އެމްޓީސީސީގެ ފްލެޓް އިމާރާތެއްގެ ބިންގާ އަޅާފައި އަދި މަސައްކަތް ކުރިއަށް ދަނީ: އެ ޕްރޮޖެކްޓް ނުހިންގި ވަނީ ހުއްޓާލަން ޖެހިފައި
ކޭޕާކް މަމްދޫހު ބައިވެރިވާ ކުންފުންޏަކާ ހަވާލުކުރި ދެ އޮފީހެއްގެ ހިޔާ ފްލެޓްތައް ހުއްޓިފައި
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ ދަށުން މުވައްޒަފުންނަށް ފްލެޓް އެޅުމުގެ މަސައްކަތް ފަށައި، އެ މަޝްރޫއު ނުނިމި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވެފައި ވަނީ އެމްޓީސީސީ އާއި ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އަށެވެ. ގާތް ގަނޑަކަށް ދެ އަހަރު ތެރޭ ނިންމާ ގޮތަށް އެމްޓީސީސީ އާއި އެމްއެންޔޫގެ މުވައްޒަފުންގެ ފްލެޓްތައް ހަދަން 2017-2018ގައި ހަވާލުކުރީ 'އާރުއައި އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑް' ކިޔާ ކުންފުންޏަކާ އެވެ. އޭރު މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެއީ، ސިންގަޕޫރުގެ ކުންފުންޏެކެވެ.
އެކަމަކު 'ދައުރު'އިން ބެލިބެލުމުން ހުއްޓިފައިވާ މި ދެ ފްލެޓް މަޝްރޫއު ވެސް ގުޅިފައި އޮތީ، މައްސަލަގަނޑެއްގެ ތެރެއަށް މިހާރު ވެއްޓިފައިވާ ހުޅުމާލޭގައި ހަދާ ކޭޕާކް ފްލެޓްތަކުގެ މަޝްރޫއުގައި ހިއްސާ އޮތް ހަސަން މަމުދޫހު (ކޭޕާކް މަންޑޭ)ގެ ހިއްސާ ހިމެނޭ ކުންފުންޏަކާ އެވެ. ކޭޕާކް ފްލެޓްތައް ވެސް ނިމިފައި ނުވާއިރު އެ މަޝްރޫއުގެ ތެރެއިން މަކަރާއި ހީލަތް ހަދައި އޮޅުވާލުމުގެ ސީރިއަސް މައްސަލަތަކެއް މަމްދޫހުގެ މައްޗަށް ކުރެވި ފުލުހުން ވަނީ މިހާރު ތަހުގީގެއް ވެސް ފަށައިފަ އެވެ.
އިތުރަށް ކިޔާލަން - އަގުބޮޑު ދިރިއުޅުމާއި ފައިސާ ތަޅައި ބުރުވާލުން ދެން ހިޔާނާތުގެ އަޑުތައް
-
އެމްޓީސީސީގެ 400 ފްލެޓްގެ މަޝްރޫއު:
- މަޝްރޫއަށް ބޭނުންވާ ފައިސާގެ ބައެއް ކޮންޓްރެކްޓަރު އަމިއްލައަށް ހޯދާ ގޮތަށް އާރުއައިއާ ހަވާލުކުރި އެ އެއްބަސްވުން 2020ގައި ބާތިލްކުރި
- ސަބަބަކީ އެ ކުންފުންޏަށް މަޝްރޫއު ހިންގަން ފައިސާ ހޯދިފައި ނުވާތީ
- އޭރު ނިމިފައި ވަނީ މަޝްރޫއުގެ %7.5؛ އެއީ ހަމަ އެކަނި ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން މަސައްކަތް
- އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 13.6 މިލިއަން ރުފިޔާ ދޫކުރި ނަމަވެސް އެ ފައިސާ ލިބިފައެއް ނުވޭ
- ބަދަލުގެ ގޮތުގައި 85 މިލިއަން ރުފިޔާ ހޯދަން އާރުއައިގެ މައްޗަށް ދައުވާ ކުރަން އޮތީ ނިންމާފައި
-
އެމްއެންޔޫގެ 360 ފްލެޓް މަޝްރޫއު:
- ފްލެޓްތަކުގެ މަސައްކަތް ފެށިފައި ނުވަނީސް އެމްއެންޔޫއިން އާރުއައިއަށް 28 މިލިއަން ރުފިޔާ ދީފައިވޭ
- އެ ފައިސާ އެގޮތަށް ދީފައި ވާތީ އެ މަޝްރޫއާ ގުޅޭ އޮޑިޓެއް ހަދަން އެމްއެންޔޫއިން އޮޑިޓް އޮފީހުގައި އެދިފައިވޭ
އާރުއައި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރަކީ މަމްދޫހު
އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި 15 މޭ 2017ގައި މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އާރުއައި އިންޖިނިއަރިންގެ ހިއްސާދާރުންނަކީ ހަސަން މަމްދޫހު އާއި ފާތިމަތު ވިޖުހާ އެވެ. އަދި މެނޭޖިން ޑިރެކްޓަރަކީ މަމްދޫހު އެވެ.
މިހާރު މައްސަލަ ޖެހި ހުއްޓިފައިވާ ހުޅުމާލޭގެ ކޭޕާކް ފްލެޓްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް 28 ޑިސެމްބަރު 2016ގައި ރަޖިސްޓްރީ ކުރިއިރު ހިއްސާދާރެއްގެ ގޮތުގައި ވެސް މަމްދޫހާ އެކު ފާތިމަތު ވިޖުހާ ހިމެނެ އެވެ. އަދި ހަމްބޯ ކޮމްޕެނީ އާއި އާރުއައި އިންޖިނިއަރިން ރަޖިސްޓްރީކޮށްފައި ވަނީ ވެސް އެއް އެޑްރެހެއްގައިކަން ރެކޯޑްތަކުން ހާމަވެ އެވެ.
އާރުއައި އަކީ ޕޭޕާ ކުންފުންޏެއް
އެމްޓީސީސީ އާއި އެމްއެންޔޫގެ ފްލެޓްތައް އަޅަން އެއްބަސްވުމުގައި ސޮއިކުރިއިރު މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުންޏަކީ ސިންގަޕޫރުގެ ކުންފުންޏެކެވެ. ނަމަވެސް، 'ދައުރު'އިން ބެލިބެލުމުން ސާފުވީ ގޮތުގައި އާރުއައި އިންޖިނިއަރިން އަކީ އިންޑިއާގެ ބަޔަކު ހިއްސާވެގެން ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ.
އާރުއައި އިންޖިނިއަރިންގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ އެ ކުންފުނިން މަޝްރޫއުތައް ހިންގަނީ ސިންގަޕޫރު، އިންޑިއާ އަދި ރާއްޖޭގަ އެވެ. އެގޮތުން އެ ކުންފުނީގެ ވެބްސައިޓުގައި ލިސްޓްކޮށްފައިވާ ގޮތުގައި އެ ކުންފުނިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަކީ އެމްއެންޔޫ، އެމްޓީސީސީ އަދި އިމިގްރޭޝަންގެ މުވައްޒަފުންގެ ހިޔާ ފްލެޓްތައް ހެދުމުގެ މަސައްކަތެވެ. ސިންގަޕޫރާއި އިންޑިއާގައި އެ ކުންފުނިން ހިންގާ މަޝްރޫއެއްގެ ނަމެއް ހިމަނާފައެއް ނުވެ އެވެ.
އާރުއައި އިންޖިނިއަރިންގެ ވެބްސައިޓް މިއިން ދުވަހަކު އަޕްޑޭޓްކޮށްފައެއް ވެސް ނުވެ އެވެ. އެހެންކަމުން އެ ކުންފުންޏަކީ ހަގީގަތުގައި ބޮޑެތި ކޮންސްޓްރަކްޝަން މަޝްރޫއުތަކެއް ހިންގާ ކުންފުންޏެއްކަން އެނގޭކަށް ވެސް ނެތެވެ. އަދި އެއީ މިވަގުތު ވިޔަފާރީގެ މުއާމަލާތްތަކެއް ކުރާ ކުންފުންޏެއްކަން ފެންނާން ވެސް ނެތެވެ.
އާރުއައިއަށް 41.6 މިލިއަން ދީފައި؛ ފައިސާ ހޯދޭނެތަ؟
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ކުންފުނިތަކާއި އިދާރާތަކުން ހިޔާ މަޝްރޫއުގެ ދަށުން އެ ތަންތަނުގެ މުވައްޒަފުންނަށް ހިންގަން ނިންމާފައިވާ ފްލެޓް މަޝްރޫއުތައް މަޑު ޖައްސާލަން ނިންމި އެވެ. އެކަމަކު އޭރުވެސް އެމްޓީސީސީގެ ޓަވަރުތައް ހެދުމުގެ މަސައްކަތް ފަށާފައިވުމުން އެ ކުންފުނިން ނިންމީ އެ މަޝްރޫއު ކުރިއަށް ގެންދާށެވެ.
އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި އާރުއައި އިންޖިނިއަރިންއާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދަން ވަރަށް ގިނަ ފަހަރު މަޝްވަރާކުރި އެވެ. އަދި އެ މަޝްރޫއަށް އެމްޓީސީސީއިން ވަނީ އެޑްވާންސަށް އެ ކުންފުންޏަށް 13.6 މިލިއަން ރުފިޔާ ވެސް ދޫކޮށްފަ އެވެ. އެކަމަކު، އާރުއައި އިންޖިނިއަރިންއިން އެއްބަސްވި ގޮތަށް ފައިސާ ނުހޯދި މަސައްކަތް ވެސް ކުރިއަށް ނުދާން ފެށުމުން އެއްބަސްވުން ޖެހުނީ ބާތިލްކުރާށެވެ. އަދި އެޑްވާންސަށް ފައިސާ ދޫކުރި އިރު، އާރުއައި އިންޖނިއަރިންއިން އެމްޓީސީސީއަށް ދީފައިވާ ޕާފޯމަންސް ގެރެންޓީ ވެސް ވަނީ ރިޖެކްޓްވެފައިކަން އެނގިފައިވެ އެވެ.
އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި އާރުއައި އިންޖިނިއަރިން އިން މަޝްރޫއު ކުރިއަށް ނުގެންދިޔުމުގެ ސަބަބުން އެ ކުންފުންޏަށް 85 މިލިއަން ރުފިޔާގެ ގެއްލުމާ ވަނީ ކުރިމަތިވެފަ އެވެ.
އެމްޓީސީސީއިން އެއްބަސްވުން ބާތިލްކުރުމުން ބަދަލު ހޯދަން އާރުއައި އިންޖިނިއަރިން އިން 2021ގެ ތެރޭގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ. އޭރު އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތުން އެއް ކަމެއް ޔަގީންކުރެވެ އެވެ. އެއީ އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގައި އުފެދޭ ދެ ބަސްވުންތައް ހައްލުކުރަން ޖެހޭނީ ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަމަށް ބުނެފައިވުމެވެ. އާރުއައި އިންޖިނިއަރިންއިން ކޯޓަށް ހުށަހެޅި މައްސަލަ ވެސް ނުބެލޭނޭ ކަމަށް ނިންމީ އެ އަސާސަށް ބަލައިގެންނެވެ.
މިކަމުން އެއް ޔަގީނެވެ. އެއީ އާރުއައި އިންޖިނިއަރިންއަށް ދީފައިވާ ފައިސާ އަނބުރާ ހޯދަން ކަނޑަތު ކުރަން ޖެހޭ ރާސްތާ ދިގުވާނޭ ކަމެވެ. އެއީ ފަސޭހަ ކަމެއް ނޫނެވެ. އަދި އެކަމަށް އިތުރަށް ހަރަދު ވެސް ކުރަން ޖެހޭނެ އެވެ.
އެމްއެންޔޫގެ ފްލެޓްތަކުގެ މައްސަލައިގައި ވެސް އާރުއައި އިންޖިނިއަރިންއަށް ބޮޑު ތުހުމަތެއް އެބަ އޮތެވެ. އެ މަޝްރޫއު އާރުއައި އިންޖިނިއަރިންއަށް ދިނުމާއި ފައިސާ ދީފައިވާ ގޮތުގައި ބޮޑެތި ގޯސްތަކެއް ހުރި ކަމަށް ވައިސް ޗޭންސެލާ ޑރ. މުހައްމަދު ޝަރީފް ވަނީ ރައްޔިތުން މަޖިލިހުގެ 2021 ވަނަ އަހަރުގެ ބަޖެޓް ކޮމިޓީގައި ވިދާޅުވެފަ އެވެ. ޝަރީފް ވިދާޅުވެފައިވާ ގޮތުގައި މަޝްރޫއު ހިންގުމަށް އާރުއައި އިންޖިނިއަރިންއަށް 28 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ އެގްރިމަންޓްގައި އެކަން ކުރަން ބުނެފައި ނުވަނީހެވެ.
އާރުއައިއަށް ދޫކުރި ފައިސާގެ ތަފްސީލް:
-
ޓަވަރުތަކުގެ ޑިޒައިނިން މަސައްކަތަށް 13 މިލިއަން ރުފިޔާ
-
އެ ކުންފުނިން އެދިގެން 15 މިލިއަން ރުފިޔާ ދޫކޮށްފައިވޭ
އާރުއައި އިންޖިނިއަރިންއަށް ދޫކުރި އެ ފައިސާ އެމްއެންޔޫއަށް އަދިވެސް ރިކަވާ ވެފައެއް ނުވެ އެވެ. އަދި އެކަމާ ގުޅޭ އޮޑިޓެއް ހަދަން އޮޑިޓް އޮފީހަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.
-
އިތުރަށް ކިޔާލަން - ގޯސްތަކެއް ހުރެގެން ގައުމީ ޔުނިވަސިޓީގެ ފްލެޓް މަޝްރޫއުގެ އޮޑިޓެއް ހަދަނީ
މި ސަރުކާރުގެ ސިޔާސަތަށް އައި ބަދަލާ އެކު އެމްއެންޔޫއިން މިހާރު ނިންމާފައި އޮތީ އެ މަޝްރޫއު ކުރިއަށް ނުގެންދާށެވެ. އަދި އެޗްޑީސީއިން ވަނީ ބިން ވެސް އެމްއެންޔޫގެ އަތުން އަތުލައިފަ އެވެ. މަޝްރޫއިން އެމްއެންޔޫއަށް ގެއްލިފައިވާ ފައިސާ އަދި ހޯދޭނޭ މަގެއް ވަނީ ނުފެނިފަ އެވެ. އެގްރިމަންޓްތައް ހުރި ގޮތުން އާރުއައި ކުންފުނި ގޮވައިގެން ޖެހެނީ ސިންގަޕޫރު އާބިޓްރޭޝަނަށް ދާށެވެ.
އެމްޓީސީސީ އާއި އެމްއެންޔޫގެ ފްލެޓްތައް ހެދުމުގެ ތެރެއިން ވެސް މަމްދޫހު ބައިވެރިވާ ކުންފުންޏަކަށް މި ވަނީ ބޮޑެތި މާލީ މަންފާތަކެއް ލިބިފަ އެވެ. ކޭޕާކް މަޝްރޫއު ގޮތަށް މި ދެ މަޝްރޫއުގެ ތެރެއިން ވެސް އަޑި ނޭނގޭ އެތައް ކަންތައްތަކެއް ހިނގައި މި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
ކޮމެންޓް (5)
ޖާހު
މުލުވަގު
ބައެއް ނުކުތާ
ސިޓީ ކައުންސިލް މަމްދޫހް
މަމްދޫހު