ރަސްމާލެ (ފޮޓޯ/ރައީސް އޮފީސް)

ރަސްމާލެ ދަތުރުފަތުރުގެ މާސްޓާ ޕްލޭނަށް ފަންނީ ލަފާދޭނެ ބަޔަކު ހޯދަނީ

ރަސްމާލެ އާއި މާލެ ގުޅާލުމަށް ނިންމާފައި ވަނީ ކަނޑުއަޑީގެ ޓަނަލް އަކުން ކަމަށް ވެސް ރައީސް މުހައްމަދު މުއިއްޒު އޮތީ ވިދާޅުވެފައި

'ރަސްމާލެ' މަޝްރޫއުގެ ދަތުރުފަތުރުގެ މާސްޓާ ޕްލޭނަށް ފަންނީ ލަފާ ދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއުގެ 'ދަތުރުފަތުރުގެ މާސްޓާ ޕްލޭންގެ 'ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ' ހެދުމުގެ ފަންނީ ލަފާދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. 

އެ މަސައްކަތަށް ޝަރުތުހަމަވާނަމަ ޝައުގުވެރިކަން ފާޅުކޮށް މިމަހުގެ 24ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ހުށަހެޅުމަށް ފުރުސަތުވަނީ ހުޅުވާލާފަ އެވެ.

ތަފްސީލް - ފިނޭންސް މިނިސްޓްރީގެ އިއުލާންގައި ބުނީ، އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންވާނީ، އެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް)ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި އޭގައިވާ އެންމެހައި މައުލޫމާތު ހިމަނައިގެން ކަމަށެވެ.

ޓީއޯއާރް މަދަމާއިން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް ބުންޏެވެ.

އިއުލާންގައި ވާގޮތުން:

  • އެ މަސައްކަތަށް ފަންނީ ލަފާ ހޯދުމުގެ މައިގަނޑު މަގްސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓާ ޕްލޭނެއް އެކުލަވައިލުން 

  • މި މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން 

  • މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތަށް ގާބިލުކަން އަންގައިދޭ ފަންނީ މަސައްކަތްތަކުގެ ތަފްސީލުތައް އެނގޭނެހެން އަގާއެކު ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ވަނީ ހުޅުވާލައި

  •  ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސެލެކްޝަން މެތަޑާ އެއްގޮތަށް

  • ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދޭނެ

އެނގުން މުހިއްމު - މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމަށް ފުށިދިއްގަރު ފަޅު ހިއްކަން ފެށީ މި ސަރުކާރުގެ އެންމެ ކުރީ ކޮޅު، 18 ޑިސެމްބަރު 2023ގަ އެވެ. 

އެ މަޝްރޫއު ފައްޓަވައިދެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ރަސްމާލެގެ ނަމުގައި އެ ސަރަހައްދު ތަރައްގީ ކުރަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިކަން ލިބޭ ގޮތަށް އަރިމައްޗަށް ދެ މީޓަރު އަދި މެދަށް 3 މީޓަރު އުސްކޮށްކަމަށެވެ. އެއީ ޒީރޯ ކާބަން ސަހަރެއް ކަމަށް ވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.

މީގެ އިތުރުން، ރަސްމާލެ އާއި މާލެ ގުޅާލާނީ ކަނޑުއަޑީގެ ޓަނަލް އަކުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވިގޮތުން: 

  • އެ ރަށާ ކައިރީގައި އޮންނަ ފަޅުގައި މަތިންދާ ބޯޓް ޖެއްސޭނޭ ގޮތަށް އެއާސްޓިރިޕެއް ގާއިމްކުރާނެ؛ އެތަނާ ރަސްމާލެއާ ބްރިޖަކުން ގުޅާލާނެ

  • ގޯތި ފްލެޓް ހިމެނޭ ގޮތުން 65،000 ހައުސިން ޔުނިޓް ގާއިމްކުރާނެ 

  • އެ ސަހަރު ދުނިޔެއަށް ޕްރޮމޯޓް ކުރާނީ މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި 

  • އެ ސަހަރަށް ދަތުރުކުރަން ޒަމާނީ ހައިސްޕީޑް ފެރީ ނިޒާމެއް ގާއިމްކުރާނެ؛ އެ ފެރީތަކަކީ ރާޅާއި އޮއިގައި ނުޖެހި ދަތުރުކުރާ ޓެކްނޮލޮޖީ ހިމެނޭ ފެރީ ތަކަކަށް ވާނެ

  • އެ ސަހަރުގައި ހަކަތަ އުފެއްދުމާއި ދަތުރުފަތުރުގެ ހިދުމަތް ދޭނީ ތިމާވެއްޓާ ރަށްޓެހި ގޮތަކަށް 

ކޮމެންޓް (2)

ކޮސް

9 ޑިސެމްބަރު 2025
އާރު.ސީ.ސީ އޮއްވާ ކީއްކުރަން ހުޅުވާލަންވީ....އެއީ ހުރިހާކަމެއްގެ ސޮލިއުޝަން.އެހެން ނޫނަސް ކުރިންވެސް އޮތީ ބިއްލޫރި ޓަނަލަކުން މިކަން ކުރާގޮތަކަށްނު. ދެން ކީއްކުރާ ހިޔާލެއް.
0 0

ސިކުނޑި

9 ޑިސެމްބަރު 2025
މިކަހަލަ ސުރުޚީތައް ކިޔާލީމާ ހިތައްއަރާ ރައީސަކަށް ހުންނަށް މީހަކު އަމިއްލަ ޚިޔާލަށް ވާހަކަ ނުދައްކައި ކޮމިއުނިކޭޝަން ޓީމުން ލިޔެފަ ދޭ އެއްޗެއް ކިޔާގޮތަށް ގާނޫނެއް ހަދާނަމަ ރަނގަޅުވާނެޔޭވެސް!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް