ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފަނޑިޔާރު މުހައްމަދު ނިޔާޒު އައްޔަންކުރި ރަސްމިއްޔާތު؛ ފަނޑިޔާރުކަމުން ނިޔާޒު ވަނީ ރިޓަޔާކުރައްވާފައި -(ފޮޓޯ/ ރައީސް އޮފީސް)

ޖުޑިޝަރީ

ނިޔާޒު މިއަދުން ފެށިގެން ފަނޑިޔާރުކަމުން ރިޓަޔާކުރައްވައިފި

ފަނޑިޔާރުކަމުން ރިޓަޔާވުމަށް ނިޔާޒު ހުށަހެޅުއްވީ އޭނާގެ ސުލޫކީ މައްސަލަތަކެއް ބެލުމުގެ މަސައްކަތް ވެސް ޖޭއެސްސީގައި ހިނގަމުން ދަނިކޮށް އަދި ޖޭއެސްސީގެ ނައިބު ރައީސް ކަމުން މިދިޔަ އޮގަސްޓް މަހު އިސްތިއުފާ ދެއްވާފައި ވަނިކޮށް
9 ޑިސެމްބަރު 2025

ހައި ކޯޓުގައި މި ވަގުތު އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު މިއަދުން ފެށިގެން ފަނޑިޔާރުކަމުން ރިޓަޔާކުރައްވައިފި އެވެ.

ވީކިހިނެއް؟ - ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ މަހު ފަނޑިޔާރު ނިޔާޒުގެ ރިޓަޔާމަންޓް ބަލައިގެންފައިވެ އެވެ. ރިޓަޔާމަންޓް ބަލައިގަނެ ކޮމިޝަނުން ނިންމި ގޮތަށް މިއަދުން ފެށިގެން ނިޔާޒު ވަނީ ފަނޑިޔާރުކަމުން ރިޓަޔާކުރައްވައިފަ އެވެ.

ބުނީ ކީކޭ؟ - "ފަނޑިޔާރު ނިޔާޒް މިއަދަށް ފަހު، ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުން ވަކިވެވަޑައިގަތީ އެވެ. ނިޔާޒަކީ ތެދުވެރިކަމާއި އަމާނާތްތެެރިކަމުގެ ލާމަސީލު މިސާލެކެވެ. ތޫނުފިލި، ހުށިޔާރު ފަނޑިޔާރެކެވެ،" ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް އެކްސްގައި ލިއުއްވާފައިވެ އެވެ.

ރިޓަޔާކުރައްވަން ނިޔާޒު ހުށަހެޅުއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އަޑު އިވޭ ގޮތުގައި ރިޓަޔާކުރައްވަން ހުށަހެޅުއްވީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ. އޭނާގެ ސުލީކީ މައްސަލައެއް ނެތް ކަމަށް ޖޭއެސްސީ ވަނީ ބުނެފަ އެވެ.

ފާހަގަކޮށްލެވޭ - ފަނޑިޔާރުކަމުން ރިޓަޔާވުމަށް ނިޔާޒު ހުށަހެޅުއްވީ އޭނާގެ ސުލޫކީ މައްސަލަތަކެއް ބެލުމުގެ މަސައްކަތް ވެސް ޖޭއެސްސީގައި ހިނގަމުން ދަނިކޮށެވެ.

އޭގެ އިތުރުން ކޮމިޝަނުގެ ނައިބު ރައީސްކަމުގައި ހުންނަވަނިކޮށް މިދިޔަ 21 އޮގަސްޓްގައި އޭނާ ވަނީ ކޮމިޝަނުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

އޭނާގެ ބަދަލުގައި ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުުރީ ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު މުހައްމަދެވެ.

އެނގުން މުހިންމު - ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، ދެ ފަނޑިޔާރަކު ވަކިކުރި މައްސަލާގައި ނިޔާޒު ވޯޓު ދެއްވަނީ ވެސް ފަނޑިޔާރުންނާ އެއްކޮޅަށެވެ.

އަދި ފަނޑިޔާރުން ސަސްޕެންޑްކުރަނީ، ކޮމިޝަނަށް ޔަޒްމީދު އައްޔަންކުރާ ފަހުންނެވެ. އޭގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ތަމްސީލްކުރައްވާ މެންބަރަކަށް ހުންނެވީ ވަކީލު މުހައްމަދު ސަމީރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް