އެމްކިއުއޭގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު (ވ). (ފޮޓޯ/އެމްކިއުއޭ)
ކްލިކް އާއި އެވިޑް ކޮލެޖުން ގަވާއިދާ ހިލާފަށް ކޯސް ހިންގާތީ ފިޔަވަޅު އަޅައިފި
ގަވާއިދާ ހިލާފަށް ކޯސް ހިންގަމުންދާތީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ކްލިކް ކޮލެޖާއި އެވިޑު ކޮލެޖަށް ފިޔަވަޅު އަޅައިފި އެވެ.
ވީ ކިހިނެއް؟ - އެމްކިއުއޭއިން އެ ދެ ކޮލެޖުގެ މައްސަލަ ބަލަން ފެށީ، އެ ތަންތަނުގައި ހިންގާ ކޯސްތަކާ ގުޅޭ ގޮތުން އެ އޮތޯރިޓީއަށް ޝަކުވާތަކެއް ލިބުމުންނެވެ. އަދި އެ ދެ ކޮލެޖަށް ފިޔަވަޅު އެޅީ އެ ޝަކުވާތައް ބެލުމަށް ފަހު ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ދަށުންނެވެ.
ތަފްސީލު - ކްލިކް އަދި އެވިޑް ކޮލެޖަށް އެމްކިއުއޭއިން އެޅި ފިޔަވަޅުތަކުގެ ތަފްސީލު މިއަދު ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. އެ ދެ ކޮލެޖާ ބެހޭ ގޮތުން ވެސް ގިނަ އަދި ބޮޑެތި މައްސަލަތަކެއް އެމްކިއުއޭއިން ހެދި އޮޑިޓުން ވަނީ ފާހަގަވެފަ އެވެ.
އެވިޑް ކޮލެޖު
އެވިޑް ކޮލެޖާ ބެހޭ ގޮތުން މައިގަނޑު ގޮތެއްގައި ހުށަހެޅި ޝަކުވާއަކީ ލެކްޗަރާއިންނަށް ދޭން ޖެހޭ މުސާރަ ނުދޭތީ ދަރިވަރުންގެ އިމްތިހާން ކަރުދާސްތައް ބައެއް ލެކްޗަރާއިން މާކު ނުކުރުމެވެ. އޭގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެ، އެ މުއްދަތަށް ދަރިވަރުންނަށް އިތުރަށް ފައިސާ ދައްކަން ޖެހުމުގެ ޝަކުވާ އެވެ.
އެ ޝަކުވާއާ ގުޅިގެން އެމްކިއުއޭއިން އެވިޑް ކޮލެޖުގެ ހަތް ޕްރޮގްރާމެއްގެ 'ރެންޑަމް ބެޗް އޮޑިޓް'އެއް ކުރިއަށް ގެންދިއުމުން ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި ގައިޑްލައިނާ ހިލާފު ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
1-
ޕްރޮގްރާމް ހިންގަނީ ދީފައިވާ ޕްރޮގްރާމް އެކްރެޑިޓޭޝަނާ އެއްގޮތަށް ނޫންކަން؛ ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތަކުގެ ކޮންޓެކްޓް ގަޑި ހަމަނުކޮށް، ދަރިވަރުން ކޮލެޖަށް ޓިއުޓޯރިިއަލް ހުށަހެޅުމުން ލެކްޗަރާއިން ޓިއުޓޯރިއަލް ނުބަލައި ހާޒިރީ ދިން ކަމާއި ކޮންޓެކްޓް ގަޑިތައް ހަމަނުކޮށް ދަރިވަރުންނަށް ނަތީޖާ ދިނުން
-
2-
ޕްރޮގްރާމްތަކުގެ ކޮންޓެކްޓް ގަޑިތައް ހަމަކޮށްފައިވޭތޯ ބަލަން ކޮލެޖުގެ ޕާޓްޓައިމް ލެކްޗަރާއިންގެ ހާޒިރީ ޝީޓުތަކާއި މުސާރަ ޝީޓުތައް ބެލުމަށް މިދިޔަ 5 ޖޫންގައި އެދުމުން މިއަދާ ހަމައަށް ވެސް އެ ޝީޓުތައް ނުދައްކައި އުޒުރުވެރިވި؛ އެމްކިއުއޭއިން ގޮސް ބެލުމަށް އެދުމުން ވެސް އެކަމަށް އިޖާބަ ނުދިން
-
3-
ގައިޑްލައިނާ އެއްގޮތަށް ޕްރޮގްރާމް އޮނިގަނޑު ބަދަލުކޮށް، ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާއިރު، ކިޔަވައިދެމުން އަންނަނީ ކުރިން ފާސްކޮށްފައިވާ ޕްރޮގްރާމް އޮނިގަނޑަށް؛ ޕްރޮގްރާމްގެ ސަމަރީ ތާވަލާ އެއްގޮތަށް ވެސް މޮޑިއުލްތައް ކުރިއަށް ނުގެންދޭ
-
4-
'ބިފޯ ކޮމެންސިން ފޯމު' ފޮނުވަންޖެހޭ މުއްދަތުގައި އެ ފޯމު ފޮނުވަމުން ނުދިއުން
-
5-
ދަރިވަރުން އެންރޯލްކުރި ތާރީހާއި އިންޓޭކް ތާރީހާ ދިމާނުވުމާއި ދަރިވަރުންގެ ހާޒިރީ އާއި ނަތީޖާ ޝީޓުތައް ބަލަހައްޓާނެ އެކަށީގެންވާ ރަނގަޅު ނިޒާމެއް ނެތުން
-
6-
ލެކްޗަރާއިންނަށް ދޭން ޖެހޭ މުސާރަ ނުދޭތީ ބައެއް ލެކްޗަރާއިން ދަރިވަރުންގެ އިމްތިހާނު ކަރުދާސްތައް މާކުނުކޮށް، ޕްރޮގްރާމް މުއްދަތު އިތުރުވުމުގެ ޝަކުވާ ބޮޑުވުމުން ކަރުދާސްތައް މާކުކުރީ އިންޓާނަލް ކޮމެޓީއެއް އުފައްދައިގެންކަން އެ އޮޑިޓަށް އެވިޑް ކޮލެޖުން މައުލޫމާތު ދިން؛ ކަރުދާސްތައް މާކުކުރީ ކިޔަވައިދެއްވި ލެކްޗަރާއިންކަން ނުވަތަ ނޫންކަން އެނގެން ނެތުމުން ދަރިވަރުންނަށް ދިން ނަތީޖާއާ މެދު އެމްކިއުއޭއިން ވަނީ ސުވާލު އުފައްދާފައި
-
7-
އީ-ލާނިން ގައިޑްލައިންގައިވާ ގޮތުގެ މަތިން 'ލާނިން މެނޭޖްމަންޓް ސިސްޓަމް'އެއް ނެތުން؛ އެއާ އެކު، އީ-ލާނިން މޮޑަލިޓީގެ ދަށުން އެކްރެޑިޓޭޝަން ދީފައިވާ ގޮތަށް ޕްރޮގްރާމްތަކަށް ކިޔަވައިދީ، އެ ޕްރޮގްރާމްތަކަށް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން އިމްތިހާން ދެވޭނެ އެކަށީގެންވާ ވަސީލަތެއް ނެތުން
އެމްކިއުއޭއިން ވަނީ މިދިޔަ 5 މެއިގައި އެވިޑް ކޮލެޖުގެ މެނޭޖްމަންޓާ ބައްދަލުކޮށް މި ކަންކަމާ ބެހޭ މައުލޫމާތު ދީފަ އެވެ. އެ ކަންކަމުގެ އިތުރަށް 2017 އިން ފެށިގެން އެކި އަހަރު މަތިން އެވިޑް ކޮލެޖަށް އެކި ކަންކަން ރަނގަޅު ކުރުމަށް އެމްކިއުއޭއިން ލިޔުމުން އަންގާފައިވާތީ، އެމްކިއުއޭއިން ނިންމީ ގައުމީ ސަަދުތަކުގެ އޮނިގަނޑާއި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެ ކޮލެޖަށް އެންގުމަށެވެ.
ހަމަ އެއާ އެކު، އެވިޑް ކޮލެޖަށް އިތުރު ޕްރޮގްރާމްތަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ނުދިނުމަށް ވެސް އެ އޮތޯރިޓީން ވަނީ ނިންމާފަ އެވެ.
އެ ފިޔަވަޅުތަކާ އެކު އީ-ލާނިން މޮޑަލިޓީގައި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތަކުގެ ސްޓޭޓަސް ހަ މަސްދުވަހަށް (މިއަދުން ފެށިގެން އަންނަ 28 ޖެނުއަރީ)އަށް 'ކޮންޑިޝަނަލީ އެކްރެޑިޓް'އަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި އީ-ލާނިން މޮޑަލިޓީގެ ދަށުން ހުއްދަދީފައިވާ އެއްވެސް ޕްރޮގްރާމެއް އިޝްތިހާރުކޮށްގެން އިތުރަށް ހިންގޭނީ އަލުން 'ފުލީ އެކްރެޑިޓޭޝަން ސްޓޭޓަސް'އަށް ހުއްދި ދިނުމުންނެވެ.
"ފިޔަވަޅުތައް އެޅިފައިވީ ނަމަވެސް، މިހާރު އެވިޑް ކޮލެޖުން ކުރިއަށްދާ ބެޗުތައް ކުރިއަށް ގެންދެވޭނެ ކަމާއި މި ފިޔަވަޅުތަކުގެ ސަބަބުން ކިޔަވަމުން އަންނަ ދަރިވަރުންނަށް އެއްވެސް އަސަރެއް ނުކުރާނެ ވާހަކަ ދަންނަވަމެވެ،" އެމްކިއުއޭގެ އިއުލާނުގައިވެ އެވެ.
ކްލިކް ކޮލެޖު
އެމްކިއުއޭއިން ބުނީ ކްލިކް ކޮލެޖަށް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން އެއްވެސް ޕްރޮގްރާމެއް ހިންގުމުގެ ހުއްދަ އެ އޮތޯރިޓީން ނުދޭ ކަމަށެވެ.
ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު، ރާއްޖޭގައި މަތީ ތައުލީމު ދޭ ހުރިހާ މަރުކަޒުތަކުން ފާސްކޮށްފައިވާ ޕްރޮގްރާމްތަކަށް ހިންގުމަށް އެފަދަ އާންމު ހުއްދައެއް އެމްކިއުއޭއިން ދިނެވެ. ކޮވިޑްގެ ހާލަތު ބަދަލުވުމުން 28 އޭޕްރީލް 2022ގައި އެ ހުއްދަ ވަނީ ބާތިލުކޮށްފަ އެވެ.
އޭގެ ކުރިން ވެސް އޮންލައިންކޮށް ކޯސްތައް ހިންގުމަށް އެއްވެސް ޕްރޮގްރާމަކަށް ކްލިކް ކޮލެޖުން ހުއްދަ ނަގާފައި ނުވުމާއި ކޮވިޑް ދުވަސްވަރު ދިން ހާއްސަ ހުއްދަ ވެސް ބާތިލުކޮށްފައިވުމާ އެކު ކްލިކް ކޮލެޖަށް އެއްވެސް ޕްރޮގްރާމެއް އެގޮތަކަށް ނުހިންގޭނެ އެވެ.
އެ ކޮލެޖުން ހިންގަމުން އަންނަ 'ބެޗެލާ އޮފް ބިޒްނަސް މެނޭޖްމަންޓް' ޕްރޮގްރާމަކީ 2019ގައި ދަރިވަރުން ކޮލެޖަށް ގެންގޮސްގެން ހިންގަން ހުއްދަ ދީ، މި އަހަރު އެގޮތަށް އެކްރެޑިޓޭޝަން ވެސް ދިން ޕްރޮގްރާމެއް ނަމަވެސް، މިހާތަނަށް ވެސް އެ ޕްރޮގްރާމް ހިންގަމުން އަންނަނީ އީ-ލާނިން މޮޑަލިޓީގައިކަން ދަރިވަރުން ވަނީ އެމްކިއުއޭއަށް ޝަކުވާ ހުށަހަޅާފަ އެވެ.
ބައެއް އިތުރު ޕްރޮގްރާމްތައް ވެސް އެގޮތަށް ހިންގުމަށް ކްލިކް ކޮލެޖުން އިޝްތިހާރުކޮށްފައިވާއިރު، އެ މައްސަލަތައް މި މަހުގެ 18ގައި އެ ކޮލެޖުގެ އިސް ވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އެމްކިއުއޭއިން ވަނީ ފާހަގަކޮށްފަ އެވެ.
އެ މައްސަލަތަކާ ގުޅިގެން ކްލިކް ކޮލެޖަށް އެޅި ފިޔަވަޅުތަކަކީ:
-
ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާއި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅުކުރަން އެންގުން
-
އެކްރެޑިޓު ނުކޮށް މަތީ ތައުލީމުގެ ޕްރޮގްރާމެއް ހިންގާ މަރުކަޒެއްގެ ގޮތަށް 10،000ރ. އިން ޖޫރިމަނާކުރުން
-
ޕްރޮގްރާމް ހުއްޓުމަށް އެންގުން
-
ސަނަދު ދިނުމުގެ ހުއްދަ ދޫނުކުރުން
-
ގަވާއިދާ ހިލާފަށް ހިންގާ ޕްރޮގްރާމްތައް އާންމުކޮށް އިއުލާންކުރުން
އެ ފިޔަވަޅުތައް އެކްރެޑިޓޭޝަން ހުއްދައާ ނުލައި ހިންގާފައިވާ ހުރިހާ ޕްރޮގްރާމަކަށް ވެސް އަޅާނެ ކަމަށާއި އެ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނީ ކްލިކް ކޮލެޖުން ކަމަށް ވެސް އެމްކިއުއޭގެ އިއުލާނުގައިވެ އެވެ.
ކޮމެންޓް (2)
ސިކުނޑި
ވިސްނުން