މާލެ ކައުންސިލުން މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން(ފޮޓޯ/މާލޭ ސިޓީ ކައުންސިލް)

ކައުންސިލުގެ ކޯރަމް ހަމަނުވާތީ މަސްމާރުކޭޓު މައްސަލަ ނުބެލިފައި

މަސްމާރުކޭޓުގެ މަސައްކަތް ހަވާލުކުރަން ދެ އެއްބަސްވުމެއް ހަދާފައިވާ މައްސަލާގައި ކައުންސިލުގެ ލީގަލް ހެޑް އަލީ ނަސީރު ހާޒިރުކުރަން އެދިފައި އޮތީ އެއް އެއްބަސްވުމުގައި އޭނާގެ ސޮއި އޮތުމުން؛ އެ މައްސަލާގައި އޭނާ ސަސްޕެންޑުކުރަން ވެސް އޮތީ އެދިފައި
3 ސެޕްޓެމްބަރު 2025

ލޯކަލް މާރުކޭޓަކާ އެކު ތަރައްގީކުރާ ޒަމާނީ ފެންވަރުގެ މަސްމާރުކޭޓުގެ މަސައްކަތަށް މިލިއަން ޑޮލަރުގެ، ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައިވާ މައްސަލާގައި ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ ކައުންސިލުގެ ޖަލްސާއަށް ހާޒިރުކުރަން އެދުނު ފަހުން ކޯރަމް ހަމަނުވާތީ ދެ ދުވަސް މަތިން ބޭއްވި ކައުންސިލުގެ ޖަލްސާ ވެސް ބޭއްވޭ ގޮތެއް ނުވި އެވެ.

ވީ ކިހިނެއް؟ - މަސްމާރުކޭޓު މަސައްކަތް ހަވާލުކުރުމުގެ ދެ އެއްބަސްވުމެއް އެކުލަވާލައި މަސައްކަތް ހަވާލުކުރުމުގައި ހަދާފައިވާ ގޯސްތަކެއް ފާހަގަކުރެވިފައިވާތީ އެ މަސައްކަތް މިހާރު އޮތީ މަޑުޖައްސާލަފަ އެވެ.

އެ މައްސަލަ ބަލައި އެކަމުގެ ޝާމިލުވާ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ގޮވާލުމަށް ފަހު، ކައުންސިލްގެ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ކައުންސިލުގެ ރަސްމީ ޖަލްސާއަށް ހާޒިރުކުރަން މިދިޔަ މަހުގެ 22ގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ފާތިހު ވަނީ ހުށަހަޅުއްވާފަ އެވެ.

ނަސީރު ޖަލްސާއަށް ހާޒިރުކުރަނީ:

  • ދެވަނަ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޭނާ ކަމަށްވާތީ އެއްބަސްވުމަށް ގެނެވިފައިވާ ބަދަލުތަކާއި ގުޅޭ ގޮތުންނާއި އެކަން ހިނގާފައިވާ ގޮތާ ބެހޭ ގޮތުން ސުވާލުކޮށް، އޭނާއާ މެދު އަޅާނެ ފިޔަވަޅެއް ނިންމުމަށް

  • މައްސަލަ ބަލައި ނިމެންދެން ނަސީރު ސަސްޕެންޑުކުރަން ވެސް އޮތީ ހުށަހަޅުއްވާފައި؛ އެކަމަކު އޭނާ އަދި ސަސްޕެންޑެއް ނުކުރޭ

ތަފްސީލް - އެ މައްސަލަ ހުށަހެޅުއްވި ސައިފް މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެ މައްސަލަ ޖަލްސާގެ އެޖެންޑާއަށްލީ ފަހުން ބާއްވަން ތާވަލުކުރި ދެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ. އަދި އެ މައްސަލަ އެޖެންޑާގައި އޮންނަ ކަމަށްވާ ނަމަ ޖަލްސާއެއް ބޭއްވޭނެ ކަމަށް މިހާރު އުންމީދުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާއަށް ވެސް އެ މައްސަލަ އެޖެންޑާކޮށްފައިވެ އެވެ. އެކަމަކު ކޯރަމް ހަމަނުވާތީ ޖަލްސާ ފެށޭ ގޮތެއް ނުވި އެވެ. މިއަދުގެ ޖަލްސާއަށް ހާޒިރުވީ އެންމެ ހަ ކައުންސިލަރުންނެވެ.

މި މައްސަލައިގެ އިތުރުން، މިއަދުގެ ޖަލްސާއަށް ސައިފް އޮތީ މާލެ ސަރަހައްދުން ތަކުރާރުކޮށް ކުއްލިކުއްލިއަށް ކަރަންޓު ކެނޑޭ މައްސަލަ ވެސް ހުށަހަޅުއްވާފަ އެވެ. އެގޮތުން، އެ ޖަލްސާއަށް ސްޓެލްކޯގެ އިސްވެރިއަކު ހާޒިރުކުރަން ވެސް ހުށަހަޅުއްވާފައިވެ އެވެ. 

އެނގުން މުހިންމު - ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ތަރައްގީކުރުމަށް ނިންމީ ރައީސް މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު އެވެ. އެ ތަން ތަރައްގީކުރުމަށް ފަހު މިހާރު ހުރި ލޯކަލް މާރުކޭޓު ތަޅާލަން އޮތީ ނިންމާފަ އެވެ.

އެކަމަކު މިފަހުން ހޯދިފައިވާ އެކަމާގުޅޭ ލިޔެކިއުންތަކާ ހަވާލާދީ މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ މަސްމާރުކޭޓުގެ މަސައްކަތަށް މިލިއަން ޑޮލަރުގެ، ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައިވާ ކަމަށާއި ފަހުން ހަދާފައިވާ އެއްބަސްވުން އޮތް ގޮތުން މާރުކޭޓުގެ މަސައްކަތް ހުއްޓި، އެ އިމާރާތް ވެސް ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އެގޮތުން، އޭނާ ވިދާޅުވީ:

  • ފުރަތަމަ އެއްބަސްވުމުގެ އަގަކީ 6.1 މިިލިއަން ޑޮލަރު؛ މިއީ މޭޔަރުކަމުގައި ރައީސް މުހައްމަދު މުއިއްޒު ހުންނެވިއިރު ހަދާފައި އޮތް އެއްބަސްވުމެއް

  • ދެވަނަ އެއްބަސްވުމުގެ އަގަކީ 9.6 މިލިއަން ޑޮލަރު؛ މި ކޮންޓްރެކްޓު ހެދީ ކާކު ބުނެގެން ކަމެއް ވެސް އެނގޭކަށް ނެތް 

  • ދެވަނަ އެއްބަސްވުން ހަދާފައިވަނީ ރައީސް މުއިއްޒު ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށް މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން އެ މަގާމު ހުސްކޮށް އޮއްވާ؛ އޭރު މޭޔަރުކަމުގެ ޒިންމާ އުފުއްލެވީ އޭރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

  • ފަހުގެ އެއްބަސްވުން ހަދާފައި އޮތީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް؛ އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ލީގަލް ސެކްޝަންގެ ވެރިޔާ ނަސީރު

  • ދެވަނަ ފަރާތަށް އެއްބަސްވުން ލިބުނީ ކިހިނެއްކަން ވެސް އެނގޭކަށް ނެތް؛ ދެ އެއްބަސްވުމުގައި އޮތީ ވެސް އެއް ނަންބަރެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް