ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭޕާކް ފްލެޓްތައް. (ދައުރު ފޮޓޯ)

ކޭޕާކް ފްލެޓްތައް އަދިވެސް ހަދަނީ ހަންބޯއިން؛ މާޗު މަހުގެ ނިޔަލަށް ނިންމަން އަންގައިފި

އާ އެއްބަސްވުމުގެ އިސްލާހެއްގައި ސޮއިކުރުމަށް އެޗްޑީސީގެ ބޯޑުން ފާސްކޮށްފައިވަނީ 9 ސެޕްޓެމްބަރު 2024ގައި؛ އެ ގޮތުން އޭގައި 30 މާޗު 2025 އަށް މަސައްކަތް ނިންމުމުގެ މުއްދަތު އިތުރުކުރަން ހިމަނަން ފާސްކުރި
1 ޑިސެމްބަރު 2024

ހުޅުމާލޭގައި ހަދަން ފަށާ ނުނިމި ހުރި ކޭ-ޕާކް އެޕާޓްމަންޓުތަކުގެ މަސައްކަތް އަދިވެސް ކުރަނީ އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަންބޯ ކޮމްޕެނީ ލިމިޓެޑުން ކަމަށާއި އަންނަ މާޗު މަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށް މިހާރު އަންގާފައިވާކަމަށް އެޗްޑީސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައުލޫމާތުތަކުން އެނގިއްޖެ އެވެ.

މައްސަލައިގެ ފެށުން - ހުޅުމާލޭގައި ފްލެޓްތަކެއް އިމާރާތް ކުރުމަށް ކޮރެއާގެ ކުންފުންޏެއްް ކަމަށްވާ ހަންބޯއާ ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. އެގޮތުން:  

  • އެ މަޝްރޫއުގެ ދަށުން 'ކޭ ޕާކް ރެސިޑެންސް'ގެ ނަމުގައި ހަދަން ފެށި އެޕާޓުމަންޓް އިމާރާތް ނިންމަން އެ ކުންފުންޏަށް ދީފައިވާ މުއްދަތަކީ ދެ އަހަރު؛ ނަމަވެސް މަޝްރޫއު ނުނިމި ހަތް އަހަރު ވެއްޖެ 

  • އެ ތަނުގެ އެއް ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ) އެ ޕާޓްމަންޓްތައް މަކަރާ ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުވާ މައްސަލައެއް ވަނީ ފެންމަތިވެފައި؛ މަމްދޫހަށް ދައުވާކޮށް ޝަރީއަތް ވެސް ވަނީ ފަށާފައި

  • އެ މަޝްރޫއު ނުނިމި ދިގުލައިގެން ގޮސް އެތަނުން ފްލެޓްގަތް އެތައް ބަޔަކަށް ގެއްލުންވެ ޝަކުވާތައް ވަނީ ބޮޑުވެފައި؛ ގިނަ ބަޔަކު ދަނީ ސިވިލް ކޯޓަށް ގެއްލުމުގެ ބަދަލު ހޯދަން މައްސަލަ ވެސް ހުށަހަޅަމުން

ވީކިހިނެއް؟ - މި މައްސަލާގައި އެޗްޑީސީން އަމަލުކޮށްފައިވާ ގޮތް ތަފްސީލީ ގޮތެއްގައި އެސްއޯއީ ކޮމިޓީން ބަލައިދިނުމަށް އެދި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އެވެ. މެންބަރު އެދިފައިވާ މައުލޫމާތުތައް އެޗްޑީސީން ހޯދުމަށް ފަހު ކޮމިޓީން ވަނީ މެންބަރަށް ހިއްސާކޮށްފަ އެވެ.

ތަފްސީލް - އެޗްޑީސީން މަޖިލީހުގެ ކޮމިޓީއަށް ދިން މައުލޫމާތުތަކުގައިވާ ގޮތުން މަޝްރޫއު ލަސްވެގެން ދާތީ އެކި ފަހަރު މަތިން އެއްބަސްވުން އާކޮށް މުއްދަތު އިތުރުކުރަމުން ގޮސްފައިވެ އެވެ. އެންމެ ފަހުން އެކަމުގައި އެޗްޑީސީން ކޮށްފައިވާ މުއާމަލާތަކީ އާ އެއްބަސްވުމެއްގެ އިސްލާހެއްގައި ދެ ފަރާތުން ސޮއިކުރުމެވެ. އެގޮތުން:

  • އާ އެއްބަސްވުމުގެ އިސްލާހެއްގައި ސޮއިކުރުމަށް އެޗްޑީސީގެ ބޯޑުން ފާސްކޮށްފައިވަނީ 9 ސެޕްޓެމްބަރު 2024ގައި

  • އާ އިސްލާހުގައި މަސައްކަތް ނިންމުމުގެ މުއްދަތު 30 މާޗު 2025 އަށް އިތުރުކުރުމަށް ނިންމާފައިވޭ

  • އާ އިސްލާހުގައި ސޮއިކުރެވޭތާ 14 ދުވަހުގެ ތެރޭގައި ޕާފޮމަންސް ގެރެންޓީ ހުށަހަޅަން ހަންބޯއަށް ލާޒިމުކުރޭ

  • ބިމުގެ އަގާއި، ވަގުތީ ގޮތުން ދީފައިވާ ބިންތަކުގެ ކުލި އަދި ޖޫރިމަނާ ވެސް 30 މާޗު 2025ގެ ކުރިން ދައްކައި ހަލާސްކުރަން ޖެހޭ

  • އެންމެ ފަހުގެ ސޭލްސް ރިޕޯޓާއި ބިމުގެ އަގު ދެއްކުމުގެ ތާވަލު އަދި މަސައްކަތް ކުރުމުގެ ތާވަލު ހަތް ދުވަހުގެ ތެރޭގައި ހުށަހަޅަން ލާޒިމުކުރޭ

އެއްބަސްވުމުގެ އާ އިސްލާހުގައި މިހާތަނަށް ސޮއިކޮށްފައިވާ ކަމެއް އެ ލިޔުމުން އެނގޭކަށް ނެތެވެ. މަސައްކަތުގެ %70 ނިމިފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކޭ ޕާކް މަޝްރޫއުގައި ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވި ނަމަވެސް، މަޝްރޫއު ހިންގާ މައި ކުންފުނި ހަމްބޯ ޓެކް ކޮރެއާއިން ވަނީ އެ މަޝްރޫއު ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މީގެ ކުރިން ދީފަ އެވެ.

އެ ކުންފުނިން ބުނީ މައްސަލަ ޖެހުނީ ރާއްޖޭގެ އެޖެންޓް ކުންފުނި، ހަންބޯ މޯލްޑިވްސްއާ ދެމެދު ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކު ދެ ކުންފުނިން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް