މާފުށި ޖަލުން ޝަމްއާން ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވަނީ --
ޝަމްއާންގެ މައްސަލާގައި ސީސީޓީވީ ފުޓޭޖެއް ނަގަން އިމިގްރޭޝަނަށް އެންގެވީ އިހުސާން: ހެކި
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ހިމެނޭހެން އެ ތަނުގެ އޮފިސަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި، އިމިގްރޭޝަނުން ސީސީޓީވީ ފުޓޭޖުތަކެއް ނެގުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެންގެވި ކަމަށް ހެކިވެރިޔަކު މިއަދު ކޯޓުގައި ބުނެފި އެވެ.
އެނގުން މުހިންމު - ހިޔާނާތާއި ފޭރުން ފަދަ ސީރިއަސް ތުހުމަތުތަކެއްގައި ޝަމްއާން މަގާމުން ވަކިކޮށް ހައްޔަރުކުރީ މިނިސްޓަރު އިހުސާންގެ ނުފޫޒުން ކަމަށް ޝަމްއާންގެ އާއިލާއިން ތުހުމަތުކޮށްފައިވެ އެވެ. އިހުސާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރި ދުވަހެއްގައި، މަޖިލީހުގެ ބައެއް މެންބަރުން ވެސް އިހުސާނާ އެ ސުވާލު ކުރައްވާފައިވެ އެވެ.
"ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މަސައްކަތުގެ މާހައުލުގައި އަޅުގަނޑުމެން ދެ މީހުންގެ ގުޅުން ވަރަށް ރަނގަޅު. ސިޔާސަތުތައް ތަންފީޒު ކުރުމުގައި އަޅުގަނޑުމެން ދެ މީހުން މަސައްކަތް ކުރީ އެއްކޮށް. ވަރަށް ރަނގަޅަށް،" ޝަމްއާން ހައްޔަރުކުރީ ޖެހުނު ޒާތީ މައްސަލައަކުން ނޫން ކަމުގެ ޔަގީންކަން ދެއްވުމުގެ ގޮތުން އިހުސާން އޭރު ވިދާޅުވެފައިވެ އެވެ.
ވީކިހިނެއް؟ - ޝަމްއާނަށް ތުހުމަތުކުރެވުނު މައްސަލާގައި އިމިގްރޭޝަންގެ ސީސީޓީވީ ފުޓޭޖުތަކެއް ފުލުހުންނާ ހަވާލުކުރުމަށް މިނިސްޓަރު އިހުސާން އެންގެވި ކަމަށް ހެކިބަސް ދިނީ، އެ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރި އިމިގްރޭޝަންގެ އޮފިސަރެވެ.
އެއީ ދައުލަތުން ހުށަހަޅައިގެން ހާޒިރުކުރި ހެކިވެރިއެކެވެ.
ތަފްސީލް - ޝަރީއަތަކަށް ހެކިބަސް ދެމުން ހެކިވެރިޔާ ބުނި ގޮތުގައި، ސީސީޓީވީ ފުޓޭޖުތަކެއް ފުލުހުންނާ ހަވާލުކުރުމަށް އިރުޝާދު ލިބުނު ގޮތަކީ:
-
އޮފިސަރަށް އިރުޝާދު ދިނީ އޭނާ މަސައްކަތްކުރާ އައިސީޓީ ސެކްޝަންގެ ހެޑް
-
އައިސީޓީ ސެކްޝަންގެ ހެޑް އެ އޮފިސަރަށް ގުޅާފައި ބުނީ، މިނިސްޓަރު އިހުސާން ހެޑަށް ގުޅުއްވާފައި އެ ފުޓޭޖުތައް ފުލުހުންގެ ތަހުގީގަށް ހަވާލުކުރުމަށް އެދިވަޑައިގަތް ކަމަށް
-
ސެކްޝަންގެ ހެޑު ބުނީ، މިނިސްޓަރު އިހުސާންގެ އެންގެވުމަކަށް އަދި ފުލުހުންގެ އެންގުމަަކަށް ކަމަށް
އޭނާ އެ ގޮތަށް ބުނުމުން ޝަމްއާންގެ ދިފާއީ ވަކީލު ނޫރުއްސަލާމް ވަނީ، އެއީ އިމިގްރޭޝަނުން ފުލުހުންނަށް ހެކީގެ ގޮތުގައި އެއްޗެއް ދިނުމަށް އޮންނަ ރަސްމީ ޗެނަލްތޯ ސުވާލުކުރައްވައިފަ އެވެ. އެ ގޮތުން:
-
އޭގެ ޖަވާބުގައި ހެކިވެރިޔާ ފުރަތަމަ ބުނީ އާންމު ގޮތެއްގައި އަންގަނީ ސީދާ ފުލުހުންނަށް ކަމަށް ވިޔަސް ވަގުތުގެ ގޮތުން އަވަހަށް ބޭނުންވާ ހާލަތެއްގައި މިނިސްޓަރު ނުވަތަ ފުލުހުންގެ އިސް ކޮމިޝަނަރު އަންގައިގެން ވެސް ދޭ ކަަމަށް
-
ދެން ދިފާއީ ވަކީލު ނޫރުއްސަލާމް ސުވާލުކުރެއްވީ މިނިސްޓަރު އަންގަވައިގެން ފުލުހުންނަށް އިމިގްރޭޝަނުން ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖު ފަދަ ތަކެތި މީގެ ކުރިން ހަވާލުކޮށްފައިވާނަމަ އޭގެ ތަފުސީލެއް ދިނުމަށް
-
އެ ސުވާލުގެ ޖަވާބުގައި ހެކިވެރިޔާ ބުނީ ވަކި ކަމެއް އެ ގޮތަށް މި ވަގުތު ހަނދާނުގައި ނެތް ކަމަށް
ރައްދުގައި ދައުލަތުން ވަނީ މިނިސްޓަރުގެ ސީދާ އިރުޝާދެއް އެ އޮފިސަރަށް ލިބުނުތޯ ސުވާލުކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި ހެކިވެރިޔާ ބުނީ މިނިސްޓަރު ސީދާ އޭނާއަށް ނުގުޅުއްވާ ކަމަށެވެ.
މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ގިނަ ހެކިވެރިންގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވެ އެވެ. އިމިގްރޭޝަންގެ އޮފިސަރުގެ ފަހުން ސީސީޓީވީ ފުޓޭޖުތައް ތަހުލީލުކުރި ފުލުހުންގެ އޮފިސަރެއްގެ ހެކިބަސް ނެގުން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
މިއަދު މެންދުރުފަހު ސީނަށް ހާޒިރުވި ފުލުސް އޮފިސަރުންތަކުގެ ހެކިބަސް ނެގުމަށް ވެސް ހަމަޖެހިފައިވެ އެވެ.
މައްސަލައިގެ ހުލާސާ - މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާނަށް ދައުވާކުރީ، އިމިގްރޭޝަންގެ އެހެން ބައެއް މުވައްޒަފުންނާ ގުޅިގެން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި ކަމަށް ބުނާ މައްސަލައެއްގަ އެވެ.
މި މައްސަލާގައި ޝަމްއާން ހިމެނޭހެން ފަސް މީހުންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ.
މި މައްސާލަގައި އުފުލާފައިވާ ދައުވާތަކަކީ:
-
ޝަމްއާން - ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ، ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދައުވާ
-
އިބްރާހިމް އަހުމަދު، ގ. ހެޕީސައިޑް - ފޭރުމުގެ ކުށުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދައުވާ
-
އަހުމަދު ލައްސާން، މ. ހަޒާރީވިލާ - ފޭރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ
-
މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ތ. ބުރުނި - ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ
-
ހަސަން ސެހެޝާން، ގ. ހެޕީސައިޑް - ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ
އޭގެ ތެރެއިން އަލްސަން ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތަށް އޭނާ އިތުރަށް ޖަލުގައި ހުންނަން ޖެހޭ ގޮތަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އާދީއްތަ ދުވަހު ހުކުމްކޮށްފަ އެވެ.
ކުށަށް އިއުތިރާފްވި އަލްސަނަށް ކުރި ހުކުމް:
ޝަމްއާނަށް ކުރާ ދައުވާގައި ތުހުމަތުކޮށްފައިވާ ގޮތުން:
-
އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 500،000ރ. އަތުލުމަށް ޝަމްއާން އަންގާފައިވޭ
-
އެ ފައިސާ ބިދޭސީ މީހާގެ އަތުން ނަގާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު
-
ބިދޭސީ މީހާގެ އަތުން ފައިސާ ފޭރުމަށް ފަހު، އެ ފައިސާ މާޗު 13، 2025 ގެ މެންދުރުފަހު 3 ހާއިރު ޝަމްއާންގެ އަތަށް ގެންގޮސްދިނުމުން، އޭގެ ތެރެއިން 400،000ރ. ބަލައިގަނެ އަތުގައި ބަހައްޓާފައިވާ
-
ހަމަ އެ ދުވަހު ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46ރ. އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59ރ. ޖަމާކޮށްފައިވޭ
ކޮމެންޓް (2)
ތެފައާސާ.
އެއީ