ސޯލިހު، ނަޝީދު އަދި އާދަމް އާޒިމް (ކ-ވ)

އެމްޑީޕީ

ނަޝީދާއި ސޯލިހްގެ މަރުހަބާ އާދަމް އާޒިމްއަށް

މާލޭ މޭޔަރުކަމުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅި ޕްރައިމަރީގައި ސޯލިހާއި ނަޝިދު ތިއްބެވީ ދެ ފަޅީގައި

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރުކަމަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވި މިހާރުގެ މޭޔަރު އާދަމް އާޒިމްއަށް، އެ ޕާޓީގެ އިސް ދެ ލީޑަރުން ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމްއާ ވާދަ ކުރައްވައިގެންނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އަލީ އާޒިމްގެ މައްޗަށް އާދަމް އާޒިމް ކުރި ހޯއްދެވީ ބޮޑު ތަފާތަކުންނެވެ. އެއާއެކު ނަޝީދާއި ސޯލިހު ވަނީ އާދަމް އާޒިމްއަށް ތަހުނިޔާ ވިދާޅުވެ، އެކްސްގައި މިރޭ ޕޯސްޓެއް ކުރައްވާފަ އެވެ.

ތަފްސީލު - މި ޕްރައިމަރީގައި ނަޝީދުގެ ތާއީދު އޮތީ އަލީ އާޒިމްއަށެވެ. ނަޝީދުގެ ޕޯސްޓުގައި އާދަމް އާޒިމްއަށް މަރުހަބާ ވިދާޅުވަމުން، "އަލީ އާޒިމް ކުރެއްވި ހިތްވަރަށްވެސް މަރުހަބާ" ވިދާޅުުވި އެވެ. އޭގެ އިތުރުން، މިއަދު ބޭއްވީ އިންތިޒާމް ރަނގަޅު، ފުރިހަމަ ޕްރައިމަރީއެއްގެ ގޮތުގައި ފާހަގަކުރައްވައި ޕާޓީއަށް ވެސް އެމަނިކުފާނު މަރުހަބާ ވިދާޅުވި އެވެ.

ޕްރައިމަރީގައި ސޯލިހު ތާއީދު ކުރެއްވީ އާދަމް އާޒިމް އަށެވެ. އާދަމް އާޒިމް ހޯއްދެވި އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި މި ކާމިޔާބީ ސިފަ ކުރެއްވީ، މޭޔަރުކަމުގައި މިދިޔަ ދެ އަހަރު ހުންނަވައިގެން އޭނާ ރައްޔިތުންނަށް ކޮށްދެއްވި ހިދުމަތްތައް އެމްޑީޕީގެ މެންބަރުން ބަލައިގަތުން ކަމަށެވެ.

"ކެމްޕެއިން ތެރޭގަ ވަރަށް ގިނަ މާލޭގެ މެންބަރުންނާ ވަނީ ބައްދަލުވެފައެވެ. އަދި އެމީހުންގެ އިހުސާސްތަކާ އެމީހުންއެދޭ ގޮތްތައް ވެސް ވަނީ އަޑު އިވިފައެވެ. ﷲ ގެ އިރާދަފުޅާއެކު އަލުން މޭޔަރު ކަމަށް ހޮވިއްޖެނަމަ އެ އިހުސާސްތަކާ އެ ހުށަހެޅުންތަކަށް އަމަލީ ސިފަ ގެންނެވުމަށް މަސައްކަތް ކުރައްވާށެވ،." އެމަނިކުފާނުގެ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އާދަމް އާޒިމްގެ ކާމިޔާބީއާ ގުޅިގެން ކުރެއްވި ޕޯސްޓުގައި ސޯލިހު ލިޔުއްވާފައިވެ އެވެ.

ފާހަގަކޮށްލެވޭ - ސޯލިހު އާދަމް އާޒިމްއަށް ތާއީދު ކުރެއްވި ނަމަވެސް ފާޅުގައި ކެމްޕެއިނެއް ނުކުރައްވަ އެވެ. ނަމަވެސް ނަޝީދު ވަނީ އަލީ އާޒިމްގެ ކެމްޕެއިންގައި އަަމަލީ ގޮތުން ބައިވެރިވެވަޑައިގެން، ކެމްޕެއިން ހަރަކާތްތަކުގައި ވާހަކަފުޅު ވެސް ދައްކަވާފަ އެވެ.

އެމްޑީޕީން މާލޭ މޭޔަރުކަމަށް އާދަމް އާޒިމް ވާދަ ކުރައްވާކަން މިރޭ ކަށަވަރުވިއިރު، ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓަކަށް ވާނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ. އޭނާއަށް ޓިކެޓް ލިބިވަޑައިގެންނެވީ ޕްރައިމަރީއަކާ ނުލަ އެވެ. އޭގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ތާއީދާ އެކު މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވެސް މާލޭ މޭޔަރުކަމަށް ވާދަ ކުރައްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް