އާދަމް އާޒިމް ޕްރައިމަރީގެ ކެމްޕެއިން ހަރަކާތެއްގައި (ފައިލް ފޮޓޯ/ކެމްޕެއިން ޓީމް)

ބޮޑު ތަފާތަކުން އަލީ އާޒިމް ބަލިކުރައްވައި، އާދަމް އާޒިމް ޓިކެޓް ހޯއްދަވައިފި

މިހާތަނަށް ގުނާފައިވާ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މާލޭ މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރެއްވުމަށް އާދަމް އާޒިމް އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވީ %60 އަށް ވުރެ މަތިން ވޯޓު ހޯއްދަވައިގެން

މާލޭ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ވާދަ ކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމް، އިދިކޮޅު އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރައްވައިފި އެވެ. މިހާރު ގުނާފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން އާދަމް އާޒިމް ޓިކެޓް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.

ވީ ކިހިނެއް؟ - ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް ދިޔައީ މާލޭ މޭޔަރުކަމުގެ ވޯޓެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ގުނުން ކުރިއަށް ދަނީ (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)
އެމްޑިޕީ ޕްރައިމަރީގެ މާލޭ މޭޔަރުކަމުގެ ވޯޓު ކަރުދާސްތަކެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލު - އެ ޕްރަައިމަރީގައި އާދަމް އާޒިމްއާ ވާދަ ކުރެއްވީ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް އެވެ. މިހާތަނަށް ގުނާފައިވާ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އާދަމް އާޒިމް، އަލީ އާޒިމްގެ މައްޗަށް ކުރި ހޯއްދެވީ ވޯޓުގެ %60 އަށް ވުރެ މަތިންނެވެ. މިހާތަނަށް ގާތްގަނޑަކަށް ހުރިހާ ވޯޓު ފޮށިތަކުން ވެސް ކުރީގައި އުޅުއްވަނީ އާދަމް އާޒިމް އެވެ.

މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 5،400އެއްހާ މީހުންނަށެވެ. ނަމަވެސް މި ޕްރައިމަރީގައި ވޯޓުލީ މީހުންގެ އަދަދު ނިސްބަތުން މަދެވެ.

އާދަމް އާޒިމް

  • ސިޔާސީ މަސައްކަތް ފެއްޓެވީ ޖުމްހޫރީ ޕާޓީން؛ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމު ފުރުއްވި

  • ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މޭނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި

  • ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީގެ ސީއީއޯކަމާއި އެމްޓީސީސީގެ އެމްޑީގެ މަގާމު ފުރުއްވި

  • ދަތުރުފަތުރުން ރާއްޖެ ގުޅާލުމަށް ސޯލިހުގެ ސަރުކާރުގައި އާރުޓީއެލް ހިދުމަތް އެމްޓީސީސީން ފެށިއިރު އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އާދަމް އާޒިމް

  • މެއި 2023ގައި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން، ސޯލިހުގެ ދެވަނަ ރިޔާސީ ކެމްޕެއިނާ ގުޅިވަޑައިގެންނެވި

  • މާލޭ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވީ 2024ގައި ބޭއްވި ބައި-އިލެކްޝަންގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާ ވާދަކުރައްވައި، 2،500އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުން

އަލީ އާޒިމް

  • ސިޔާސީ މަސައްކަތް ފެއްޓެވީ ޑީއާރުޕީއިން؛ އެ ޕާޓީގެ ނައިބު ލީޑަރުގެ މަގާމު ފުރުއްވި

  • އެމްޑީޕީއާ ފުރަތަމަ ގުޅިވަޑައިގެންނެވީ 2013ގައި؛ 18 އަދި 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމު ފުރުއްވި

  • މަޖިލީހުގައި މެދު ހެންވޭރު ދާއިރާގެ ގޮނޑި ތިން ދައުރު އަދާ ކުރެއްވި

  • ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އަލީ އާޒިމް ހުންނެވީ ނަޝީދު ފެކްޝަންގައި

  • ދަ ޑިމޮކްރެޓްސްގެ ނަމުގައި ނަޝީދު އާ ސިޔާސީ ޕާޓީއެއް ހައްދަވަން ނިންމެވުމުން އެކަމުގައި އަލީ އާޒިމް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި؛ އަދި އޭގެ ކުރިން ވިޕް ލައިނާ ހިލާފުވެގެން ޕާޓީން ވަކިކުރި

  • އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރު ޖެނުއަރީގައި

ފާހަގަކުރެވޭ - މި ޕްރައިމަރީގައި ސޯލިހުގެ ތާއީދު އޮތީ އާދަމް އާޒިމްއަށެވެ. ނަމަވެސް އެމަނިކުފާނު ކެމްޕެއިން ހަރަކާތްތަކުގައި ފާޅުގައި ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. ނަޝީދު ތާއީދު ކުރެއްވީ އަލީ އާޒިމްއަށެވެ.

އެމްޑީޕީން މާލޭ މޭޔަރުކަމަށް އާދަމް އާޒިމް ވާދަ ކުރައްވާއިރު، ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓަކަށް ވާނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ. އޭނާއަށް ޓިކެޓް ލިބިވަޑައިގެންނެވީ ޕްރައިމަރީއަކާ ނުލަ އެވެ. އޭގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ތާއީދާ އެކު މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވެސް މާލޭ މޭޔަރުކަމަށް ވާދަ ކުރައްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް