ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހައި ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހެއްގައި--

ޝަމްއާން ވަހީދު

ސުޕްރީމް ކޯޓުން ވެސް ނިންމީ ޝަމްއާން ބަންދުން ދޫކޮށްލެވެން ނެތް ކަމަށް

ޝަމްއާންގެ ބަންދު އަމުރުތައް ހައި ކޯޓުން ދެމެހެއްޓި ގޮތް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް، އޭސީސީގެ އެއްވެސް ބައިވެރިވުމެއް ނެތި ކޮރަޕްޝަނުގެ މައްސަލަތައް ފުލުހުންނަށް ބެލިދާނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ނިންމި

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ދައުވާކޮށްފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - ޝަމްއާން ހައްޔަރުކުރީ އޭނާގެ ޕާސްޕޯޓު ހިފަހައްޓުމަށް ފަހު، މިދިޔަ 21 މާޗުގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭގެ ފަހުން:

  • 22 މާޗުގައި ބަންދު އަމުރު ޖަހަން ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި 

  • މި ބަންދުގެ މުއްދަތު ހަަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށް، ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައި

މި ބަންދު އަމުރުތައް ޝަމްއާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިޔަސް، ހައި ކޯޓުން ވަނީ ކްރިިމިނަލް ކޯޓުގެ އެ އަމުރުތައް ދަމަހައްޓާފަ އެވެ. މިކަމާ ހިތްހަމަނުޖެހިގެން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގައި އެ ކޯޓުން ވެސް މިއަދު ނިންމީ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށެވެ.

ސުޕްރީމް ކޯޓުގައި ޝަމްއާން އެދިފައިވަނީ:

  • ދަށު ކޯޓުގެ ބަންދު އަމުރުތަކާއި ބެހޭ ގޮތުން ހައި ކޯޓުން ނިންމި ނިންމުންތައް ބާތިލުކޮށްދީ ވަގުތުން މިނިވަންކޮށްދިނުމަށް 

  • އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެއްވެސް ބައިވެރިވުމެއް ނެތި ކޮރަޕްޝަނުގެ މައްސަލަތައް ފުލުހުންނަށް ބެލިދާނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ނިންމުން ވެސް ބާތިލުކޮށްދިނުމަށް

ބުނީ ކީކޭ؟ - މި މައްސަލަ އެ ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ރިޔާސަތު ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައި ވިދާޅުވީ ޝަމްއާން ފުރަތަމަ ބަންދުކުރި ކުރުން ވެސް އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރު ވެސް ރަނގަޅު ކަމަށެވެ. 

ޝަމްއާން ފުރަތަމަ 15 ދުވަހަށް ބަންދުކުރި ކުރުން ގޯސްނޫން ކަމަށް އެ މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އައިޝާ ޝުޖޫން ވެސް ތާއީދުކުރެއްވި އެވެ. އެކަމަކު ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވިގެން ޝަރީއަތް ނިމެންދެން މިހާރު ބަންދުކޮށްފައި ހުރި ހުރުން ގޯސް ކަމަށާއި އެ އަމުރު ބާތިލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ޝުޖޫން ވިދާޅުވީ:

  • ޝަމްއާންގެ ގާތް ގުޅުމެއް އޮތް ބަޔަކު ހެކިބަސް ދޭން ތިބުމުން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭތީ ޝަމްއާން ބަންދުކޮށްފައިވަނީ ގޯސްކޮށް

  • ހެކިންނަކީ ޝަމްއާންގެ ގާތް މީހުން ކަމަށް ބުނި ބުނުމުގެ އިތުރަށް އެމީހުންނަށް ނުފޫޒު ފޯރުވާފައިވަން ޝަމްއާން ކުރީ ކޮންކަމެއް ކަމެއް ނުވަތަ ނުފޫޒު ފޯރުވާނެ ކަން ސާބިތުކޮށްދެވޭނެ ހެއްކެއް ދައުލަތަށް ދެއްކިފައެއް ނުވޭ

ނަމަވެސް ޝަހީދުގެ ރައުޔުއަށް ފަނޑިޔާރު އަބްދުﷲ ހަމީދު ތާއީދުކުރެއްވި އެވެ. އެހެންވެ، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމާފައިވަނީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ބާތިލުކުރަންޖެހޭނެ ސަބަބެއް ނެތް ކަމަށެވެ.

އެކަމަކު، އޭސީސީގެ އެއްވެސް ބައިވެރިވުމެއް ނެތި ކޮރަޕްޝަނުގެ މައްސަލަތައް ފުލުހުންނަށް ބެލިދާނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ވެއެވެ. އެހެންވެ، އެ ބައި ބާތިލުކުރި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނީ:

  • ނުފޫޒު ފޯރުވާނެ ކަމަށް ބެލެވިގެން ޝަރީއަތް ނިމެންދެން ބަންދުކުރި ކުރުން ހައި ކޯޓުން ދެމެހެއްޓިގޮތް ގާނޫނާ ހިލާފުވާގޮތެއް ޝަމްއާންއަށް ބުނެއެއް ނުދެވޭ

  • ނުފޫޒު ފޯރުވާފާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެނަމަ ބަންދުކުރަން ކަނޑައެޅިދާނެކަން އެނގޭ

  • އެސީސީގެ ބައިވެރިވުމެއް ނެތި މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތް ބަންދުކުރަން އެދުމަށް ފުލުހުންނަށް ގާނޫނީ ހުރަހެއް އޮތް ކަމަކަށް ނުފެނޭ

އެނގުން މުހިންމު - ޝަމްއާންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުރެ، ރެއިޑް ޖެހުމުގެ ކަންކަން ވިލަރެސްކޮށްފައިވާ އިމިގްރޭޝަންގެ ޑިޕާޓްމަންޓަށް އެންގުމެއް ނެތި، ބިދޭސީންތަކެއް ރާއްޖޭގައި ކުރާ މަސައްކަތް ބެލުމަށް މިދިޔަ 11 މާޗުގެ ރޭގަނޑު 11:30 ހާއިރު އޭނާގެ ދަށުން މަސައްކަތްކުރާ ހަަތަރު މުވައްޒަފަކަށް އިރުޝާދު ދީފައިވާ ކަމަށް ތުހުމަތުކޮށެވެ. މި މައްސަލާގައި ޝަމްއާންގެ މައްޗަށް ކުރަނީ ތިން ދައުވާ އެކެވެ. އެއީ:

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ

  • ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

  • މަނީ ލޯންޑަރިންގެ ދައުވާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް