުމަދު ލަތީފް
ސައީދު
ލޮލްސް
ނުބައި
ދާޚިލީ