29 މެއި 2024: ހައި ކޯޓް އަދި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ތިމާވެށި

ކަށިމިޔަރު މަސްވެރިކަން ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

ހައި ކޯޓަށް މި މައްސަލަ ހުށަހެޅީ ތިމާވެށި އެކްޓިވިސްޓުން ކަމަށްވާ ހުމައިދާ އަބްދުއްގަފޫރު އާއި މުހައްމަދު ސީނީން؛ މައްސަލަ ބަލައިނުގަތީ ގަވާއިދު ގާނޫނުއަސާސީއާ ހިލާފުވާ ގޮތެއް ބަޔާންކޮށްފައި ނުވާތީ ކަމަށް ބުނެ
19 ޑިސެމްބަރު 2025

ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީ ހުޅުވާލަން ސަރުކާރުން ނިންމައި އާންމުކުރި ގަވާއިދާއި ޕްލޭން ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމައިފި އެވެ.

ވީކިހިނެއް؟ - ކަށިމިޔަރު މަސްވެރިކަމަށް ހުޅުވާލަން ސަރުކާރުން ނިންމީ، އެކަން ނުކުރުމަށް ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުންނާއި ގިނަ އަދަދެއްގެ ޑައިވަރުން ވެސް ގޮވާލަމުން ދަނިކޮށެވެ.

ހައި ކޯޓަށް މި މައްސަލަ ހުށަހެޅީ ހުމައިދާ އަބްދުއްގަފޫރު، ހ. ޝޭޑީކޯނާ އާއި މުހައްމަދު ސީނީން، މ. މުލި އެވެ. މި ދެ މީހުންނަކީ ވެސް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ އިޖުތިމާއީ ދެ ހަރަކާތްތެރިންނެވެ.

ތަފްސީލް - އެ މައްސަލަ ކޯޓަށް ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމުމުގައިވަނީ:

  • ދުސްތޫރީ މައްސަލައަކަށް ވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ގާނޫނުއަސާސީއާ ހިލާފުވުމުން؛ ސަރުކާރުން އާންމުކުރާ ޕްލޭނަކީ ގަވާއިދެއް ނުވަތަ ގާނޫނެއް ވެސް ނޫން

  • ކަށިމިޔަރު މަސްވެރިކަން ކުރުމުގެ ގަވާއިދު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނި ނަމަވެސް ހިލާފުވާ ގޮތެއް ބުނެދީފައެއް ނުވޭ

ރަޖިސްޓްރާގެ ނިންމުން ރިވިއުކޮށްދިނުމަށް ފަނޑިޔާރުންގެ މަޖިލީހުގައި އެދެވޭނެ އެވެ. ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާނެ ކަމެއް އަދި ނޭނގެ އެވެ.

އެނގުން މުހިންމު - ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމިއްޔާތައް ވެސް ހިމެނޭ ގޮތަށް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުންނާއި 50 ސައިންޓިސްޓުންގެ ސޮއި ވެސް ހިމެނޭ ގޮތަށް މި ކަން ނުކުރުމަށް އެދި ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވި އެވެ.

ކަށިމިޔަރުގެ މަސްވެރިކަން މަނާކޮށް، ރާއްޖޭގައި މިޔަރު ހިމާޔަތްކުރީ 2010 ވަނަ އަހަރުން ފެށިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް