ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖު (ދައުރު ފޮޓޯ)
ކަންނެލި މަސްވެރިންގެ އިހުތިޖާޖު ރޫޅާލުން އެމްޑީޕީ ޕީޖީން ކުށްވެރިކޮށްފި
މަސްވެރިން ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން މިއަދު ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އެކަން ކުށްވެރިކޮށްފި އެވެ.
ވީ ކިހިނެއް؟ - އިއްޔެއިން ފެށިގެން ބޮޑުކަންނެލި މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖު ފުލުހުން މިިއަދު ރޫޅާލީ މާލޭ ބޭރުގައި ދޯނިތައް އަޅައިގެން ތިއްބާ އެ ދޯނިތަކަށް އަރައި ދެ ދޯންޏާއި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެވެ.
ތަފްސީލް - ފުލުހުން އެންމެ ފުރަތަމަ ބުނީ މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރޭގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ހިމެނޭ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ފަހުން ފުލުހުން ބުނެފައިވަނީ އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ނުގެންދާ ކަމަށެވެ. ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު ދޯނީގައި ތިބި މީހުން މާލެ ގެނައުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މެންބަރު މައުރޫފު ހައްޔަރުކޮށްފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ބުނެ އެމްޑީޕީގެ ޕީޖީން ނެރުނު ބަޔާނުގައި ބުނީ މެންބަރު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
އިހުތިޖާޖު ކުރުމަށް މަސައްކަތް ހުއްޓާލައިގެން ތިބުމަކީ ގާނޫނުއަސާސީން ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް ލިބިދޭ ހައްގެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ:
-
ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއްގެ ބޭނުން ހިފަމުންދަނިކޮށް އިހުތިޖާޖު ނިމުމަކަށް ގެނައުމަށް ސަރުކާރުން ބޭނުންވެގެން ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން ބަޔަކު ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށްފައި
-
ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް ހުރަސްނޭޅުމަށް ގޮވާލަން
-
މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ރައީސް މުހައްމަދު މުއިއްޒަށް ގޮވާލަން
ބޮޑުކަންނެލި މަސްވެރިންގެ އޮތީ މައިގަނޑު ތިން ޑިމާންޑެކެވެ. އެއީ:
-
ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުން
-
ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އަދި 100ރ. ކަމަށް ކަނޑައެޅުން
-
މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމާއި އައިސް ލިބޭނެ ގޮތް ފަހިކޮށްދިނުން