ކަށިމިޔަރު

ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަދޭން ހެޔޮނުވާނެ: ތަޖުރިބާކާރުން

ކަށިމިޔަރަކީ ކަނޑުގެ ވަރަށް ފުނުގައި އުޅޭ އެއްޗެއް؛ ލޭނު އަޅައިގެން ކަށިމިޔަރު ހިފަން އުޅޭއިރު އެހެން ބާވަތްތަކުގެ މިޔަރު ލޭނުގައި ޖެހުމުގެ ފުރުސަތު އޮންނާނެ

ކަށިމިޔަރު މަސްވެރިކަމަށް ހުއްދަ ދިނުމަކީ 'ކުރަން ހެޔޮވާވަރު ކަމެއް ނޫން' ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަށް ލިބިފައިވާ ޝާކް 'ސެންޗުއަރީ ސްޓޭޓަސް' ވެސް ގެއްލޭނެ ކަމަށް ތިމާވެށީގެ ތަޖުރިބާކާރަކު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  އަންނަ ނޮވެމްބަރުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށާއި އެކަމާ ގުޅޭ ގަވައިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ އެ ރަށަކީ މީގެ އަހަރުތަކެއް ކުރިން ފުޅާ ދާއިރާއެއްގައި ކަށިމިޔަރުގެ މަސްވެރިކަން ކޮށް އެއިން ބޮޑު އާމްދަނީއެއް ވެސް ހޯދި ބަޔެއް ކަމަށެވެ. ނަމަވެސް ގަވައިދުތަކަށް ގެނައި ބަދަލުތަކަކާ އެކު އެކަން އޮތީ ހުއްޓިފައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ފިޝަރީޒް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީއާ ވާހަކަ ދައްކާ އަދި ގަވާއިދުތަކާ އެއްޗެހި ބަލާ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން. އަދި ކުރަމުން މިދަނީ. މެނޭޖްމަންޓް ޕްލޭނެއް ޑްރާފްޓްކޮށް ނިމިއްޖެ. އެހެންވީމާ، މި މެނޭޖްމަންޓް ޕްލޭންގެ ދަށުން 1 ނޮވެންބަރުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން،" ރައީސް ވިދާޅުވި އެވެ.

ތަފްސީލް - ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވާކަން ރައީސް އިއުލާނު ކުރެއްވުމާ އެކު ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކާއި އާންމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިޔަރު ހިމާޔަތް ކުރަން މަސައްކަތް ކުރާ 'ޝާކް ގާޑިއަން' އިން ރައީސް މުއިއްޒަށް އެޑްރެސްކޮށް ފޮނުވި ހުޅުވާލެވިފައިވާ ސިޓީ އެއްގައި، ރާއްޖެ އަކީ 2010 ވަނަ އަހަރުން ފެށިގެން މިޔަރު ހިމާޔަތްކޮށް މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައިވާ ގައުމެއްކަން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން މިޔަރުގެ މަސްވެރިކަމަށް ވުރެ ބޮޑު އާމްދަނީއެއް، ޑައިވިން ޓޫރިޒަމުން ރާއްޖެ އަށް ލިބޭނެ ކަމަށާއި މިޔަރު ބާނަން ހުއްދަ ދިނުމަކީ އެކަމަށް އަސަރު ކުރާނެ ކަމެއް ކަން އެ ޖަމްއިއްޔާ އިން ފާހަގަ ކޮށްފައިވެ އެވެ.

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމި ނިންމުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް 'ދައުރު' އާ ވާހަކަދެއްކި ތިމާވެށީގެ ތަޖުރިބާކާރަކު ވިދާޅުވީ ކަށިމިޔަރަކީ މަދުން ވިހާ، ލަހުން ބޮޑުވާ އެއްޗެއް ކަމަށެވެ.

"[ކަށިމިޔަރުގެ މަސްވެރިކަމަށް] ހުއްދަ ދީފި ނަމަ އެ އޭގެ އާބާދީ އަށް އަސަރު ކުރާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަށިމިޔަރަކީ ކަނޑުގެ ވަރަށް ފުނުގައި އުޅޭ އެއްޗަކަށް ވުމުން ލޭނު އަޅައިގެން ކަށިމިޔަރު ބާނަން އުޅޭ އިރު އެހެން ބާވަތްތަކުގެ މިޔަރު ލޭނުގައި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"މިކަމަށް ހުއްދަ ދިނުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން." އޭނާ ވިދާޅުވި އެވެ.

އަންނަ ނޮވެމްބަރު މަހު އުޒުބަކިސްތާނުގައި އޮންނަ 'ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑެންޖާޑް ސްޕީޝީސް އޮފް ވައިލްޑް ފެނުއާ އެންޑް ފްލޯރާ'ގެ ބައްދަލުވުމުގައި ކަށިމިޔަރުގެ މަސްވެރިކަން މަނާކޮށް، އޭގެ ވިޔަފާރި މަނާކުރަން  އީޔޫ އާއި އިނގިރޭސިވިލާތުން ވަނީ ހުށަހަޅައިފަ އެވެ.

އެ ހުށަހެޅުން ފާސްވެެއްޖެ ނަމަ ރާއްޖޭގައި އެފަދަ ކަމަކަށް ހުއްދަ ދިން ނަމަވެސް، އެކަން ހުއްޓާލަން ޖެހޭނެ ކަން ތަޖުރިބާކާރު ފާހަގަ ކުރެއްވި އެވެ.

އެނގުން މުހިއްމު - މީގެކުރިން ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުޅުވާލަން ނިންމައި، "ބައިކެޗު"ގެ ގޮތުގައި ހިފޭ މިޔަރު ޕްރޮސެސް ކުރަން ހުއްދަ ދޭން ސަރުކާރުން ނިންމި އެވެ. އެ ނިންމުމާ އެކު ފާޑުކިޔުން އަމާޒުވުމުން އެންމެފަހުން ސަރުކާރުން ނިންމީ ލޭނު މަސްވެރިކަމަށް ހުއްދަ ނުދިނުމަށެވެ.

ފާހަގަ ކުރެވޭ - އާންމުކޮށް މިޔަރު ބާނައިގެން އޭގެ އުރަހައިގެ ވިޔަފާރި ކުރި ނަމަވެސް ކަށި މިޔަރު ބާނަނީ އޭގެ ލިވާ އިން ތެޔޮ ހޭނުމަށެވެ. ކަށިމިޔަރުގެ ތެލަކީ ކޮސްމެޓިކްސް އާއި ބައެއް ބޭސްތައް އަދި ޑައިޓަރީ ސަޕްލިމެންޓްސް އުފެއްދުުމަށް ބޭނުންކުރާ، ބޮޑު އަގުގައި ވިކޭ އެއްޗެކެވެ.

ކޮމެންޓް (3)

ހެޔޮނެތްއެއްގޮތެއް

10 ސެޕްޓެމްބަރު 2025
ތިކަންވެސްވާނީ ދޮންފަނު ބިންހިއްކަން އުޅެގެން ވީގޮތަށް. ނުބާނަން އަންގައިފިއްޔާ ފައިވިއްދަނީ ބާނަން ހުއްދަ ހޯދަން. ބާނަން ހުއްދަ ކޮށްފިއްޔާ ވަރުދައްކަނީ މަނާކުރާށޭ ކިޔައިގެން.
1 0

ދުރުުމި

7 ސެޕްޓެމްބަރު 2025
ރާއްޖެ ވަށައިގެން މިއޮއް ބޮޑު ކަނޑު އޮތް އިރު ހަމަ އެކަނި ދޮށިން ބާނާ މަސް ކޮޅުތަ ހައްގު މިންވަރަކީ؟ ކަނޑު ފަޅުގެ ހުރިހާ ވަސީލަތެއް ހަމަ ބޭނުން ކޮށްގެން ރިޒުގު ލިބޭތޯ މަސައްކަތް ކުރަންވީ
1 1

ކޮސް

7 ސެޕްޓެމްބަރު 2025
ސަރުކާރުގެ ކެބިނެޓަކީ "ދަތްނެތް ސިންގާތަކެއް" .ވެރިމީހާ ބުނާހާ އެއްޗަކަށް އާނ ކިޔައިގެން އެތިބެނީ. އެންވަރަމަންޓު މިނިސްޓަރުވެސް އެހުންނަވަނީ މަޤާމަށްޓަކައި .........!!!!!!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް