ވިލިމާލެ ކައުންސިލަރު ނަހުލާ މިއަދުގެ ޖަލްސާގައި

ނަހުލާ ކައުންސިލުގެ ލިޔެކިއުންތަކެއް އިރާލި މައްސަލަ ފުލުހަށް؛ 'އިރާލީ އޮޅުވާލައިގެން ބިން ހަވާލުކުރަން އުޅުމުން'

ކައުންސިލުގެ އެސްޖީ ވިދާޅުވީ މާ ކުރީގެ ތާރީހެއް އެއްބަސްވުމުގައި އޮތީ އެއީ އެ ތާރީހުގައި ތައްޔާރުކޮށްފައިވާ އެއްބަސްވުމަކަށް ވުމުން ކަމަށް؛ އޭރު އެއްބަސްވުމުގައި ސޮއިކުރަން ތަކުރާރުކޮށް އަންގުމުން ވެސް ސޮއިކޮށްފަ ނުވާ ކަމަށް

މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިމެއްގެ އެއްބަސްވުމެއް ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ އިރާލި މައްސަލަ އެ ކައުންސިލުން ފުލުހުންނާއި، ލޯކަލް ގަވާމަންޓް އޮތޯރަޓީ (އެލްޖީއޭ)އަށް ހުށަހަޅައިފި އެވެ. 

ވީ ކިހިނެއް؟ - މިކަން ހާމަކުރީ، އޮޅުވާލައިގެން ބިން ހަވާލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން އުޅުން ކަމަށް ބުނެ މިއަދު ބޭއްވި ކައުންސިލް ޖަލްސާއަށް ނަހުލާ ހުށަހެޅި މައްސަލައަކަށް ވާހަކަދައްކަމުން މޭޔަރު އާދަމް އާޒިމް އެވެ.

"ކައުންސިލުން ފެންނަން ހުރި މައުލޫމާތަށް ބަަލައި މިހާރު އާންމުކޮށްފައިވާ ބިމުގެ ލިސްޓުގައި ނުހިމެނިވާ ކަމަށް ބުނާ އެއްބަސްވުމެއްގެ ލިޔެކިއުންތަކެއް ނައްތާލުމަށް ކައުންސިލަރަކު މަސައްކަތް ކޮށްފައިވާކަމުގެ ވީޑިއޯ ފުޓޭޖު އަޅުގަނޑުގެ އަތުގައި އެބަހުރި،" އެ ވީޑިއޯ އެހެން ކައުންސިލަރުން ބަލާލަން ކައުންސިލުގެ ވަޓްސް އެޕް ގުރޫޕަށް ލައިދިނުމަށް އެދިވަޑައިގެން އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ:

  • މިތަނުގެ ކަންކަން އެހާ ވެސް ގޯސްކޮށް ހިނގާކަން މި ހާމަކޮށްދެނީ

  • މިތަނުގެ ޑޮކިއުމަންޓުތައް ނައްތާލުމަކީ މިތަނުގައި ހިނގާކަމެއްކަން މިއޮތީ ފެންނަން

  • މިތަނުގައި ނެތް އެއްޗެއް ނުވަތަ އޮތްއެއްޗެއް ނޭނގޭ ކަމަށް ބުނަމުން މިދަނީ މިހެންވެ

  • އެއާ ގުޅޭ ވީޑިއޯ ފުޓޭޖާ އެކު އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނާއި އެލްޖީއޭއަށް ވާނީ ހުށަހަޅާފައި

"މި މައްސަލައަކީ ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް އަޅުގަނޑަށް ފެނޭ. އެހެންވީމާ މި މައްސަލައަށް ބަހުސްކުރުމަކީ ރަނގަޅު ކަމެއް ކަމަކަށް ނުފެނޭ،" އެކަމާ ގުޅޭ ގޮތުން ދިފާއުގައި ވާހަކަދައްކަވަން ނަހުލާ އުޅުއްވުމުން އާޒިމް ވިދާޅުވި އެވެ.

އެކަމަކު ވެސް ނަހުލާ ވިދާޅުވީ، އެ ޖަލްސާގައި އެކަން ފާހަގަކުރުމުން އެޔަށް ވާހަކަދައްކަން ބޭނުންވާ ކަމަށާއި އެދުވަހު އެތަނުގައި ހިނގިދިޔަ ކަންކަމުގެ އޯޑިއޯ އާއި ވީޑިއޯ ފުޓޭޖު ވެސް އޭނާގެ އަތުގައި އެބަހުރި ކަމަށެވެ.

ބުނީ ކީކޭ؟ - ދިފާއުގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ، މިދިޔަ މަހު އާންމުކުރި މާލޭގެ ބިންތަކުގެ ލިސްޓުގައި ވިލިމާލޭގެ ނުވަ މަޝްރޫއުގެ ތެރެއިން ހަ މަޝްރޫއެއް އުނިކޮށްފަވާ ކަމަށެވެ. އެވާހަކަ މިދިޔަ ބުދަ ދުވަހު އޮތް ކައުންސިލު ޖަލްސާގައި ދެއްކުމުން، ޖެހިގެން އައި ބުރާސްފަތި ދުވަހުގެ ރޭ ބޯކޮށް ވާރޭވެހިވެހި އޮއްވާ، ލިސްޓުގައި ނުހިމަނާ އޮތް، ވިލިމާލޭގައި އައުޓޯ ޖިމް އެޅުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ 'މެރީން ޖޫގޯ' ކުންފުންޏަށް ގުޅައި ބިން ހަވާލުކުރުމަށް ކައުންސިލް އިދާރާއަށް އައުމަށް އަންގާފައިވާ ކަމަށެވެ.

އެ އެއްބަސްވުން އިރާލިކަމަށް އެއްބަސްވެ، ނަހުލާ ވިދާޅުވިގޮތުން، އެކަން އެގޮތަށް ކުރީ، އާޒިމް އަންގަވައިގެން ކަމަށް ވިދާޅުވެ، ހަ މަސް ދުވަހުގެ ކުރީގެ ތާރީހެއް ޖަހާފައި އޮތް ބިން ހަވާލުކުރާ ލިއުމެއްގައި އެ ކުންފުނި ލައްވައި ސޮއިކުރުވަން މަސައްކަތް ކުރުމުންނެވެ.

"މި ލިއުމުގައި އޮތީ 1 ޖޫން 2025. އެސްޖީ [އަބްދުލް މުހައިމިން ނަސީރު]ގެ މަގާމު ވެސް އޮތީ ކުރީގެ މަގާމު. އޭގައި ސޮއިވެސް ކުރުވާފައި އޮތީ. މެރީން ޖޫގޯގެ ވެރިފަރާތް ލައްވައި ބިން ހަވާލުކުރާ ނަމުގައި އޮތް ލިއުމެއްގައި އޮޅުވާލައިގެން ސޮއިކުރުވާ ފިންގާ ޕްރިންޓުވެސް ޖެހި. ތިވިދާޅުވާ ވީޑިއޯ ފުޓޭޖުން ފެންނާނީ އެ މަންޒަރު. އެ ތާރިހު އަޅުގަނޑަށް ފެނުމާ އެކު، އޮޅުވާލައިގެން ފިންގަ ޕްރިންޓު ޖެހި އެ ލިއުން އަޅުގަނޑު ވާނީ އިރާލާފައި،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވި ގޮތުން:

  • ފަހުގެ ތާރީހެއް ޖަހައި އެ އެއްބަސްވުމުގައި ސޮއިކުރުވަން އުޅުނީ، އެ މަޝްރޫއު ދީފައިވާ މެރިން ޖޫގޯގެ އަތުން އެ ބިން އަތުލަން، މި މަހުގެ 1 ވަނަ ދުވަހަށް އެއްބަސްވުން ނިންމުމުގެ ނިޔަތުގައި 

  • އެ މަޝްރޫއު ނިންމަން ޖެހޭނެ ކަމަށް އޮތީ ހަ މަސް ދުވަހުގެ ތެރޭގައި؛ އޭގައި އެދުވަހު އެ ކުންފުނިން ސޮއިކުރިނަމަ މިދިޔަ ހޯމަ ދުވަހަށް އެ އެއްބަސްވުން ނިމުމަކަށް އަންނާނެ

  • އެ މައްސަލަ ޖަލްސާއަށް އެޖެންޑާ ކޮށްދިނުމަށް އެރޭ އޮންނާނީ ހުށަހަޅާފައި 

  • އެ ރޭ ނަހުލާ އޮފީހަށް އައީ އެ އެއްބަސްްވުމަކީ ވިލިމާލޭގެ މަޝްރޫއުއަކަށް ވެފައި، އެއްބަސްވުމުގައި ސޮއިކުރި ފަރާތުގެ އެދުމުގެ މަތިން ކަމަށް ވިދާޅުވި

ނަހުލާ ވިދާޅުވީ ފުލުހަށް މައްސަލަ ހުށަހަޅާނަމަ ހުށަހަޅަން ޖެހޭނީ އާޒިމްގެ މައްސަލަ ކަމަށާއި އެ މައްސަލަތައް "އެހެން މީހުންގެ ބޮލަށް ކަނޑައަން އުޅުއްވާނެ ކަމެއް ނެތް" ކަމަށެވެ.

ނަހުލާގެ ވާހަކަތައް އާޒިމް ދޮގުކުރެއްވި އެވެ. އެއްވެސް މީހަކަށް ބިމެއް ހަވާލުކުރަން، އެއްވެސް މުވައްޒަފަކަށް އަންގާފައިވާނަމަ އެކަން އެ މުވައްޒަފަކު ވެސް ހާމަކޮށްދިނުމަށް އާޒިމް އެދިވަޑައިގަތެވެ. "ކަނޑައެޅިގެން ބޮޑެތި ދޮގުތައް ހައްދަވާނެ ކަމެއް" ނެތް ކަމަށާއި ކައުންސިލް އިދާރާގެ އެއްވެސް ލިޔެކިއުމެއް އިރާލުމަކީ ޖިނާއި ކުށެއް ކަމަށް އާޒިމް ވިދާޅުވި އެވެ. 

މިކަމާ ގުޅޭ ގޮތުން އެސްޖީ މުހައިމިން ވިދާޅުވީ:

  • އާންމުކުރި ބިމުގެ ލިސްޓުން މެރީ ޖޫގޯގެ ނަން އުނިވެފައިވާތީ އެކަން އިސްލާހުކުރާނެ ކަމަށް މީގެ ކުރިންވެސް ނަހުލާއަށް ދަންނަވާފައިވާނެ

  • އެ އެއްބަސްވުމަކީ، މިދިޔަ 1 ޖޫންގައި ތައްޔާރުކޮށްފައިވާ ލިޔުމެއް؛ އެ ލިއުން ތައްޔާރުކޮށް، ބިމާ ހަވާލުވާން ޖޫގޯ މެރިން އަށް ތަކުރާރުކޮށް އެންގުމުން ވެސް ބިމާ ހަވާލުވާން އައިސްފައިނުވާކަން، ލިޔެކިއުންތަކުން ދައްކާ

  • ބިން ހަވާލުކުރުމުގެ އެއްބަސްވުން ހެދީ 1 ޖޫންގެ ތާރީހުގައި ކަމަށް ވިޔަސް، ބިން ހަވާލުވާ ތާރީހު ގުނާނީ ބިން ހަވާލުކުރާ ތާރީހުން ފެށިގެން 

  • އެހެންކަމުން އެއީ ނަހުލާ އެ ފާހަގަކުރާގޮތަށް ފަހުގެ ތާރީހެއްޖަހައި، އެ އެއްބަސްވުން މިމަހުގެ 1ވަނަ ދުވަހަށް ނިންމުމުގެ "ނުބައި ނިޔަތުގައި" ކުރިކަމެއް ނޫން

މި މައްސަލައަކީ އެލްޖީއޭ އާއި ފުލުހުން ބަލަމުންދާ މައްސަލައެއް ކަމަށްވާތީ އެ މައުލޫގައި އިތުރަށް ވާހަކަ ނުދެއްކުމަށް މުހައިމިން އިލްތިމާސްކުރެއްވުމުން، އާޒިމް ދެން މަސައްކަތްކުރެއްވީ، އެ މައްސަލަ ނިންމައި، އެހެން މަސައްކަތްތަކަށް ދިއުމަށެވެ. އެކަމަކު ޖަވާބުދާރީވާން ބޭނުންވާ ކަމަށް ބުނެ ނަހުލާ އަޑުގަދަކުރަން ފެށުމުން އެހާ ހިސާބުން ޖަލްސާ ނިންމާލީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް