14 ސެޕްޓެމްބަރު 2024: ހުޅުމާލޭގައިވާ ކޭ ޕާކް ބިލްޑިން. (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ކޭ-ޕާކް މައްސަލަ: އެޕާޓުމަންޓް ހަވާލުކުރެވެންދެން މަހަކު 25،000ރ. ދިނުމާ އެކު 1 މިލިއަން ރުފިޔާގެ ބަދަލެއް
ހަންބޯ މޯލްޑިވްސް ކުންފުނިން ވިއްކާފައިވާ ކޭ-ޕާކްގެ އެޕާޓުމަންޓެއް، މި މަސް ތެރޭ އެ އެޕާޓުމަންޓް ގަތް މީހާއާ ތަން ހަވާލުކުރުމަށާއި އެޕާޓުމަންޓް ހަވާލުކުރެވެންދެން މަހަކު 25،000ރ. ދެއްކުމާ އެކު، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްފަހަރާ 1.9 މިލިއަން ރުފިޔާ ދިނުމަށް، އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ނޮވެމްބަރުގައި މި މައްސަލަ ހުށަހަޅާފައިވަނީ، 11 މާޗު 2019ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ކޭ-ޕާކް ރެސިޑެންސް މަޝްރޫއިން މީހަކު ގަނެފައިވާ އެޕާޓުމަންޓެއް ނިންމައި މިހާތަނަށް ވެސް ހަވާލުކޮށްފައިނުވާތީ އެވެ.
އެ މައްސަލާގައި އޭނާ އެދިފައިވަނީ:
-
އެޕާޓުމަންޓް ނިންމާ ހަވާލުކުރުމަށް ހަންބޯ ކުންފުންނީގެ މައްޗަށް އަމުރުކޮށްދިނުމަށް
-
އެޕާޓުމަންޓް ލިބެން ނެތް ނަމަ އެޕާޓުމަންޓަށް ދައްކާފައިވާ 4.1 މިލިއަން ރުފިޔާ އަނބުރާ ދޭން އަމުރުކޮށްދިނުމަށް
-
އެޕާޓުމަންޓް ހަވާލުނުކޮށް ހުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޖުލައި 2019 އިން ފެށިގެން އެޕާޓުމަންޓް ހަވާލުކުރެވެންދެން ކޮންމެ މަހަކަށް 25،000ރ.ގެ މަގުން އެ ފައިސާ ނަގައިދިނުމަށް
-
2019 ވަނަ އަހަރުން ފެށިގެން ހަ އަހަރާއި ހަ މަސްދުވަހަށް ޖުމްލަ 1.9 މިލިއަން ރުފިޔާ ޖެހޭ؛ އެޕާޓުމަންޓް ގަތުމަށް ދެއްކި 4.1 މިލިއަން ރުފިޔާއާ އެކު ޖުމްލަ 6.1 މިލިއަން ރުފިޔާ އެކީ އެއްފަހަރާ ތިން މަސް ތެރޭގައި ދެއްކުމަށް
ތަފްސީލް - މި މައްސަލައަށް ހަންބޯ ކުންފުނިން ޖަވާބުދާރީވެފައި ނުވާތީ، ގައިރު ހާޒިރުގައި އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައި އަމުރުކޮށްފައިވަނީ، އެޕާޓުމަންޓް ނިންމުމަށް ފަހު މި މަހުގެ ނިޔަލަށް ހަވާލުކުރުމަށެވެ.
މީގެ އިތުރުން:
-
ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ އެޕާޓުމަންޓް ގަތް މީހާއަށް ހަންބޯ ކުންފުނިން ދޭން ޖެހޭ ކަމަށް ކަނޑައެޅި؛ މި ފައިސާ އަންނަ އެޕްރީލުގެ ނިޔަލަށް ސިވިލް ކޯޓަށް ދެއްކުމަށް އެންގި
-
އެޕާޓުމަންޓް ހަވާލުކުރެވެންދެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޮންމެ މަހަކު 25،000ރ. އެ މީހާއަށް ހަންބޯ ކުންފުނިން ދައްކަން ޖެހޭ ކަމަށް ވެސް ކަނޑައެޅި
އެނގުން މުހިންމު - ހުޅުމާލޭގައި ކޭ-ޕާކް ފްލެޓްތައް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ކަސްޓަމަރުންނަށް ނުއަގުގައި ފްލެޓް ވިއްކައި އެ ކުންފުންޏަށް ނޭނގި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވީ އޭޕްރީލް 2023ގެ ފަހުކޮޅެވެ.
އެ ކުންފުނިން އޭރު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި:
-
އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު އާއި އިތުރު މީހަކު ވަނީ ބޮޑު އޮޅުވާލުމަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައި
-
މިކަން ކޮށްފައިވަނީ އެ ކުންފުނީގެ %95 ހިއްސާ އޮންނަ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން
މަކަރާއި ހީލަތުން ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، މައްސަލާގައި 50އަށް ވުރެ ގިނަ މީހުންނަށް ވަނީ ލަނޑު ލިބިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ މީހުންނަށް އެޕާޓުމަންޓް ހަވާލުކުރަން މީގެ ކުރިން ވެސް ކޯޓުން އަންގާފައިވެ އެވެ.
މި މައްސަލާގައި މަމްދޫހުގެ މައްޗަށް 104 ދައުވާ ދައުލަތުން އުފުލާފައިވާއިރު، އޭނާއާ އެކު އެކަމުގައި ބައިވެރިވި ޖައިޝާން ސައީދުގެ މައްޗަށް 74 ދައުވާއެއް ކޮށްފައިވެ އެވެ.
މަމްދޫހުގެ މައްޗަށް ދައުލަތުން އުފުލި 94 ދައުވާއެއްގެ އަދަބަކަށް 397 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ޑިސެމްބަރުގައި ހުކުމްކޮށްފަ އެވެ. އަދި ޖައިޝާން ސައީދު 159 އަހަރަށް ޖަލަށް ލާން ހުުކުމްކުރި އެވެ.