ހައި ކޯޓަށް އައްޔަންކުރަން ނިންމާފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު (ކ) އަދި އަބްދުއްރައޫފް އިބްރާހިމް(ވ)

ހައި ކޯޓު

ހައި ކޯޓަށް ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އަދި ކްރިމިނަލް ކޯޓުގެ ގާޒީ ޝަފީއު އައްޔަންކުރަނީ

އަބްދުއްރައޫފް ހައި ކޯޓުން މީގެ ކުރިން އިސްތިއުފާ ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިން ފްލެޓެއް ގަބޫލުކުރެއްވި ކަމަށް ބުނާ މައްސަލައެއް ބަލަން ފެށުމުން؛ އޭގެ ފަހުން ޕީއެންސީގެ ޓިކެޓުގައި މިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި

ހައި ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. 

ވީ ކިހިނެއް؟ - ހައި ކޯޓުގެ ފަނޑިޔާރުކަން ހުސްވީ، އެ މަގާމުގައި ހުންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން ވަކިވެވަޑައިގަތުމުންނެވެ.

ހައި ކޯޓުގައި މަސައްކަތްކުރެއްވި އެންމެ ދުވަސްވީ ފަނޑިޔާރު ނިޔާޒް މިދިޔަ ނޮވެމްބަރުގައި މަގާމުން ރިޓާޔާކުރެއްވިއިރު، މިދިޔަ ޑިސެމްބަރުގައި ފައިސަލް މަގާމުން އިސްތިއުފާ ދެއްވީ، ސަރުކާރުގެ ކޮންޓްރޯލު އޮތް ޖޭއެސްސީން މި ދެ ފަނޑިޔާރުންގެ މައްސަލައެއް ބަލަން ފެށުމުންނެވެ.

މި ބޭފުޅުން ހުވާކުރުމުގެ ރަސްމިޔާތު މިރޭ 8 ޖަހާއިރަށް ތާވަލުކުރުމަށް ފަހު، އެ ރަސްމިޔާތު ދެންމެ ވަނީ ފަސްކޮށްފަ އެވެ. ހުވާކުރުން ދެން ބާއްވާނެ އިރެއް ޖޭއެސްސީން ނުބުނެ އެވެ.

ތަފްސީލް - ހައި ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލުމުން 19 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

މި ބޭފުޅުންގެ ތެރެއިން، ހައި ކޯޓަށް އައްޔަންކުރައްވަން ޖޭއެސްސީން ނިންމާފައިވާ އަބްދުއްރައޫފް، ހައި ކޯޓުން މޭ 2022ގައި އިސްތިއުފާ ދެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާ ހަވާލުވި ކަމަށް ބުނާ މައްސަލައެއްގަ އެވެ.

ފަނޑިޔާރުކަމުގައި 11 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވުމަށް ފަހު އަބްދުއްރައޫފް އޭރު އިސްތިއުފާ ދެއްވިއިރު، ޖޭއެސްސީން އެ މައްސަލަ ބަލައި މަގާމުން ވަކިކުރަން އޮތީ ނިންމާފަ އެެވެ. އޭގެ ފަހުން، ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރުކަމަށް ވެސް އަބްދުއްރައޫފް ވާދަކުރައްވައިފައިވެ އެވެ.

ކްރިމިނަލް ކޯޓުގައި މިހާރު މަސައްކަތްކުރައްވާ ޝަފީއު އެ ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރައްވާފައިވަނީ ސެޕްޓެމްބަރު 2021ގަ އެވެ. ޝަފީއު އޭގެ ކުރިން ވަނީ، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ޕްރޮސެކިއުޓަރެއްގެ މަގާމުގައި ދެ އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ. 

ކޮމެންޓް (1)

ތެފައާސާ.

3 ފެބްރުއަރީ 2026
އަތް ބޭނުން ނިމުނުކަމުގެ ފުރިހަމަ ލާމަސީލު މިސާލެއް. ޝުކުރިއްޔާ ރައީސް!!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް