1 އޮކްޓޯބަރު 2025: މިއަދު މާލޭ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގެ ތެރެއިން
މަސް މާރުކޭޓު މައްސަލަ އޮތުމުން ޕީއެންސީ ކައުންސިލަރުން ގަވާއިދާ ހިލާފަށް އެޖެންޑާ ފާސްނުކޮށް ކައުންސިލް ޖަލްސާ ނިންމާލައިފި
މަސް މާރުކޭޓުގެ މަސައްކަތަށް މިލިއަން ޑޮލަރުގެ، ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައިވާ މައްސަލަ އާއި މާލެއިން ދޫކޮށްފައިވާ ބިންތަކުގެ ތަފްސީލު ހާމަކުރުމާ ބެހޭ މައްސަލަ އެޖެންޑާގައި އޮތުމުން، ވެރިކަންކުރާ ޕާޓީގެ ޕީއެންސީ ކައުންސިލަރުން ގަވާއިދާ ހިލާފުވެ، އެޖެންޑާ ފާސްކުރަން ވޯޓު ނުދިނުމުން މިއަދުގެ ބައްދަލުވުން ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މަސް މާރުކޭޓު މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލަން ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ކައުންސިލުގެ ޖަލްސާއަށް ހާޒިރުކުރަން އެދުނު ފަހުން އެ މައްސަލަ ތިން ފަހަރެއްގެ މަތިން ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއަށް މީގެ ކުރިން އެޖެންޑާކޮށްފައި ވެއެވެ. އެކަމަކު ޕީއެންސީގެ މެޖޯރަޓީ އޮތް އެ ކައުންސިލުގެ ބައްދަލުވުންތަކަށް ޕީއެންސީ މެންބަރުން ހާޒިރުނުވާތީ، އެކަން އެޖެންޑާކުރާ ދުވަހު، ކޯރަމް ހަމައެއް ނުވެ އެވެ.
އެ މައްސަލަ އެޖެންޑާއަށް ލީފަހުން ކައުންސިލް ޖަލްސާއެއްގެ ކޯރަމް ހަމަވި މިއީ ފުރަތަމަ ދުވަހެވެ. މިއަދުގެ ޖަލްސާގެ ކޯރަމް ހަމަވެފައިވިޔަސް، މަސް މާރުކޭޓް މައްސަލައާ، ބިމުގެ ތަފްސީލުތައް ހާމަކުރުމުގެ މައްސަލަ އެޖެންޑާގައި ބާއްވައިގެން ޖަލްސާ ކުރިއަށް ގެންދަން ޕީއެންސީ ކައުންސިލަރުން މިއަދު ވެސް ވަނީ ދެކޮޅު ހަދާފަ އެވެ.
އިތުރަށް ކިޔާލަން
ތަފްސީލް - މިއަދުގެ ބައްދަލުވުން ފަށައި އެޖެންޑާ ފާސްކުރަން އެހުމާ އެކު، ގަލޮޅު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު ވަނީ މަސް މާރުކޭޓު މައްސަލާގައި ނަސީރުއާ ސުވާލުކޮށް، އޭނާއާ މެދު ފިޔަވަޅު އެޅުމާ މެދު މަޝްވަރާކުރަން އެޖެންޑާގައި އޮތް މައްސަލަ އުނިކުރަން ހުށަހަޅާފަ އެވެ.
ސަބަަބަކަށް އޭނާ ވިދާޅުވީ:
-
ނަސީރަކީ ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކޮށްފައިވާ ބޭފުޅަކަށްވާތީ އޭނާއާ މެދު ވަކި ގޮތެއް ނިންމުމުގެ ހައްގު ކައުންސިލަށް ލިބިގެން ނުވާ ކަމަށް ދެކޭތީ
-
އެ މައްސަލައަކީ އޭސީސީއަށް ވެސް ހުށަހެޅިފައި އޮތް މައްސަލައަކަށްވާތީ
-
އެ މައްސަލަ އެޖެންޑާއަށް ލާފައިވަނީ ނަސީރު ފަލީހަތް ކުރަން ކަމަށް ބެލެވޭތީ
އެކަމާ ގުޅޭ ގޮތުން އަމަލުކޮށްފައިވާ ގޮތް ސާފުކޮށްދެއްވަމުން ކައުންސިލް އެސްޖީ ވިދާޅުވީ އެ މައްސަލަ ސިވިލް ސާވިސް ކޮމިޝަަނަށް ވެސް ހުށަހެޅިފައިވާ ކަމަށާއި އެކަން އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އަދި ކައުންސިލުގެ އެތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށާއި ނަސީރު މިވަގުތު ހުރީ އަހަރީ ޗުއްޓީގައި ކަމަށް ވެސް ވިދާޅުވި އެވެ.
އަދި މާލޭގެ ބިންތަކުގެ ތަފްސީލުތައް ކައުންސިލަރުންނާ ހިއްސާކުރުމުގެ މައްސަލަ ވެސް އެޖެންޑާއިން އުނިކުރަން ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު ފާތިމަތު ޝައުފާ ސަލީމް ހުށަހެޅި އެވެ. ސަބަބަކަށް ވިދާޅުވީ:
-
އެކަމުގެ ތަފްސީލުތައް އެ ޖަލްސާއަށް ގެނެސް އާންމުކުރުމުގެ ކުރިން އެކަމާ ބެހޭ ގޮތުން ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރަން ބޭނުންވާތީ
-
ބިމުގެ ތަފްސީލުތަކުގައި ހުރީ ސައްހަ މައުލޫމާތުކަން ޔަގީންކުރުމަށް ފަހު އާންމު ޖަލްސާއެއް ތެރޭ އެކަން ހާމަކުރުން ރަނގަޅު ކަމަށް ދެކޭތީ
އެ މައްސަލަ އުނިކުރަން އެދުމުން މޭޔަރު އާދަމް އާޒިމް ފުރަތަމަ ވިދާޅުވީ، ބިންތަކުގެ ތަފްސީލުތައް އާންމުކުރުމަކީ ގާނޫނީ ގޮތުން ލާޒިމުކުރާ ކަމެއް ކަމަށާއި އެޖެންޑާގައި އެ މައްސަލަ އޮތަސް، އެ މައުލޫމާތު އާންމުކުރުމުގެ ކުރިން ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމާ މެދު ގޮތެއް ނިންމިދާނެ ކަމަށެވެ. އެކަމަކު އެގޮތަށް އެކަން ކުރަން ވެސް ޕީއެންސީ މެންބަރުން ދެކޮޅު ހެދުމުން، ދެން އާޒިމް ނިންމެވީ އެކަން އެޖެންޑާއިން މިވަގުތަށް އުނިކުރުމަށެވެ.
މީގެ އިތުރުން، މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް ކައުންސިލުން ކުރާ ދަތުރުތައް ގާނޫނާ ގަވާއިދުތަކާ ހިލާފު ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އުނިކުރަން ވެސް ހުށަހެޅި އެވެ. އެ މައްސަލަ އުނިކުރަން ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ ޕީއެންސީ މެންބަރު އަލީ އައިމަން އެވެ
އެއަށް ފަހު އެ މައްސަލަތައް އެޖެންޑާއިން އުނިކުރުމާ މެދު ވޯޓަށް އެހުމުން، ވިލިމާލެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވީ އެޖެންޑާގައި އޮންނަ ކަމެއް ރަސްމީ އާންމު ޖަލްސާ ފެށުމަށް ފަހު އުނިކުރުމާއި އެޖެންޑާއަށް ކަމެއް އިތުރުކުރުމަކީ ވެސް 'ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު' ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
ކައުންސިލުތަކުގެ ދަތުރުތަކާ ގުޅޭ މައްސަލަ ހުށަހެޅުއްވި ނަހުލާ ވިދާޅުވީ އެޖެންޑާ އިއްވަންޖެހޭނެ ކަމަށާއި އިއްވާ ނިމުމުން އެ ފާސްކުރަން ވެސް ޖެހޭނެ ކަމަށް ގަވާއިދު ބުނާ ކަމަށެވެ.
އެނގުން މުހިންމު - ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު ބުނާ ގޮތުން:
-
ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގެ ބައްދަލުވުން ފެށުމަށް ފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑާ ރިޔާސަތުން އިއްވަންވާނެ
-
ރިޔާސަތުން އެޖެންޑާ އިއްވުމުން، ކައުންސިލުން އެ އެޖެންޑާ ފާސްކުރަންވާނެ
-
އެޖެންޑާގެ ތަރުތީބަށް ބަދަލު ގެނައުމަށް ކައުންސިލުގެ ބައްދަލުވުމުން ފާސްކުރެވިދާނެ
-
އެކަމަކު، އާންމު ބައްދަލުވުމުގެ ދެ ދުވަހުގެ ކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭ ކަމެއް، އާންމު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެ އަދި އެޖެންޑާގައި ހިމެނޭ ކަމެއް އުނިކޮށްގެން ވެސް ނުވާނެ
މި ގަވާއިދު މިއަދުގެ ބައްދަލުވުމުގައި އިއްވައި ތަކުރާރުކޮށް ނަހުލާ ވަނީ އެޖެންޑާ ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކަށް އެ ބައްދަލުވުމުގައި ވޯޓު ނުދެއްވޭނެ ކަމަށާއި، އެޖެންޑާއިން ކަމެއް އުނިވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ވެސް ޕީއެންސީ މެންބަރުން ވަނީ ވޯޓަށް އެހުމުން އެޖެންޑާ ފާސްކުރުމާ ދެކޮޅަށް ވޯޓުދެއްވާފަ އެވެ.
އެޖެންޑާ ފާސްކުރަން ވޯޓުދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. އެ މެންބަރުންނަކީ:
-
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު
-
ވިލިމާލެ ކައުންސިލަރު ނަހުލާ
-
ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް
-
މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު
ނަމަވެސް ކައުންސިލުގެ މެޖޯރަޓީއަކީ ޕީއެންސީ މެންބަރުން ކަމުން އެ އެޖެންޑާ ފާހެއް ނުވި އެވެ. އެޖެންޑާ ފާސްކުރަން ޖެހޭނެ ކަމަށް ގަވާއިދު ބުނާތީ، އެނޫން ހާލަތެއްގައި ހަދާނެ ގޮތެއް ގަވާއިދަކު ނެތެވެ.
މޭޔަރު ވިދާޅުވީ، އެޖެންޑާ ފާސްނުވެއްޖެ ނަމަ އޭނާއަށް ލަފާ ލިބިފައިވަނީ ޖަލްސާ ނުބޭއްވޭނެ ކަމަށް ކަމަށެވެ. އެޔަށްފަހު ޖަލްސާ ނިންމަވާލެއްވީ އެޖެންޑާ ފާސްކުރަން ގަވާއިދު ބުނާކަމަށް ތަކުރާރުކޮށް ނަހުލާ ވިދާޅުވަމުން ދަނިކޮށް އެ އަޑު އެއްސެވުމެއް ވެސް ނެތި އެވެ.