ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ޝަރީއަތެއްގައި: ޝަމްއާނާއި ދައުވާކޮށްފައިވާ އެހެން އޮފިސަރުންގެ ޝަރީއަތް މިއަދު ފަށައިފި --

ޝަމްއާނާއި އޮފިސަރުންގެ ޝަރީއަތް ފަށައިފި؛ 1 އޮފިސަރު އިއުތިރާފު އެއްބަސްވުމެއް ހަދައިފި

އިއުތިރާފު އެއްބަސްވުމެއް ހެދީ ފޭރުމުގެ ދައުވާ އުފުލާފައިވާ އޮފިސަރު ލައްސާން؛ އޭނާގެ ބައި ކުރިއަށް ގެންދަނީ ވެސް އެހެން އޮފިސަރުންނާ ވަކިން

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު އާއި އިތުރު ހަތަރު އޮފިސަރުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

ވީކިހިނެއް؟ - މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހިމެނޭ ގޮތަށް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށީ މިދިޔަ 20 މާޗުގަ އެވެ.

މި މައްސަލާގައި ޝަމްއާން ހިމެނޭހެން ފަސް މީހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވެ އެވެ. އެ ގޮތުން:

  • ޝަމްއާން - ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ، ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދައުވާ

  • އިބްރާހިމް އަހުމަދު، ގ. ހެޕީސައިޑް - ފޭރުމުގެ ކުށުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދައުވާ

  • އަހުމަދު ލައްސާން، މ. ހަޒާރީވިލާ - ފޭރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ

  • މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ތ. ބުރުނި - ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ

  • ހަސަން ސެހެޝާން، ގ. ހެޕީސައިޑް - ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ

ތަފްސީލް - މިއަދު ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ފެށީ ތިން މީހެއްގެ ބައިންނެވެ. އެ ގޮތުން، މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އިހުސާން ފާހާގަކުރެއްވި ގޮތުގައި:

  • މިއަދު ޝަރީއަތް ބޭއްވީ ޝަމްއާންގެ އިތުރުން އަލްސަން އަދި ސެހެޝާންގެ ބައި

  • ލައްސާން އާއި އިބްރާހީމް އަހުމަދުގެ ބައި ގެންދަނީ ވަކިން

  • ލައްސާންގެ ބައި ވަކިން ގެންދަނީ އޭނާ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާތީ

  • އިބްރާހީމް އަހުމަދުގެ ބައި ވަކިން ގެންދާ ސަބަބެއް ގާޒީ ފާހަގަނުކުރައްވާ

މިއަދުގެ އަޑުއެހުމުގައި ދެންވީ ކަންކަމަކީ:

  • ދައުވާ ލިބޭ ފަރާތްތަކަށް އަދިވެސް ލިޔެކިޔުންތަކެއް ނުދީ އޮތުމުން، ދައުވާ އިއްވުމާއި ޖަވާބުދާރީވުން ލިޔެކިޔުންތައް ހަމައަށް ފޯރުކޮށްދިނުމުން އެހެން އަޑުއެހުމެއްގައި ކުރިއަށް ގެންދިއުން

  • ދައުވާ ލިބޭ ފަރާތްތަކަށް ލިބިދޭ ހައްގުތައް ގާޒީ ވިދާޅުވެދެއްވުން

  • ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ރިމާންޑް ޖަލެއްގައި ބަހައްޓާ ގޮތަށް އޮތް ނަމަވެސް ޝަމްއާން އަދިވެސް ދޫނިދޫ ޖަލުގައި ބަހައްޓާފައިވަނީ ރިމާންޑް ޖަލުތަކުގައި ޖާގަ ނެތުމުން ކަމަށް ދައުލަތުން ފާހަގަކުރި

  • ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވި ލަސްވާތީ، ބަދަލު ނުކުރެވޭ ސަބަބު ތަފްސީލްކޮށް ލިޔުމުން ޝަރީއަތަށް ހުށަހެޅުމަށް ގާޒީ ދައުލަތަށް އެންގެވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް