ދައުލަތުގެ މަތީ އިއްޒަތް، މޫސާ އަލީ ޖަލީލަށް ރައީސް މުއިއްޒު އަރުވަނީ: އޭނާއަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ މާލޭ މޭޔަރުކަމުގެ ކެންޑިޑޭޓް (ފޮޓޯ/ ރައީސް އޮފީސް)

ޕީއެންސީގެ މާލޭ މޭޔަރުގެ ކެންޑިޑޭޓަކަށް މޫސާ އަލީ ޖަލީލު

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އެ ޕާޓީގެ ޕްރައިމަރީގައި 13،000އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އެންމެ ބޭފުޅަކު ކުރިމަތިލެއްވުމުން، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް އެ ކެންޑިޑޭޓްކަން ކަށަވަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެންޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީއަށް އެ ޕާޓީން މިދިޔަ މަހު ހުޅުވާލި މުއްދަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ. މި ޕްރައިމަރީއާ ގުޅޭ ގޮތުން މައުލޫމާތު ދޭން އެ ޕާޓީގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބޭއްވި އެވެ.

ތަފްސީލު - އެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މި އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އަދި ޕީއެންސީގެ ޕާލިިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށެވެ.

"މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން މި ހުރީ އެއް ކެންޑިޑޭޓެއް. ދެން އަޅުގަނޑު ނުދެންނެވިޔަސް ތިބޭފުޅުންނަށް އެ ބޭފުޅާއަކީ އާ ނަމަކަށް ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ބައެއް ނޫސްތަކުގައި ވެސް އެބަހުރި ކަންނޭނގެ ލިޔުއްވާފައި ވެސް އެއީ ކޮން ބޭފުޅެއްކަން،" ވަކި ބޭފުޅެއްގެ ނަން ހާމަނުކުރައްވައި، ފަލާހު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

ޕީއެންސީގެ ބައެއް މަސްދަރުތަކުން ކަށަވަރުކޮށްދިން ގޮތުގައި އެއީ ރިޓަޔާޑް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލެވެ.

މޫސާ އަލީ ޖަލީލުއާ ގުޅޭ އިތުރު މައުލޫމާތު މި ލިޔުމުން ފެންނާނެ

13،000އަށް ވުރެ ގިނަ މީހުން ޕްރައިމަރީއަށް ކުރިމަތިލި

ފަލާހު ވިދާޅުވީ ސުންގަޑި ހަމަވިއިރު އެ ޕާޓީގެ ޕްރައިމަރީއަށް 13،000އަށް ވުރެ ގިނަ މީހުން ކުރިމަތިލި ކަމަށެވެ. މިއީ މިހާތަނަށް ރާއްޖޭގައި ލޯކަލް ކައުންސިލް އިންތިހާބެއްގައި ޕާޓީއެއްގެ ޕްރައިމަރީއަކަށް މިހާ ގިނަ މީހުން ކުރިމަތިލި ފަހަރުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. 

ފަލާހު ވިދާޅުވި ގޮތުގައި ޕީއެންސީ ވެގެން ދާނީ ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރޭނެ ޕާޓީއަށެވެ.

"މީގެ ކުރީގެ ކައުންސިލް އިންތިހާބުގައި އެއް ޕާޓީއަކުން އެންމެ މައްޗަށް ވެސް ނެރެފައިވަނީ، %80. މިފަހަރު ޕީއެންސީގެ ފަރާތުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ބަލާއިރު ގާތްގަނޑަކަށް %97އަށް އަރާ،" ފަލާހު ވިދާޅުވި އެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ)

އޭނާ ވިދާޅުވީ ޕްރައިމަރީއަށް އެހާ ބޮޑު ތަރުހީބެއް ލިބުމުން ދޭހަކޮށްދެނީ، "ޕާޓީއަށް ރައްޔިތުންގެ އޮތް ލޯތްބާއި އިތުބާރު" ކަމަށެވެ.

"އިންތިހާބުގެ ހުރިހާ މަސައްކަތެއް ވެސް ދާނީ، ދެފުށް ފެންނަ ގޮތަކަށް. ކެންޑިޑޭޓުންނަށް އިންސާފާއި ހަމަހަމަކަން ލިބޭ އިންތިހާބެއްގެ ގޮތުގައި ހުރިހާ ކަމެއް ވެސް ދާނީ،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ހިންގާ އެއްވެސް ޕާޓީއަކަށް ކައުންސިލް އިންތިހާބެއް  މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނެތެވެ. ނަމަވެސް މިފަހަރު ޕީއެންސީން އެ ތާރީހު ބަދަލުކޮށް، ފުރަތަމަ ފަހަރަށް ސަރުކާރު ހިންގާ ޕާޓީއަކުން ކައުންސިލް އިންތިހާބު ކާމިޔާބުކުރާނީ ވެސް މިފަހަރު ކަމަށް އޭނާ ވިދާޅުވ ިއެވެ.

ޕީއެންސީގެ ޕްރައިމަރީއާ ގުޅޭ ބައެއް މުހިންމު މައުލޫމާތު:

  • އިންތިހާބު އޮންނާނީ މި މަހު 27ގައި

  • ވޯޓުލުން އޮންނާނީ ހެނދުނު 9 އިން ހަވީރު 4އަށް

  • ވޯޓު ލެވޭނީ އެމީހަކު ނިސްބަތްވާ ރަށަކަށް

  • ވޯޓުލުމަށް ގެންދަން ޖެހޭނީ، އައިޑީ ކާޑު/ޕާސްޕޯޓު/ޑްރައިވިން ލައިސެން

ފާހަގަކޮށްލެވޭ ކަމެއް - މާލޭގެ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހު 30ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް