އެވިޑް ކޮލެޖްގެ ގްރެޖުއޭޝަންއެއްގެ ތެރެއިން (ފައިލް ފޮޓޯ/ ރައީސް އޮފީސް)

އެވިޑް ކޮލެޖު

ގަވައިދާ ހިލާފަށް، ހުއްދަ ނުދޭ ކޯސްތައް ހިންގާތީ އެވިޑް ކޮލެޖަށް ފިޔަވަޅު އަޅައިފި

އެމްކިއުއޭއިން ބުނި ގޮތުގައި، މީގެ ކުރިން އެކި ފަހަރުމަތިން ލިޔުމުން އެވިޑް ކޮލެޖަށް ނަސޭހަތްދީފައިވޭ؛ މިފަހަރު އެޅި ފިޔަވަޅަކީ ނަސޭހަތް ދީ އެ އެންގުން އާންމު ކުރުން

ގަވައިދާ ހިލާފަށް، ހުއްދަ ނުދޭ ބޭރުގެ ބައެއް ކޮލެޖްތަކުގެ ކޯސްތައް ތަކުރާރުކޮށް ހިންގަމުންދާތީވެ،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެވިޑް ކޮލެޖަށް މިއަދު ފިޔަވަޅު އަޅައި އެކަން އާންމުކޮށް އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - މީގެ ކުރިން ވެސް އެވިޑް ކޮލެޖުން ގަވައިދާ ހިލާފުވެގެން ފިޔަވަޅު އަޅައި ފަހުން އެ ފިޔަވަޅުތައް އޮގަސްޓު 2024ގައި ނަގާފައިވެ އެވެ.

އެމްކިއުއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެތަނުގެ އެޑްވައިޒަރީ ބޯޑުގެ ލަފައާ އެކު މިދިޔަ ސެޕްމްބަރުގައި ގެޒެޓް ކުރި އެކްރެޑިޓޭޝަން ގަވައިދުގެ ދަށުން އެވިޑް ކޮލެޖަށް މި މައްސަލައިގައި އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި "ނަސޭހަތްތެރިވުމާ އެކު، އެކަން އާންމުކޮށް އިއުލާން ކުރުމަށް" ނިންމި ކަމަށް ހާމަކޮށްފަ އެވެ.

ތަފްސީލު - އެމްކިއުއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މަރްޔަމް ފިޒާނާ ރަޝީދު ސޮއިކުރައްވައި މިހާރު ގެޒެޓްކޮށްފައިވާ ދެ ސަފްހާގެ އެ ބަޔާނުގައި ބުނީ، ސްރީ ލަންކާގެ "އެމަޒޯން ކޮލެޖު" އާއި "އަލްޒެޓް ޔުނިވާސިޓީ (ވަކި ގައުމެއްކަން ނޭނގޭ)"ގެ ކޯސްތަކެއް އެމްކިއުއޭގެ ގަވާއިދާތަކާ ހިލާފަށް ހިންގާފައިވާ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް ހިންގި އެ ކޯސްތަކުުގެ ދަރިވަރުންނަށް ސަނަދު ވެސް ދީފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

އެކަން ފާހަގަ ކުރެވުނީ، އެކި ގައުމުތަކުގެ ކޮލިފިކޭޝަން އެޖެންސީތަކުންނާއި ދަރިވަރުންގެ އިތުރުން އެވިޑު ކޮލެޖުން އެ އޮތޯރިޓީއާ ހިއްސާކޮށްފައިވާ ލިޔެކިޔުންތަކުން ކަމަށް ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން، ލަންކާގައި ރަޖިސްޓްރީކޮށްފައި ނުވާ އެ ގައުމުގެ ފަސް މަރުކަޒުތަކެއްގެ ކޯސްތަކެއް ވެސް ހިންގުމަށް ކަމަށް ބުނެ އެވިޑް ކޮލެޖުން އިޝްތިހާރުކޮށްފައިވާ ކަމަށް ބަޔާނުގައި ބުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    ޗެސްޓާ ކޮލެޖު އޮފް ހަޔާ އެޑިޔުކޭޝަން

  • 2-

    އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް

  • 3-

    އިނޮވޭޓަސް ކެމްޕަސް

  • 4-

    ސިލޯން ކޮލެޖު އޮފް އެޕްލައިޑް ސްޓަޑީޒް

  • 5-

    ބިޓްވިން ކެމްޕަސް

"މި ތަންތަނަކީ ސްރީ ލަންކާގެ ޔޫޖީސީ، ޓީވީއީސީ އަދި [އެ ގައުމުގެ] މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަންގައި މަތީ ތައުލީމް ދިނުމަށް ރަޖިސްރީކޮށްފައިވާ ތަންތަން ނޫން،" ބަޔާނުގައިވެ އެވެ.

"29 އޮގަސްޓު 2024 އިން ފެށިގެން މި އޮތޯރިޓީން ދަނީ، މިތަނުން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑީޓޭޝަން ދިން ގޮތާ ހިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި ނަސޭހަތްތެރިވަމުންނެވެ،" ނަމަވެސް އެވިޑް ކޮލެޖުން ތަކުރާރުކޮށް އެ އެންގުންތަކާ ހިލާފުވަމުންދާކަން އެމްކިއުއޭއިން އެއްކުރި މައުލޫމާތުތަކުން ދެނެގަނެވިފައިވާކަން ފާހަގަކޮށް، ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން ބަޔާނުގައި ބުނީ:

  • ރާއްޖޭން ބޭރުގެ ޕްރޮގްރާމްތައް ހިންގުމުގެ ކުރިން އެމްކިއުއޭގެ ހުއްދަ ހޯދުމަށް ދިވެހި ހުރިހާ މަތީ ތައުލީމް ދޭ މަރުކަޒުތަކަށް އެ އޮތޯރިޓީން 17 ފެބްރުއަރީ 2025ގައި ސިޓީއަކުން އިލްތިމާސްކޮށް، އެކަން އާންމުކޮށް އަންގާ އިއުލާން ކުރި

  • 30 ސެޕްޓެމްބަރު 2025ގައި ގެޒެޓް ކުރި އެެކްރިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ ގަވައިދުގެ ދަށުން އެ އޮތޯރިޓީގެ ހުއްދަ ހޯދައިގެން ޕްރޮގްރާމް ހިންގުމަށް ވެސް އިލްތިމާސްކޮށްފައިވާނެ

"އެހެންކަމުން، [އެ ގަވައިދުގެ] ދަށުން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި އެވިޑް ކޮލެޖަށް ނަސޭހަތްތެރިވުމާ އެކު މިކަން އާންމުކޮށް އިއުލާން ކުރީމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ކޮމެންޓް (5)

އަހަންމަދު

4 ޖެނުއަރީ 2026
އިނގިރޭސި ބަސް ނުދަންނަ މިހުންނަށް އިނގިރޭސި ބަހުން ފަރުމާ ކޮށްފައިވާ މާސްޓަރސް ޕްރޮގްރަމް ތަކުގައި އެބަ ކިވައިދޭ. އޭގެ ތެރޭގައި ޑިގްރީއެއް ނަހަދާ ތިބި މީހުންވެސް ހިމެނޭ. އެކަމަކު ދޮޅު އަހަރެއްހާ ދުވަސްތެރޭ މާސްޓަރސް އެބަ ނިންމާލާ. މިކަން ހުއްޓުވަން ޖެހޭ. މިގޮތަށް މަސްޓަރސް ހެދި މިހުންގެ ސެޓްފިކެޓް ގަބޫލު ކޮށްގެން ނުވާނެ. އެއަށް ބިނާކޮށް ވަޒީފާގެ ކުރިއެރުން ދީގެން ނުވާނެ. މިހުންނަނީ ބޮޑެތި ޚިޔަނާތް.
1 0

ޟޮލްމާ

3 ޖެނުއަރީ 2026
ކިހާ ދެރަ ކަންކަން. ސެޓްފިކެޓް ގަންނަ މީހުންނަށް ފިޔަަވަޅު އަޅާ.
4 0

ޭއިމްރާން

3 ޖެނުއަރީ 2026
ޢެމް.ކިޔު.އޭ އަކީ އަބަދުވެސް އެވިޑް ކޮލެޖާ ޒާތީ ވެފައި ހުންނަ ތަނެއް. ޙާއްސަކޮން ތި ފިޒާނާ. ބަންދު ދުވަހެއްގައި އޮފީސް ހުޅުވާގެން މި ގޮތަށް ނޫސްބަޔާން ނެރުމަކީވެސް މީގެ ހެއްކެއް.ނޫސްވެރިޔާ މި ހަބަރު ޖެހުމުގެ ކުރިން ކޮލެޖުގެ ބަހެއް ހޯދުމަކީ މުހިއްމުކަމެއް
0 2

ސުހާނާ

3 ޖެނުއަރީ 2026
@ޭއިމްރާން "ޙާއްސަ" އެއް ނޫން ކިޔަނީ. "ޚާއްޞަ" އޭ ކިޔަނީ.
1 0

ނޫން

4 ޖެނުއަރީ 2026
@ސުހާނާ ދިވެހި ބަހުގެ އަޑުތަކުގެ ތެރޭގައި އަރަބި ޚާ އަދި ޞާދެއް ނުހިމެނެއެވެ. އެހެންކަމުން ދިވެހި ބަހަށް ގަދަރެއް ކުރަންޏާމު (އަދަރަންޏާމު) ކިޔާނީ ހާއްސައެވެ. ނޫންނަމަ ހާއްސަ މިބަސް ބޭރުކޮށްފައި އަހަރެމެންގެ ބަހުގެ މާމަ، ސަންސްކިރިތުން ވިށޭށަ (ވިހޭހަ ވެސް މައްސަލައެއް ނެތެވެ) މިބަސް ގެނެސް ބޭނުން ކުރަން ފަށާނީއެވެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް