ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ޝަރީއަތެއްގައި --
އިމިގްރޭޝަންގެ ކޮރަޕްޝަން: ޝަމްއާން އެކަނި ބަންދުގައި، ގަޒީ ވިދާޅުވީ ބަންދުގައި ހުރީ ކޮންމެހެން ޖެހިގެން ކަމަށް
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު އެކަނި ބަންދުގައި ހުރި ހުރުން މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އިހުސާން މިއަދު ދިފާއު ކުރައްވައިފި އެވެ.
ވީކިހިނެއް؟ - މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާނަށް ދައުވާކުރީ، އިމިގްރޭޝަންގެ އެހެން ބައެއް މުވައްޒަފުންނާ ގުޅިގެން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި ކަމަށް ބުނާ މައްސަލައެއްގަ އެވެ.
މި މައްސަލާގައި ޝަމްއާން ހިމެނޭހެން ފަސް މީހުންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ. އެއިން ކޮންމެ މީހެއްގެ ބައި ކްރިމިނަލް ކޯޓުގައި އަދި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ޝަމްއާންގެ ވާގިއާ ގުޅޭ ހެކިވެރިންގެ ހެކިބަސް ނެގުން ވެސް ކުރިއަށް ގެންދަނީ ވަކިންނެވެ. އެ ގޮތުން މިއަދު ޝަމްއާންގެ މައްސަލާގައި އަޑުއެހުމެއް ބޭއްވި އެވެ.
ބުނީ ކީކޭ؟ - އަޑުއެހުން ނިންމާލުމުގެ ކުރިން ވާހަކަ ދައްކަން ފުރުސަތަކަށް އެދުމަށް ޝަމްއާނަށް ގާޒީ ދެއްވި ފުރުސަތުގައި އޭނާ ފާހަގަކުރެއްވި ކަމަކީ އެ މައްސަލާގައި ދެން ދައުވާކުރި އެކަކު ވެސް މިހާރު ބަންދުގައި ނެތް ކަމާއި، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަނީ ހަމައެކަނި އޭނާ ކަމެވެ.
އެކަމާ ގުޅޭ ގޮތުން ގާޒީ އިހުސާން ވިދާޅުވީ ކުރިން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ޝަމްއާންގެ އިތުރުން އެންމެ މީހަކު ކަމަށެވެ. ދެން ބަންދުކުރި މީހާ ދޫކޮށްލީ ބަލިހާލަތު ހުރި ގޮތުން ކަމަށް ގާޒީ ވިދާޅުވި އެވެ. އެ ގޮތުން:
-
އެ މީހާ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ވެސް އޮތްކަން ފާހަގަކޮށް ޑޮކްޓަރުގެ ގިނަ ލިޔުންތަކެއް ޝަރީއަތަށް ލިބިފައިވޭ
-
އެހެންވެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިން ނެރުނު އަމުރު ސަސްޕެންޑްކޮށް އޭނާ ބަންދުން ދޫކޮށްލީ ތިން މަސް ދުވަހަށް
"މި ވަގުތު ބަންދުގައި ހުންނަން ނުޖެހޭ މީހަކު ބަންދުގައި ނުހުންނާނެ. ކޮންމެހެން ބަންދުކުރަން ޖެހޭ ކަމަށް ފެނިގެން ބަންދުގައި ބަހައްޓާފައިވަނީ، ދެން ބަދަލުކުރަން ޖެހޭ ނަމަ އެ އޮންނަ އިޖުރާއަތުގެ ތެރެއިން ބަންދު މުރާޖައާއަށް އެދުމުން ރިއާޔަތްކުރަން ޖެހޭ ކަންކަމަށް ރިއާޔަތްކޮށްފައި ގޮތެއް ނިންމާނެ،" ގާޒީ ވިދާޅުވި އެވެ.
ތަފްސީލް - މިއަދުގެ އަޑުއެހުމުގައި ފުރަތަމަ ކުރިއަށް ގެންދިޔައީ ދައުލަތުގެ އިފްތިތާހީ ބަޔާނާއި ޝަމްއާންގެ ފަރާތުން އިފްތިތާހީ ބަޔާން އިއްވުމެވެ. އެ ބަޔާނަކީ ޝަރީއަތުގައި އެ ދެ ފަރާތުން އެ ފަރާތެއްގެ ނުކުތާ ސާބިތުކުރާނީ ކިހިނެއްކަން ހިމެނޭ ބަޔާނެކެވެ.
އެ ބަޔާނަށްފަހުގައި ފުރަތަމަ ހެކިވެރިޔާގެ ހެކިބަސް ވެސް ނެގި އެވެ. އެއީ ޝަމްއާން ކުއްޔަށް ދިރިއުޅުނު އެޕާޓްމަންޓް ހިމެނޭ އިމާރާތުގެ ވެރިފަރާތެވެ. އޭނާގެ ހެކިބަސް ދިނީ އެ ގޭގެ ކެމެރާގެ ވީޑިއޯ ފުޓޭޖު ފުލުހުންނަށް ހަވާލުކުރި ގޮތާ ގުޅޭ ގޮތުންނެވެ. އެ ގޮތުން:
-
އެ ކެމެރާތަކުގެ ވީޑިއޯ ފުޓޭޖުތަކުގެ އެކްސެސް ހެކިވެރިޔާގެ އިތުރުން ގޭގެ ދިރިއުޅޭ ކޮންމެ ފަރާތަކަށް ވެސް ދީފައިވޭ، ހެކިވެރިޔާއާއި ނެޓްވޯކް ހަދައިދިން ފަރާތް ފިޔަވައި އެހެން ހުރިހާ ފަރާތަކަށް ދީފައިވަނީ އެއް ޔޫޒާ ނޭމަކާއި ޕާސްވޯޑެއް
-
އެ ގޭގެ ކެމެރާތަކުގެ ވީޑިއޯ ފުޓޭޖުތަކުގައި ތާރީހާއި ގަޑި ފެންނާކަށް ނެތް؛ ނަމަވެސް ސްޓޯރޭޖުގައި އަބަދުވެސް ރައްކާކުރެވިފައި ހުންނަނީ ހަފުތާއެއްގެ ފުޓޫޖު، އެއީ ބެކްއަޕް ސްޓޯރޭޖެއް ނެތުމުން އޮޓޯއިން އޯވަރައިޓް ވާތީ
-
ފުޓޭޖުތައް ރެކޯޑުކޮށްފައިވާ އެޕްލިކޭޝަން އިން ފުލުހުން ގާތްގަނޑަކަށް ދެ ގަޑިއިރުގެ ފުޓޭޖް ޕްންޑްރައިވްއަކަށް ކޮޕީކޮށްގެން ގެންދިޔަ؛ ފުޓޭޖް ނެގީ ފުލުހުންނަށް ތުހުމަތުކުރެވޭ ދެ މީހަކު ކޮތަޅެއް ހިފައިގެން އެ ގެއަށް ވަންނަ މަންޒަރު ފެންނަ ހިސާބުން
އެ ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ފަހު، ދެން ހުރި ހެކިވެރިންގެ ހެކިބަސް ނެގުން ކުރިއަށް ގެންދަން، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ފުރަތަމަ ހަފުތާއާ ދެމެދު ފަސް އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީގެ އަމާޒަކީ ދިފާއީ ހެކިންގެ ހެކިބަސް ހިމެނޭ ގޮތަށް އެ މަރުހަލާ އަންނަ ޑިސެމްބަރު މަސް ނިމެންވާއިރަށް ނިންމާލުމެވެ.
ދައުވާތަކުގެ ހުލާސާ - މި މައްސާލަގައި އުފުލާފައިވާ ދައުވާތަކަކީ:
-
ޝަމްއާން - ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ، ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދައުވާ
-
އިބްރާހިމް އަހުމަދު، ގ. ހެޕީސައިޑް - ފޭރުމުގެ ކުށުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދައުވާ
-
އަހުމަދު ލައްސާން، މ. ހަޒާރީވިލާ - ފޭރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ
-
މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ތ. ބުރުނި - ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ
-
ހަސަން ސެހެޝާން، ގ. ހެޕީސައިޑް - ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ
ޝަމްއާނަށް ކުރާ ދައުވާގައި ތުހުމަތުކޮށްފައިވާ ގޮތުން:
-
އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 500،000ރ. އަތުލުމަށް ޝަމްއާން އަންގާފައިވޭ
-
އެ ފައިސާ ބިދޭސީ މީހާގެ އަތުން ނަގާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު
-
ބިދޭސީ މީހާގެ އަތުން ފައިސާ ފޭރުމަށް ފަހު، އެ ފައިސާ މާޗު 13، 2025 ގެ މެންދުރުފަހު 3 ހާއިރު ޝަމްއާންގެ އަތަށް ގެންގޮސްދިނުމުން، އޭގެ ތެރެއިން 400،000ރ. ބަލައިގަނެ އަތުގައި ބަހައްޓާފައިވާ
-
ހަމަ އެ ދުވަހު ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46ރ. އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59ރ. ޖަމާކޮށްފައިވޭ
ކޮމެންޓް (1)
ވަނޫދު