މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ މާލެ ސިޓީ ކައުންސިލް)

މާލޭ ކުލީ ބިންތަކުގެ މައްސަލަ ކުރިއަށް ގެންދަން ޕީއެންސީ މެންބަރުން މިއަދު ވެސް ހުރަސްއަޅައިފި

މިއަދު ޕީއެންސީ މެންބަރުން ޖަލްސާ ބޮއިކޯޓުކުރީ، އާންމުކުރި ބިން ލިސްޓުގައި ބައެއް ބިންތައް ނެތް ކަމުގެ ޝަކުވާއެކު އެ މައްސަލާގައި ކަންކުރާނެ ގޮތެއް ކަންޑައަޅަން އުޅުމުން

މާލެ ސިޓީ ކައުންސިލުން އާންމުކުރި ބިމުގެ ލިސްޓާގުޅޭ މައްސަލަ ފެށުމާއެކު ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ބައެއް މެންބަރުން ޖަލްސާ ދޫކޮށް ދިއުމުން މިއަދުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - ޖަލްސާގެ ކޯރަމަކީ 10 އެކެވެ. މިއަދުގެ ޖަލްސާ ފެށީ އެ އަދަދަށް މެންބަރުން ހާޒިރުވެ ތިބުމުންނެވެ. ޖަލްސާ ފަށައިގެން އެޖެންޑާގެ އޮތް ތިން ކަމެއް ކުރުމާ ހަމަޔަށްވެސް މެންބަރުން ތިއްބެވެ. އެކަމަކު އެޖެންޑާ ނަންބަރު ހަތަރެއްގައި އޮތް ބިމާބެހޭ މައްސަލަ ފެށުމާއެކު، ޕީއެންސީގެ ތިން މެންބަރަކު ޖަލްސާ ދޫކޮށްދިއުމުން ޖަލްސާގެ ކޯރަމް ގެއްލުނީ އެވެ.

ތަފްސީލް - އެޖެންޑާ ނަންބަރު ހަތަރެއްގައި އޮތީ މާލެ ކައުންސިލުން މިދިޔަ މަހުގެ 20ވަނަ ދުވަހު އާންމުކުރި ބިންތަކުގެ ލިސްޓުގައި، ބައެއް ބިންތައް ނެތް ކަމުގެ ޝަކުވާ ހުށަހަޅާފައިވާތީ، އެފަދަ އެއްބަސްވުންތަކެއް ހުރިނަމަ އެ އެއްބަސްވުންތަކާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމެވެ.

ކައުންސިލުގެ މެޖޯރަޓީ އޮންނަނީ ސަރުކާރަށް ނިސްބަތްވާ ޕީއެންސީ މެންބަރުންގެ އަތުގައި ކަމުން، ބިމާބެހޭ މައްސަލަތައް އެޖެންޑާއަށް ލާ އެއްވެސް ދުވަހެއްގައި ޖަލްސާގެ ކޯރަމް ހަމައެއް ނުވެ އެވެ.

ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަށް ނުގެންދެވޭތާ ދެ ދުވަސްވެފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި އެވެ. އެހެންވެ، ކޯރަމް ހަމަވަންދެން މަޑުކޮށްލަން ފެންނަ ކަމަށް ނިންމައި ޖަލްސާ މެދުކަނޑާލުމަށްފަހު، ދެން ފެށިއިރު ވެސް ކޯރަމް ހަމައެއް ނުވެ އެވެ. އެހެންވެ، މިއަދުގެ ޖަލްސާގައި ވެސް އެމަސައްކަތް ކުރިއަށް ނުގެންދެވި ނިންމާލީ އެވެ.

އެނގުން މުހިންމު - މަސް މާރުކޭޓު މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލަން މީގެ ކުރިން ބޭއްވި ޖަލްސާއަށް އެޖެންޑާ ކުރުމުން ވެސް ޕީއެންސީގެ މެންބަރުން ވަނީ އޭރުގެ ޖަލްސާތައް ވެސް ބޮއިކޯޓުކޮށްފަ އެވެ.

މިހާރު އާންމުކޮށްފައިވާ ބިމުގެ ލިސްޓުގައި ބައެއް ބިންތައް ނެތިގެން އެ ޝަކުވާ ހުށަހެޅީ، ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ އެވެ. އޭނާ އެ ޖަލްސާއާ ހިސާބަށް ގެނައި މައްސަލާގައި އޮތީ، މިދިޔަ މަހު އާންމުކުރި މާލޭގެ ބިންތަކުގެ ލިސްޓުގައި ވިލިމާލޭގެ ނުވަ މަޝްރޫއުގެ ތެރެއިން ހަ މަޝްރޫއެއް އުނިކޮށްފަވާ ކަމަށެވެ. 

ކޮމެންޓް (3)

ސިކުނޑި

25 ޑިސެމްބަރު 2025
މިއީ މިކަން ފޮރުވަން ރާވައިގެން ކުރާކަމެއް! މިކަމުގެ ތުހުމަތު ކުރެވެނީ މޭޔަރަށް! އުސޫލުން ބޭރުން ބިމެއް ދީފައިވާނަމަ އެކަމާ ކައުސިލުން ނިންމުމެއް ނިންމާކަށް ނުޖެހޭނެ! ގާނޫނާއި ގަވައިދުގެ ތެރެއިން ކަންކަން ކުރީމާ ރަނގަޅުވާނެ! އެލްޖީއޭއިން މާލެ ސިޓީ ކައުންސިލަށް ވަންނާކަށް ނުވޭތޯ؟!؟
0 0

ޓެކްސްޕޭޔަރ

25 ޑިސެމްބަރު 2025
ޖަލްސާ ދޫކޮށްދިޔަ މެންބަރުންނާ ކޯރަމް ހަމަވިޔަނުދޭން ހާޒިރުނުވާ މެންބަރުންގެ ނަން ހާމަނުކުރަނީ ކީއްވެ؟ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބޭ ބަޔަކު ޒިންމާ އަދާކުރަން ފަސްޖެހޭނަމަ އެކަން ނޫސްވެރިން ހާމަކުރަންޖެހޭނެނޫންތޯ؟
1 0

ކޮސް

24 ޑިސެމްބަރު 2025
ޕީ.އެން.ސީއިން މިހެންހަދަނީ މުއިއްޒުގެ މައްސަލަތަކެއް ހުރީމަ ދޯ !!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް