އެވިޑް ކޮލެޖު
އެވިޑު ކޮލެޖަށް އެޅި ފިޔަވަޅުތައް އުވާލައިފި
އެވިޑު ކޮލެޖާ ގުޅޭ ގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއޭ)އަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ކޮލެޖަށް އެޅި ފިޔަވަޅުތައް އުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެ ކޮލެޖުގެ ލެކްޗަރާއިންނަށް ދޭން ޖެހޭ މުސާރަ ނުދޭތީ ދަރިވަރުންގެ އިމްތިހާން ކަރުދާސްތައް ބައެއް ލެކްޗަރާއިން މާކު ނުކުރުމުގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެ، އެ މުއްދަތަށް ދަރިވަރުންނަށް އިތުރަށް ފައިސާ ދައްކަން ޖެހުމުގެ ޝަކުވާ އާ ގުޅިގެން އެމްކިއުއޭ އިން ވަނީ އެވިޑް ކޮލެޖުގެ ހަތް ޕްރޮގްރާމެއްގެ 'ރެންޑަމް ބެޗް އޮޑިޓް'އެއް ކުރިއަށް ގެންގޮސްފަ އެވެ.
ތަފްސީލް - އެ އޮޑިޓާ އެކު ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި ގައިޑްލައިނާ ހިލާފު ގިނަ ކަންތައްތަކެއް އެވިޑު ކޮލެޖުން ކޮށްފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
-
ޕްރޮގްރާމް ހިންގަނީ ދީފައިވާ ޕްރޮގްރާމް އެކްރެޑިޓޭޝަނާ އެއްގޮތަށް ނޫންކަން؛ ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތަކުގެ ކޮންޓެކްޓް ގަޑި ހަމަނުކޮށް، ދަރިވަރުން ކޮލެޖަށް ޓިއުޓޯރިިއަލް ހުށަހެޅުމުން ލެކްޗަރާއިން ޓިއުޓޯރިއަލް ނުބަލައި ހާޒިރީ ދިން ކަމާއި ކޮންޓެކްޓް ގަޑިތައް ހަމަނުކޮށް ދަރިވަރުންނަށް ނަތީޖާ ދިނުން
-
ޕްރޮގްރާމްތަކުގެ ކޮންޓެކްޓް ގަޑިތައް ހަމަކޮށްފައިވޭތޯ ބަލަން ކޮލެޖުގެ ޕާޓްޓައިމް ލެކްޗަރާއިންގެ ހާޒިރީ ޝީޓުތަކާއި މުސާރަ ޝީޓުތައް ބެލުމަށް މިދިޔަ 5 ޖޫންގައި އެދުމުން މިއަދާ ހަމައަށް ވެސް އެ ޝީޓުތައް ނުދައްކައި އުޒުރުވެރިވި؛ އެމްކިއުއޭއިން ގޮސް ބެލުމަށް އެދުމުން ވެސް އެކަމަށް އިޖާބަ ނުދިން
-
ގައިޑްލައިނާ އެއްގޮތަށް ޕްރޮގްރާމް އޮނިގަނޑު ބަދަލުކޮށް، ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާއިރު، ކިޔަވައިދެމުން އަންނަނީ ކުރިން ފާސްކޮށްފައިވާ ޕްރޮގްރާމް އޮނިގަނޑަށް؛ ޕްރޮގްރާމްގެ ސަމަރީ ތާވަލާ އެއްގޮތަށް ވެސް މޮޑިއުލްތައް ކުރިއަށް ނުގެންދޭ
-
'ބިފޯ ކޮމެންސިން ފޯމު' ފޮނުވަންޖެހޭ މުއްދަތުގައި އެ ފޯމު ފޮނުވަމުން ނުދިއުން
-
ދަރިވަރުން އެންރޯލްކުރި ތާރީހާއި އިންޓޭކް ތާރީހާ ދިމާނުވުމާއި ދަރިވަރުންގެ ހާޒިރީ އާއި ނަތީޖާ ޝީޓުތައް ބަލަހައްޓާނެ އެކަށީގެންވާ ރަނގަޅު ނިޒާމެއް ނެތުން
-
ލެކްޗަރާއިންނަށް ދޭން ޖެހޭ މުސާރަ ނުދޭތީ ބައެއް ލެކްޗަރާއިން ދަރިވަރުންގެ އިމްތިހާނު ކަރުދާސްތައް މާކުނުކޮށް، ޕްރޮގްރާމް މުއްދަތު އިތުރުވުމުގެ ޝަކުވާ ބޮޑުވުމުން ކަރުދާސްތައް މާކުކުރީ އިންޓާނަލް ކޮމެޓީއެއް އުފައްދައިގެންކަން އެ އޮޑިޓަށް އެވިޑް ކޮލެޖުން މައުލޫމާތު ދިން؛ ކަރުދާސްތައް މާކުކުރީ ކިޔަވައިދެއްވި ލެކްޗަރާއިންކަން ނުވަތަ ނޫންކަން އެނގެން ނެތުމުން ދަރިވަރުންނަށް ދިން ނަތީޖާއާ މެދު އެމްކިއުއޭއިން ވަނީ ސުވާލު އުފައްދާފައި
-
އީ-ލާނިން ގައިޑްލައިންގައިވާ ގޮތުގެ މަތިން 'ލާނިން މެނޭޖްމަންޓް ސިސްޓަމް'އެއް ނެތުން؛ އެއާ އެކު، އީ-ލާނިން މޮޑަލިޓީގެ ދަށުން އެކްރެޑިޓޭޝަން ދީފައިވާ ގޮތަށް ޕްރޮގްރާމްތަކަށް ކިޔަވައިދީ، އެ ޕްރޮގްރާމްތަކަށް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން އިމްތިހާން ދެވޭނެ އެކަށީގެންވާ ވަސީލަތެއް ނެތުން
އެމްކިއުއޭއިން ވަނީ މިދިޔަ 5 މެއިގައި އެވިޑް ކޮލެޖުގެ މެނޭޖްމަންޓާ ބައްދަލުކޮށް، މި ކަންކަމާ ބެހޭ މައުލޫމާތު ދީފަ އެވެ. އެ ކަންކަމުގެ އިތުރަށް، 2017 އިން ފެށިގެން އެކި އަހަރު މަތިން އެވިޑް ކޮލެޖަށް އެކި ކަންކަން ރަނގަޅު ކުރުމަށް އެމްކިއުއޭއިން ލިޔުމުން އަންގާފައިވާތީ، އެމްކިއުއޭއިން ނިންމީ ގައުމީ ސަަދުތަކުގެ އޮނިގަނޑާއި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެ ކޮލެޖަށް އެންގުމަށެވެ.
ހަމަ އެއާ އެކު، އެވިޑް ކޮލެޖަށް އިތުރު ޕްރޮގްރާމްތަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ނުދިނުމަށް ވެސް އެ އޮތޯރިޓީން ވަނީ ނިންމާފަ އެވެ.
އެ ފިޔަވަޅުތަކާ އެކު، އީ-ލާނިން މޮޑަލިޓީގައި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތަކުގެ ސްޓޭޓަސް ހަ މަސްދުވަހަށް (މިދިޔަ ޖުލައި 28 އިން ފެށިގެން އަންނަ 28 ޖެނުއަރީ)އަށް 'ކޮންޑިޝަނަލީ އެކްރެޑިޓް'އަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި އީ-ލާނިން މޮޑަލިޓީގެ ދަށުން ހުއްދަދީފައިވާ އެއްވެސް ޕްރޮގްރާމެއް އިޝްތިހާރުކޮށްގެން އިތުރަށް ހިންގޭނީ އަލުން 'ފުލީ އެކްރެޑިޓޭޝަން ސްޓޭޓަސް'އަށް ހުއްދި ދިނުމުންނެވެ.
އެމްކިޔުއޭ އިން މިއަދު ކުުރި އިއުލާނެއްގައި ބުނީ މިދިޔަ މަހުގެ 28ގައި އެވިޑު ކޮލެޖަށް އެޅި ފިޔަވަޅުތައް މުރާޖައާ ކުރުމަށް އެމްކިޔުއޭއިން އެ ކޮލެޖާ އެކު މި މަހުގެ 18ގައި ބައްދަލުކުރި ކަމަށެވެ.
އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންތަކަށް ރިއާޔަތްކޮށް، އެމްކިޔުއޭ އިން ވަނީ މިިދިޔަ ބުރާސްފަތި ދުވަހު އެވިޑު ކޮލެޖަށް ޒިޔާރަތް ކޮށްފަ އެވެ. އަދި ރަނގަޅު ކުރަން އަންގާފައިވާ ކަންތައް އެވިޑު ކޮލެޖުން ރަނގަޅުކޮށްފައިވާތީ އެ ކޮލެޖަށް އެޅި ވަގުތީ ފިޔަވަޅުތައް މިހާރު އުވާލާފައިވާ ކަމަށް އެމްކިޔުއޭ އިން ބުންޏެވެ.