ބަޖެޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އެމްއެންޔޫގެ އިސް ވެރިންނާ 15 ނޮވެމްބަރު 2021ގައި ބައްދަލުކުރަނީ. (ފޮޓޯ/މަޖިލިސް)
ގޯސްތަކެއް ހުރެގެން ގައުމީ ޔުނިވަސިޓީގެ ފްލެޓް މަޝްރޫއުގެ އޮޑިޓެއް ހަދަނީ
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ގައުމީ ޔުނިވަސިޓީ(އެމްއެންޔޫ)އިން އިމާރާތް ކުރަން ފެށި 15 ބުރީގެ ދެ ޓަވަރުގެ މަޝްރޫއުގެ ތެރޭގައި ގޯސްތަކެއް ހަދާފައިވާތީ އެ މަޝްރޫއުގެ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
ބުނީ ކީކޭ؟ - އިއްޔެ ބޭއްވި ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ޔުނިވަސިޓީގެ ވައިސް ޗޭންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ އެ ފްލެޓުތަކުގެ މަސައްކަތް އެއް ގޮތަކަށް ވެސް ކުރިއަށް ނުގޮސް ހުއްޓިފައި ހުރި ކަމަށާއި އެ ތަން އިމާރާތް ކުރަން ހަވާލުކޮށްފައި އޮތީ އެމްޓީސީސީގެ ފްލެޓްތައް ވެސް ހަދަން ހަވާލުކުރި ކުންފުންޏާ ކަމަށެވެ. އެއީ ސިންގަޕޫރުގެ އާރުއައި އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑެވެ.
އެމްޓީސީސީގެ ޓަވަރުތަކުގެ މަސައްކަތް ވެސް ކުރިއަށް ނުގޮސްގެން އެ ކުންފުންޏާ އެކު ކޮށްފައިވާ އެއްބަސްވުން މިހާރު ވަނީ ބާތިލްކޮށްފަ އެވެ.
ޝަރީފް ވިދާޅުވީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ފެށި އެ މަސައްކަތް ކުރިއަށް ނުގޮސްގެން ޔުނިވަސިޓީގެ ކައުންސިލުން އެ މަޝްރޫއުގެ ކަންކަން ބެލި އިރު ކުރީގެ މެނޭޖްމަންޓުން ވަނީ އެގްރިމަންޓުގައި ލާޒިމް ނުކުރަނީސް ކޮންޓުރެކްޓަރަށް އިތުރަށް ފައިސާ ދީފައި ކަމަށެވެ.
އެގޮތުން ދީފައިވާ ފައިސާ އަކީ:
-
ޓަވަރުތައް ޑިޒައިންކޮށް ކުރެހުމުގެ މަސައްކަތަށް 13 މިލިއަން ރުފިޔާ
-
ފަހުން އެ ކުންފުނިން އެދިގެން އިތުރަށް 15 މިލިއަން ރުފިޔާ
-
ޖުމްލަ 28 މިލިއަން ރުފިޔާ ދީފައިވޭ
"މިގޮތަށް މީގެ ތެރޭގައި ނުކިއްސަރު ކަންތައްތަކެއް ހުރީމާ އޮޑިޓް އޮފީހަށް މިހާރު އަޅުގަނޑުމެން ވާނީ މީގެ ހާއްސަ އޮޑިޓެއް ހެދުމަށް އެދިފައި،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ކޮންޓުރެކްޓަރަށް ދީފައިވާ ފައިސާ އާއި އެ މަޝްރޫއު ހުއްޓިފައި ވާތީ ދެން ކުރިއަށް ދެވޭނެ ގޮތެއް ނިންމާނީ އެ އޮޑިޓުގެ ފަހު ކަމަށެވެ. އެގޮތުން ފައިސާ އަނބުރާ ހޯދާނެ ގޮތްތަކާ މެދުވެސް ގޮތެއް ނިންމަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"މި ގޮތަށް މި މަޝްރޫއު ހުއްޓިފައި އޮތުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވާ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.
އެނގުން މުހިންމު - ޔުނިވަސިޓީން ޓަވަރު އަޅަން ނިންމާފައިވަނީ، ކޮންމެ އިމާރާތެއް 10،000 އަކަފޫޓުގެ ބިމެއްގަ އެވެ. އެހެން ނަމަވެސް ސަރުކާރުގެ ސިޔާސަތަށް އައި ބަދަލަކާ ގުޅިގެން2019 ވަނަ އަހަރު އެ ބިން ވަނީ އެޗުޑީސީއަށް އަނބުރާ ނަގައިފަ އެވެ. ބިން އަތުލި މައްސަލަ ޔުނިވަސިޓީން ވަނީ ކޯޓަށް ވައްދައިފަ އެވެ.
ކޮމެންޓް (1)
ޖަމީލާ