މީގެ ކުރިން ބޭއްވި ކެމްޕެއިން ހަރަކާތެއްގެ ތެރެއިން އާދަމް އާޒިމް: އެމްޑީޕީގެ މޭޔަރުކަމުގެ ޓިކެޓް ރޭ އޭނާ ކަށަވަރު ކުރެއްވީ ބޮޑު ތަފާތަކުން (ފައިލް ފޮޓޯ/ އެމްޑީޕީ)

އާދަމް އާޒިމް

ޓިކެޓް ކަށަވަރުކުރުމަށްފަހު އާދަމް: 'ތާއަބަދު އެމްޑީޕީ މެންބަރުންނާއެކު ހުންނާނަން'

އާދަމް އާޒިމް ވިދާޅުވީ، 2028ގައި އެމްޑީޕީގެ ވެރިކަމެއް ގެނައުމަށް ވެސް އޭނާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް

އެމްޑީޕީ މެންބަރުން އޭނާ އެ ޕާޓީއަށް ވަނީއްސުރެ ދެމުންދާ ލޯބި ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށާއި "ތާއަބަދަށް" އެ މެންބަރުންނާއެކު ހުންނަވާނެ ކަމަށް އެ ޕާޓީގެ ޕްރައިމަރީގައި މާލޭ މޭޔަރު ކަމުގެ ޓިކެޓް ހޯއްދެއްވި މިހާރު ވެސް މޭޔަރު، އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އާޒިމް މިގޮތަށް ވިދާޅުވީ، އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ހޯއްދެއްވި ބޮޑު ކާމިޔާބީ ފާހަގަ ކުރެއްވުމަށް ސިޓްރޯން ރެސްޓޯރެންޓުގައި ސަޕޯޓަރުންނާ އެކު ބޭއްވި އުފާފާޅުކުރުމުގައި ވާހަކަ ދައްކަވަމުންނެވެ. ވާހަކަ ދައްކަވަން ފައްޓަވަމުން ﷲއަށް ހަމްދުކުރައްވައި، ކެމްޕެއިން ޓީމް ކޮށްދެއްވި މަސައްކަތްތަކަށް އޭނާ ޝުކުރު އަދާ  ކުރެއްވި އެވެ.

އޭނާ ސިފަކުރެއްވީ މިއީ "މުޅި އެމްޑީޕީއަށް ލިބުނު ކާމިޔާބެއް"ގެ ގޮތުގަ އެވެ. 

ތަފްސީލު - އާޒިމް އިތުރަށް ވިދާޅުވީ މާލެ ހިމެނޭހެން މުޅި ރާއްޖޭގައި ވެސް ހައްލު ކުރަން ޖެހިފައިވާ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ. އެގޮތުން:

  • ރަނގަޅު މާލެއެއް ހޯދައިދީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އޭނާގެ ވިސްނުމަކީ އެމްޑީޕީއާއެކު މަސައްކަތް ކުރުން

  •  މިކަމުގައި އެމްޑީޕީގެ މުޅި ލީޑާޝިޕުން އޭނާއަށް ދެއްވި ހިތްވަރާއި ކުރި އިތުބާރު ފާހަގަކުރައްވައި އަބަދު ވެސް އެކަމަށް ޝުކުރުވެރިވާ ކަމަށް އޭނާ ވިދާޅުވި 

"އަޅުގަނޑު އެމްޑީޕީއަށް ވަތް ދުވަހުން ފެށިގެން، އެމްޑީޕީގެ މެންބަރުން ތި ދެމުންދާ ލޯތްބާއި އިހުތިރާމް [އަދި] ގަދަރަކީ، އަޅުގަނޑުގެ ހިތުން ދުވަހަކު ވެސް ފޮހެވިގެންދާނެ ކަމެއް ނޫން. ފުރަތަމަ އިންތިހާބުން ފެށިގެން މި އިންތިހާބުގައި ވެސް ތިބޭފުޅުން ތި ދައްކައިދިނީ، އަޅުގަނޑު ތިބޭފުޅުންނާއެކު ހުރި ކަމާއި ތިބޭފުޅުން އަޅުގަނޑާއެކު ހުރިކަން. ބޭފުޅުން ތި ގޮތަށް ތިއްބަވާތީ، އަޅުގަނޑަށް ހިތްވަރު ލިބޭ،" މީގެ ދެ އަހަރު ކުރިން ބޭއްވި ބައި-އިލެކްޝަންގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވައި، މާލޭގެ މޭޔަރު ކަމަށް ވަޑައިގެންނެވި އާދަމް އާޒިމް ވިދާޅުވި އެވެ.

"މިއަދު މި ލިބުނު ކާމިޔާބަކީ، އެމްޑީޕީއަށް ލިބުނު ކާމިޔާބެއް. އެމްޑީޕީއަކީ އަބަދު ވެސް ވާދަވެރި އިންތިހާބުތައް ބާއްވައިގެން ކުރިއަށްދާ ޕާޓީއެއް. އެހެންވެގެން މިއަދު ވެސް އަޅުގަނޑު އެމްޑީޕީގައި މިހުރީ. އަޅުގަނޑު ދެކޭ ގޮތުގައި މި ގޮތަށް އިންތިހާބުތައް ބޭއްވުމަކީ، އަޅުގަނޑުމެން ވަރުގަދަވާ ކަމެއް، އެކުވެރިވާ ކަމެއް."

އިއްޔެގެ އިންތިހާބުގައި އާދަމް އާޒިމް ވޯޓުލައްވަނީ (ފޮޓޯ/ ކެމްޕެއިން ޓީމް)

ވާދަވެރިން އެންމެ ބޮޑަށް ތުހުމަތު ކުރި އެއް ކަމަކީ، އާދަމް އާޒިމް މަސައްކަތް ކުރަނީ ސަރުކާރާއެކު ކަމާއި އޭނާ އެމްޑީޕީ ދޫކޮށްފައި ދާނެ ކަމަށެވެ. ނަމަވެސް އާދަމް އާޒިމްގެ ކާމިޔާބުގެ ވާހަކައިގައި އޭނާ ދެއްވި ޔަގީން ކަމަކީ، "މި ވަރުގަދަ އެމްޑީޕީ ކުރިއަށް ގެންދިޔުމަށްޓަކައި ކޮށްދެވޭ ހުރިހާ މަސައްކަތްތަކެއް އަބަދުވެސް ކޮށްދޭނެ" ކަމުގެ ޔަގީން ކަމެވެެ. އަދި ޕާޓީގެ މެންބަރުންނާއެކު "ތާ އަބަދަށް ހުންނާނެ"ކަމުގެ ޔަގީންކަން ދެއްވި އެވެ.

"އެމްޑީޕީއަކީ، މި ގައުމުގައި ހުރިހާ ކަމެއް ބަދަލު ކުރި ޕާޓީ، އެ ބަދަލުގައި އަޅުގަނޑު ވެސް ހިއްސާވާން މަސައްކަތް ކުރާ ކަމަށާއި އެ ބަދަލުގެ ބައިވެރިއެއްގެ ގޮތުގައި އަޅުގަނޑު ތާ އަބަދު ތިބޭފުޅުންނާއެކު ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު އަރުވަން،" އާދަމް އާޒިމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބު ވެސް މެންބަރުންގެ ބުރަ މަސައްކަތާއެކު "ބޮޑުތަނުން އިރާދަކުރެއްވިއްޔާ އެމްޑީޕީން ކާމިޔާބު ކުރާނެ" ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ. އަދި 2028ގައި އޮންނަ ރިޔާސީ އިންތިހާބު ޕާޓީއަށް ކާމިޔާބު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

"[ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްފަހު] ހަމަ އެއާއެކު އެ ދާ ގޮތަށް އެމްޑީޕީއަށް 2028ގެ ވެރިކަން ހޯދައިދޭނީ، އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން. އަދި ރާއްޖެއަށް [އެމްޑީޕީން] ގެނައި ބަދަލުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އެއްކޮށް މަސައްކަތް ކުރުން އަޅުގަނޑު އެދޭ ގޮތަކީ ވެސް،" އާޒިމް ވިދާޅުވި އެވެ.

އާދަމް އާޒިމް މޭޔަރުގެ ޓިކެޓް ކާމިޔާބު ކުރެއްވީ، ކުރީގެ ރައިސް މުހައްމަދު ނަޝީދުގެ ތާއީދާއެކު އެ މަގާމަށް ކުރިމަތިލެއްވި ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމްއާ ވާދަ ކުރައްވައިގެންނެވެ. ބަލި ގަބޫލު ކުރައްވައި، އަލީ އާޒިމް ވަނީ ރޭ އާދަމް އާޒިމްއަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އެކަމަށްޓަކައި އާދަމް އާޒިމް ރޭގެ ވަހަކަގައި އަލީ އާޒިމްއަށް ޝުކުރު އަދާ ކުރެއްވި އެވެ.

"އަލީގެ އަރިހުން އަޅުގަނޑު އެދުނިން ހިނގާށޭ އަޅުގަނޑުމެން އެންމެން އެއްކޮށް މަސައްކަތްކުރަން. އެމްޑީޕީގެ ކުރީގެ އޮތް ރޫހު އާލާކޮށް، އެ ރޫހާއެކު ކުރިއަށް ގޮސް މި އަނިޔާވެރި، މަކަރުވެރި [އަދި] ވައްކަމުގައި ޖެހިފައި އޮތް ސަރުކާރު މައިތިރި ކުރަން މަސައްކަތް ކުރަން،" އާދަމް އާޒިމް ވިދާޅުވިއ ެވެ.

"އަޅުގަނޑު އެދެނީ އެބޭފުޅުން އަޅުގަނޑާއެކު މަސައްކަތް ފަށައިދެއްވައި، އަޅުގަނޑުމެން އެންމެން އެއްކޮށް މި ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދީ، މާލެ ސީޓީ މޭޔަރު ކަމާއި މާލެ ސިޓީ ކައުންސިލްއާ އަދި މުޅި ރާއްޖޭގެ ކައުންސިލްތައް އެއްކޮށް ނަގައިދިނުމަށް އެއްކޮށް މަސައްކަތް ކުރަން ފަށަން."

ކޮމެންޓް (2)

ކޮސް

17 ޖެނުއަރީ 2026
ސާބަހޭ.މާލެ ސިޓީ އަށް ބޭނުންވަނީ އާދަމް އާޒިމްފަދަ ވަރުގަދަ ޝަޚުޞިއްޔަތެއް.
1 0

ޑުޑުޑުޑޫޑޫޑޫ

17 ޖެނުއަރީ 2026
ސަރުކާރުގެ ޓެކްސީ ލައިން ދުއްވާ ޑްރައިވަރުންގެ ޔުނިފޯރމެއް ހުންނަން ޖެހޭނެއޭ އަދި ބޮލުގެ އިސްތަށިގަނޑު ހުންނަން ޖެހޭނީ އިސްލާމީ އުސޫލު ތަކާއި އެއްގޮތަށޭ މީ އިސްލާމީ ގައުމެކޭ ސަރުކާރުން ބުނަނީ އިސްލާމީ އުސޫލު ތައް ކުރިއަރުވާނަމޭ އަމަލުން އެކަން ކުރާ ތަން ނުފެނޭ އަމާބުނީތީ ފަރަށްދާ އުސޫލުން އެކަން ސަރުކާރުން ނުކޮށް މައުނަވީ ގޮތުގައި އެކަން ކުރާށޭ މަމެން ބޭނުންވަނީ ސަރުކާރުގެ ކިބައިގައި ޕިންކީންގެ ވެރިކަމުގައި ހުރި ގޮތަށް ތެދުވެރިކަން ހުރުމޭ ހުރުމޭ ހުރުމޭ ހުރުމޭ އައި ވޯންޓް ސަމްތިންގް ޖަސްޓް ލައިކް ދިސް ޑުޑުޑުޑޫޑޫޑޫ އައި ވޯންޓް ސަމްތިންގް ޖަސްޓް ލައިކް ދިސް ޑުޑުޑުޑޫޑޫޑޫ އައި ވޯންޓް ސަމްތިންގް ޖަސްޓް ލައިކް ދިސް ޑުޑުޑުޑޫޑޫޑޫ ޑުޑުޑުޑޫޑޫޑޫ ޑުޑުޑުޑޫޑޫޑޫ ޑުޑުޑުޑޫޑޫޑޫ ޑާންސް ޑާންސް ޑާންސް ޑާންސް....
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް