ބާނައި ޕްރޮސެސް ކުރުމަށް ބަހައްޓާފައިވާ ކަށިމިޔަރުތަކެއް. މި މަސްވެރިކަމަށް އަލުން ވަނީ ހުއްދަ ދީފައި
ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލައިފި
މިޔަރު ބޭނުން ހުއްދަ ނުކުރުމަށް ގިނަ އަދަދެއްގެ ޖަމިއްޔާތަކުން ގޮވާލާފައިވަނިކޮށް، ކަށިމިޔަރުގެ މަސްވެރިކަމުގެ ގަވައިދު ގެޒެޓްކޮށް އެކަމަށް ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް މަނާކޮށްފައި އޮތް މިޔަރުގެ މަސްވެރިކަން މެނޭޖްމެންޓް ޕްލޭނެއްގެ ދަށުން އަންނަ މަހުން ފެށިގެން ހުޅުވާލަން ނިންމިކަން މި ސަރުކާރުން މިދިޔަ އޮގަސްޓް މަހު ވަނީ އިއުލާންކޮށްފަ އެވެ. ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުން ވަނީ އެކަން ނުކުރުމަށް ގޮވާލައިފަ އެވެ.
ތަފްސީލް - ސަރުކާރުން މިއަދު ވަނީ 'ކަށިމިޔަރުގެ މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުމާ ބެހޭ ގަވައިދު' ގެޒެޓްކޮށް، އެއަށް އަމަލު ކުރަން ފަށާފަ އެވެ. މި ގަވައިދުގައި އެ މަސްވެރިކަން ކުރެވޭނެ ގޮތާއި މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މަސްވެރިކަމާ ގުޅުން ހުރި ހަރަކާތްތައް ރާވާ ހިންގާ އުސޫލުތައް ވަނީ ކަނޑައަޅާފަ އެވެ.
ގަވައިދުގައި އޮތީ ކީކޭ؟
ގަވައިދުގައި ބުނެފައިވާ ގޮތުގައި ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ އެކަމާ ގުޅޭ ހާއްސަ ލައިސަންސެއް ނެގުމަށް ފަހު އެވެ. އެގޮތުން މަސްވެރިކަންކުރާ އުޅަނދުފަހަރާއި އެ ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ މީހުންނާއި ތަންތަން އަދި ކަށިމިޔަރު ސަޕްލައިކުރުމުގައި އުޅޭ ހުރިހާ އެންމެން ވެސް ލައިސަންސް ނަގަން ޖެހޭނެ އެވެ.
ގަވައިދުގައި ބުނެފައިވާ ގޮތުގައި:
-
މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރާނީ އެންމެ ގިނަ ވެގެން 40 އުޅަނދަށް
-
އެއަށް ވުރެ އިތުރަށް ހުށަހަޅައިފި ނަމަ، އިސްކަން ދޭނީ ހުށަހެޅި ތަރުތީބަށް
-
ލައިސަންސްގެ މުއްދަތަކީ ނޮވެމްބަރު މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް
-
ލައިސަންސް ދޫކުރާނީ އެކަމަށް ކަނޑައަޅާފައިވާ ފީއަކަށް
ކަށިމިޔަރުގެ މަސްވެރިކަން ރާވާ ހިންގުމާ ބެހޭ އެހެން ބައެއް ފިޔަވަޅުތައް:
-
މިޔަރުގެ މަސްވެރިކަން ކުރެވޭނީ އަތޮޅު ދުނިން ބޭރުގައި
-
މަސްވެރިކަން ކުރެވޭނީ މިނިސްޓްރީން ކަނޑައަޅާ އިއުލާނު ކުރާ ގޮތެއްގެ މަތިން ކޮންމެ އަހަރަކު ވެސް ހަތް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް
-
މަހުގެ އެއްވެސް ބައެއް ވަކިކޮށް، މަސް ކަނޑައި، ޕްރޮސެސް ކުރުމުގެ އެއްވެސް ކަމެއް ހިންގޭނީ ބަނދަރަށް ގެނައުމަށް ފަހުގައި
-
ކަށިމިޔަރުގެ މަސްވެރިކަމުގައި އެހެން ބާވަތެއްގެ މިޔަރު ބޭނުމަކީ މަނާ ކަމެއް
ކަށިމިޔަރުގެ މަސްވެރިކަން މޮނީޓާކުރުމާއި ސަވައިލަންސްއާ ގުޅޭ ފިޔަވަޅުތައް ވެސް ގަވައިދުގައި ކަނޑައަޅާފައި ވެ އެވެ. އެގޮތުން ހިމަނާފައިވާ ބައެއް ކަންތައްތަކަކީ:
-
މިޔަރުގެ މަސްވެރިކަން ކުރާ އުޅަނދުތަކުގައި، މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ، ވެސެލް ލޮކޭޓިން ޑިވައިސް (ވީއެލްޑީ)އެއް ހަރުކޮށް، އެ ބެލެހެއްޓުން
-
އުޅަނދުގައި ހަރުކޮށްފައި ހުންނަ ވީއެލްޑީ އަބަދުވެސް އޮންކޮށްފައި ބެހެއްޓުން؛ އެއްވެސް ހާލަތެއްގައި އެ ނިވިއްޖެ ނަމަ، އުޅަނދު އޮތް ސަރަހައްދު، އުޅަނދުގެ ދުވެއްޔާއި ހަރަކާތުގެ މައުލޫމާތު ކޮންމެ ހަތަރު ގަޑިއިރަކުން މިނިސްޓްރީއަށް އެންގުން
ގަވައިދުގައި ބުނެފައިވާ ގޮތުގައި އޭގައިވާ އެއްވެސް ކަމަކާ ހިލާފުވެއްޖެ ނަމަ، އެކަން ބަލާނީ ކުށެއްގެ ގޮތުގަ އެވެ. އެއާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ ކުރާނެ ކަމަށާއި ތިން ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، ލައިސަންސް ބާތިލް ކުރާނެ ކަމަށް ގަވައިދުގައި ބުނެފައި ވެ އެވެ. އަދި ދެވަނަ ފަހަރަށް ލައިސަންސްއަށް އެދި ހުށަހެޅޭނީ ތިން މަސް ފަހުން ކަމަށް ވެސް ބުނެފައި ވެ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްޓާލުމަށް ގޮވާލައި 60 ޖަމިއްޔާއަކާއި 50 ސައިންޓިސްޓުން ހިމެނޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ 42 ޖަމިއްޔާއެއް ހިމެނެ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން އަލުން ފެށުން ހުއްޓާލުން ޖެހޭ ސަބަބުތަކުގެ ގޮތުގައި އެ ސިޓީގައި ބުނެފައި ވަނީ:
-
ކަށިމިޔަރުގެ ސްޓޮކް އެސެސްމަންޓެއް ނެތުން
-
ދިރުންތަކުގެ ނާޒުކުކަމާއި އާބާދީ އަވަހަށް ނެތިދިޔުމުގެ ތާރީހީ ރެކޯޑު އޮތުން
-
މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަނޑުގެ މާހައުލަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް