މިއަދު އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ވަގުތީ ރައީސް ނާޒިމް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެންޕީ

'އިންޑިއާ އައުޓް' ކެމްޕެއިނަކީ ބޮޑު ޖަރީމާއެއް: އެމްއެންޕީ

ނާޒިމް ވިދާޅުވީ، އެއީ ވަކި މީހެއްގެ މަސްލަހަތަށް، ޔާމީންގެ ސަރުކާރުން ހިންގި ކަންކަމުގައި މަތިޖެހުމަށް ހިންގާ ކެމްޕެއިނެއް ކަމަށް

އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތަކީ ގައުމީ ކެމްޕެއިނެއް ނޫން ކަމަށާއި އެއީ "ބޮޑު ޖަރީމާއެއް" ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްންޕީ)ގެ ވަގުތީ ރައީސް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - އެކި ނަންމުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ވަނީ ބޮޑު ހަރަކާތެއް ފަށާފަ އެވެ. އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމަކަށް ފަށާފައިވާ އެ ހަރަކާތަކީ ގައުމީ ހަރަކާތެއް ކަމަށް އިދިކޮޅުން ބުނެ އެވެ. އަދި އެ މަނިކުފާނު މިނިވަންވުމަށް ފަހު، އެ ހަރަކާތް އިތުރަށް އަންނަނީ ފުޅާކުރަމުންނެވެ.

ވީ ކިހިނެއް؟ - އެމްއެންޕީން މިއަދު ސޮލައިޓް ރެސްޓޯރެންޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ލީޑާޝިޕުން ވަނީ އެ ހަރާކާތަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އެމްއެންޕީގެ ލީޑާޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: 'އިންޑިއާ އައުޓް' ހަރަކާތަށް އެމްއެންޕީގެ ވެރިން ފާޑުވިދާޅުވި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބުނީ ކީކޭ ؟ - ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ، އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ އެ ޕާޓީން ވެސް އަދި ރައްޔިތުން ވެސް އެދޭ ގޮތެއް ނޫން ކަމަށެވެ. ނަމަވެސް، އިދިކޮޅުން ހިންގާ 'އިންޑިއާ އަައުޓް' ކެމްޕެއިނަށް ތާއީދު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ފެށިގެން މި އުޅޭ [އިންޑިއާ އައުޓް] ކެމްޕެއިންނަކީ މުޅިން ތަފާތު ކެމްޕެއިންނެއް. މިއީ ވަކި ބޭފުޅަކު، އެ ބޭފުޅެއްގެ ސަރުކާރެއްގައި ހިންގާފައި ހުރި އެކި ކަހަަލަ ކަންކަން ފޮރުވައި މަތިޖެހުމަށް ހިންގާ ކެމްޕެއިނެއް،" ޔާމީންގެ ސަރުކާރަށް އިޝާރާތްކޮށް، އެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވި އެވެ.

"އެމްއެންޕީން ގަބޫލެއް ނުކުރަން މިއީ ގައުމީ ކެމްޕެއިނެއް ކަމަށް. ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރަން މީގައި ބައިވެރިނުވަން... އެއީ ވަކި ބޭފުޅަކު އޭނަގެ އަމިއްލަ ކަންކަން އިސްކޮށް ކުރާ ކަމެއް."

މިއީ ވަކި ބޭފުޅަކު، އެ ބޭފުޅެއްގެ ސަރުކާރެއްގައި ހިންގާފައި ހުރި އެކި ކަހަަލަ ކަންކަން ފޮރުވައި މަތިޖެހުމަށް ހިންގާ ކެމްޕެއިނެއް.

މުހައްމަދު ނާޒިމް / އެމްއެންޕީގެ ވަގުތީ ރައީސް

އިދިކޮޅުން މިދިޔަ ހަފްތާ ބަންދުގައި ރަށްތަކަށް ކުރި ދަތުރުތަކުގައި ޔާމީން 'އިންޑިއާ އައުޓް' ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނެވުމުން އެކަމަށް ވެސް ނާޒިމް ފާޑުވިދާޅުވި އެވެ. 

"ރައީސްކަން ކުރެއްވި ބޭފުޅަކު ގައުމެއްގެ ނަން ޖަހައިގެން އެގޮތަށް ނުކުމެ ހުންނެވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.

އިދިކޮޅުގެ މި ކެމްޕެއިންގައި، ބައެއް ޓޫރިސްޓުން 'އިންޑިއާ އައުޓް' ޖަހާފައިވާ ޓީޝާޓު ލައިގެން އުޅޭ ތަން ފެނުމުން އެކަމަށް ވެސް ނާޒިމް ފާޑުވިދާޅުވި އެވެ.

"ބޭރުގެ އެކި ޓޫރިސްޓުން އެ ހެދުން އަޅުވައިގެން ނުކުމެ އެ ހިންގާ ހިންގުމަކީ ހަގީގަތުގައި މި ގައުމަށް ދެވޭ ވަރަށް ބޮޑު ދެރައެއް، ނިކަމެތި ކަމެއް. އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް ބޮޑު ޖަރީމާއެއް،" އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވާހަކަދައްކަވަނީ: ޔާމިނަށް ފާޑުވިދާޅުވި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނާޒިމްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ:

  • ޗައިނާ އިން ރާއްޖެއަށް ޓޫރިސްޓުން ނުފޮނުވަނީ އެ ގައުމުގެ ސަރުކާރާ ދޭތެރޭ އޮތް ގުޅުން ހީނަރުވުމުން

  • އެމްންޕީން މިދިޔަ ދުވަސްތަކުގައި އަތޮޅުތެރެއަށް ކުރި ދަތުރުތަަކުގައި ރައްޔިތުންގެ ފަރާތުން ފެނުނީ މާޔޫސްކަން

  • ރައްޔިތުންގެ އެ މާޔޫސްކަމަށް ހައްލު ހޯދައިދޭނީ އެމްއެންޕީން

  • މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންވި؛ އެގޮތުން، އެމްއެންޕީގެ ސަރުކާރެއްގައި މަހުގެ އަގު 20ރ.ގައި ހިފަހައްޓައި މަސްވެރިންނަށް ޕެންޝަނާއި އިންޝުއަރެންސް ދޭނަން

  • ހިޔާ ފްލެޓްތަކުގެ އަގު ކުޑަ ކުރެވޭނެ؛ އަގު ކުޑަކުރަން ސަރުކާރަށް ގޮވާލެއްވި

އިންޑިއާ އައުޓް އަޅުގަނޑުމެން ގަބޫލެއް ނުކުރަން... އެއްވެސް ގައުމަކާ ދިމާކޮށްގެން މަގުމައްޗަށް ނުކުތުމަކީ އެމްއެންޕީން ގަބޫލުކުރާ ކަމެއް ނޫން.

އަބްދުﷲ ރިޔާޒް / އެމްއެންޕީގެ ވަގުތީ ނައިބު ރައީސް

އެނގުން މުހިންމު - އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި އެމްއެންޕީގެ ދެ ނައިބު ރައީސުން ކަމަށްވާ، މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވެސް ވަނީ 'އިންޑިއާ އައުޓް' ކެމްޕެއިނަށް ފާޑުވިދާޅުވެފަ އެވެ.

"އިންޑިއާ އައުޓް އަޅުގަނޑުމެން ގަބޫލެއް ނުކުރަން... އެއްވެސް ގައުމަކާ ދިމާކޮށްގެން މަގުމައްޗަށް ނުކުތުމަކީ އެމްއެންޕީން ގަބޫލުކުރާ ކަމެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.

"2010އިން ފެށިގެން އެކި ނަންނަމުގައި އިންޑިއާ ސިފައިން މި ގައުމުގައި އެބަތިބި... ރައީސް ޔާމީން ސަރުކާރުގައި، ރައީސް ޔާމީން ބޭނުންފުޅުވި އިންޑިއާ މީހުން ވެސް ފޮނުވާލެވުނީސް އޭރު. ރައީސް ޔާމީން ބޭނުންފުޅުވެގެން މި ބޭފުޅުން [ނާޒިމް އާއި ރިޔާޒު] ހައްޔަރުކޮށްގެން ވެރިކަން ކުރެއްވީ. އިދިކޮޅުގައި ތިބި ހުރިހާ އެންމެން ހައްޔަރުކޮށްގެން ވެރިކަން ކުރެއްވީ،" އުޝާމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް